بسـم اللّه الرّحـمٰـن الـرّحيـم

الحمـد للَّـه ربّ العـالمـين، والصّـلاة والسّـلام على رسوله الأمين، وعلى آلـه وأصحـابه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

الســّلام عليــكم ورحـمــة اللّـه وبـركاتـه،

ދިވެހި ހަމަ ކޮންމެ ރައްޔިތެއްގެ އަރިހުން، މި ޤައުމުގެ ހަމަ ކޮންމެ ވަޒަންވެރިއެއްގެ ކިބައިން، އަޅުގަނޑު މިއަދު މި އެދެނީ، މި ހިނދުކޮޅުގެ ޚާއްޞަކަމުގައި، މި ވަގުތުކޮޅުގެ ޝަރަފުވެރިކަމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް.

ބައްދަލުވަމުންދާ، ފާއިތުވަމުންދާ، ހަމަ ކޮންމެ ހިނދުކޮޅަކީވެސް، ތާރީޚުގެ ކޮންމެވެސް ޞަފްޙާއެއްގެ ތެރެއަށް ވަދެގެންދާނެ ހިނދުކޮޅެއް. އެހެންނަމަވެސް، ބައެއްކަހަލަ ހިނދުކޮޅުތަކަކީ، ވަރަށް މަތިވެރި ޚާއްޞަކަމެއް ލިބިގެންވާ ހިނދުކޮޅުތަކެއް. އެ ހިނދުކޮޅުތަކުގެ ސަބަބުން، ކުރިއަށް އޮތް އެތައް ޒަމާނަކަށް، އެތައް އަހަރުތަކަކަށް ޤައުމުގެ މިސްރާބު ބަދަލުވެގެން ހިނގައިދާނެ.

ރައްޔިތުންގެ ވިސްނުން ބަދަލުވެގެން ހިނގައިދާނެ. ޒަމާންތަކަކަށް ދެމިހުންނަ އިޙްސާސްތަކެއް އުފައްދަފާނެ. މުހިންމު މިސްރާބެއްގެ، މުހިންމު މަސައްކަތެއްގެ، މުހިންމު ދައުރެއްގެ ފެށުން ފާހަގަކޮށްދީފާނެ.

މިއަދުގެ މި ވަގުތަކީ، އެފަދަ މުހިންމު ހިނދުކޮޅަކަށްވާނެކަން ކަށަވަރު.

އާދެ! މިވަގުތު އަޅުގަނޑުމެން މި ދަރުބާރަށް އައިސް މިތިބީ، ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނުއަސާސީ ބަލައިގަތުމަށްޓަކާ.

އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް، ދުނިޔޭގެ ޒަމާނީ ހަމަތަކުގެ ތެރެއިން، ބައްޓަންކުރެވިފައިވާ، ދައުލަތް ހިންގުމުގެ މުޅިން އާ ނިޒާމެއް އުފަންކުރުމަށްޓަކާ.

ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ މުޅިން އާ ދައުރަކަށް ފަށާ ފެށުމަށް އިސްތިޤްބާލު ކުރުމަށްޓަކާ.

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ޢަމަލުކުރާ އުސޫލުތަކާ ފައިހަމަވާ އުސޫލުތަކެއް ދިވެހިންވެސް ގަބޫލު ކުރުމަށްޓަކާ.

މިއަދަކީ، ކުރިއަށް އޮތް އެތައް އަހަރަކަށް، ދިވެހި ޤައުމުގެ މަގާމާއި ހައިބަތު، ދިވެހި ރައްޔިތުންގެ ވުޖޫދާއި ޝަޚްޞިއްޔަތު ކަނޑައެޅިގެންދާނެ ދުވަހެއް.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނުއަސާސީ ލިބިގަތުމަކީ، ހަމަ ކޮންމެ ދިވެއްސަކަށްމެ ލިބިދޭނެ ފަޚުރެއް. ކޮންމެ ދިވެއްސަކަށްމެ ޙަވާލުކުރެވޭ މުހިންމު މަދަނިއްޔަ މަސްއޫލިއްޔަތެއް. މުޅި ޤައުމަށްމެ އުފުލަންޖެހޭ އެހާމެ މަތިވެރި ޒިންމާއެއް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

1998 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ހިންގަން ފެށުނު އެ ޒަމާނަށް ކަމުދާގޮތަށް ފަރުމާކުރެވި ލިޔެވިފައިވާ ޤާނޫނުއަސާސީގެ ހިޔާވަހިކަމުގައި، 10 އަހަރާއި 7 މަހާއި 6 ދުވަސް ވޭތުކުރުމަށްފަހު، މިއަދު، އަޅުގަނޑުމެން އާ ޤާނޫނުއަސާސީއެއް ބަލައިގަނެ، އާ ނިޒާމަކަށް ނަޤުލުވާން އަތުކުރި އޮޅާލާހިނދު، އަޅުގަނޑުމެންނަށް މި ތިބެވުނުގޮތާމެދުވެސް އަވަސްކަޅިއެއް އެއްލަންޖެހޭ.

އެންމެ ޒަމާނީ ވަސީލަތްތައް ﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ އަތުގައި ހުރިފަދައިން، އަޅުގަނޑުމެންގެ ނަފްސުގައި، އެފަދަ މުއްސަނދިކަމެއް މިވަނީ ދިރުވަންޖެހިފައި. ދެބަސްވުންތަކާއި ޚިލާފުތައް އަޅުގަނޑުމެންގެ ތެރޭގައި ހުރިނަމަވެސް، އެންމެންނަށްވެސް ކަމުދާ ޙައްލަކަށް މިވަނީ އަންނަންޖެހިފައި.

އެކުވެރިކަމާއި އެކުއުޅުމުގެ މަގެއް މިވަނީ ޚިޔާރުކުރަންޖެހިފައި. ކުރަންހުރި މަސައްކަތް ގިނަވެފައިވިޔަސް، އެކަންކުރާނެ އަތްތަކަކަށް މިވަނީ ބޭނުންވެފައި.

އަޅުގަނޑުމެންގެ އެތެރޭގެ މައްސަލަތަކަށް، އަޅުގަނޑުމެންގެ އެތެރެއިން ޙައްލެއް މިވަނީ ހޯދަންޖެހިފައި. ދުނިޔޭގެ ކަންކަމާމެދު ވިސްނާފަދައިން، ޤައުމުގެ ވިސްނުމުން މިވަނީ ފިކުރު ކުރަން ޖެހިފައި.

މި ޙާލަތަށް އަޅުގަނޑުމެން މި އައި ސަބަބަކީ، އަޅުގަނޑުމެންގެ އަޑުތައް މާ މައްޗަށް އުފުލިގެންދިޔުން ކަމަށް އަޅުގަނޑު ދެކެން. އެކަކު އަނެކަކާ ދައްކާ ވާހަކަ އަޑުނީވޭ ހިސާބަށް، އެންމެން، އަޑުގަދަކޮށް ވާހަކަދައްކަން ފެށުން ކަމަށް އަޅުގަނޑަށް ވިސްނޭ. ޙަޤީޤަތްތައް އޮޅިގެން ދިޔުންކަމަށް އަޅުގަނޑު ދެކެން. ވަގުތުގެ ކޮންމެ ވިކާލުމަކީ، ހިތަށް ޚަންޖަރު ޖެހުންކަމަށް ބަލަން ފެށުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.

އަޅުގަނޑުމެންނަށް، އެކަކު އަނެކެއްގެ ކިބައިން އެއްޗެއް ދަސްވާނީ، އެކަކު އަނެކަކަށް އިޙްތިރާމުކުރަން ދަސްވާނީ، އެކަކު ދައްކާ ވާހަކަ އަނެކަކު އަޑުއަހައިގެން. އޭނާ އެ ބުނާ އެއްޗަކާއި އޭނާ ދައްކާ ވާހަކަ އަޑުއިވޭވަރަށް، ތިމާގެ އަޑު ތިރިކޮށްގެން. ތިމާގެ ސިކުނޑިން އެކަމަށް ޖާގަދީގެން.

އެކަކު އަނެކެއްގެ ކިބައިން ކަންކަން ދަސްކޮށް، އެކަކު އަނެކެއްގެ އަޑުއަހާ، އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އެކަކު އަނެކެއްގެ އިޙްސާސްތަކަށް ސަމާލުވެގެން ނޫނީ، ކިތަންމެ މޮޅު ޤާނޫނުއަސާސީއެއް ހެދިކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޤައުމުގައި، ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމުނުވާނެކަން، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ.

އަޅުގަނޑުމެންގެ ވާޖިބަކަށްވާންވީ، ﷲގެ މަތިވެރި ރަޙްމަތުން ވާގިއެދި ތިބެ، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް މަސައްކަތް ފެށުން.

އަޅުގަނޑުމެން ދިވެހިންނަކީ، އިސްލާމްދީނުގެ ގުޅުމުންނާއި، ނަސްލުގެ ގުޅުމުންނާއި، ޢާއިލާގެ ގުޅުމުން ގުޅި، ލާމެހިފައިވާ ބަޔެއް. އެއް ސަޤާފަތަކުން ގުޅި، އެއް ބަހަކުން ބަނދެވިގެންވާ ބަޔެއް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

މިއަދު މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން، އަޅުގަނޑު މި ތަޞްދީޤުކުރާ ޤާނޫނުއަސާސީގެ ސަބަބުން، ހުޅުވިގެންދާ ފުރުޞަތު ވެގެންދާނީ، ހާސިލުކުރަން ބޭނުންވާ ސިޔާސީ އަމާޒުތަކުން، އަޅުގަނޑުމެންގެ މެދުގައި އާ ގުޅުންތަކެއް އުފެދި، ކުލަޖެހި، ސިފަ ލިބިގެންދާނެ ޒަމާނެއްގެ ފެށުމަކަށް.

އެ ފުރުޞަތުގެ ސަބަބުން، އަޅުގަނޑުމެންގެ އަމިއްލަ މަސްލަޙަތުތަކަށްވުރެ މައްޗަށް އަޅުގަނޑުމެންގެ ސިކުނޑިތައް އުފުލިގެންދާނެކަން ކަށަވަރު. އާ ވިސްނުމަކާއި ފިކުރަކުން އަޅުގަނޑުމެންގެ ނަފްސަށް މުއްސަނދިކަން ލިބިގެންދާނެކަން ޔަޤީން.

މިހާތަނަށް، އަޅުގަނޑުމެންގެ ދީނާއި ޤައުމާއި ސަޤާފަތާއި ބަހުގެ ސަބަބުން، އަޅުގަނޑުމެންގެ މެދުގައި އުފެދިފައިވާ ޤައުމިއްޔަތުގެ އިޙްސާސް، އެއްބައިވަންތަ ކަމުގެ އިޙްސާސް، އިތުރަށް ވަރުގަދަވެގެންދާނެކަން ކަށަވަރު.

ދިވެއްސަކަށްވުމުގެ އިޙްސާސަށް، އާ މާނަކުރުމެއް ގެނެސްދޭނެކަން ޔަޤީން. އަޅުގަނޑުމެންގެ އިސްކޮޅާއި ރޫފައަށްވުރެ ބޮޑު ވިސްނުމަކުން ވިސްނުމަށާއި ފިކުރު ހިންގުމަށް، މަގުފަހިކޮށްދޭނެކަމާމެދަކު ޝައްކެއްނެތް.

އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ، ހަމައެކަނި ކުޅިބަލަން ތިބޭ ބަޔަކަށްނުވެ، ޤައުމުގެ ކަންކަމުގައި ފުރިހަމައަށް މަސްއޫލުވެ، ފުރިހަމަ ރައްޔިތުންތަކެއްގެ ގޮތުގައި ޙަރަކާތްތެރިވުން. ޤައުމުގެ އުންމީދުތައް ފުރިހަމަކޮށްދޭން، ޤައުމުގެ ވަޢުދުތައް ފުއްދައިދޭން، ހަމަ ކޮންމެ ފަރުދަކުމެ، ހަމަ ކޮންމެ ޢާއިލާއަކުންމެ މަސައްކަތްކުރުން. ޤައުމުގެ ނަމާއި ޝަރަފަކީ، ހަމަ އަޅުގަނޑުމެންގެ ކޮންމެ ދިވެއްސެއްގެ ޙިއްސާ، އެކަމުގައި އޮތްކަމެއް ކަމަށް ޤަބޫލުކޮށްގެން މަސައްކަތްކުރުން.

ޤައުމަށް ނިކަމެތިކަމެއް އަތުވެދާނެ، ޤައުމު ބިކަވެގެން ހިނގައިދާނެ ހަމަ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުން.

މިއަދުގެ މި ދަރުބާރު، އަޅުގަނޑުމެންގެ ދިވެހި އަންހެނުންނާއި ފިރިހެނުން، ކުޑަކުދީންނާއި ބޮޑެތި މީހުން، ޒުވާނުންނާއި މުސްކުޅިން ބަލަމުން ގެންދާނެކަން ކަށަވަރު. އެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޑިމޮކްރަސީގެ މި ބޮޑު މުހިންމު ދުވަސް، މި ތާރީޚީ ފުރުޞަތުގައި ބައިވެރިވެވަޑައިގެން ދެއްވިކަމަށްޓަކައި، ވަރަށްބޮޑަށް ޝުކުރު ދަންނަވަމޭ.

ޑިމޮކްރަސީއަކީ، އަޅުގަނޑުމެން އެންމެންގެ ބައިވެރިވުމާއި ޙިއްސާވުމަށް ފުރުޞަތު އޮތް ނިޒާމެއް. ޑިމޮކްރަސީއަކީ، އަޅުގަނޑުމެންގެ މެދުގައި ހުރި ތަފާތު ޚިޔާލުތަކާއެކުވެސް، އެއްބަޔެއްގެ ގޮތުގައި، އެކުލަވައިއުޅެވޭނެ މަގުފަހިކޮށްދޭ ނިޒާމެއް.

ޑިމޮކްރަސީއަކީ، ތަފާތު ވިސްނުމާއި ތަފާތު ފިކުރާއެކުވެސް، މި ތިންލައްކަ ދިހަހާސް ދިވެހިންނަށް، އެކުއުޅެވޭނެ ޖާގަ، މި ޤައުމުގައި ހަދައިދޭނެ ތަނަވަސް ނިޒާމެއް. ޑިމޮކްރަސީއަކީ، ހާސިލުކުރަން ބޭނުންވާ އަމާޒަކަށްވާފަދައިން، ކުރިއަށް ހިނގަން އޮތް މަގެއްވެސްމެ. އަބަދުމެ، ބަދަލުވުމަށާއި، އިޞްލާޙުވުމަށާއި، ހަރުދަނާކުރުމަށާއި، އިހުނަށްވުރެ ރަނގަޅުކުރުމަށް ބާރުއަޅައިދޭނެ ހިޔާވައްސެއް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

މިފަދަ ބޮޑު ބަދަލަކަށް ޤައުމު ތެދުވާ ވަގުތަކީ، ކޮންމެ ކޮންމެ ދުވަހަކު، ކޮންމެ ކޮންމެ އަހަރަކު، އަންނާނެ ވަގުތެއް ނޫން. މިއަދުގެ ދިވެހިން، ކުރިއަށް މި އަޅަނީ، އެތައް ޖީލުތަކެއް ފަޚުރުވެރިވާނެ މުހިންމު ފިޔަވަޅެއް.

މިއަދު އަޅުގަނޑުމެން އައިސް މިތިބި ރަސްމިއްޔާތަކީ، ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށް ކުރެވެމުންދާ ގިނަގުނަ މަސައްކަތުގެ ތެރެއިން، އެންމެ ބުރަ މަސައްކަތް ނިމި، އެންމެ މުހިންމު ފިޔަވަޅު ކުރިއަށް އަޅާ ރަސްމިއްޔާތު.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިންގެ މި ލޮބުވެތި ވަޠަނުގައި، އިސްލާމީ ހިދާޔަތުގެ އަލީގައި، ޒަމާނީ އުސޫލުތަކާއި ޑިމޮކްރަސީގެ ހަރުދަނާ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގެ ކަންކަން ތަރުތީބު ކުރެވޭ ދުވަސް.

ދައުލަތް ހިންގާ ފަރާތްތަކުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވެ، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަބަދުމެ ރައްކާތެރިވެ، ދައުލަތް ހިންގުމުގެ ބާރުތައް މިނިވަން މުސްތަޤިއްލު ފަރާތްތަކެއްގެ މައްޗަށް ހަމަހަމައަށް ބަހާލެވިގެންވާ، ރައްޔިތުންގެ ފުރިހަމަ ތަމްސީލުވުން ހިމެނޭ ވެރިކަމެއްގެ ސިއްކަ، ރާއްޖޭގައި ޖެހޭ ދުވަސް.

ދިވެހިންނަކީ، ޒަމާނުއްސުރެ، އަމިއްލަ ގޮތްތަކެއްގެ މައްޗަށް ދައުލަތް ހިންގަމުން އައި ބަޔެއް. 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސީންގެ ކިބައިން ދިވެހިންނަށް މިނިވަންކަން ލިބުނުފަހުން، މި ހިނގާ 43 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި، ދިވެހިންނަށް ލިބިފައިވާ ހޭލުންތެރިކަމާއި، ދިވެހިންގެ ފުދުންތެރިކަމަށް އައިސްފައިވާ ހެޔޮ ބަދަލު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

ފަހުންއައިސް އަޅުގަނޑުމެންނާ ބައްދަލުކުރާނެ، މި ޤައުމާ ޙަވާލުވާނެ ދިވެހި ޖީލުތަކަށް، އަމާނާތްތެރިކަމާއެކު، މި ޤައުމުގެ ކާމިޔާބީތައް ވާސިލުކޮށްދިނުމަށްޓަކައި، ބަދަލަށާއި އިޞްލާޙަށް، އަބަދުމެ މަރުޙަބާ ކިޔަންޖެހޭނެކަމާއި، ބަދަލަށާއި އިޞްލާޙަށް އަބަދުމެ ފުރުޞަތު ދޭންޖެހޭނެކަންވެސް އަޅުގަނޑުމެން ދަންނަންޖެހޭ.

މިއަދު އަޅުގަނޑުމެންގެ ދައުލަތް ހިންގުމުގެ ނިޒާމަށް މި ގެންނަ ބޮޑު ބަދަލަކީ، ހަމައެކަނި ބޭރުފުށުން ރީތިވެލުމަށް ގެންނަ ބަދަލެއް ނޫން.

އަޅުގަނޑުމެން މިއަދު މި ގެންނަ ބަދަލާއި އިޞްލާޙަކީ، ދިވެހިންގެ އަމާޒުތަކާއި، ޤައުމުގެ އުންމީދުތަކާއި، ރައްޔިތުންގެ ހުވަފެންތައް، ޙަޤީޤަތަކަށް ހަދާ، ދަމަހައްޓާ، ވަރުގަދަކުރުމަށް ގެންނަ ގިނަ ބަދަލުތަކަކާއި ހެޔޮ އިޞްލާޙުތަކެއް.

މިއަދު އަޅުގަނޑުމެން މި ނަޤުލުވާ ނިޒާމަކީ، އަޅުގަނޑުމެންނަށް ކުރެވޭ އުންމީދުތަކާއި، އަޅުގަނޑުމެން ދެކޭ ހުވަފެންތަކާ އެއްފަދައިން، އަޅުގަނޑުމެންގެ ޒިންމާއާއި މަސްއޫލިއްޔަތުގެ އިޙްސާސްވެސް، އަޅުގަނޑުމެން ހަމަ ކޮންމެ މީހެއްގައި އުފައްދާނެ ނިޒާމަކަށްވުން އަޅުގަނޑު އެދެން.

ވަކި ޒަމާނެއްގައި ދިވެހީންގެ ބޭނުންތައް ހުންނަގޮތް ބައްޓަންކުރާނީ، އެ ޖީލެއްގެ ދިވެހިން. އެކަމަކު، ބައެއް ކަންކަމަކީ، އަބަދުގެ އަބަދަށްވެސް، އެކަމުގެ ވުޖޫދާއި ދައުރު، އެކަށައެޅި ދެމިގެންދާނެ ކަންކަން.

މިނިވަން ޙައްޤުތަކާއި ފުރުޞަތުތައް ލިބިލިބި ހުރުން، ކުރިއަރައި ދިޔުމުގެ ދޮރޯށިތައް ހުޅުވިފައި ހުރުން، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ވެރިކަން ހިންގުމުގެ މައިދާން ތަނަވަސްވެފައި އޮތުން، އެއްގޮތް ޙާލަތުގައި އެއްގޮތް ނިޔާ ލިބޭގޮތަށް ކަންކަން ތަރުތީބުވެފައިވުން، މިހިރީ ޒަމާން ބަދަލުވިޔަސް، ބަދަލުވެގެންދާނެ ހަމަތަކެއްނޫން.

އިސްލާމްދީނުގެ މަތިވެރި ބިންގަލުގެ މަތީގައި، ޒަމާނީ ޑިމޮކްރަސީއެއްގެ ހަރުދަނާ އުޞޫލުތަކުން ބައްޓަންވެފައިވާ، ދިވެހި ރައްޔިތުންނަށް ސުލްހަމަސަލަސްކަމާއި ކުރިއެރުމާއި ތަރައްޤީ ހޯދައިދޭނެ މިފަދަ ޤާނޫނުއަސާސީއެއް ލިބިގަތުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ތަކުރާރު ކުރަން.

ހަމައެހެންމެ، މިއަދު އަޅުގަނޑުމެން މި އިޙްތިފާލުކުރާ ރަސްމިއްޔާތުގެ ފުރަގަހުގައިވާ، ބުރަ މަސައްކަތް ކޮށްދެއްވި. އާދެ! ޤާނޫނުއަސާސީ ބައްޓަން ކުރައްވައި، ފަރުމާ ކުރައްވައި، ލިޔުއްވައި ފާސްކޮށްދެއްވި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހަމަ ކޮންމެ މެންބަރަކަށްމެ، ފަށްފަށުން ޝުކުރު ދަންނަވަން.

ހޫނު ބަހުސްތަކަކަށްފަހު ނަމަވެސް، ދިވެހިންނަށް މިއަދުގެ ޒަމާނާ ފައިތިލަ ހަމަކުރެވޭފަދަ ޤާނޫނުއަސާސީއެއް ހޯއްދަވައިދެއްވި ކަމަށްޓަކައި، އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުކުރުގެ ޝުޢޫރުތައް، ތަކުރާރުކޮށް ހާމަކޮށްލަން.

އަދި މިއަދުގެ މި އުފާވެރި ތާރީޚީ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ޤާނޫނުއަސާސީއެއް އެކުލަވައިލައި ނިމި، ތަޞްދީޤުވެ ހިންގަން ފެށުމަކީ، ދިގު މަރުޙަލާތަކެއްގެ ނިމުން ކަމަށްވެދާނެ. އެހެންނަމަވެސް، ޙަޤީޤީ މަސައްކަތް އަދި އޮތީ ކުރިއަށް.

މި ޤާނޫނުއަސާސީއަށް ފުރާނަދީ، ދިރުން ދިނުން. ނިޒާމުތައް ފާސްކުރުން. ޤާނޫނުތައް ހެދުން. އުސޫލުތައް އެކަށައެޅުން. މީހުން ހަމަޖެއްސުން. މީހުން ބިނާކުރުން.

ދިވެހިންނަކީ، އެބައިމީހުންނަށް ދިމާވި ކޮންމެ ގޮންޖެހުމަކާ ފިސާރި ކެރިގެން ކުރިމަތިލީ ބަޔެއް. ކުރިމަތިލާ ބަޔެއް.

އެހެންކަމުން، މި ޤާނޫނުއަސާސީ ހިންގަން ފެށުމާއެކު، ދިމާވާނެ ހުރިހާ ހުރަސްތަކެއް ގިރާކުރުމަށާއި، ގޮންޖެހުންތައް ނެތިކޮށްލުމަށާއި، އުނދަގޫތައް ފިލުވައިލުމަށް މަސައްކަތް ކުރުމުގެ ކުޅަދާނަކަމާއި ކެރުން، ދިވެހިންގައިވާކަމާމެދަކު ޝައްކެއްނެތް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

މިއަދު އަޅުގަނޑުމެން މި ލިބިގަންނަ ޤާނޫނުއަސާސީއަކީ، ދިވެހީންގެ އިންސާނީ ޙައްޤުތައް، ޙިމާޔަތްކޮށްދޭނެ ޤާނޫނުއަސާސީއެއް. ސިޔާސީ ޙައްޤުތަކާއި، މަދަނީ ޙައްޤުތަކާއި، އިޤްތިޞާދީ ޙައްޤުތަކާއި، އިޖުތިމާޢީ ޙައްޤުތަކާއި، ސަޤާފީ ޙައްޤުތައް، ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތަށް އެކަށައަޅައި، ރައްކާތެރިކޮށްދޭނެ ޤާނޫނުއަސާސީއެއް.

އެއިން ޙައްޤަކަށް ހަނިކުރުމެއް ގެނެވޭނެ ފުރުޞަތު އޮންނާނީ، ހަމައެކަނި ދުނިޔޭގެ ޑިމޮކްރަސީތަކުގައި އެކަން ކޮށްއުޅޭ މިންވަރަށް.

ދައުލަތް ހިންގުމުގެ ތިން ބާރު ކަމަށްވާ، ޤާނޫނު ހެދުމުގެ ބާރާއި، ސަރުކާރު ހިންގުމުގެ ބާރާއި، ޤާނޫނާ އެއްގޮތަށް ނިޔާކަނޑައެޅުމުގެ ބާރުގެ މެދުގައި އިންފާރުތައް ލެވި، އެއްބާރު އަނެއް ބާރާ ވަކިން އިންތިޒާމުކުރެވި، އެއްބާރު އަނެއް ބާރުގެ މައްޗަށް ބިނާވެ އޮންނާނެ ގޮތް ތަޢާރުފުކުރެވިގެންދާނެ.

މިނިވަން މުއައްސަސާތަކާއި މަގާމުތައް އުފެދި، އެކިއެކި މުއައްސަސާތަކުގެ ދައުރު އެކަށައެޅި، ހަމައެކަނި އެއް މުއައްސަސާއަކުން ބޭނުންވާގޮތަށް ކަންކަން ކުރުމަށް އޮތް ފުރުޞަތު ނެތިގެންދާނެ.

ދިވެހި ސަރުކާރު ހިންގަން ތިބޭ އެކި ފެންވަރުގެ މީހުން، އަބަދުމެ ރައްޔިތުންނަށް ޖަވާބުދާރީވެ، ޖަވާބުދާރީ ކުރެވޭނެ ގޮތްތައް އެކަށައެޅިގެންދާނެ. ރައްޔިތުންގެ މަޖިލީހަކީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންގެ މައްޗަށް އެކަނި އެކުލެވިގެންވާ މަޖިލީހަކަށް ބަދަލުވުމަށް މަގުފަހިވެގެންދާނެ.

ޢަދުލު އިންސާފުގެ ނިޒާމަކީ، މިނިވަން، ހަމަހަމަ އުސޫލަކުން ހިންގާ، ރައްޔިތުންނަށް ސީދާ ޖަވާބުދާރީވާ، ޤާނޫނުގެ ރައްކާތެރިކަން ލިބި، ޙިމާޔަތްކުރެވިގެންވާ ބާރަކަށް ވެގެންދާނެ.

ޑިމޮކްރަސީއެއްގެ އެންމެ އަސާސީ އެއް ސިފައަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށްވާހިނދު، އަދި ޤައުމެއްގައި ޑިމޮކްރަސީގެ އުސޫލުތައް ހިނގާނުހިނގާ މިންވަރު ދެނެގަނެވެނީ، އެ ޤައުމެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެކަށައެޅިފައިވާ މިންވަރެއްގެ މައްޗަށް ކަމަށްވާހިނދު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، އަސާސީ ޙައްޤެއްގެ ގޮތުގައި މި ޤާނޫނުއަސާސީން އެކަށައެޅިގެންދާނެ.

މިނިވަންކަމާއި ޒަމާނީ އުސޫލުތަކާއެކު އިންތިޚާބުތައް ބާއްވައި، 18 އަހަރުން މަތީގެ އަންހެން ފިރިހެން އެންމެންނަށް ރާއްޖޭގައި ވޯޓުލެވޭނެގޮތް ހަމަޖައްސައި، ދައުލަތުގެ މަގާމުތަކަށް ކުރިމަތިލުމާއި، އެ މަގާމުތައް ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤާއި މިނިވަންކަން ލިބުމުގެ މަގު ފަހިވެގެންދާނެ.

މި ހުރިހާ ކަމަކަށް ނަޒަރު ހިންގާއިރު، މިއަދު އަޅުގަނޑުމެން މި އިޙްތިފާލުކުރަނީ، ވަކި މީހެއްގެ، ނުވަތަ ވަކި ބަޔެއްގެ، ނުވަތަ ވަކި ޕާޓީއެއްގެ ކާމިޔާބީއެއް ނޫން. މިއަދު އަޅުގަނޑުމެން މި އިޙްތިފާލުކުރަނީ، ދިވެހީންގެ މި ޤައުމުގެ ކުރިއެރުން. ދިވެހީންގެ މި ޤައުމުގެ ކާމިޔާބީ.

މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ، އިންސާނެއްގެ މިނިވަންކަމާއި، ފުދުންތެރިކަމަކީ، ވަކި މީހެއްގެ، ނުވަތަ ވަކި ސަރުކާރެއްގެ، ނުވަތަ ވަކި ދައުލަތެއްގެ އޯގާތެރިކަމުން ލިބިދޭ ކަންކަމެއް ނޫންކަމުގައި. އަދި ކީއްތޯ؟ ގަދަކީރިތިވަންތަ މާތްﷲގެ މިންވަރުފުޅާއި ރަޙްމަތުން ލިބިދޭ މިނިވަންކަމަކާއި ފުރުޞަތުތަކެއް ކަމުގައި.

އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކަށް މިއަދު ވާންވާނީ، އެ މިނިވަންކަމާއި ޙައްޤުތައް ހެޔޮގޮތުގައި ދިފާޢުކޮށް، ރައްކާތެރިކޮށް، އޭގެ ހެޔޮ މަންފާއާއި ފައިދާ، ހަމަ ކޮންމެ ރައްޔިތަކަށްމެ، ހަމަހަމަކަމާއެކު، ލިބޭނެގޮތް ހަދައިދިނުން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

މި ޤާނޫނުއަސާސީ ތަޞްދީޤުވުމާއެކު، އަޅުގަނޑުމެން ކުރިމަތިލާނީ، މުހިންމު ތިން އިންތިޚާބަކާ. އެއީ، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ އިންތިޚާބު.

އަޅުގަނޑުމެން ގެންނަން ބޭނުންވާ ޒަމާނީ ޑިމޮކްރަސީ ފުރިހަމަވެގެންދާނީ، އެ އިންތިޚާބުތަކުގެ ތެރެއިން އުފެދެންޖެހޭ މުއައްސަސާތައް އުފެދިގެން. އެ މުއައްސަސާތަކަށް އެ ތަންތާނގެ ދައުރާއި ވާޖިބު އަދާކުރަން ފެށިގެން. އެހެންކަމުން، އަޅުގަނޑުމެން މި ކުރިމަތިލާ އަހަރެއްހާ ދުވަހަކީ، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ އަހަރެއްހާ ދުވަހަށް ވެގެންދާނެ.

ކުރަންހުރި ކަންކަމުގެ ލިސްޓު ކިތަންމެ ދިގުނަމަވެސް، ޤައުމަށް ޚިދްމަތްކުރުމަކީ، ޤައުމަށް ހެޔޮއެދުމަކީ، ޤައުމު ކުރިއަށް ގެންދިޔުމަކީ، ތިމާގެ ކޮނޑުގައިވެސް އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށް، ހަމަ ކޮންމެ ރައްޔިތަކުވެސް ދެކެން ފަށައިފިނަމަ، އެ ހުރިހާ ކަމެއްކޮށް ނިންމާލުމަކީ، މާ އުނދަގޫ ކަމަކަށްނުވާނެ.

އެންމެންގެ އެއްބާރުލުމާއި، ތަފާތު ޚިޔާލުތަކުން ލިބިދޭ މުއްސަނދިކަމުގެ މައްޗަށް، މި ޤައުމުގެ ހުރިހާ ކަންކަމެއްވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދިވެހީންނަށް ބިނާކުރެވޭނެ. އާލާކުރެވޭނެ. ތަރައްޤީކުރެވޭނެ.

މާތްﷲގެ މަތިވެރި ރަޙްމަތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި، މި ލޮބުވެތި ވަޠަން އަބަދުމެ ލަހައްޓަވާށި! ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ޢާއިލާތަކަށް، ބާއްޖަވެރިކަމާއި އުފާފާގަތިކަން، އަބަދުމެ މިންވަރުކުރައްވާށި! ޤައުމާއިގެން އަޅުގަނޑުމެން އެންމެން ކުރިއަށް މި އަޅާ ފިޔަވަޅުގައި، މާތްﷲ ބަރަކާތްލައްވާށި! އާމީން.

މާތްﷲގެ ވާގިފުޅާއެކު، މިއަދު އަޅުގަނޑު ތަޞްދީޤު މިކުރާ ޤާނޫނުއަސާސީ ފުރިހަމައަށް ހިންގުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް މާތްﷲ މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.