އޮސްޓްރޭލިޔާގެ ފެޑެރަލް އިލެކްޝަން ކާމިޔާބުކުރެއްވުމާއި ގުޅިގެން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ސްކޮޓް މޮރިސަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށާއި އޮސްޓްރޭލިއަން ލިބަރޓީ ޕާޓީއަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި، އޮސްޓްރޭލިޔާގެ ވަރުގަދަ ޑިމޮކްރަސީގެ ސަގާފަތް އެގޮތުގައި ދެމެހެއްޓުމުގައި ރައްޔިތުން ބޭނުންވާ ގޮތް ނިންމަވައިފި ކަމަށާއި، މި ކާމިޔާބީގެ ފަހަތުގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ގެ ވެރިކަން ހިންގެވުމުގެ ޤާބިލުކަން ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް، އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަމަށާއި، އޮސްޓްރޭލިޔާގެ އާ ސަރުކާރާއެކު ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.