ރަމަޟާން މަސް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަތުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް ވަރުގަދަކުރުމާއި، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ މުނާސަބާގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރަމަޟާން މަހަކީ، ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި ވަރަށް އަގުހުރި ރަނުގެ ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށްޓަކައި، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވައި، ޞަދަޤާތް ދިނުން އިތުރުކުރުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

ކެތްތެރިވުމާއި އަނެކުންނަށް މަޢާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން ބާރުއަޅާ އެންމެ މުހިންމު ކަންތައްތައް ކަން ފާހަގަކުރައްވައި، އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތައްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ބަރަކާތްތެރި ރަމަޟާންމަހާ ގުޅިގެން ވިޔަފާރިވެރިންނަށްވެސް ޚާއްޞަ އިލްތިމާސެއް ކުރައްވާފައިވެއެވެ. މިގޮތުން ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ޘަވާބަށް ވިސްނައިގެން، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ރާއްޖޭގެ އެންމެހައި ވިޔަފާރިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވެއެވެ.

ރަމަޟާން މަހާ ކުރިމަތިލާއިރު، އިސްލާމްދީނުގެ އިޖްތިމާޢީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖުތަމަޢުގެ ރީތި ހަމަތަކާއި އަދަބުތަކަށް ޙުރުމަތްތެރިކޮށްހިތައި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫޙު ރަމަޟާން މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހޭނެ ކަމަށެވެ.