ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މިސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމަށާއި، ނޫސް ވެރިންގެ ކަރަށް ބާރުކުރުމަށް، މިސަރުކާރުން ޤާނޫނުތައް ނުހަދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި އެންމެހާ ނޫސްވެރިންނަށާއި، ރައްޔިތުންނަށް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ޚިޔާލު ފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަކީ ޙައްޤަކަށްވާ ފަދައިން، އެ ޙައްޤާއި ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވެސް ހުރިކަން ހަނދާން ކުރަންޖެހޭނެކަމުގައެވެ. އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔުމާއި، ތެދު މަޢުލޫމާތު ފެތުރުންކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. އަދި އެ ޒިންމާއަށް އިހުމާލުވެއްޖެ ނަމަ، މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އަތުވެދާނެކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ޚިޠާބު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރައްވަނީ، މިހާރަށްވުރެ މިނިވަން ވެއްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދީ، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅައިދިނުމަށް ކަމުގައެވެ. އަދި މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން، ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ، ދެފުށް ފެންނަ ގޮތަށްކަމަށާއި، ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ނޫސްވެރިކަމުގެ ސަޤާފަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން ނޫސް ވެރިކަމުގެ މިނިވަންކަމުގެ ލަގަން އޮންނަނީ ސަރުކާރުގެ މުށުތެރޭގައި ކަމުގައެވެ. އެކަމުގެ ސަބަބުން އޭރުއޮތީ މުޅި ދައުލަތުގެ ހިނގުން ބޮއްސުންލައި، ވައްކަމާއި، ކޮރަޕްޝަން އާންމުވެގެން ގޮސްފައި ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް، މިދިޔަ 2018 ވަނަ އަހަރު ނިމުނު އިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުނުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، މިސަރުކާރުން ފާއިތުވި ހަތަރު މަސްދުވަހު ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ޤާއިމުކުރުމަށް، ކުރެވުނު މަސައްކަތުން، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރު ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، 22 ޕޮއިންޓުގެ ކުރިއެރުމެއް ހޯދައި، 120 ވަނައިން 98 ވަނައަށް ޖެހިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ، އިންޓަރނެޓް ބްލޮގަރ ޔާމީން ރަޝީދުގެ ޢާއިލާއަށް އިންޞާފު ހޯދައިދިނުން ކަމުގައެވެ. މީގެ އިތުރުން މިކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި، ކުރިއަށް ދާނެކަމަށާއި، އެ ދެ ޒުވާނުންގެ މަސައްކަތް ރަމްޒުކޮށްދެނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، ރާއްޖޭގެ ނޫސްވެރިން ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރައްވައި، ނޫސްވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވައިފައެވެ.