‏މިދިޔަ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، އިންތިޚާބީ 87 ދާއިރާގެ ތެރެއިން 65 ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި ބޮޑު އަޣުލަބިއްޔަތަކުން ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ކުރި ހޯއްދެވުމާއި ގުޅިގެން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު މެންދުރު ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ގުޅުއްވައި ތަހުނިޔާ ވިދާޅުވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ދިވެހިންގެ ފަރާތުން މި ސަރުކާރަށް ލިބުނު ބޮޑު ތަރުޙީބު އިހުތިރާމާއިއެކު ބަލައިގަންނަވާކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުއްދަވައި ދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާ ސްރީލަންކާ އަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވައި،  ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ދެޤައުމުން ބޭނުންފުޅުވާކަމުގައި ހާމަކުރެއްވިއެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމާއި، ސަރަޙައްދީ ވިޔަފާރީގެ ދާއިރާއިން މިގުޅުން އިތުރަށް ފުޅާ ކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.