بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ވަޒީރުންގެ މަޖިލީހާ އަލަށް ގުޅިވަޑައިގެންނެވި ތިން ބޭފުޅަކު ތަޢާރުފުކޮށްދިނުމުގެ ގޮތުން. އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން ތިޔަބޭފުޅުންނާ އަޅުގަނޑު ބައްދަލުކޮށްލި ދުވަހު ދަންނަވާލާފައި އޮންނާނެ، އާ ޤާނޫނުއަސާސީގައި ވަޒީރުން ކުރައްވަންޖެހޭ ކަންތައްތަކާއި އަދި ކުރައްވައިގެން ނުވާނެ ކަންތައްތައް ބަޔާންކޮށްފައި އޮތްއިރު، މިއީ އަލަށް ތަޢާރުފު ކުރެވޭ ބައެއް ކަންތައްތައް ކަމަށްވާތީ، އޭރު ތިއްބެވި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ޤާނޫނުއަސާސީ އެ ބުނާގޮތަށް ހަމަޖެހިފައިނުވާ ބޭފުޅުން އެބަ ތިއްބެވިއޭ. އެހެންވީމާ، އެބޭފުޅުން ވަކިވެވަޑައިގަންނަވަން ގަސްތުކުރައްވައޭ. އެހެންވީމާ، އެބޭފުޅުން ތިޔަބޭފުޅުންނާ ބައްދަލުކުރުވައި އެ ވާހަކަ އޮންނާނީ ދަންނަވާފައި.

އެ ބަދަލުވެވަޑައިގެންނެވި ބޭފުޅުންގެ ބަދަލުގައި މިހާރު އަޅުގަނޑު މިވަނީ މިބޭފުޅުން ހަމަޖައްސާފައި. އެގޮތުން، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ޝިހާމް ވަނީ ހަމަޖައްސާފައި. ހަމައެހެންމެ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމަށް ޑޮކްޓަރ އިބްރާހީމް ޙަސަން ހަމަޖައްސާފައި މިވަނީ. މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމަށް ޑޮކްޓަރ ޢަލީ ޙައިދަރު ހަމަޖައްސާފައި މިވަނީ. މި ތިން ބޭފުޅުންނަކީ، މަތީ ފެންވަރަށް ތަޢުލީމު ހާސިލު ކުރައްވައިގެން ތިއްބެވި ތިން ބޭފުޅުން. ޕީ.އެޗް.ޑީ ހާސިލު ކުރައްވައިގެން ތިއްބެވި އަދި ތަޖުރިބާ ހުރި ތިން ބޭފުޅުން. ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު ހަވާލުވެވަޑައިގެންނެވި ދާއިރާއާބެހޭ މަޢްލޫމާތު ލިބިވަޑައިގެންފައިވާ އަދި ސަރުކާރުގައިވެސް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން.

އެހެންވީމާ، އެ ތިން ބޭފުޅުން ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގަތީމާ، ވަޒީރުންގެ މަޖިލީހަށް އިތުރު ކުރިއެރުން ލިބޭނެކަމަށް އަޅުގަނޑު ހީކުރަން. އެ ތިން ބޭފުޅުންނަކީ، ކުރިންވެސް މި ދެންނެވިހެން މަތީ ތަޢުލީމް ހާސިލު ކުރައްވައިގެން ތިއްބެވި ތިން ބޭފުޅުން ކަމަށްވެފައި، އެއިން ކޮންމެ ބޭފުޅަކީވެސް އެ ބޭފުޅެއްގެ ދާއިރާއަށް ފަރިތަ ބޭފުޅަކަށްވީމާ، އެބޭފުޅުންނަށް އެދާއިރާގައި ވަރަށް ރަނގަޅަށް ޚިދުމަތް ކުރެއްވޭނެ ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އަޅުގަނޑު މާ ދިގު ވާހަކައެއް ނުދައްކައި، އެ ތިން ބޭފުޅުން ތަޢާރުފުކޮށްފައި، ފަހަރެއްގައި ތިޔަބޭފުޅުން، އެބޭފުޅުންނާ ކުރައްވަން އޮތް ސުވާލެއް އޮތިއްޔާ، އެ ސުވާލެއް ކުރުމުގެ ފުރުޞަތު އަރުވާނަން. އޭގެކުރިން، ތިޔަބޭފުޅުން އަޅުގަނޑާ ކޮށްލައްވަން ބޭނުންފުޅުވާ ދެތިން ސުވާލެއް އޮވެއްޖިއްޔާ، އެ ސުވާލުތަކަށްވެސް އަޅުގަނޑު ޖަވާބުދޭނަން.

ސުވާލު: ޖަޒީރާ ނޫހުން ޢަޙްމަދު މުޙްސިން

މަނިކުފާނުގެ ކެބިނެޓްގައި މި ހަތަރު ވަޒީރުންގެ އިތުރުން، އެބައޮތް ދޮގެއްތޯ، ޓްރޭޑް މިނިސްޓަރުގެ މަގާމު އަދިވެސް ހުސްކޮށް. ކިހާތާކުތޯ ޓްރޭޑް މިނިސްޓަރެއް ޢައްޔަން ކުރައްވާނީ. އަދި ހަމައެހެންމެ، ގަވަރނަރެއްގެ މަގާމުވެސް މިއޮތީ ހުސްކޮށް. ކިހާތާކު އެ މަގާމުވެސް ފިލްވެގެން ހިނގައިދާނެތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އާދެ، ޓްރޭޑް މިނިސްޓަރުގެ މަގާމަކީ ވަޒީރުންގެ މަޖިލީހުގެ މަގާމެއް. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެމަގާމުވެސް އަޅުގަނޑު ފުރާނަން. މިވަގުތު އަދި ހަމަޖެހިފައި ނެތީމާ މިވަގުތު އެކަން ނުކުރެވި މިއޮތީ. ދެން ތިޔަ ވިދާޅުވި އެމް.އެމް.އޭ.ގެ ގަވަރނަރ ކަމުގެ މަގާމަކީ ވަޒީރުންގެ މަޖިލީހުގެ މަގާމެއް ނޫން. އެހެންނަމަވެސް، ދައުލަތުގެ ވަރަށް މުހިންމު މުއައްސަސާއެއްގެ އެންމެ އިސްވެރިޔާގެ މަގާމު. އެކަމަށްވެސް އިރާދަކުރެއްވިއްޔާ، ލަހެއްނުވެ ބޭފުޅަކު ހަމަޖައްސާނަން.

ސުވާލު: ހަވީރު ނޫހުން އަޙްމަދު ޙަމްދޫން

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މަނިކުފާނު ކެބިނެޓަށް، ފަހުން މި ގެންނަވާ ބޭފުޅުންގެ ތެރޭގައި، މުޅިންވެސް ޑޮކްޓަރުން ހިމެނިވަޑައިގަންނަވާ ތަން. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ވަޒީރުކަން ދެއްވުމުގައި، ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯއޭ؟ ހަމަ ސީދާ ޕީ.އެޗް.ޑީ ނަންގަވާފައި ތިއްބެވި ބޭފުޅުންނަށް އަމާޒު ކުރައްވަނީތޯއޭ. ނޫނީވިއްޔާ ޤައުމުގައި އެފަދަ އެހެން ބޭފުޅުން ނެތީމާ، މަނިކުފާނު އެގޮތަށް ވިސްނުންފުޅު ގެންގުޅުއްވަނީތޯއޭ. މިދެންނެވީ ބައެއްފަހަރު ބައެއް ބޭފުޅުންގެ ފާޑުކިޔުންތައްވެސް އަމާޒުވޭ. މަނިކުފާނުގެ ކެބިނެޓުގައި މުޅިންވެސް ޑޮކްޓަރުންނޭ ތިއްބަވަނީ. ޤައުމުގައި ތިއްބެވި އެހެން ބައެއް ބޭފުޅުންނަށް މާބޮޑު އިސްކަމެއް ނުދެއްވައޭ. އެކަހަލަ ވާހަކަތަކެއް ދެކެވޭތީއާއެކު، ކޮންގޮތަށް ވިސްނަވާފައިތޯ ސެލެކްޓް ކުރައްވަނީ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ވިސްނާފައި ބޭފުޅުން އިޚްތިޔާރު ކުރަނީ އެވަގުތަކަށް އެމިނިސްޓްރީއެއް ހިންގަވަން އެންމެ ބޭނުންވާ ބޭފުޅަކީ ކޮބައިތޯ ބަލާފައި، އެބޭފުޅަކު ހަމަޖެއްސޭތޯ. އެހެންވީމާ، މިގޮތުން ބަލާއިރު، ތަޢްލީމަކީ ވަރަށް މުހިންމު އެއްޗެއް. މަތީ ފެންވަރަކަށް ތަޢްލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅަކު، އެ ދާއިރާއެއްގައި ހުންނެވިއްޔާ، އެބޭފުޅަކަށް އިސްކަންދޭންޖެހޭނެ. އެހެންނަމަވެސް، ކޮންމެހެން ލާޒިމެއް ނޫން، ޕީ.އެޗް.ޑީ ހާސިލު ކުރައްވާފައި ހުންނެވުން. އެއީކީ ޝަރުޠެއް ނޫން. ތަޢްލީމު ލިބިވަޑައިގެންފައި ތިއްބެވި. އަދި ކަމާބެހޭ ދާއިރާގެ ތަޖުރިބާ ހުރި، މަޢްލޫމާތު ހުރި ނުވަތަ ޤާބިލުކަން ހުރި، އެނޫން ފެންވަރުގެ ބޭފުޅުންވެސް ތިއްބަވާނެ.

އަޅުގަނޑު ޔަޤީންކުރަން ބޭނުންވޭ، އެބޭފުޅަކީ ރައްޔިތުންނަށް، ސަރުކާރަށް، ޤައުމަށް އިޚްލާޞްތެރި ބޭފުޅެއްތޯ ނުވަތަ ނޫންތޯ. އިޚްލާޞްތެރި ބޭފުޅުން ހޮވުމަކީވެސް ވަރަށް މުހިންމު ކަމެއް. އޭގެއިތުރުން، މިހާރު ޤާނޫނުއަސާސީގައި އެ ބުނާ ޝަރުޠުތައް ފުރިހަމަވޭތޯ މިހާރު ބަލަންޖެހޭ. ކޮންމެއިރަކުވެސް އެއިރެއްގެ ޤާނޫނުއަސާސީ ބުނާ ޝަރުޠުތައް މިނިސްޓަރުންގެ ފުރިހަމަވޭތޯ ބަލަންޖެހޭނެ. އެގޮތުން ކުރިއާއި މިހާރާ ތަފާތު ދޮގެއްތޯ. ކުރީގައި މިއޮތީ ވިޔަފާރި ކުރައްވާ ބޭފުންނަށްވެސް ވަޒީރު ކަމުގައި ތިއްބެވޭ ގޮތަށް. އެހެންވީމާ، އެއިރަކު އެޝަރުޠަކަށް ބަލާކަށްނުޖެހޭ. އެކަމަކު މިހާރު އެ ޝަރުޠު ބަދަލުވެގެން ހިނގައްޖެ. ޢަމަލީގޮތުން ވިޔަފާރީގައި އުޅުއްވާ ބޭފުޅަކަށް ނުވަތަ އެނޫންގޮތަކުންވެސް އާމްދަނީ ހޯއްދަވާ ބޭފުޅަކަށް ވަޒީރުންގެ މަޖިލީހުގައި ޚިދުމަތެއް ނުކުރެއްވޭނެ. އެހެންވީމާ، މިހާރު ވިސްނާ ވިސްނުން ކުރިއާ ތަފާތުވާނެ. އެކަމަކު އަޅުގަނޑު ބަލަނީ ތަޢްލީމު ލިބިވަޑައިގެން ތިއްބެވި ޤާބިލް އަދި އެދާއިރާއަކަށް ޚިދުމަތް ކުރެއްވޭނެ ކަމަށް އަޅުގަނޑަށް ފެންނަ ބޭފުޅުން ހަމަޖެއްސުމަށް. އެބޭފުޅަކަށް ދަންނަވާލައިގެން ގަބޫލުފުޅު ކުރައްވާ ބޭފުޅަކު ވަޑައިގަންނަވާނީ. ބައެއް ބޭފުޅުންނަށް އެބޭފުޅުންގެ މަސައްކަތްޕުޅު ހުންނަ ގޮތުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެ މަގާމު ގަބޫލުފުޅު ކުރައްވަން ދަތިފުޅުކަމަށް ވިދާޅުވެއްޖިއްޔާ، އެބޭފުޅަކު ދޫކޮށްލާފައި އެހެން ބޭފުޅަކަށްދަނީ.

ސުވާލު: ރާއްޖެނޫހުން ޢިމްރާން ޖަޢުފަރު

އަޅުގަނޑުގެ ސުވާލަކީ، އިސްތިޢުފާ ދެއްވި ވަޒީރުންގެ ބަދަލުގައި ހަތަރު ވަޒީރުން މިހާރުވަނީ ޢައްޔަން ކުރައްވާފައި. އެހެންނަމަވެސް، އަދިވެސް ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމު މިއޮތީ ހުހަށް. އެހެންވީމާ، ކިހާ ދުވަހެއްގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެވޭނެތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

ކުރިންވެސް ދެންނެވިހެން، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ދެންހުރި މަގާމުތަކަށްވެސް ބޭފުޅުން ޢައްޔަން ކުރެވޭތޯ އަޅުގަނޑު ބަލާނަން އިނގޭތޯ.

ސުވާލު: މިއަދު ނޫހުން މިދުޙަތު އާދަމް

ކުރީ ދުވަހު ވަޒީފާއިން ދުރަށް ޖެހިވަޑައިގެންނެވި، މި ދެންނެވީ މަގާމުން އިސްތިޢުފާ ދެއްވި ވަޒީރުން ތަޢާރުފް ކުރެއްވިއިރު، މަނިކުފާނު ވިދާޅުވެފައި އެބައޮތް، އެބޭފުޅުން އެއްބަސްވެވަޑައިގެންފައި އެބައޮތޭ، އެހެން މަގާމުތަކުގައި ކުރިއަށް ވަޑައިގަންނަވަން. އެއިން އެއްވެސް ބޭފުޅަކަށް އެބަހުރިތޯ، ފަހުން އެއްވެސް މަގާމެއް ދެއްވާފައި. ނޫނީ ދެއްވަން ވާހަކަ ދެކެވިފައި އެބައޮތްތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އެއީ އަބަދުވެސް އަޅުގަނޑުގެ ވިސްނުމުގައި ހުންނަ ކަމެއް. އެބޭފުޅުން ވިދާޅުވަނީ ތިމަންނާމެންނަށް މިހާރު ޤާނޫނުއަސާސީގައި އެ ބުނާ ޝަރުޠު އެ އޮތްގޮތުން ވަޒީރުންގެ މަޖިލީހުގައި ޚިދުމަތް ކުރައްވަން ދަތިފުޅުވިޔަސް ސަރުކާރުން ބޭނުންވާ އެހެން ކަންތައްތައް ކޮށްދެއްވުމަކަށް ތިމަންނާމެން ފަހަކަށް ޖެހިވަޑައެއްނުގަންނަވާނަމޭ. އެހެންވީމާ، އަޅުގަނޑު އެހިސާބަކަށް އަދި ނުދަން. އެބޭފުޅުން އެހެން ތިއްބެވީތީ އަޅުގަނޑު ވަރަށް އުފާކުރަން. އެބޭފުޅުންގެ ޚިދުމަތް ބޭނުންވާނެ. އެތަނުން އެއްބޭފުޅަކު މިހާރު، އެނގިވަޑައިގަންނަވާނެ ފަދައިން، ޙުސައިން ޙިލްމީ އެ ހުންނެވީ ހަމަ ރަނގަޅު މަގާމެއްގައި. އެއީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރެއްގެ ގޮތުން ޚިދުމަތްކޮށްދެއްވަމުން އެބަ ގެންދަވާ. ދެން ވަކިވެވަޑައިގެންނެވި އެހެން ބޭފުޅުންވެސް ތިއްބެވީ ތައްޔާރަށް. އަދި ވަކިކަމެއްގެ ވާހަކަ އަޅުގަނޑު ނުދަންނަވަން. އެކަމަކު އަޅުގަނޑު އެބޭފުޅުންގެ ޚިދުމަތް ހަމަ ބޭނުންވާނެ.

Question: Judith Evans from Minivan News website

May I ask if you are in discussions to return Abdulla Yameen to the Cabinet?

President:

Well, to tell you the truth I don’t want to speculate about what is going to happen. I have a lot of options which I could go to, or resort to one of them. Anybody who is capable of serving the Government and the people will be considered.

ސުވާލު: ދި.އެފް.އެމުން މަސްޢޫދު ޙިލްމީ

އަޅުގަނޑުމެންނަށް އެބަފެނޭ މިތަނުން ތިން ވަޒީރެއް. އަޅުގަނޑު ހިތަށްއަރާ، މިބޭފުޅުންނަކީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންތޯ. އަޅުގަނޑު މި ދެންނެވީ ޑީ.އާރު.ޕީ.އަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކު މިތާނގައި އެބަ ހުންނެވިތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އާދެ، އަޅުގަނޑު މިހާތަނަށް ބަލަމުން އައި އުސޫލަކީ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ޑީ.އާރު.ޕީގެ މެންބަރުންނަށްވުން. އެއީ މިވަގުތު އެކަން އޮތްގޮތް. އެހެންވީމާ، އެކަން އަދި އޮތީ އެހެން. ޝުކުރިއްޔާ.

ދެން އަޅުގަނޑު އެބޭފުޅުންނަށް ފުރުސަތު އަރުވާނަން.

ނޯޓް. އަލަށް މަޖިލީހަށް ގުޅިވަޑައިގެންނެވި ތިން ބޭފުޅުން ވާހަކަފުޅު ދައްކަވައި، ނޫސްވެރިން ދެންނެވި ސުވާލުތަކަށް އެބޭފުޅުން ޖަވާބު ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު.

އާދެ، އަލަށް ވަޒީރުންގެ މަޖިލީހަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް ތިޔަ ހުރިހާ ބޭފުޅުން މަރުޙަބާ ވިދާޅުވެ އަދި އެބޭފުޅުންނާ ސުވާލު ކުރެއްވީތީ، ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދެތިން ވާހަކައެއް ދަންނަވާލަން ބޭނުންވެގެން މިތަނަށް ދެވަނަފަހަރަށް މިއައީ.

އެއް ވާހަކައަކީ، ޑޮކްޓަރ ޢަލީ ޙައިދަރަށް އަޅުގަނޑު ވަޒީރުކަން ހުށަހެޅީކީ މިފަހަރަކު ނޫނޭ. މީގެކުރިންވެސް ހުށަހެޅީމޭ. އޭރު އޭނާގެ ކިޔަވައިވިދާޅުވުން ނުނިމޭތީ، އޭރު ވިދާޅުވި ވަރަށްބޮޑަށް ޝުކުރިއްޔާއޭ، ތިމަންނާ އަދި އެބައޮތޭ އެއްބައި ނިންމަވަން. ނިންމަވާފައި ވަޑައިގެން ތިޔަކަމާ ކުރިމަތިލައްވަފާނަމޭ. އެހެންވީމާ، މިއީ ކުއްލިއަކަށް މިވަގުތު ދިމާވި ކަމެއްނޫން. ޢަލީ ޙައިދަރަށް މީގެކުރިންވެސް އެއްފަހަރު އަޅުގަނޑުވާނީ މި ހުށަހެޅުން ހުށަހަޅާފައި.

ދެން ޑޮކްޓަރ އިބްރާހީމް ޙަސަން. އިބްރާހީމް ޙަސަނަށް ހުށަހެޅީ މިފަހަރު. އެހެންނަމަވެސް އޭނާ އެބައޮތް ދިވެހި ޤައުމަށްޓަކައި ވަރަށްމަތީ ޤުރުބާނީއެއްވެވަޑައިގެންފައި. އެހެންވީމާ، އެވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑު، އިބްރާހީމް ޙަސަނަށް ވަޒީރުކަން ހުށަހެޅިއިރު، އޭނާއަކީ ދިވެހިރައްޔިތަކަށްވުމުގެ އިތުރަށް، އޮސްޓްރޭލިޔާގެވެސް ރައްޔިތެއް. އަޅުގަނޑުމެންގެ އޭރުގެ ޤާނޫނުއަސާސީ ބުނާގޮތުން ދިވެހިރައްޔިތަކަށްވުމުގެ އިތުރަށް، އެހެން ޤައުމެއްގެ ރައްޔިތަކަށް ވެއްޖިއްޔަކާ މިނިސްޓަރަކަށް ނުވެވޭނެ. އޭނާ އަމިއްލަފުޅަށް ޤާނޫނުއަސާސީން އެކަން ބައްލަވާފައި، އޮސްޓްރޭލިޔާ ރައްޔިތެއްކަން އަމިއްލަފުޅަށް ދޫކޮށްލެއްވީ. އަމިއްލަފުޅު ޚަރަދުގައި ސްރީލަންކާއަށް ދަތުރުފުޅު ކުރައްވައި، އޮސްޓްރޭލިއަން ހައިކޮމިޝަނަށް ވަޑައިގެން، ކަމާބެހޭ ފޯމްތައް ހޯއްދަވައި، އޭގައި ސޮއިކުރައްވާފައި ވަޑައިގެން ފޯމްތައް އޮސްޓްރޭލިއާއަށްގޮސް ކުޑަދުވަސްކޮޅެއްވީފަހުން އެކަން ހަމަޖެހިގެން އެއައީ. އެއީ ޙަޤީޤަތުގައި އޭނާ ދިވެހި ޤައުމަށްޓަކައި ވެވަޑައިގެންނެވި ވަރަށްބޮޑު ޤުރުބާނީއެއް. އެހެންވީމާ، އެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންގެ މަޢްލޫމާތަށްޓަކައި ދަންނަވާލަން ބޭނުންވީ.

ދެން އަނެއްކަމަކަށް ދަންނަވާލަން ބޭނުންވީ. ވަރަށް ގިނައިން ޑީ.އާރު.ޕީ.ގެ ސުވާލު އެބަ ކުރައްވާ. ޑީ.އާރު.ޕީ އެއީ މަޅިއެއްހެން ތިޔަބޭފުޅުންނަށް ހީފުޅުވަނީ ދޮގެއްތޯ. މަޅިއެއް ޖަހާފައި ބަޔަކު ގެންނަން. އެހެނެއްނޫން. މިހާރު ގަބޫލުކުރައްވަންޖެހޭނެކަންނޭނގެ، އަޅުގަނޑުމެންގެ ރާއްޖެ މިއޮތީ މުޅިން އާ ދީމުޤްރާޠީ ނިޒާމަކަށް ކުރިމަތިލާފައި. މިޒަމާނުގެ ދީމުޤްރާޠީ ނިޒާމުތަކުގެ ވަރަށް މުހިންމު އެއްޗެއް ޕާޓީތައް އެއީ. ދުނިޔޭގެ ހުރިހާ ޤައުމެއް ބައްލަވައިލެއްވިޔަސް، އަޅުގަނޑުމެންގެ އެންމެ ކައިރީގައި ހުރި ޤައުމުތައް ބައްލަވައިލެއްވިޔަސް، ސްރީލަންކާ، އިންޑިޔާ، ޕާކިސްތާން، މިހެންގޮސް ކޮންމެ ތަނެއް ބައްލަވައިލެއްވިޔަސް، ދީމުޤްރާޠީ ނިޒާމު ހިނގާ ކޮންމެ ތަނެއްގައިވެސް ޕާޓީތަކެއް ހުންނާނެ. އަދި އިންތިޚާބުން ކާމިޔާބުކުރާ ޕާޓީއެއް، ވެރިކަން ކުރާނީ. އަޅުގަނޑުމެންގެ އިންތިޚާބެއް އަދި އެގޮތަށް ބޭއްވުނީއެއްނޫން. އެހެންނަމަވެސް، އެންމެ ފުރަތަމަ ޑީ.އާރު.ޕީ. އުފެދިގެން ބަލައިލިއިރު، އޭރު ތިއްބެވި ހުރިހާ ވަޒީރުން ޑީ.އާރު.ޕީ.އަށް ވެދެވަޑައިގަންނަވަން ބޭނުންފުޅުވީމާ، ވެދެވަޑައިގެންނެވީ. އެހެންވީމާ، އެގޮތަށް މިކަންތައް މިދަނީ. ކުރިއަށްއޮތްތާނގައި ކޮންމެހެން ހުރިހާ ވަޒީރުންނަކީ ޑީ.އާރު.ޕީ ވަޒީރުންނަށް ވާކަށްނުވެސްޖެހޭ އިނގޭތޯ. އެއީ އެހެން ތަންތާނގައިވެސް އެބަހުރޭ ދޮގެއްތޯ، ކޯލިޝަން ސަރުކާރުތައް ހަދާފައި. ވަރަށް ގިނަ ޤައުމުތަކުގައި އެބަހުރޭ. އެއީވެސް ހަމަ ކުރެވިދާނެ ކަމެއް. އެހެންވީމާ، ވަކި ޑީ.އާރު.ޕީ.ގެ މެންބަރަކަށްވުމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށްވުމަށް އަޅުގަނޑު ކަނޑައަޅާފައި އޮތް ޝަރުޠެއް ނޫނޭ. މިވަގުތު އެހެން އޮތިއްޔޭ. އެކަމަކު މާދަމާވެސް، އަނެއްދުވަހުވެސް އެނޫންގޮތަކަށް ވެދާނެ.

އެހެންވީމާ، މިއީ، އެހެން އޮންނަ ކަމެއްނޫން. ޕާޓީއަކީ ޤައުމަށް ޚިދުމަތް ކުރުމަށްޓަކައި މިހާރު ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން ހިނގާ ކަމެއް. އެހެންވީމާ، ތަފާތު ޕާޓީތައް އެބައުޅޭ ދޮގެއްތޯ. އަޅުގަނޑުމެން ފުރަތަމަ ޕާޓީތައް އުފެއްދިއިރު، އެއްވެސް މީހަކު ހީނުކުރާހާ ގިނައިން މިހާރު ޕާޓީތައް އުފެދިފައި އެބަހުރި. އެއް ޕާޓީއެއް، ދެ ޕާޓީއެއްނޫން. ރާއްޖޭގައި މިހާރުވެސް ރަޖިސްޓްރީވެފައި ސިޔާސީ 10 ޕާޓީ އެބައޮތް. އަދި އިތުރު ޕާޓީތައްވެސް ރަޖިސްޓްރީ ވެދާނެ. އެއީ، ވަރަށްބޮޑު ރަނގަޅެއްހެން އަޅުގަނޑަށް ހީވަނީ. އެއީ ދިވެހިރައްޔިތުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުވެގެން މިދަނީ. އެހެންވީމާ، ޑީ.އާރު.ޕީ.ވިޔަސް، އެހެން ޕާޓީއެއްވިޔަސް، ހަމަ އެންމެ ރަނގަޅު ކަމެއް. އެވަގުތަކު އޮންނަ ސަރުކާރަކުން ސަރުކާރަށް ބޭނުންވާ މީހުން ހޮވުމުގައި، އެ ސަރުކާރަކަށް ބޭނުންވާ ގޮތަކަށް އެ ކަންތައްތައް ނިންމާނީ. ބައެއްފަހަރަށް ނިންމަފާނެ، މުޅިން ހަމަ އެއް ޕާޓީއަކުން ވެރިކަން ކުރަން، އެވަރުގެ އަޣްލަބިއްޔަތެއް އޮތިއްޔާ. އަނެއްބައިފަހަރަށް ނިންމަފާނެ، އިތުރު އެހެން ޕާޓީތަކާ ގުޅިގެން އިތުރު އަޣްލަބިއްޔަތު މަޖިލީހުގައި ހޯދަން. މި ހުރިހާ ކަމަކީވެސް ދީމުޤްރާޠީ ނިޒާމުތަކުގެ ތެރޭގައި ހިނގަމުންދާ ކަންތައްތައް. އެހެންވީމާ، އެކަންތައްތައް ރާއްޖޭގައިވެސް ހިނގަމުންދާނެ. އެހެންވީމާ، އެ ވާހަކަވެސް ހަމަ ތިޔަބޭފުޅުންގެ މަޢްލޫމާތަށްޓަކައި ދަންނަވާލީ. ވަރަށްބޮޑަށް ޝުކުރިއްޔާ.

والسّــلام عليكم.