ޢާންމު ޞިއްޙަތުގެ ހޭލުންތެރިކަމުން ފެށިގެން، ބޭސްފަރުވާގެ ކަންތައްވެސް ޝާމިލުވާ، ވަށައިޖެހިފައިވާ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ބިނާކުރުމުގައި، އެންމެން ގުޅިގެން އައު މަސައްކަތްތަކެއް ފެށުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ޙަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެހައި ދިވެހިންނަށް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ތިރީގައި އެވަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

"ދުނިޔޭގެ މިއަހަރުގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ، އެންމެހައި ޞިއްޙީ ޚިދްމަތްތެރީންނަށާއި ހުރިހާ މުވައްޒަފުންނަށްވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.
މި އަހަރަށް ކަނޑައަޅާފައިވާ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރުގެ ދަށުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް މިއަހަރު ބޮޑަށް އަމާޒުކުރެވިގެންދާނީ، [އިބްތިދާއީ ޞިއްޙީ ޚިދުމަތް] ފުޅާކުރުމުގެ މައްޗަށެވެ. އެއީ ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ކަންތައްތައް، ހަމަހަމަކަމާއެކު އެންމެންނަށް ފޯރުކޮށްދެވޭ ޚިދުމަތެކެވެ. ވަކި ޖިންސަކަށް، ޢުމުރަކަށް، ނަސްލަކަށް، ނުވަތަ އެ މީހަކު ނިސްބަތްވާ ތަނަކަށް ބަލައިގެން ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު އެންމެންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މުޅި ދުނިޔެވެސް މިއަދު ގަބޫލުކުރާގޮތުގައި، ފުރިހަމަ ޞިއްޙީ ޚިދުމަތަކީ، އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ލިބެންޖެހޭނެ އިންސާނީ ޙައްޤެކެވެ. މިއީ ދިވެހިރާއްޖެއިން މާކުރިއްސުރެ ޤަބޫލުކޮށް ނަގަހައްޓަމުން އައި އަސާސެކެވެ. އެހެންކަމުން، އިބްތިދާއީ ޞިއްޙީ ޚިދުމަތްތަކުގެ ތެރެއިން ގިނަ ޚިދުމަތްތައް، ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ މުޅިން ހިލެއެވެ. މައިންނާއި ޅަދަރީންނަށް ބޭނުންވާ ވެކްސިން ދިނުމާއި، މާބަނޑު ދުވަސްވަރުގެ ފަރުވާތައް ދެމުން އައީ މުޅިން ހިލެއެވެ.

ޑޮކްޓަރަށް ދެއްކުމާއި ބޭސް ބޭނުންކުރުމަކީ، ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ތެރޭގައި ހިމެނޭ، އެންމެފަހު ކަންތަކެވެ. ރަނގަޅު ޞިއްޙީ ނިޒާމެއްގެ އެންމެ ފުރަތަމަ މަރުޙަލާއަކީ، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމެވެ. އެކަން ޙާޞިލުކުރެވޭނީ، ޢާންމު ޞިއްޙަތާމެދު، އަދި އެއިރެއްގައި ފެތުރެމުންދާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކޮށްގެންނެވެ.
ބޮޑެތި ބަލިބައްޔަށް ފަރުވާކުރުމަށްޓަކައި ސަލާންޖެހުން ހުއްޓުވުމަކީ، މި ސަރުކާރުން އެންމެ އިސްކަންދޭ ޞިއްޙީ ސިޔާސަތެވެ. އެކަމަށްޓަކައި މި ސަރުކާރުން އަމާޒު ހިފާފައިވަނީ، ޞިއްޙީ ފަރުވާގެ ނިޒާމު ލާމަރުކަޒީކޮށް، އެމީހަކު ދިރިއުޅޭ ރަށަކުން، އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދިނުމަށެވެ. އެގޮތުން މިހާރުވަނީ، ޞިއްޙީ ޚިދުމަތްދޭ، ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގަޔަކުން ގުޅައިލެވިފައެވެ.

އެހެންކަމުން، ޢާންމު ޞިއްޙަތުގެ ހޭލުންތެރިކަމުން ފެށިގެން، ބޭސްފަރުވާގެ ކަންތައްވެސް ޝާމިލުވާ، ވަށައިޖެހިފައިވާ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ބިނާކުރުމުގައި، އެންމެން ގުޅިގެން އައު މަސައްކަތްތަކެއް ފެށުމަށް މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވައިލަމެވެ. ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ޙަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އެންމެހައި ދިވެހީންނަށް ފުރިހަމަ ޞިއްޙަތެއް ހޯދައިދިނުމަށް، އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި، މާތްﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤް ދެއްވުމެވެ. ދިވެހީންނަކީ، އެންމެހައި ނުރައްކާތެރި ބަލިތަކުން ސަލާމަތްވެފައިވާ، ބަޔަކު ކަމުގައި ލައްވައި، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން."