ތިރީގައި މިވަނީ އިއްޔެ ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ރޭ ރާޅުގަނޑު ސަރަޙައްދުގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅެވެ.

"بســم اللّـه الرّحمـن الرّحيــم

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ކުރަމެވެ. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަމެވެ.

މިއަދުގެ މި އިންތިޚާބުގައި ނުކުމެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަދި ޚާއްޞަކޮށް މި އިންތިޚާބުގައި އިސްލާޙަށް މަސައްކަތްކުރާ އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ކުރެއްވި ހުރިހާ މަސައްކަތެއް އަޅުގަނޑު ބަލައިގަންނަމެވެ.

މިއަދު ފެނިގެން މިދިޔައީ ނުފޫޒާ ބާރުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަނަށް ދިނުމުން އެއްވެސް ޝަކުވާއެއް ނެތި، އެއްވެސް މައްސަލައެއް ނުޖެހޭގޮތަށް މި ރާއްޖޭގައި އިންތިޚާބެއް ބޭއްވިގެން ދިޔަތަނެވެ. މިއަދަކު އަނގޮޓީގެ ޝަކުވާއެއް ނާދެއެވެ. މިއަދަކު ދެލި ފޮހޭ ގަލަމުގެ ޝަކުވާއެއްވެސް ނާދެއެވެ. މިއަދު ރައްޔިތުން ނިކުމެ ވޯޓު ދެއްވީ ހިތްހަމަޖެހިގެންނެވެ.

މި ކެމްޕެއިން ކުރިޔަށް ގެންދިޔުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ ބޭފުޅުންނަށް ޚާއްޞަކޮށް ކެމްޕެއިންގެ މެނޭޖަރަށާއި، އިސް ޓީމަށް އިޚްލާސްތެރިކަމާއެކު އަޅުގަނޑު ޝުކުރުއަދާކުރަމެވެ.

ރައްޔިތުން މިއަދު ނިންމެވި ނިންމެވުމަކީ 23 ސެޕްޓެމްބަރުގައި ތިބޭފުޅުން ނިންމެވި ނިންމެވުމާއެއްގޮތަށް އަދިވެސް ތިބޭފުޅުން ތިއްބެވިކަން އަނގައިދިނުމަށް ނިންމެވި ނިންމެވުމެކެވެ. ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާން ބޭނުން ނުވާކަން މިއަދު އަނެއްކާވެސް ތިބޭފުޅުން ހާމަކޮށްދީފިއެވެ.

މާލޭގެ މަގުތަކުގައާއި، އަދި އެހެން ނޫންވެސް ރަށްރަށުގެ މަގުތަކުގައި ގޮތްނޭނގޭ ގޮތަށް މީހުން މަރަމުން ގެންދިޔަ ގެންދިޔުން ތިބޭފުޅުން ބަލައެއްނުގަތެވެ. އަދި، އެކަންތައްތައް ބަލައި، އެކަން ކުރި ބަޔަކު އިންސާފުގެ މަގަށް ގެނައުމަށްޓަކައި މިސަރުކާރުން ކުރަމުންގެންދާ ކަންތައްތަކަށް މިއަދު އަނެއްކާވެސް ތިބޭފުޅުން ތިވިދާޅުވީ އާނ ބަހެވެ. އެކަން ކުރިޔަށް ގެންދާނަމެވެ.

އަދި މިއަދުގެ މި އިންތިޚާބު ކުރިޔަށް ގެންދިޔުމުގައި ޞުލްޙަ މަސަލަސް ބެލެހެއްޓުމުގައި ފުލުހުން އަދާކުރެއްވި ބުރަ މަސައްކަތަށާއި، އެމް.އެން.ޑީ.އެފް ތައްޔާރަށް ތިއްބެވި ތިއްބެވުމަށްޓަކައި އެ ދެ މުޢައްސަސާއަށް ވެސް އަޅުގަނޑު އިޚްލާސްތެރިކަމާއިއެކު ޝުކުރު އަދާކުރަމެވެ.

ރައްޔިތުން، ރައްޔިތުންގެ ވާޖިބު އަދާކުރައްވައިފިއެވެ. އެއީ ޝައްކެއް ނެތްކަމެކެވެ. 23 ސެޕްޓެންބަރުގައި ވެސް މިއަދުވެސް ތިބޭފުޅުން ތި ދެއްކެވީ އެ ނަމޫނާއެވެ. މިއަދު އޮތީ ތިބޭފުޅުން ތި އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އެ ފުރުޞަތު ދެއްވުމެވެ. އަޅުގަނޑު މިހުރީ ތިބޭފުޅުން ތި އެދިވަޑައިގެންނެވިގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކުރިޔަށް ދާން ތައްޔާރަށެވެ.

މިއަދު ތި ބޭފުޅުން ތި ހޮއްވެވި މެންބަރުނަކީ މި މަސައްކަތުގައި ސާބިތުވެ ތިއްބަވާނެ ބައެއްކަމުގައި އަޅުގަނޑު ހިތުގެ އަޑިން ޤަބޫލުކުރަމެވެ. ތިބޭފުޅުން ކޮރަޕްޓް ވެރިކަމަކަށް ނޫނެކޭ ބުނުއްވައިފިއެވެ. ތިބޭފުޅުން، ކިލަނބުވެފައި އޮތް ރައްޔިތުންގެ މަޖިލީހެއް، ޒިންމާދާރު މަޖިލީހަކަށް ހެދުމަށްޓަކައި މަސައްކަތްކުރައްވައިފިއެވެ. ދެން އޮތީ އަޅުގަނޑުމެންގެ ވާޖިބެވެ.

މިއަދު ތިބޭފުޅުން ތި ނިންމެވި ނިންމެވުމަކީ ހެޔޮ ވެރިކަމަކަށް ތިބޭފުޅުން ކުރާ އުއްމީދަށް ދަލީލެކެވެ. ތި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. މިއީ ޤައުމުގެ ރައްޔިތުން އެންމެން އެކީގައި މަސައްކަތްކުރަންވީ ވަގުތެވެ. އެއްވެސް މީހަކު ބާކީ ނުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމުގައި، އަޅުގަނޑުމެން މިތިބީ އެކީގައި މަސައްކަތްކުރާށެވެ.

އަޅުގަނޑުމެން ވެރިކަމަށް އައި ގޮތް އަޅުގަނޑު މިއަދަކުވެސް ހަނދާނެއް ނުނެތެއެވެ. ރައްޔިތުން އަޅުގަނޑު ހޮއްވެވީ ރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ. ރައްޔިތުން އެދުނު އެދުންތައް ތަންފީޒުކުރުމަށެވެ. އަޅުގަނޑު މިއަދުވެސް މިހުރީ މި ޓީމާއެކީގައި އެ މަސައްކަތްކުރުމަށް ތައްޔާރަށެވެ.

ކޮރަޕްޝަނާއި ވައްކަން މިދިޔަ ސަރުކާރުން ހިންގާފައި އޮތް މިންވަރު ބަލައި އެކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ކޮމިޝަން އިރާދަކުރެއްވިއްޔާ މި މަޖިލީހާއެކުގައި މަސައްކަތްކުރާތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. މަރާލެވިފައިވާ އަދި ގޮތްނޭނގޭގޮތައް ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އަޅުގަނޑު އެކުލަވައިލި ކޮމިޝަންގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި މަޖިލީހުގެ ތާޢީދާއެކީ އިތުރު ބާރުމިނެއްގައި ކުރިޔަށްދާނެއެވެ.

މިއަދު ނޫސްވެރިންގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތެވެ. ރައްޔިތުން އަޅުގަނޑުމެންނާއި، ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާ މި ހަވާލުކުރެއްވި މަސައްކަތް ކުރަމުންގެންދަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އަދާކުރައްވަންޖެހޭނެ ބަޔަކީ ނޫސްވެރިންނެވެ. ފާރަވެރިވެ، ސަރުކާރުން އެންމެ ކަމެއް ގޯސްކޮށްކުރި ނަމަވެސް ހާމަކުރައްވާށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ފައިސާގައި ޖެހިއްޖެކަމަށް ވަނީ ނަމަ ހާމަކުރައްވާށެވެ. މަޑުން ނުތިއްބަވައްޗެވެ. އަޅުގަނޑު މިހުރީ ފިޔަވަޅުއަޅަން ތައްޔާރަށެވެ.

މި ސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެއެވެ. އެކަން ކުރުމަށް ހިތުލައިގެން ހުންނެވި ބޭފުޅެއް ވެއްޖެއްޔާ މިވަގުތު ޖެހޭނީ ސަރުކާރާ ދުރަށް ޖެހިވަޑައިގަންނަވާށެވެ. ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުމާއި އެއްގޮތަށް މަސައްކަތްކުރަން ބޭނުން ނުވާ މީހަކަށް މިސަރުކާރަކު ޖާގައެއް ނޯންނާނެއެވެ.

މި ސަރުކާރުގައި ތިބެންވާނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ. އަމިއްލަ އެދުމަކަށް މަސައްކަތްކުރުމުގެ ޖާގައެއް ހަމަ ހިލާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުދޭނަމެވެ.

އަދިވެސް އެއްފަހަރު ތި ހުރިހާ ބޭފުޅުންނަށް ވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

والسّلام عليــكم ورحـمــة اللّـه وبـركاتـه."