ހާމަކަމާއެކު ދެފުށް ފެންނަ އުސޫލުން ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބިޑް ކުރެވޭ ގޮތަށް ބިޑް ކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއެކު ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ އަގުތައް 50 އިންސައްތައަށް ކުޑަވެގެންދިޔަތަން ފެންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީގެ ކުރިން ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް 70 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިހާރު ހަމަ އެފަދަ މަޝްރޫޢުތަކަށް ހުށަހަޅަނީ 27 މިލިއަން ރުފިޔާކަން ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ޚިޔާލު ބައިވެރި ކުރެވޭނެ ގޮތްތަކެއް ހޯދައި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ދެފުށް ފެންނަ އަދި ވާދަވެރި އުސޫލުތަކެއްގެ މަތިން އަމަލު ކުރެވޭނެ ގޮތްތަކެއް ފަހި ކޮށްދެއްވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.

މިގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ސަރުކާރުންވަނީ "ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު" ކަނޑައަޅުއްވައި އެއަށް އަމަލު ކުރައްވަން ފައްޓަވައިފައެވެ. މި އުސޫލުގައި ބަޔާންކުރާ ގޮތުން، މަޝްރޫޢަކަށް ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކާއެކު ސީދާ މަޝްވަރާއަށް ދިއުމަށް ހުއްދަ ދީފައިވާ ޕްރޮޕޯޒަލްތަކާއި، އެއްބަސްވުމާ ހަމައަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓްގައި ޝާއިޢު ކުރާނެއެވެ. މި އުސޫލުގެ ދަށުން ހާމަކުރާ މަޢުލޫމާތުގެ ތެރޭގައި، ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މަޢުލޫމާތާއި، ހުށަހަޅާފައިވާ ޕްރޮޕޯޒަލްގެ ސްކޯޕް ހިމެނޭނެއެވެ.