بســم اللّـه الرّحمـن الرّحيــم

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޤާސިމް އިބްރާހީމް، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، ފުލުހުންގެ އިސް އޮފިސަރުން، އެހެނިހެން ރޭންކްތަކުގެ ހުރިހާ އޮފިސަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

ފުލުހުންގެ މި އުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ފުލުހުންގެ ހުރިހާ ރޭންކްތަކެއްގެ ޚިދުމަތްތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.


ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، ދިވެހި ފުލުހުންގެ ޚިދުމަތް މިއަދާ ހަމަޔަށް ގެނެސްދެއްވުމުގައި މަސައްކަތް ކުރެއްވި، ކުރީގެ ހުރިހާ ފުލުހުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މި ރަސްމިއްޔާތު ފެށިގެން އެދިޔައީ، ފުލުހުންގެ ޚިދުމަތެއް އޮތުމުގެ މަޤްޞަދާއި ބޭނުން، އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސްދެމުން. އެއީ ރައްޔިތުންނަށް ޚިދުމަތް ކުރުން. އެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ދެންމެ ހަނދާނީ ފިލަޔާއި، ޚިދުމަތުގެ ކުލަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، އެބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރަމުން، އިޚްލާޞްތެރިކަމާއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވަން.

ދިވެހި ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުނު ކަމުގައިވިޔަސް، މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޙަރަކާތްތައް ހިނގަން ފެށިތާ މިވީ އަދި އެންމެ 15 އަހަރު. ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ބައެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތްތައް ވިލަރެސް ކުރެވި، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ފުލުހުންގެ ޚިދުމަތް މިހާރުވަނީ ޤާއިމުކުރެވިފައި.

އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް، އަދި ރައްޔިތުން އެންމެ އެދޭގޮތަށް، ފުލުހުންގެ ޚިދުމަތްތައް، ހުރިހާ ރަށެއްގައި ފޯރުކޮށްދެވޭކަށް އަދި ނުފެށޭ. އެކަން މިހާތަނަށް ހާސިލުނުވެ އޮތީ ވަރަށްގިނަ ހުރަސްތަކާއި، ވަރަށްގިނަ ގޮންޖެހުންތަކެއްވެސް ހުރީމާ.

ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ އިތުރުން، އެކަށީގެންވާ މިންވަރަށް، އިންސާނީ ވަސީލަތްތައްވެސް ތަރައްޤީ ކުރެވިފައި ނެތުމުން. އެހެންނަމަވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ފުހުހުން އަންނަނީ ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުންކަން އަޅުގަނޑު ފާހަގަކުރަން.

މިއީ އެތައް ސަތޭކަ ރަށެއްގައި މީހުން ދިރިއުޅޭ ޖަޒީރާއެއް. އެހެންކަމުން، ކޮންމެ ރަށެއްގައި ފުލުހުން ބައިތިއްބައިގެން ޚިދުމަތް ދިނުމަކީ، އެހާ ފަސޭހަ ކަމެއްނޫން. އެހެންނަމަވެސް، އެ ރަށްރަށުގައި ފުލުހުން ތިބުމަށް ރައްޔިތުން ބޭނުންވާ މިންވަރު، މިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރޭގަޔާއި، މިހާރު ރަށްރަށަށް ކުރަމުންމިދާ ދަތުރުތަކުން އަޅުގަނޑަށް އެނގޭ.

ފުލުހުންނަކީ ވަޒީފާއެއް އަދާކުރުމަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ތިބޭ ބައެއް. އަޅުގަނޑުމެން ކޮންމެ މީހަކަށް، އެއްވެސް ފިކުރެއް ވިސްނުމެއްނެތި، އެމީހެއްގެ ދިރިއުޅުމާއިގެން ކުރިއަށް މި ދެވެނީ ފުލުހުން ރެޔާއި ދުވާލު ހޭލައި ތިބެ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭތީ.

ނަމަވެސް، މުޖްތަމަޢުގެ އަމާންކަން ފުރިހަމަގޮތުގައި ދެމެހެއްޓޭނީ، ކުށް ކުރުމުން، ކުށްވެރިޔާ ހައްޔަރު ކުރަން ތިބުމުގެ ބަދަލުގައި، ކުށެއް ކުރުމުގެ ކުރިން ކުށްވެރިޔާ ހުއްޓުވައި، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކޮށްގެން. ކުށަށް އަރައިގަތުމަށް މަގުފަހިވާ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވައިގެން.

ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމާއި، ޤާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމަކީ، ފުލުހުންގެ އިތުބާރު ގެއްލޭ މައިގަނޑު ސަބަބުތައް. އެކަންކަމުގެ ސަބަބުން މިދިޔަ އަހަރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި، މި މުއައްސަސާގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެ އިތުބާރު ގެއްލިފައި.

ނަމަވެސް، މި ފަހަކަށްއައިސް ފުލުހުން ސާބިތުކޮށްދެމުންދާ ޕްރޮފެޝަނަލިޒަމާއި، ޤައުމީ މަޞްލަޙަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން، އެ އިތުބާރު އަލުން އަނބުރާ ފުލުހުންނަށް ލިބެން ފަށާފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އަދި އަޅުގަނޑުގެ ވެރިކަމުގެ މި ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި، އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ، އަޅުގަނޑު މިއަދު ފާހަގަކުރަން. އެކަމަށްޓަކައި ތިޔަ ހުރިހާ ފުލުހުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.

ފުލުހުންގެ މުއައްސަސާ އިޞްލާޙު ކުރުމުގެ މަސައްކަތް، މި ވެރިކަމުގެ ފުރަތަމަ ދުވަހާއެކު އަޅުގަނޑުމެން ފަށައިފިން. ވެރިކަމުގެ މަސައްކަތު 100 ދުވަހުގެ ތެރޭގައި، ފުލުހުންނާ ގުޅޭގޮތުން ކުރުމަށް އަޅުގަނޑުމެން ކަނޑައެޅި ހުރިހާ ކަމެއް ފުރިހަމަކުރެވިފައިވާކަން އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރަން.

މިދިޔަ ހަފްތާގައި ނިމިގެންދިޔަ ފުލުހުންގެ މަހާސިންތާއަކީ، އޭގެތެރެއިން ވަރަށް މުހިއްމު ބައެއް. އޭގެއިތުރުން، އެންވަޔަރަންމަންޓް ޕޮލިސް ޤާއިމުކޮށް، އަމަން ބެލެހެއްޓުމާއި، ޓްރެފިކް ބެލެހެއްޓުމުގެ ކަންތައްވެސް ހަރުދަނާ ކުރެވިފައިވާކަން އަޅުގަނޑު ފާހަގަކުރަން.

މިހާ ކުރު މުއްދަތެއްގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން، އެކަންކަން ފުރިހަމަކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށާއި، ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ ހުރިހާ މެންބަރުންނަށާއި، މުޅި ފުލުހުންގެ އިދާރާއަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

ފުލުހުންގެ މުއައްސަސާ އިޞްލާޙު ކުރުމުގެ މަހާސިންތާގައި، ޢާންމުން ބައިވެރިކުރަން އަޅުގަނޑުމެން ނިންމީ، ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންނާ އެންމެ ގާތުން ދެވޭ ޚިދުމަތަކަށް ހެދުމުގެ މަޤްޞަދުގައި. ޢާންމުންގެ ފަރާތުން މި މަހާސިންތާގައި 737 ޚިޔާލު ލިބިފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

މިރޭ މި އިފްތިތާޙުކުރި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނަކީ، ފުލުހުންގެ މަހާސިންތާގައި، ރައްޔިތުންނާއި ފުލުހުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި އެކަށައަޅާފައިވާ ފަސް އަހަރުގެ ޕްލޭނެއް. ފުލުހުން ރަނގަޅު ކުރަންވީ ކަންކަމުގެ ތެރެއިން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، އިސްކަންދޭނެ ފަސް ކަމެއްވެސް، މި ޕްލޭންގައި ވަނީ ކަނޑައެޅިފައި.

ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވެސް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުރުމަށް އެންމެބޮޑު އިސްކަމެއް ދީފައިވާ ކަމަކީ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު އިތުބާރާއި ޔަޤީންކަން އުފެއްދުން. އެކަން ހާސިލު ކުރެވުމުން، މީހުން ކުށްތަކަށް އަރައިގަތުން މަދުވެ، ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ.

ފުލުހުންގެ މުއައްސަސާ އިޞްލާޙު ކުރުމަކީ، ދެތިން ދުވަހަކަށް ބާއްވާ މަހާސިންތާއަކުން ކުރެވޭނެ ކަމެއް ނޫން. އެއީ ދެމެހެއްޓެނިވި ގޮތެއްގައި، އަބަދުވެސް ކުރަމުން ދާންޖެހޭނެ ކަމެއް. ހަމައެއާއެކު، ފުލުހުންގެ ޚިދުމަތަށް އިތުރު މީހުން ވެއްދުމާއި، ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރާނެ ކަމެއް.

ފުލުހުންނަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި ޚިދުމަތްދޭ ބަޔަކަށްވާނަމަ، ކޮންމެ ފުލުހެއްގެ މޫނުމަތިން، ރައްޔިތުންނަށް ފެންނަންވާނީ، ހިނިތުންވުމާއި އުފާވެރިކަން. ފުލުހަކާ ބައްދަލުވާހިނދު، ރައްޔިތު މީހާއަށް ކުރެވެންވާނީ، އަމާންކަމާއި ބިރެއް ނެތްކަމުގެ އިޙްސާސް. ރައްޔިތުންގެ ހިތްތަކުގައި، ފުލުހުންނަށް އިޙްތިރާމާއި ލޯބި އުފެދެން ފަށާނީ، މި ދެންނެވި އިތުބާރު އުފެދިގެން.

ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ނެތްކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެހެންނަމަވެސް، ދައުލަތުގެ ބަޖެޓުން މިހާރުވެސް އެންމެބޮޑު އިންވެސްޓެއް ކުރެވޭ އެއް ބަޔަކީ ފުލުހުން. އެހެންވީމާ، ފުލުހުންގެ ފަރާތުން ނަތީޖާ ފެންނަންވާނެ. އެއީ ހަމަޖެހިގެން އުޅެވޭނެ އަމާން މާޙައުލެއް ޤާއިމުވުން.

މިދިޔަ އަހަރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ ތަޞައްވުރު އޮތީ، ވަރަށް ބިރުވެރި ސިފައެއްގައި. ނަމަވެސް، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވުމަށްފަހު، ދިވެހި ފުލުހުންގެ ޚިދުމަތަށް ގެނައި ހެޔޮ ބަދަލުތަކުގެ ނަތީޖާ، މިހާރުވެސް ފެންނަން ފަށައިފި. ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހެޔޮ އަސަރު، މުޖްތަމަޢުން މިހާރު އަންނަނީ ފެންނަމުން.

ރައްޔިތުންގެ އެންމެބޮޑު ޝަކުވާއަކީ ޢަދުލު އިންޞާފު ނުލިބުން. ޢަދުލު އިންޞާފަށް ވާސިލުވުމުގެ އެންމެ ފުރަތަމަ މަރްޙަލާއަކީ ފުލުހުންގެ ތަޙުޤީޤު. އެހެންވީމާ، ފުލުހުންގެ ތަޙުޤީޤުތައް، މިހާރަށްވުރެ އެތައް ގުނައެއް އަވަސްކުރަންޖެހޭ. އަދި ފުލުހުންގެ ތަޙުޤީޤު ބިނާކުރަންވާނީ، ކުށްވެރިޔާއަށް ސަލާމަތް ނުވެވޭނެގޮތަށް، އަދި ކުށް ނުކުރާ މީހާ ޖަލަށް ވަންނަން ނުޖެހޭގޮތަށް.

ރައްޔިތުންނަށް ކުރިމަތިވާ ކޮންމެފަދަ ހާދިސާއެއްގައިވެސް، ރައްޔިތުންނާ އެންމެ ފުރަތަމަ ބައްދަލުކުރާ ބަޔަކީ ތިޔަ ފުލުހުން. ކިތަންމެ އުނދަގޫ ޙާލަތެއްގައިވިޔަސް، ޖަޒްބާތުގައި ނުޖެހި، ރީތި ބަސްމަގުން މުޢާމަލާތު ކުރުމަކީ، ޕޮލިސް ޕްރޮފެޝަނަލިޒަމްގެ އެންމެމަތީ މިންގަނޑު. ފުލުހުންގެ ފަރާތުން ފެންނަންވާނީ އޯގާތެރިކަމާއި އެކުވެރިކަމުގެ ސިފަ.

ޤައުމުގެ ދާޚިލީ ހަމަޖެހުމާއި އަމަންއަމާންކަން ބިނާވެފައި އޮންނާނީ، އެ ޤައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް. ދިވެހި ފުލުހުންނަކީ އަބަދުވެސް ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްހިތާ، ޤާނޫނީ އިމުގެ ތެރޭގައި، އެންމެމަތީ ފެންވަރުގެ ޚިދުމަތްދޭ ބަޔަކަށް ހެދުމަކީ، އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް.

މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑު ވެރިކަން ކުރަމުންދާނީ، ޤާނޫނީ އިމުގެ ތެރެއިން އެންމެ ފުރިހަމަ މިނިވަންކަމާއެކު، އަމަންއަމާންކަން ޤާއިމުކުރުމުގެ ފުރިހަމަ އިޚްތިޔާރު، ފުލުހުންނަށް ދީގެން. މި ވެރިކަމުގައި، ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއް ކަމުގެ ޔަޤީންކަން، ތިޔަ ހުރިހާ ފުލުހުންނަށާއި، ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

އެހެންވީމާ، ހުރިހާ ފުލުހުންވެސް، ތެދުވެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތް ކުރައްވަންވީ، ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށް. ތަރައްޤީ ހަލުވިވެ، އިޤްތިޞާދު ކުރިއަރައިދިޔުމަށްވެސް ބޭނުންވާ އެންމެ މުހިއްމު ކަމަކީ، ޤައުމުގެ ހަމަޖެހުމާއި އަމާންކަން.

ތިޔަ ހުރިހާ ފުލުހުންވެސް، މިރެއިން ފެށިގެން މުޅިން އައު ޢަޒުމެއް ކަނޑައަޅުއްވަން ވެއްޖެ. ތިޔަ ފުލުހުންގެ މޭމަތީގައި ހަރުކޮށްލެވޭ އެންމެ ވިދުންގަދަ މެޑެލް ކަމުގައި ހައްދަވަންވީ، ތިޔަ ފުލުހުންނާމެދު ރައްޔިތުންގެ ހިތުގައި އުފެދޭ އިތުބާރާއި ޔަޤީންކަން. ތިޔަ ފުލުހުންނަށް ލިބޭ އެންމެ އުޖާލާ ކުލަ ކަމުގައި ހައްދަވަންވީ، ތިޔަ ފުލުހުންނާ ބައްދަލުކުރާއިރު، ރައްޔިތުންގެ މޫނުމައްޗަށް ވެރިވާ އުފާވެރިކަމާއި ހިނިތުންވުން.

ފުލުހުންނާއި ރައްޔިތުންނަކީ އެއް ޢާއިލާއެއް. ޢާއިލާގެ މެންބަރުން، އެކަކު އަނެކަކާ މުޢާމަލާތްކޮށް އުޅެންވާނީ، ހިތްހެޔޮކަމާއި އުފާވެރިކަމާއި އޯގާތެރިކަމާއެކު. ރައްޔިތުންގެ އެންމެ ގާތް އެކުވެރިންނަކީވެސް ފުލުހުން. ރައްޔިތުންނަށް ދިމާވާ ކޮންމެ ދަތިކަމަކީ، ފުލުހުންނަށް ދިމާވާ ކަންބޮޑުވުމަކަށް ވާންޖެހޭނެ. ފުލުހުންނަށް ލިބޭ އުފަލަކަށް ވާންޖެހޭނީ، ރައްޔިތުންގެ ހިތްހަމަޖެހުން.

ދިވެހި ފުލުހުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ، ފާގަތިކަމާއި ކުރިއެރުން. އަޅުގަނޑުގެ ދުޢާއަކީ، މި ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަވެރިކަން ޤާއިމުކުރުމުގެ ޤާބިލުކަމާއި، ހިތްވަރާއި ފަންވަރު، ދިވެހި ފުލުހުންނަށް މާތްﷲ މިންވަރު ކުރެއްވުން. މި ރާއްޖޭގައި ހަމަޖެހުމާއި އުފާވެރިކަން ދަމަހައްޓަވައި، ތަރައްޤީއާއި ކާމިޔާބީ ހާސިލު ކުރުމުގެ ހެޔޮ ތައުފީޤް ދެއްވާށި! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.