ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ‏ރައީސް އެމް.ޑީ. ޢަބްދުލްޙާމިދަށާއި، ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

‏ރައީސުލްޖުމްހޫރިއްޔާ މި ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ހޫނު މަރްޙަބާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައި ވެއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ދެޤައުމުން ބަލައިގަންނަ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ، ޘަޤާފީ ގުޅުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް އެކުވެރި ގުޅުމާއި، އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުންދިނުން ކުރިއަށް އޮތް އަހަރުތަކުގައިވެސް ‏‏މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 26 މާރިޗު 1971 އެވެ.