ޕާކިސްތާނުގެ ޖުމްހޫރީދުވަސް، "ޕާކިސްތާން ޑޭ" ގެ މުނާސަބަތުގައި، އެޤައުމުގެ ‏ރައީސް ޢާރިފް އަލްވީއަށާއި، ބޮޑުވަޒީރު އިމްރާން އަޙްމަދު ޚާން ނިއާޒީއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

‏ރައީސުލްޖުމްހޫރިއްޔާ، އެބޭބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، "ޕާކިސްތާން ޑޭ" ގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން ބަދަހިވުމުގެ ސިއްރަކީ ދެ ޤައުމުންވެސް އެއްގޮތް ސިޔާސަތުތަކެއް ގެންގުޅޭތީ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުން ‏‏އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏ވިދާޅުވެފައިވެއެވެ.‏

ޕާކިސްތާން ޑޭ ފާހަގަކުރަނީ، 23 މާރިޗު 1940 ގައި ފާސްކުރި "ލާހޯރ ރެޒޮލިއުޝަން" ޤަރާރާއި ގުޅިގެން، 23 މާރިޗު 1956 ގައި ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.