ނިއުޒިލޭންޑްގެ ކްރިސްޓްޗަރޗް ސިޓީގެ ދެ މިސްކިތަކަށް ޓެރެރިސްޓުން ދިން ހަމަލާއާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑަރ އާޑާންއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ޓެރެރިސްޓް ހަމަލާގެ ސަބަބުން ކުށެއްނެތް އެތައްބަޔެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ޒަހަމްވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.

ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެވަޑައިގެން ނިއުޒިލޭންޑް ސަރުކާރަށާއި، އެޤައުމުގެ އުޚުވަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.