އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރު ގެ ޕުލްވަމާގައި، ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްގެ އުޅަނދަކަށް ދިން ޓެރަރިސްޓް ހަމަލާގައި 40 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިޙާދިޘާގައި މަރުވި އެންމެންގެ ޢާއިލާތަކަށާއި އަނިޔާ ލިބިފައިވާ ފަރާތްކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ. އަދި، ޓެރަރިޒަމާ ދެކޮޅަށް ދުނިޔޭގައި ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް، އިންޑިއާ އާ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއިއެކު މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.