ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިޞްރާބު ކުރެވިފައި މިވަނީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުމަށާއި، ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީބަޔާން އިއްވަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ރާވައިގެން ހިންގާ ކުށްތަކާއި މާރާމާރީތަކުގެ ސަބަބުން، ޢާންމު ދިރިއުޅުންވަނީ ނުރައްކަލަށް ހުށަހެޅިފައިކަމަށާއި ރައްޔިތުން އެދޭފަދަ ހިތްފަސޭހަ، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތަށް، ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން، މުޅިން އަލަށް ނެއިބަރހުޑް ޕޮލިސް ތަޢާރުފުކޮށް، މިއަހަރުގެ ތެރޭގައި އަތޮޅުތަކަށްވެސް އެ ޚިދުމަތް ލިބެން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

"ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ އަސާސީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ، އަޅުގަނޑު ޤަބޫލުކުރާ ހަމައެއް ނޫން. ޤައިދީންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން، އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުން ދާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ކަމުގައެވެ. އެގޮތުން ސަރުކާރުގެ ވަޢުދާ އެއްގޮތަށް، ޕެންޝަން ފަންޑުން ފަރްޟު ޙައްޖުވުމަށް އެދޭ ފަރާތްތަކަށް، އެކަން ކުރުމުގެ ފުރުޞަތު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި އޮތް ބިލް ފާސްވުމާއެކު، ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތުކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިއަންނަ އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.

"މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، ގުދަން ކުރުމާއި ލޮޖިސްޓިކް ޚިދުމަތްތައް ހިމެނޭ ގޮތަށް، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ. މިބަދަލުތައް އައުމުން، މާލޭގައި ހުރި ގުދަންތަކާއި، ޞިނާޢީ މަސައްކަތް ކުރާ ގިނަ ތަންތަން މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންސާނާގެ ޙަޤީޤީ ތަރައްޤީ ބިނާވެފައިވަނީ، އޭނާގެ ހަށިހެޔޮކަމާއި ޞިއްޙަތުގެ ދުޅަހެޔޮކަމާއި ބުއްދީގެ ޤާބިލުކަމުގެ މައްޗަށް ކަމުގައެވެ. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ، މެއި މަހުގެ 31 ވަނަ ދުވަހު ޢަމަލުކުރަން ފެށުމުން، ވަކިވަކިން ބިޑި، ސިނގިރޭޓް އަދި ސުއްޓާ ވިއްކުން މަނާވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ "ސީރަމް ފްރިޓީން" ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށެވެ. މީގެއިތުރުން ރާއްޖޭގައި އިތުރުވަމުން އަންނަ "ސަރވިކަލް ކެންސަރ" ބަލި ޖެހޭ އަންހެނުންގެ ޢަދަދު މަދުކުރުމަށްޓަކައި، ނުވަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ އަންހެން ކުދީންނަށް، އެޗް.ޕީ.ވީ ވެކްސިން މިއަހަރުގެ ތެރޭގައި ދޭން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

"އަދި އަޅުގަނޑުމެން ވަޢުދުވެފައިވާ ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް އުފައްދާ "ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ"، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޤާއިމުކުރެވި، އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައެވެ. މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ޤާއިމުކުރަމުން އަނަން ކަމަށާއި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލްވެސް މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ، އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށްވެސް، އެ ޤައުމުތަކުގެ ކަނޑައެޅޭ ވަކި ހޮސްޕިޓަލްތަކަކުން އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ އިދާރާތަކުން މިހާރު އަންނަނީ ކުރަމުން. މިއާއެކު، ލަންކާގައި ދިރިއުޅޭ ދިވެހީންނަށް، އަންނަ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބެން ފަށާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ޢުމުރުން ދުވަސްވެ، އަޅައިލާނެ ފަރާތެއްނެތި އެކަނި ދިރިއުޅެމުން އަންނަ މީހުންނަށް، ދައުލަތުގެ ފަރާތުން ހިޔާވަހިކަމެއް، ނުވަތަ އެލްޑަރލީ ހޯމްއެއް ހަމަޖައްސައިދިނުމަށްވެސް، މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. 

"ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ސިޔާސަތުގެ ދަށުން، ސިވިލް ސަރވިސް އޮނިގަނޑަށް މިހާރުވާނީ ސްޕޯޓްސް ކައުންސިލަރުންގެ ނަމުގައި 200 މަޤާމު އަލަށް އިތުރު ކޮށްފައި. އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ދޭ އެލަވަންސް އެއްހަމަކޮށް، ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނަށްވެސް، އެލަވަންސް ދޭގޮތަށް މިހާރު ވާނީ ހަމަޖައްސާފައި." ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި ޖުމްލަ 18 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާ އެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރު މައިދާންތަކުން، ރަންވަނަތަކަށް އުންމީދުކުރާ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

"ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. އަދި މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި އެ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، މިޤައުމުގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރަށްރަށުގެ ޤުދުރަތީ ވެށި ޙިމާޔަތްކުރުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެން މި ސަރުކާރުން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ނަން އަނެއްކާވެސް ތިމާވެށީގެ ލީޑަރެއްގެ ގޮތުގައި ފަވާލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި އިތުރު 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވޭނެކަމުގައި ވިދާޅުވިއެވެ. 

"ބޯހިޔާވަހިކަމުގެ މައްސަލައަށް، ޢަދުލުވެރި އަދި އިތުބާރު ހިފޭ ޙައްލެއް ހޯދުމަށްޓަކައި، "ހައުސިންގ ނީޑް އެސެސްމަންޓެއް" ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެކަމަށާއި އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެއަކީ ހިނގާބިނގާވާ މީހުންނަށްވެސް، އަމާން ތަނަކަށް ހެދުމުގެ ގޮތުން، މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށްޓަވާފައިވަ ކަމުގައެވެ. އެކަމަށް ބޭނުންކުރުމަށް ނިންމާފައިވަނީ ތިމާވެށްޓާ ރަޙްމަތްތެރި މިނީ ބަސް ކަމަށާއި އެ ގޮތުން މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނުހެދުމަށް މި ސަރުކާރުން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔަ ވިދާޅުވިއެވެ.