ރާއްޖޭގައި މުދަލާއި ޚިދްމަތުގެ އަގު މަތިވަމުންދާ ނިސްބަތް، ވަރަށްބޮޑުތަން ދަށްކުރެވިފައިވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ އެކިކަންކަމާ ގުޅޭގޮތުން މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ އަހަރުގެ މިދުވަސްވަރު އަގުތައްހުރި މިންވަރާ އަޅާބަލާއިރު، އިންފްލޭޝަން މިވަނީ 12.06 ޕަސެންޓުން 10.38 ޕަސެންޓަށް ދަށްވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި، ސަރުކާރުގެ މާލީ ސިޔާސަތުގެ އެންމެބޮޑު އެއް އަމާޒަކީ އަދި މިޞްރާބަކީ މުދަލާއި ޚިދްމަތުގެ އަގު ދަށްކުރެއްވުމެވެ. އަހަރު ނިމޭއިރު އިންފްލޭޝަން މިހާރު ހުރި މިންވަރު އިރާދަކުރެއްވިއްޔާ ދެބައިކުޅަ އެއްބަޔަށް ދަށްވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތަށް ގެންނަވަން ޤަޞްދު ކުރައްވާ ބައެއް ބަދަލުތައްވެސް ހާމަކުރެއްވިއެވެ. އެގޮތުން، މަހުގެ އަގު ކޮންމެ ހަމަސްދުވަހަކުން ބަދަލުކުރެއްވުމުގެ ބަދަލުގައި، ކޮންމެ ހަފްތާއަކު އެއްފަހަރު މަހުގެ ފްލޯ ޕްރައިޒް ނުވަތަ ވިއްކަން ފަށާއަގު ކަނޑައަޅުއްވަން ސަރުކާރުން ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

މަސްވެރިންނަށް ލިބޭ އަގު ދަށްވުމުގައި ދިމާވެފައިވާ އެންމެބޮޑު އެއްސަބަބަކީ، ރާއްޖޭގެ މަސްވެރިންގެ އަތުން މަސް ގަތުމުގައި، ވިޔަފާރީގެ ފުރިހަމަ ވާދަވެރިކަން، އެ ޞިނާޢަތުގެ ތެރެއަށް ގެނެވިފައި ނުވުން ކަމުގައި ވިދާޅުވިއެވެ. އަދި މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް އިތުރު ފަރާތްތައް ގެނެވޭނެ މަގެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ދާދި އަވަހަށް ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިގޮތަށް ހަމަޖެހުނީމާ، ބައިނަލްއަޤްވާމީ މާކެޓްގައި މަހުގެ އަގު ހުރި މިންވަރާ ގާތް އަގަކަށް ރާއްޖޭގައިވެސް މަސްވެރިންނަށް މަހުގެ އަގު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމަށް މިހާރު އަންނަމުންދާ ބައެއް ބަދަލުގެ މައްޗަށްވެސް ރައީސް ނަޝީދު ބައްލަވާލެއްވިއެވެ. ރާއްޖޭގެ އިޤްތިޞާދަށް މި އައި ހީނަރު ކަމުގައި ރާއްޖޭގެ ޓޫރިޒަމްގެ ޚާއްޞަކޮށް، އަޕް މާކެޓް ރިޒޯޓްތަކަށް ޓޫރިސްޓުން އަންނަ ޢަދަދަށް މާބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށާއި، އެހެން ނަމަވެސް، މެދު މާކެޓް ރިޒޯޓްތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް، އެބަދަލަކީވެސް އެހާ ބޮޑު ތަނުން ފަރަޤުވަމުންދިޔަ ބަދަލަކަށްނުވާ ކަމަށާއި، އެކަމުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ޕްރެސް ކޮންފަރެންސްގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް ބައިވެރިވެވަޑައިގެން، ރާއްޖޭގައި މަސްތުވާތަކެތީގެ ޙާލަތު މިހާރު އޮތް ގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ. މަހެއްގެ މައްޗަށް އެންމެ މަދުވެގެންވެސް ފަނަރަވަރަކަށް ކިލޯގެ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން ގިނަބަޔަކު އަތުލައިގަނެވިފައިނުވާ ކަމަށް ވިދާޅުވެ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލް އުފައްދަވައި، އެ ކައުންސިލްގެ ބެއްލެވުމުގެ ދަށުން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާކޮށް ހިންގެވުމަށް މިހާރު ރާއްވަވަމުން ގެންދަވާ ކަމަށާއި، ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި މަދުކުރުމަށްޓަކައި އަދި އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ޕޯޓުތަކުގެ ސަލާމަތީ ކަންތައްތައް ރަނގަޅު ކުރެއްވުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމުގައި ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމްވެސް ބައިވެރިވެވަޑައިގެން، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.