އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ރޮބަޓް ބްލޭކް ޖޫނިއަރ، ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ރަނގަޅު ގުޅުމެއްކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުގައި މިގުޅުން ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވިއެވެ.

އެމެރިކާ ސަފީރު މިސްޓަރ ރޮބަޓް ބްލޭކް ޖޫނިއަރގެ ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލައާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރި ކުރުމުގެ ކަންތަކުގައި، އެމެރިކާ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބެމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް މިހާރު ތަޢާރުފު ކުރެވިފައިވާ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، މިކަމުގައި ހުރިހާ ޕާޓީއެއްގެ އެއްބާރުލެއްވުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީތެރިކަމާއި، ރާއްޖެއަށް ބޭނުންވާ މުހިންމު ކަންކަމުގައި ވެދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި، އެމެރިކާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އެމެރިކާ ސަރުކާރުގެ، އަދި ވަކިން ޚާއްޞަކޮށް އެމެރިކާ ސަފީރުގެ ފަރާތްޕުޅުން ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބުނުކަމަށް ވިދާޅުވެ، އެމެރިކާ ސަރުކާރަށާއި އެމެރިކާ ސަފީރަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އޭޝިއަން އެފެއަރޒްގެ މަގާމަށް މިސްޓަރ ރޮބަޓް ބްލޭކްގެ ނަން އެމެރިކާ ސަރުކާރުން ހުށަހަޅުއްވާފައިވާތީ، އެކަމަށް މިސްޓަރ ބްލޭކަށް މަރްޙަބާ ވިދާޅުވިއެވެ. އަދި އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މިސްޓަރ ބްލޭކް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައިވެސް ސަފީރު ބްލޭކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.