އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ރޮބަރޓް ބްލޭކް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އައިސްފައިމިވާ ޑިމޮކްރެޓިކް ހެޔޮ ބަދަލު ގެނައުމުގައި މިސްޓަރ ބްލޭކް ދެއްވި އެހީތެރިކަމާއި، އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، އެކަމަށްޓަކައި މިސްޓަރ ބްލޭކަށް ނައިބު ރައީސް ޑޮކްޓަރ ވަޙީދު ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންނާއި ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެދުމުގައި މިހާރު ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ނައިބު ރައީސް ޑޮކްޓަރ ވަޙީދު، އެމެރިކާ ސަފީރަށް ދެއްވިއެވެ. އަދި މިރޮނގުން އެމެރިކާއިން، އިތުރު އެހީ ހޯއްދެވިދާނެ ދާއިރާތަކާއި ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނަކީ ވަރަށް މުހިންމު އަދި ފުރިހަމަ ޕްލޭނެއްކަން ފާހަގަކުރައްވައި، މި ޕްލޭން ޙަޤީޤަތަކަށް ހެދުމަށް ހޯއްދަވައިދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގައި ހުންނަވައިގެން ނޫން ކަމުގައިވިޔަސް ރާއްޖެއަށް ފޯރުއްވައިދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ފޯރުއްވައިދެއްވާނެ ކަމުގައި މިސްޓަރ ބްލޭކް ވިދާޅުވިއެވެ.