މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވާރލްޑް ބޭންކްގެ ވަފްދުގެ ބޭފުޅުންނާ ރައީސް މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ނަޝީދު، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ވާރލްޑް ބޭންކްގެ ވަފްދުގެ ބޭފުޅުންނަށް ވިދާޅުވެދެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި، ސަރުކާރު މިހާރު މިސްރާބުޖަހާފައި މިވަނީ ޕްރައިވަޓައިޒޭޝަންގެ އުސޫލާ ދިމާއަށެވެ. ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރުކޮށް، އަމިއްލަ ފަރާތްތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތައް މެދުވެރިވެގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުއްވައިދެއްވުމެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މިކަމުގައި ވާރލްޑް ބޭންކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ.

ވާރލްޑް ބޭންކުގެ ވަފްދުގެ އިސްވެރިއަކަށް ހުންނެވި، ވާރލްޑް ބޭންކުގައި، ދިވެހިރާއްޖެ ހިމެނޭ ކޮންސްޓިޓުއެންސީގެ އެގްޒެކެޓިވް ޑިރެކްޓަރ، ޑޮކްޓަރ މެރްޒާ ޙަސަންގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށާއި، ދުނިޔޭގައިވާ އެންމެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަށް ދިވެހިރާއްޖެވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ތަޢުރީފް ކުރެއްވިއެވެ. އަދި، ވާރލްޑް ބޭންކްގެ ވަފްދުން ރާއްޖޭގައި މިހާރު ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ރައީސް ނަޝީދަށް މަޢްލޫމާތު އަރުވައި، ދިވެހި ސަރުކާރުން މިކުރައްވާ ޕްރައިވަޓައިޒޭޝަން މަސައްކަތުގައި ވެދެއްވެން އޮތް ހުރިހާއެހީއެއް ވާރލްޑް ބޭންކުގެ ފަރާތުން ވެދެއްވާނެކަމުގެ ޔަޤީންކަން ރައީސަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދު ބައިވެރިވެވަޑައިގެންނެވިއެވެ.