ދެކުނު އެފްރިކާގެ އާ ރައީސް ޖޭކޮބް ޒޫމާއަށް ރައީސް މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުގެ މެސެޖުގައި، މިމުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސް ނަޝީދުގެ އަމިއްލަ ނަންފުޅުގައި، މިސްޓަރ ޒޫމާއަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މިސްޓަރ ޖޭކޮބް ޒޫމާގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެ މަނިކުފާނަށް ދަޢުވަތު ލިބިވަޑައިގެންނެވިކަމަށާއި، އެހެންނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ހިނގަމުންދާތީ އެމަނިކުފާނަށް ވަޑައިނުގެންނެވުނީކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިމަގުގައިވެސް އިތުރަށް ބަދަހިވެ ތަރައްޤީވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި، ދެކުނު އެފްރިކާގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެން ދިއުމަށް އުންމީދުކުރައްވާކަމަށް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.