بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

މިރަޓެ މީހެނަ އަދަ މަޓަކީ މަރުހަބަށްޓަކަ ވަރަޓަ އުފާވި. އެކަމާހެދި ހިތަށްއަރާއައެކަ މިރަޓު މީހެންނަޓެ މަރަޓަ ބޮޑަތަ ޝުކުރު އަދާކެރެން.

އާދެ، އަޅުގަނޑުމެން މިރަށަށް އައުމުން، މިރަށުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު ވަރުގަދަ މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، މިރަށުގައި މަސްވެރިކަމުގެ 36 ވަނަ ޖަލްސާ ބޭއްވިގެން ދާއިރު، މި މަސައްކަތުގައި ތިޔަ ހުރިހާ ބޭފުޅުން، ޚާއްޞަކޮށް، ކައުންސިލާއި ކައުންސިލްގެ ރައީސް ޢަބްދުﷲ ޝިޔާމާއި އަދި މިރަށުގެ އެންމެހާ ރައްޔިތުން އަޅުގަނޑުމެންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރަށާއި، މިނިސްޓަރުގެ ޓީމަށް ތިޔަ އެރުވި އެއްބާރުލެއްވުމަށްޓަކައި ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އަޅުގަނޑު ގެމަނަފުށްޓަށް އައިސް ދައްކާ ކޮންމެ ވާހަކައެއް ދައްކާއިރުވެސް އަޅުގަނޑު އަބަދުވެސް ފަށަނީ ގެމަނަފުށްޓަކީ ވަރަށް ތަފާތު ރަށެކޭ ބުނަމުން. އާދެ، ވަރަށްގިނަފަހަރު އަޅުގަނޑުމެންގެ އިންތިޚާބުތަކުގައި ގެމަނަފުށިން ފޯރި ނަގައި، ގެމަނަފުށީގެ ރައްޔިތުން އެބަ ދަސްކޮށްދޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް، ސިޔާސީ ހަރަކާތްތަކުގައި ފޯރިނަގާނެ ގޮތް. އެހެންވީމާ، އުދުހޭކަހަލަ ލަފުޒުތައްވެސް މި އަންނަނީ މި ކަހަލަ މަސައްކަތުގެ ތެރެއިން. މިރަށަށް މިފަހަރު އައުމުންވެސް އަޅުގަނޑަށްކީ އިސްތިޤްބާލަކީ، ހަމަ މިދެންނެވި ކަހަލަ ހޫނު، ވަރަށް ޖޯޝާއެކީ އަޅުގަނޑަށް ވިދާޅުވި މަރުޙަބާއެއް. އެކަމަށްޓަކައި ގެމަނަފުށީގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

ހަމައެހެންމެ އަޅުގަނޑު ވާހަކަކޮޅު ކުރިއަށް ގެންދާއިރު، ޝުކުރުގެ ފިޔަވަޅުމަތީގައި ހުރެގެން މިނިސްޓަރ ޑޮކްޓަރ ޝައިނީއާއި، ޑޮކްޓަރ ޝައިނީގެ ޓީމުން މަސްވެރިކަމުގެ ދާއިރާއަށް އަދި މަސްވެރިންނަށް އެހީތެރިވެވަޑައިގަތުމުގެ ގޮތުން މިކުރައްވާ އަގުހުރި ބޮޑެތި މަސައްކަތްތަކަށް، އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ފަށްފަށުން ޝުކުރު ދަންނަވަން. ހަމަ މިއާއެކީ މިއަދަކީ އެ ބަޔަކަށްޓަކައި ޝަރަފުވެގެން ހިނގާ މަސްވެރިންގެ ދުވަސް ކަމުގައިވާތީ، މަސްވެރިންގެ ޢާއިލާތަކަށް، މަސްވެރިންނަށް ނުހަނު އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަ ކުރައްވަނީ އެތަކެއް ގަޑިއިރުގެ މަސައްކަތް ކޮންމެ ދުވަހަކު. އަދި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އެއް ޞިނާޢަތުގެ ގޮތުގައި މި ޞިނާޢަތް ދެމެހެއްޓުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތަކީ ޝައްކެއްވެސްނެތްގޮތުގައި، އެހެން މަސައްކަތްތަކުގައި، އެހެން ޞިނާޢަތްތަކުގައި ހަރަކާތްތެރިވާ މީހުންނަށް ހަމަ ނަމޫނާ ކަމެއް. އެއީ ވަރުބަލިވުމެއްނެތި، ޢާއިލާއާ ވަކިން ގޮސް ކަނޑުމަތީގައި، އަތްވާއި ވާރޭގައި، މި ދިމާވާ ކޮންމެ ވަރުގަދަ ކަންތައްގަނޑެއްގެ ތެރޭގައިވިޔަސް، ޠޫފާނެއް އަޔަސް، އަދި ކަނޑު ގަދަވެގެންދިޔަސް، މަސްވެރިކަމުން އަޅުގަނޑުމެންނަށް ރޯދި ބަރަކާތް އިތުރުވެގެން އަދި އާމްދަނީއެއް ހޯދައި، އަޅުގަނޑުމެންގެ ރައްޔިތުންނަށް އޭގެ ނަފާ ހޯދައިދިނުމަށްޓަކައި ކުރާ ހީވާގި މުރާލި މަސައްކަތެއް. އެހެންވީމާ، އެކަމަށްޓަކައި މިއަދު މަސްވެރިންގެ ދުވަހުގައި މަސްވެރިންނަށް އަދި މަސްވެރިންގެ ޢާއިލާތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވަނީ، ދިވެހި ދައުލަތާ މިވަގުތު ހިންގަން ހަވާލުވެ ހުރި މީހެއް، ހަމަ ޝުކުރުވެރިކަމާ އެކުގައި ކަމުގައިވެސް ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ޖަލްސާއަށް ރާއްޖޭގެ އެކި ހިސާބުން މަސްވެރިންނާއި އަދި މިކަމަށް ޝައުޤުވެރިވެވަޑައިގެން ވަޑައިގެންނެވި ބޭފުޅުން އެބަ ތިއްބެވި. އެކަމަށްޓަކައި އެ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، އަޅުގަނޑުމެންނާއެކީ ބޭރުގެ މެހްމާނުންވެސް، ޢިއްޒަތްތެރިންވެސް އެބަ ތިއްބެވި. އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މަރުޙަބާ ދަންނަވަން. ދެންމެ ހަމަ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މަސްވެރިކަމުގެ ޞިނާޢަތަށް އެކިގޮތްގޮތުން ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވި އެކި ބޭފުޅުން. ފާހަގަކުރެވޭ އެކި ބޭފުޅުންނަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ހަވާލުވެގެންދިޔަތަން. ޝައްކެއްވެސްނެތްގޮތުގައި، މި ޞިނާޢަތުގައި ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި މިއުޅެނީ ހަމައެކަނި މަސްބޭނުމެއް ނޫން. މަސް ވިއްކުމެއްވެސް ނޫން. ވެލިއު އެޑް ކުރުމެއްވެސް ނޫން. މަސްވެރިކަމުގައި ތަފާސް ހިސާބު، ގަވާއިދުން އެ އޮންނަ އުސޫލަކުން ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅީމަ، އަޅުގަނޑުމެންނަށް ސަރުކާރަށް ތަފާސް ހިސާބު ދިރާސާކޮށްފައި، މަސްވެރިކަމުގެ ޞިނާޢަތަށް އަންނަ ބަދަލުތައް ދެނެގަންނަން ފަސޭހަވަނީ. އެހެންވީމާ، އެކަންވެސް އެންމެ ފަރުވާތެރިކަމާއެކީ، އެންމެ ރަނަގަޅަށް ކުރާ ފަރާތަކަށް އިނާމެއް ކަނޑައަޅުއްވައިގެން މި ގެންދެވުމުގެ ބޭނުމަކީ، ޝައްކެއްވެސްނެތްގޮތުގައި، މި ދާއިރާއަށް ބޭނުންވާ ތަޙުލީލުތައް ކުރުމަށް އަޅުގަނޑުމެންނަށް ބޭނުންވާ ކަމެއް. އަދި ހަމައެހެންމެ، އަޅުގަނޑުމެންނަށް ފިޝަރީޒް ސައިންސްގެ ދާއިރާއިން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ސްކޫލަކަށް އިނާމު ލިބިގެންދިޔަ ކަމަކީވެސް ހަމަ މި ދާއިރާއަށް ކުރެވޭ ބޮޑު ޚިދުމަތެއް. އަދި އެއާއެކީ ދިވެހި މަސްވެރިޔާގެ ރަޙްމަތްތެރިޔާ، މޯލްޑިވްސް ފިޝަރމަންސް ފްރެންޑް ޖޯން ބަރޓަން ދޮގެއްތޯ. އޭނާއަކީވެސް ހަމަ އަޅުގަނޑުމެންގެ މި ޞިނާޢަތަށް ރާއްޖެއިން ބޭރުގައި ވަރަށް އެހީތެރި، ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް.

We deeply appreciate John your work. And you have said for life you are going to be in this work, promoting Maldives Fisheries and Maldives Fishermans welfare. Therefore on behalf of the government Minister of Fisheries and Fisheries Industry at large we would like to extend our appreciation for your dedicated committed hard work.


އަޅުގަނޑުމެންނާއެކީ ހަމަ މިރޭގެ މި ޖަލްސާގައި އަޅުގަނޑުމެންގެ ފަރާތުން ދިވެހިރާއްޖޭގައި މަސްވެރިކަން މި ކުރެވެނީ ކިހިނެއްތޯ، ދަސްކުރެއްވުމުގެ ގޮތުން އަޅުގަނޑުމެންގެ މި ޙަފްލާގައި ބައިވެރިވެ އެބަ ވަޑައިގަންނަވާ، ވަފްދެއް ގޮވައިގެން ވަޑައިގެން މި އިންނެވީ ޓެންޒޭނިއާގެ މަސްވެރިކަމާބެހޭ ވަޒީރު. އެމަނިކުފާނުވެސް އެމަނިކުފާނުގެ ވަފްދާއެކީ ދިވެހިރާއްޖެއަށް ވަޑައިގަތީ. އަދި އެމަނިކުފާނުގެ ދަތުރުފުޅު ނޫނީ ދަޢުވަތު ކޯއިންސައިޑް ވެގެން މިދިޔައީ، އިއްތިފާޤުވެގެން މިދިޔައީ، އަޅުގަނޑުމެންގެ މިރޭގެ މި މަސްވެރިންގެ ޖަލްސާގެ ޙަފްލާއާ ދިމާކޮށް. އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެން ދެ ސަރުކާރުގެ ދޭތެރޭގައި ކޮންމެވެސްކަހަލަ އެއްބަސްވުންތަކެއްގައި މިރޭ ސޮއިކުރެވޭނެ. އެމަނިކުފާނުވެސް އެމަނިކުފާނުގެ ޑެލިގޭޝަނެއް ގޮވައިގެން، ވަރަށް ހައި ލެވެލް ޑެލިގޭޝަނެއް ގޮވައިގެން ރާއްޖެ މި ވަޑައިގަތީ. ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ ޞިނާޢަތުން އަޅުގަނޑުމެންނަށް ލިބިފައި ހުރި ފިލާވަޅުތަކެއް އެބޭފުޅުންނަށް ނަގައިދިނުމަށްޓަކައި. އެހެންވީމާ، އެކަމަށްޓަކައި ޓެންޒޭނިއާގެ ފިޝަރީޒް މިނިސްޓަރަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


In this assembly, we have a delegation led by the Minister of Fisheries and Livestock of Tanzania who is among us. We are deeply honored and privileged to have you here in this assembly. We started fisheries in a very humble way. Commercial fisheries ventured out during the last three or four decades. Earlier it was purely coastal fishery - a primitive course of fishery.


Tanzania clearly has a very long coastline. However small or large these countries are, what we share in common is the bountiful resources God has blessed us. Tanzania is abundant with these resources. Unfortunately Tanzania has not explored further into coastal fisheries whereas here in Maldives it has been our livelihood from time immemorial. Coastal fishery is very important to us. Therefore it is with deep pleasure and gratitude that I express my appreciation to the Tanzanian delegation led by the Tanzanian Fisheries Minister.


In all international and regional fora, specially representing Indian Ocean countries, Tanzania and Maldives have always supported fishery conservation and protection. Clearly this is an area, this is a resource we need to conserve.


We ventured out into commercial fisheries just three or four decades ago. Three or four decades ago fishery had been limited purely as a monopolistic buying franchise by foreign companies. Tanzania has gone through this experience, and what we have noticed is that, purely collecting royalties from these franchises is not good enough. A resilient economy should be based on revolution. But Tanzania needs to learn, and I believe it is a deep and humble expression made today at lunch by the Tanzanian Fisheries Minister who said to me that he is here with a delegation to learn how we do fishery.


Tanzania has a large coastal area and we recommend that you don’t rely on collecting royalties from foreign franchises. It is in the resilience of the economy, in the resilience of your people that you need to exploit these resources. We learned this three or four decades back. What we have done is we have been selling fishery to one foreign company. And clearly what it has done is reducing Maldivian Fisherman in their catch to very lower level of income. The earnings has not been good. So three four decades later we have learned that the resilient way of progressing in this area is for us to venture out into value addition. Therefore the large harbors you see here in the Maldives is clear testimony of how far we have ventured out into our economic zone. It is not purely coastal fishery any more. We are venturing out into a 200-mile economic zone, consisting of bountiful resources God has blessed us with. Therefore my request to you Minister is that you rely on your people, rely on your skills, and limit the commercial franchises you issue out. And what you should do really is to conserve these bountiful resources, however bountiful they maybe. What we are going through at this point, is the biggest challenge to our fisheries sector which is the access of live bait. So, however bountiful it may seem to us, the resources are not bountiful. And therefore clearly preservation and conservation is the best way of promoting fisheries industry.


We started as a very humble industry and now we are venturing into a commercially advantageous enterprise involving both foreign and Maldivian governments. This industry is heavily dominated by the Maldivian government, also there is large enough room for private enterprise in this industry. So there is a way forward for Tanzanian authorities.

Again let me extend my appreciation on behalf of the Government to the Tanzanian delegation. We are very appreciative of you and we are here to help you, our Tanzanian friends and it is my deep appreciation and deep expectation that in the international fisheries conferences and tuna forums that we stand together to preserve the coastal tuna in its best. That would be the only salvation for our future. Thank you once again.

 

އަޅުގަނޑުމެން މަސްވެރިންގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ ބައެއް ކަންތައްތައް އެބަހުރި. ދެންމެ މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަމީލް ޢުޘްމާންގެ ވާހަކައިގައި ފާހަގަކުރެއްވި. އަޅުގަނޑު އަނެއްކާވެސް ހަނދާން ނުނެތެނީސް ޖަމީލް ޢުޘްމާނަށާއި، ޑޮކްޓަރ ޝައިނީއަށް ވަރަށް އިޙްސާންތެރިކަމާއެކީ ވަރަށް އަގުހުރި ބަސްކޮޅަކުން އަޅުގަނޑަށް ހަދިޔާ ކުރެއްވީތީ އެކަމަށްޓަކައި އެ ދެބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


އަދި ހަމައެއާއެކީ މި ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރު، ވާރކްޝޮޕެއް ހިންގައިފި ކަމަށްވަނީ. އެކި ހިސާބުން މަސްވެރިން މި ރަށަށް ޒިޔާރަތްކޮށް، ފިޝަރީޒް މިނިސްޓްރީއާއެކީ ވާރކްޝޮޕްތަކެއް ހިންގައިފި. މަސްވެރިކަމުގެ ދާއިރާގައިވެސް ގޮންޖެހުންތަކެއް ޝައްކެއްވެސްނެތްގޮތުގައި އެބަހުރި. އަޅުގަނޑުމެންގެ ދިރިއުޅުމުގައި، އަޅުގަނޑުމެންގެ ޙަޔާތަކީ އެހާ އުފާވެރި ޙަޔާތަކަށް ނުވާނެ، ކޮންމެވެސްވަރެއްގެ ހުރަސްތަކެއް ނުހުންނަންޏާ. އަބަދުވެސް އަބަދުވެސް ފިނިފެންމަލެއްގެ ސާލެއްގެ މަތީގައި އަޅުގަނޑުމެން އުޅޭކަމަށްވަންޏާ، އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް ނޯންނާނެ. އަބަދުވެސް އަންހެނުންނަށް ކްރެޑިޓް ކާޑު ދީފައި ބާޒާރަށް ފޮނުވާލާފައި ހުރީމަ ރަނގަޅުވާނެ. އެކަމަކު މިއީކީ ނޫން ދޮގެއްތޯ ގޮތަކީ. އަޅުގަނޑުމެންވެސް މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި، ކޮންމެ ޞިނާޢަތެއްގައި ހުންނާނެ ގޮންޖެހުންތަކެއް. ގޮންޖެހުންތަކެއް ނެތިއްޔާ، އެ ޞިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް އެއްވެސް ހިތްވަރެއް ނެތް ކުރިއަށްދާކަށެއް. އެހެން ނޫންތޯ؟ ސަރުކާރުގެ ވިސްނުންވެސް ހަމަ ހުންނާނީ މިގޮތަށް. މަސްވެރިކަމުގެ ޞިނާޢަތުގައި ބޮޑެތި މައްސަލަތައް އެބަހުރި. އެހެންނަމަވެސް، ކުރެވޭ މަސައްކަތަކީ އަބަދުވެސް އެ ޞިނާޢަތު އޮތް ހިސާބުން އެ ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތް.


ޑޮކްޓަރ ޝައިނީގެ ވާހަކަފުޅު ދެންމެ އަޑުއަހަމުން ދިޔައިރު، އަޅުގަނޑަށް މަސްވެރިކަމުގެ ޞިނާޢަތުގައި ހުރި މައްސަލަތައް ހަމަ ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ. ހަމައެއާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭގޮތުގައި، އަޅުގަނޑަށް ފެނޭ މައިގަނޑު ތިން މައްސަލައެއް މަސްވެރިކަމުގެ ޞިނާޢަތުގައި. އެއީ އަދި ޑޮކްޓަރ ޝައިނީގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ހުރި ކަންތައްތަކުގެ އިތުރަށް. އެއްކަމަކީ، ދިވެހިރާއްޖޭގެ އެންވެރިކަން، ހުސްވަމުން، މަދުވަމުން، ނެތެމުންދާ މައްސަލަ. މި މައްސަލައަކީ އަޅުގަނޑުމެންނަށް އިއްޔެއަކު އިހަށްދުވަހަކު ފެންމަތިވި މައްސަލައެއް ނޫން. މިކަން ވަމުން އަންނަތާ ދުވަސްތަކެއްވެއްޖެ. ސަރުކާރުތަކުން މަސައްކަތްތަކެއް ކުރަމުން މިހާތަނަށް މިއައީ، އެންވެރިކަން ރަނގަޅު ގޮތުގައި، ހެޔޮގޮތުގައި، އެ ފައިދާހުރި ގޮތެއްގައި ކުރެވޭތޯ. އެކަމަކު އަޅުގަނޑުމެން އިންސާނީ ޠަބީޢަތުގައި ހުންނަ ކަމެއް ނޫން މިއީ، ފަސޭހައިން ކުރެވޭގޮތަކަށް އަޅުގަނޑުމެންނަށް އެފަހަރަކު ލިބުނު ގޮތަކަށް އެކަން ކުރާނީ. ޤާނޫނާއި ގަވާއިދު ހުންނާނީ ވަރަށް ރަނގަޅަށް ހިމާޔަތް ކުރެވިފައި، ކަރުދާހުގައި ލިޔެފައި ހުންނައިރު. އެހެންނަމަވެސް، ބޮޑެތި ކަނޑުތައް ހުރަސްކޮށް، މި މަސްވެރިކަން ކުރަން ނުކުންނަ ފަރާތްތަކަކަށް ދަތިކުރުމުގެ ޤާނޫނު އެހާވަރަށް އަޅުގަނޑުމެން ހަދައިގެން އެއީކީ ތަންފީޛު ކުރެވޭނެ ކަމެއް ނޫން. އެއަށް އަންނާނީ ހަމަ ޤުދުރަތީ ބެލެންސެއް އަންނަ. އެހެންވީމާ، އެންވެރިކަން ހިމާޔަތް ކުރުމަށްޓަކައި ކުރާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި ރަނގަޅު މަސައްކަތެއް. އެކަމަކު އެއާއެކީ އެންވެރިކަން އާލާކޮށް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަންޖެހޭނެ.


އަޅުގަނޑު މިކަމުގައި ހަމަ އުފާވެރި ޚަބަރެއް ދަންނަވާނަން. މިއީކީ ފަސޭހަކަމަކަށްނުވޭ. އެހެންނަމަވެސް، މިފަހަރު، ފުރަތަމަފަހަރު، ފުރަތަމަ ރާއްޖޭގައި އެންވެރިކަން ތަރައްޤީ ކުރުމަށްޓަކައި ނޫނީ އާލާކުރުމަށްޓަކައި އެންވެރިކަމަށް އެންމެ ރަނގަޅު އެކައްޗަކަށް މިވަނީ ބޭންގް ކަމަށް ވަނީ. އެހެންނަމަވެސް، އެއީ ވަރަށް އަގުބޮޑު، ވަރަށް އަގުބޮޑު ހެޗަރީއެއް، ތަރައްޤީކޮށްގެން، އެ ހެޗަރީއިން ފައިދާ ހޯދުން އެއީ. އެހެންނަމަވެސް އަޅުގަނޑުމެން ހަމަ ހިތްވަރާއެކީ ލޯ މަރާލާފައި، ބޮޑު އަދަދެއްގެ ފައިސާ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ސާޅީހަކަށް މިލިއަން އަޅުގަނޑުމެން ޖެހީ. އެހާ އަގުބޮޑު މަސައްކަތެއް މިއީ. އެއް ދާއިރާއެއްގައި އަޅުގަނޑުމެންނަށް ހެޗަރީއެއް މި ހެދެނީ. އެ ކާންދީ ބެލެހެއްޓުމަކީ ޙަޤީޤަތުގައި އިންސާނަކަށް ކާންދީ ބެލެހެއްޓުން ކަހަލަ އަގުބޮޑު ކަމެއް. އެހެންވީމާ، މި ޞިނާޢަތަށް ހުރި ގޮންޖެހުންތައް ބޮޑުވެގެންދަނީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފާޑުކިޔާ މީހުން، މި ސަރުކާރުގެ މަސްވެރިކަމާ ބެހޭގޮތުން އޮންނަ މެނިފެސްޓޯގެ އެއްވެސް ކަމެއް ނުކުރެއޭ ބުނަމުންދާއިރު، އަޅުގަނޑު ހަމަ ހިތަށްއަރަނީ، މިކަހަލަ ކަންތައްތައް ކުރެވޭ ވާހަކަ ކީއްވެގެންބާވައޭ އަޅުގަނޑުމެންނަށް ނޭނގެނީ؟ އަޅުގަނޑުމެންނަށް އެނގެންވާނެ. މިވަރުގެ ބޮޑު މަޝްރޫޢެއް މި ހިންގަނީ ޙަޤީޤަތުގައިވެސް އެންވެރިކަން އޭގެ ޒާތުގައި އަޅުގަނޑުމެން ތަރައްޤީ ކުރުމުގެ އިތުރަށް މިކަން ކުރެވޭނެ ހަމައެކަނި ގޮތަކީ، މިދެންނެވި ގޮތަށް އެންވެރިކަމުގެ އެހެން ވައްތަރެއް އަޅުގަނޑުމެން ތަޢާރުފްކޮށްގެން ކުރުން. އެހެންވީމާ، މިއީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް ބޮޑުކަންނެލީގެ މަސައްކަތަށް، ނޫނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް އެންވެރިކަމުގެ ގޮތުން ބޭނުންކުރާ ކަމަކަށްވާތީ، އަޅުގަނޑުމެން ފުރަތަމަ ފަހަރު ދިވެހިރާއްޖޭގައި ހެޗަރީއެއް އުފެއްދޭތޯ އަޅުގަނޑުމެން މި ބަލަނީ.


ދެވަނަ މައްސަލައެއް ގޮތަށް އަޅުގަނޑަށް ފާހަގަކުރެވޭ، އަބަދުވެސް މަސްވެރިންނަށް އެންމެބޮޑު މައްސަލައެއް ދިމާވާ ކަމަކަށްވާނީ ހަމަ ދޯނިތައް އަންދާ ތެލުގެ އަގު. އެއީ ހަމަ ޔަޤީން ކަށަވަރު ކަމެއް. އަޅުގަނޑުމެންގެ ބަނދަރުތައް މިއަދު ބޮޑުވެގެންދާ ސައިޒަށް ބަލާއިރު، އަޅުގަނޑުމެންގެ ބަނދަރުތައް ބޮނޑުވެގެން ދަނީ ކީއްވެގެންކަން އެބަ އެނގޭ. މަސްވެރިކަން ކުރާ ދޯނި، ކުރިން ވެއްޖިއްޔާ ތިން ހަތަރު ރިޔަނަކުން ކިޔާ އެއްޗެތި މިއަދު އެހެރީ 100 ފޫޓަށްވުރެ ބޮޑެތިކޮށް. ކުރީގައި ވެއްޖިއްޔާ 10 މޭލު، 12 މޭލަށް އަޅުގަނޑުމެން ނުކުންނައިރު، މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ދާން ބޭނުން ހިސާބަކަށް އަޅުގަނޑުމެން އެބަދަން. އެއީ، އަޅުގަނޑުމެންގެ އޮޑިދޯނިފަހަރު ބޮޑުވެގެން އަންނަ ސަބަބު. އެ އޮޑިދޯނިފަހަރު ހިމާޔަތްތެރިކަމާއެކީ ރައްކާތެރި ކުރުމަށްޓަކައި އިހަށްދުވަހު ގެމަނަފުށީގެ ބަނދަރު ނިމިގެން، އަޅުގަނޑުމެން މިއަހަރު ގެމަނަފުށީގެ ބަނދަރުވެސް ހުޅުވީ. ހުރިހާ ބަނދަރެއް މިހާރު ބޮޑުކުރަމުން މި ދާންޖެހެނީ. ހަމަ މަސްވެރިކަމުގެ ދާއިރާއަށް ހަމަ ކޮށްދޭ ކަމެއް ސަރުކާރުން މިއީ. އެއީ އެ ރަށްރަށުގެ ލަފާފުރުމަށް އަންނަ ދަތިކަން ޙައްލުކުރާކަށެއް ނޫން. ދޯނިފަހަރު ބޮޑުވެގެން އެދަނީ ހަމަ ޙަޤީޤަތުގައިވެސް މި ދެންނެވި ގޮތަށް ދުރުން ކަނޑުރޯދި ހޯދުމަށްޓަކައި އަޅުގަނޑުމެންގެ މަސްވެރިން ހިންމަތާއެކު ކުރާ މަސައްކަތުގެ ޖާގަ ހޯދައިދިނުމަށްޓަކައި. އެއީ ސަރުކާރުން އެއްވެސްކަހަލަ ޓެކުހެއް ނަގައިގެން ކުރާ ކަމެއް ނޫން. އެ ބަނދަރުތައް ބޮޑުވަމުން ދަނީ މި ދެންނެވި ސަބަބަށްޓަކައި. އެހެންނަމަވެސް، މި އޮޑިތައް ބޮޑެތިވެފައި، ނުކުންނަ ހިސާބު ދުރުވެގެން ދިޔައިމަ، އަންދާ ތެޔޮ އިތުރުވެގެންދޭ. ތެލަކީ އަޅުގަނޑުމެން އުފައްދާ އެއްޗެއް ނޫން. ތެލަކީ އަޅުގަނޑުމެން އުފައްދާ އެއްޗެއް ނޫން. ދުނިޔޭގެ ބާޒާރުގައި ތެލަކީ އަބަދުވެސް އަގު އުފުލެމުންދާ އެއްޗެއް. ބައެއްފަހަރު ތެލުގެ އަގު ކުޑަވިނަމަވެސް، ބައެއް ޤައުމުތަކުގެ އިޤްތިޞާދު، މުޅި އިޤްތިޞާދު ބިނާވެފައި އޮންނަނީ ތެލަށް ކަމަށްވާއިރު، މިހެންހުރި ޤައުމު މަދެއް ނޫން. ތެޔޮ އުފައްދާ ޤައުމުތައް. އެހެންވީމާ، ތެލުގެ އަގު ބޮޑުވެގެންދިޔައިމަ، އެއްވަނަ ދުނިޔޭގެ ބޮޑެތި ޤައުމުތައް، ކުދި، ދިވެހިރާއްޖެ ކަހަލަ ނިކަމެތި ޤައުމުތައް، ހަމަ ހުރިހާ އެންމެން އެއްވަރަކަށް މީގެ ތަކުލީފު އުފުލަންޖެހޭ.


ތެލުގެ އަގަކަށް ސަރުކާރަކަށް ގެނެވޭނެ މާބޮޑެތި ބަދަލުތަކެއް ނޯވޭ. އެއީ ސަރުކާރަށްވެސް ތެޔޮ ލިބޭ އަގުތައް ބޮޑުވެގެން ދިޔައިމަ. އެހެންނަމަވެސް، އަޅުގަނޑުމެން ޚާއްޞަ މަސައްކަތެއް ކުރެވޭތޯ ބަލަން، އެހެން ޞިނާޢަތްތަކަށް ބޭނުންކުރާ ތެލަށްވުރެ އަގުހެޔޮކޮށް މަސްވެރިންނަށް ތެޔޮ ދެވޭތޯ. އަޅުގަނޑުމެން މިހާތަނަށް އެކަން ކުރަމުން މިއައީ މިފްކޯގެ ތެރެއިން. މިފްކޯވެސް ވަރަށް ހިތްވަރުކޮށްފައި މަސައްކަތްކުރި. މިރޭ އަޅުގަނޑުމެންނާއެކީ ޢަދުލީ އިސްމާޢީލް މިތާ އެބަ އިންނެވި. އަދި މިފްކޯ، މަސްވެރިންނާއެކީ ކިހާ ރަޙްމަތްތެރިކަމާއި، ކިހާ ގާތްކަމަކާއެކީ މަސައްކަތްކުރާކަން ހެކިވާނެ ކިތަންމެ މަސްވެރިންނެއް މިތާ ތިއްބަވާނެ.


މިފްކޯ އުފެދިގެން އައިސް، މިއަދާ ހަމައަށް އައިއިރުވެސް، މިފްކޯ ފުރަތަމަ އުފެދުނީވެސް ދަރަންޏަކާއެކީ. ވިރާސީ ބޮޑު ދަރަންޏަކާއެކީ މިފްކޯ އުފެދިފައި އެއޮތީ. އެތައް ސަތޭކަ މިލިއަން ރުފިޔާގެ ދަރަންޏާއެކީ މިފްކޯ އުފެދިފައި އެއޮތީ. މިއަދު އަޅުގަނޑުމެން މަސްވެރިކަމުގެ ދާއިރާއަށް އެއްވެސް މަސައްކަތެއް، އެއްވެސް ކަމެއް ނުކުރާކަމަށް ބުނާކަމަށްވަންޏާ، މި ދަރަނިތައް އުފުލިގެން އައީ ކޮންއިރަކުބާ؟ ހަމަގައިމުވެސް މި ދަރަނިތައް އުފެދިފައި މިހިރީކީ މި ތިން އަހަރު ސަރުކާރަކު ނޫން. މިއީ ވިރާސީ ދަރަނިތަކެއް. މާކުރިއްސުރެ އަޅުގަނޑުމެން ތަރިކައެއް ގޮތަށް، އަޅުގަނޑުމެން އިންހެރިޓް ކޮށްފައި ހުރި ދަރަނިތަކެއް މިއީ. އެހެންވީމާ، ފުރަތަމަ މިފްކޯވެސް އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ދަރަނި ފޫބެއްދޭތޯ މަސައްކަތްތަކެއް ކުރަންޖެހޭ. އެހެން ނޫންކަމަށްވަންޏާ، މިފްކޯއަށް ވަންނަ ކޮންމެ ފައިސާ ފޮއްޗެއް ބޭންކަށް ވަންނަކަމަށްވަންޏާ، އެ އޯޑީ އެކައުންޓް އެޖަސްޓް ކުރަން ފުރަތަމަ ބޭންކުން މިފްކޯއަށް ލާރި ދިނުމުގެ ކުރިން އޯޑީ އެޖަސްޓް ކޮށްލާނެ ބޭންކުން. މި އިޤްތިޞާދުގައި މި އޮންނަނީ ސަރވައިވަލް އޮފް ދަ ފިޓަސްޓް. އެއީ އިޤްތިޞާދުގައި ކަންކަން ހިނގާގޮތް. އެހެންވީމާ، މިފްކޯވެސް މިފްކޯގެ އަމިއްލަ ފައިމައްޗަށް ތެދުވަން ބަލާއިރު، ޙަޤީޤަތުގައި މިފްކޯއަކީވެސް ހަމަ ނުކުޅެދިފައި އޮތް ތަކުލީފުން ފުރިގެން، އުފުލަންޖެހޭ ތަކުލީފުން ފުރިފައި އޮތް ކުންފުންޏެއް.


އަޅުގަނޑުމެންގެ ވިސްނުމުގައި، މަސްވެރިކަމުގައި މަސްވެރިންނަށް ތެޔޮ އަގުހެޔޮކޮށް ދިނުމުގައިވެސް މިފްކޯއާއި އެސް.ޓީ.އޯއާ ކޮންމެވެސްކަހަލަ ވަރުގަދަ ގުޅުމެއް އުފެދިއްޖެ ކަމަށްވަންޏާ، ވިއްކާ ތެލުގެ އަގު ހެޔޮވެގެންދާނެ. އަޅުގަނޑުމެންނަށް މިފްކޯއަށް ރަނގަޅު ބަދަލުތައް އަންނަން ފަށާތަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އެއާއެކީ ދެން މަސްވެރިންނަށް ތެޔޮ މި ވިއްކާ ބަޔަކީ މިފްކޯގެ ތެރެއިން ކަމުގައިވިނަމަވެސް، ސީދާ އެސް.ޓީ.އޯ އިން. އެހެންކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ތެލުގެ އަގު މިހާރު ލިބޭ އަގަށްވުރެ ހެޔޮވެގެންދާނެ. ވިޔަފާރި ކުރާއިރު، ސަރުކާރުގެ ތިން ހަތަރު ކުންފުނީގެ ތެރެއިންވެސް، އެއް ކުންފުނިން އަނެއް ކުންފުނިން ނަޤުލުވެގެންދާ އެއްޗެއް ދިޔަ ނަމަވެސް، އާޚިރުގައި ތިން ހަތަރު ކުންފުނި ފަހަނަޅައި ގޮސް، މަސްވެރިޔާއާ ހަމައަށް ތެޔޮ ވިއްކާއިރު އަގުތަކަށް ހުންނާނީ ބަދަލު އައިސްފައި. އެއް ކުންފުނިން، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި، ހިންގުމުގެ އެހެން ޚަރަދުތައް ކަވަރުކޮށްފައި، އަދި އޭގެ މައްޗަށް ކިތަންމެ ކުޑަ ނަމަވެސް ފައިދާއެއްލާފައި ނޫނިއްޔަކާއެއް އަނެއް ކުންފުންޏަކަށް މުދަލެއް ނުވިއްކާނެ. އެހެންނަމަވެސް، މިހާރު މިފްކޯއާއި އެސް.ޓީ.އޯ.ގެ ތެރެއިން، މި ވަސީލަތުގެ ތެރެއިން މަސްވެރިންނާއެކީ ޑިރެކްޓް ލިންކެއް އެޅުނީމަ، އަޅުގަނޑު އުންމީދު ކުރަނީ، މީގެ ރަނގަޅުތަކެއް މަސްވެރިންނަށް ލިބިގެންދާނެ ކަމަށް. ދެވަނަ މައްސަލައަކަށް ދިމާވެފައި އޮތީ މި މައްސަލަ.


ތިންވަނަ މައްސަލައަކީވެސް މި ސަރުކާރުގެ އުފެއްދުމެއް ނޫން. މަސްވެރިކަމުގެ ޞިނާޢަތަކީ ދިވެހިރާއްޖޭގެ އެންމެ ޤަދީމީ، އެންމެ ދުވަސްވީ ޞިނާޢަތް. އެންމެ ދުވަސްވީ ޞިނާޢަތް. އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ ތަޢުރީފު ޙައްޤުވާ ޞިނާޢަތަކީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހި މަސްވެރިންގެ ޞިނާޢަތް. އެހެންވެގެން މިރޭވެސް މަސްވެރިންގެ މަތިން އަޅުގަނޑުމެން ހަނދާންކޮށް، މަސްވެރިންނަށް އަޅުގަނޑުމެން ސަރުކާރުގެ ނަމުގައި ހަމަ ހިފެހެއްޓުމެއް ނެތް މަރުޙަބާއެއް ދަންނަވަމުން މިގެންދަނީ. މަސްވެރިކަމުގެ އުޅަނދުފަހަރު، އަޅުގަނޑު މިއަދުވެސް ދުށިން، ވިލިނގިލިން އަޅުގަނޑުމެން ފުރިއިރު ދުށިން، އެތާ ވިލިނގިލީ ބަނދަރުގައި އޮތް މިފްކޯގެ ތިން ހަތަރު ބޯޓު. އެ ހުރި ހާލު ތިޔަބޭފުޅުން ބައްލަވައިލައްވަން ވަޑައިގަންނަވާ! ހަމަގައިމުވެސް އަޅުގަނޑުގެ ސެކިއުރިޓީއަށް އަޅުގަނޑު ހުއްދައެއް ނުދޭނަން، އެބޯޓުތަކަށް އަރާކަށެއް. އެހެންވީމާ، އެހާ ހާލުގައި ހުރި، އެހާ ހާލުގައި ހުރި ބޯޓުފަހަރު، އުޅަނދުފަހަރު އެހެރީ. އެހެންނަމަވެސް، މިފްކޯގެ އަމިއްލަ ހާލާއެކީ މިފްކޯއަކަށެއް ނެތް އެ ބަދަލުތައް ގެނެވޭކަށެއް. އެކަމަކު އަޅުގަނޑުމެން ދުރުން މަސް ގަންނަން ކަމަށްވަންޏާ، މިފްކޯ ބޯޓުފަހަރުވެސް އެބަ ފޮނުވަންޖެހޭ. އަޅުގަނޑުމެންގެ މިއޮތީ މަސް ބަންދުކުރާ ދެ ފެކްޓްރީއެއް ކަންނޭނގެ ސަރުކާރުގައި. ސަރުކާރުގެ ދައުރެއް އޮވެގެން މަސް ބަންދުކުރުމުގެ މަސައްކަތްވެސް މިކުރީ. އަޅުގަނޑުމެން ކުރީގައި މަސްކޮޅު ގަނެލާފައި ވިއްކަނީ ބޭރު ބަޔަކަށް ކަމަށްވާތީ، އަޅުގަނޑުމެންނަށް ލިބެންވާ ފުރިހަމަ މަންފާ ނުލިބޭތީ. ވެލިއު އެޑް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެން އެކަން ކުރީ.


އެހެންވީމާ، މިހާރު އެ ޞިނާޢަތުގައި އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާ ކަމަށްވަންޏާ، މިފްކޯއަށްވެސް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް އެބަ ހޯދަންޖެހޭ. ނޫނީ އަބަދުވެސް މަސްވެރިންނަށް ސީދާ ސަބްސިޑީ ނުދިން ނަމަވެސް، މިފްކޯގެ ތެރެއިން އެ ދެވޭ ސަބްސިޑީއަކީ ހަމަ ޙަޤީޤަތުގައިވެސް އޭގެ ޙައްޤުވެރިން ކަމުގައި މަސްވެރިން ހިމެނޭގޮތަށް ދެވޭ ސަބްސިޑީ. މިފްކޯ މިހާތަނަށް ހިފެހެއްޓިފައި މިއޮތީ ސަރުކާރުން އެތަކެއް ސަތޭކަ މިލިއަން، މިދިޔަ އަހަރުތަކުގެ ތެރޭގައި ސަބްސިޑީ ދެވިގެން. އެއާއެކުވެސް މިފްކޯ އަމިއްލަ ފައިމައްޗަށް ނުތެދުވެވިގެން މިއުޅެނީ. އެހެންވީމާ، މި އުޅަނދުފަހަރަށް އަންނަ އާބާތުރަ ފިލުވުމާއި، ބޮޑެތި މަރާމާތަށް ބޭނުންވާ ކަންކަން ކުރެވޭނީ ހަމަ އަލަށް މިފްކޯއަށް އަޅުގަނޑުމެން އެހީތެރިވެގެން. އެހެންވީމާ، ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ކަމަށް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޙަޤީޤަތުގައިވެސް މިފްކޯއަކީ އެސް.ޓީ.އޯއާ ގުޅުންހުރި ކުންފުންޏަކަށް ހަދައިގެން ބަދަލުވެގެންދިޔުން.


ދެންހުރި ގޮންޖެހުންތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަށް އަބަދުވެސް އެބަ އެނގޭ، އަޅުގަނޑުމެން މި އުފައްދާ މަސް ތާޒާކަންމަތީގައިވެސް، ނޫނީވިއްޔާ ދަޅުގައި ބަންދުކޮށްގެން ނަމަވެސް މި ވިއްކަނީ ރާއްޖެއިން ބޭރަށް. އަޅުގަނޑުމެންނަކީ މި ބާޒާރުގައި ހަމައެކަނި މަސް ވިއްކާ މީހުންނެއް ނޫން. އަޅުގަނޑުމެންނަކީ މަސް ވިއްކާ މީހުންގެ ތެރޭގައި ވަރަށް ކުޑަކުޑަ ބައެއް. ދުނިޔޭގައި މަހުގެ ބާޒާރަށް ބަލާކަމަށްވަންޏާ، މަހުގެ އަގު ނިންމުމުގައި، ޑިކްޓޭޓް ކުރުމުގައި އެއްވެސްކަހަލަ އުރަތްޕެއް ހުރި ބައެއް ނޫން އަޅުގަނޑުމެންނަކީ. އެއަށްވުރެ މާ ކުޑަކުޑަ އަދަދަކަށް މަސް އެކްސްޕޯޓް ކުރާ ބައެއް އަޅުގަނޑުމެންނަކީ. އަޅުގަނޑުމެންގެ ޤައުމަށް މަސްވެރިކަމަކީ އެންމެބޮޑު ޞިނާޢަތް ކަމަށްވެދާނެ. އެހެންނަމަވެސް، ދުނިޔޭގައި މަސް ގަންނަ ބާޒާރުގައި އަޅުގަނޑުމެންގެ މަސްކޮޅަކީ ހަމަ ދާދި ކުޑަކުޑަ އެއްޗެއް. އެހެންވީމާ، އަޅުގަނޑުމެންގެ އަތުގައި ނޯވޭ، މިދެންނެވި ގޮތަށް ދަމާކެނޑުމުގެ އިޚްތިޔާރެއް. އަޅުގަނޑުމެންނަކަށް މަހުގެ އަގު ޖައްސާލަން، ހިތަށްއެރިވަރަކަށް އަޅުގަނޑުމެންނަކަށް ނުޖެއްސޭނެ. އެއީ ދަޅުގައި ބަންދުކޮށްގެން ފޮނުވާ މަހަށް ކަމަށްވިޔަސް، ތާޒާގޮތަށް ފޮނުވާ މަހަށް ކަމަށްވިޔަސް، އަޅުގަނޑުމެންނަކަށް މިކަމެއް ނުކުރެވޭނެ.


އެހެންވީމާ، އަޅުގަނޑުމެން ދެންވެސް ކުރަންޖެހޭ ކަމަކީ، ތާޒާކޮށް މަސް ފޮނުވުމަށް މިކުރާ މަސައްކަތުގެ ބަދަލުގައި އަދިވެސް އިތުރު ކޭނަރީ ހެދޭތޯ މަސައްކަތް ކުރަންވީ. މިހާރުވެސް ސަރުކާރުން ހޭދަތަކެއް ކޮށްފި. އަޅުގަނޑުމެން މި ދާއިރާއަށް ކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އަނެއްކާވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެން ހިތްވަރާއެކީ މަސައްކަތް ކުރަނީ. ޓާގެޓްތަކެއް ކަނޑައަޅަނީ. އަޅުގަނޑަކީ އަބަދުވެސް ހުވަފެން ފެންނަ މީހެއް. އަދި އެ ހުވަފެން ޙަޤީޤަތަކަށް ހެދޭތޯ މަސައްކަތްކުރާހިތްވާ މީހެއް. އަޅުގަނޑަކީ ނާއުންމީދުގެ ތެރޭގައި ހަށަން ބަނދެލައިގެން ހުންނަން ބޭނުންވާ މީހެއް ނޫން. އަޅުގަނޑުގެ ރައްޔިތުންނެއް ނޭދޭ، މުޅި ރައްޔިތުންނަށް ނާއުންމީދީ މެސެޖްތަކެއް ދޭކަށެއް. [މިއީ އަޅުގަނޑުމެންގެ ޙާލަތޭ، ދެން ކީއްހޭ ކުރާނީ؟] ނޫން، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރާނީ އަޅުގަނޑުމެން. އެހެންވީމާ، އަޅުގަނޑަށް ފެންނަ ހުވަފެން ޙަޤީޤަތަކަށް ހެދޭތޯ އަޅުގަނޑު މަސައްކަތް ކުރާނީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ޙަޤީޤަތުގައި ބޮޑެތި ކޭނަރީތައް ހުރުމުގެ ބަދަލުގައި ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދުތަކުގައި ކުދިކުދި ކޭނަރީތައް ހެދޭތޯ ކުރާ މަސައްކަތް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެން ފަށައިފީމު. އަޅުގަނޑުމެން ސަޢޫދީ ފަންޑުގެ އެހީގައި މި ބަލަނީ، ތިން ހަތަރު ކޭނަރީ، މި 2017 ގައިވެސް ޤާއިމުކުރެވޭތޯ. އެހެންކަމަށްވަންޏާ، މި ބޮޑެތި ބޯޓުފަހަރު، ކަލެކްޓް ކުރަން، ނޫނީ ކަލެކްޓަރގެ ގޮތަށް މިދާ ބޯޓުފަހަރު މަސްގަންނަންދާ ދިޔުމަށް ޙައްލުތަކެއް އަންނާނެ. އެހެންވީމާ، ވިލިނގިލީ ހިސާބުގައި، މި ގެމަނަފުށި، ވިލިނގިލި ސަރަޙައްދުގައި، ނޫނީވިއްޔާ މަސްވެރިކަމުގެ އެހެން ސަރަޙައްދުތަކުގައި ކޭނިންގ ޕްލާންޓްތަކެއް، ނޫނީ ދަޅުގައި ބަންދުކުރާ ކާރުޚާނާތަކެއް، މިދެންނެވި ކެޕޭސިޓީގައި އެބަ އުފެދިގެން ދާންޖެހޭ.


އެއާއެކީ މަސްވެރިކަމުގެ ދާއިރާއިން ބޭރުން ލިބޭ އެހީއާއެކީ އަދި މިފްކޯ މިދެންނެވި ކަހަލަ ނުދިރި އޮންނަ ޙާލަތެއްގައި އޮންނައިރުވެސް، މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ އަށް، ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރޭ ދޮގެއްތޯ. ގެމަނަފުށީގައި މިއަދު ހަވީރުވެސް ހުޅުވިގެން އެދިޔައީ، މަސްވެރިންނަށް ފަސޭހަކުރުމަށްޓަކައި ދުވާލަކު 25 ޓަނުގެ ފްލޭކް އައިސް އުފައްދާ ކާރުޚާނާއެއް ހުޅުވިގެން އެދިޔައީ. ނޫނީ އައުޓްލުކް އެ ހުޅުވިގެން އެދިޔައީ. އެހެންވީމާ، މިކަހަލަ މަސައްކަތްތަކެއް މިކުރަނީ މިފްކޯއިން. މި މަސައްކަތް ކުރަން އަޅުގަނޑުމެން ސަރުކާރުން ހިތްވަރުދެން. އިރާދަކުރެއްވިއްޔާ، މިހާރު މި އައިސްފައި އޮތް ބަދަލާއެކީ މަސްވެރިންނަށް ފަސޭހަކުރުމަށްޓަކައި މިކަހަލަ އިތުރު އައިސް ޕްލާންޓްތައް އުފެދިގެންދާނެ.


ހަމައެއާއެކީ، މިފްކޯ އެންމެ ހަރަކާތްތެރިވަނީ ފެލިވަރުގައި ކަމަށްވާތީ، ފެލިވަރުގައި އެއޮތީ މަސްވެރިންގެ މެރީނާއެއްވެސް އުފައްދާފައި. މިފްކޯގައި ހަކަތަ ހުރިކަމަށްވަންޏާ، އެއީ އިޤްތިޞާދީ ގޮތުން ލާރި ހޯދައިގެން، ހޭދަކުރުމުގައި ހަކަތަ ހުރި ކަމަށްވަންޏާ، މިފްކޯގެވެސް ހުވަފެނަކީ އަދި އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް އެބައޮތް، މަސްވެރިކަމުގެ ދާއިރާތަކުގައި މިދެންނެވި ކަހަލަ މަސްވެރިންގެ މެރީނާތައް ތައްޔާރުކުރުން. އެއީ މަސްވެރި ޢާއިލާތައް، ނޫނީވިއްޔާ މަސްވެރިކަމަށް ޒުވާނުންވެސް ކުރިމަތިލާއިރު، އެ ބަނދަރަކަށް އައިމަ، އެ މަސްވެރިންނަށް އެއްދުވަހު، ނޫނީ ދެދުވަހު ތިބެ ފުރާއިރު ބޭނުންވާ ހުރިހާ ކަމެއް އެތަންތަނުން ފުދިގެން ދިޔުން. ފެލިވަރަކީ މިހާރު އެގޮތަށް ޤާއިމުކުރެވިފައި އޮތް ސަރަޙައްދެއް. ހަމަ އެހެންވީމާ، އަޅުގަނޑުމެން ބޭނުންވޭ، އެކަންކަން އެހެން ދިމަދިމާއަށްވެސް ދާން. މިއީ ޒުވާނުން އަޅުގަނޑުމެންގެ މަސްވެރިކަމަށް ނެރެވެން އޮތް ގޮތަކީ.


އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިދެންނެވި ގޮތަށް މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ، ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދުތަކަށް އުފުލިގެންދިޔުން، ޤާއިމުވެގެންދިޔުން، އިތުރުވެގެންދިޔުން. އެކަމަކު އަޅުގަނޑުމެންނާ ވާދަކުރާ އެހެން ފަރާތްތަކުން ހަމަ ދިވެހި ރައްޔިތުންނަށާއި މަސްވެރިންނަށް ހެޔޮއެދޭ ފަރާތްތަކުން ދިވެހިރާއްޖޭގައި ކަންތައްތައް ހުންނަގޮތް އޮޅުވާލައިގެން ދައްކާ ދެއްކުމުގެ ތެރޭގައި ދެންމެ ޖޭ.ޔޫ ޖަމީލް ޢުޘްމާންގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ރާއްޖެއާ ބެހޭގޮތުން ކުރަހައިދީފައި، ކުލަ ޖައްސައިދީފައި މި އޮންނަނީ ވަރަށް ނުބައި ތަޞައްވުރެއް. މީގެ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށް ކުރޭ. އިސްލާމީ ދައުލަތަކަށްވާއިރު، އަޅުގަނޑުމެންނަށް ނުކުރެވޭ ކަހަލަ ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް ހުށަހެޅިގެން ގޮސް، އެކަންކަން ނުކުރެވޭތީ، އަޅުގަނޑުމެންނަށް އެކިއެކި މަސްވެރިކަމުގެ އެއްވަނަ ދުނިޔޭގައި، މަސްވެރިކަމުގެ ޤައުމުތަކުން ލިބޭ ޢިނާޔަތްތަކަށް ހުރަސްތައް އެޅޭ. މިއީ ޙަޤީޤަތް. މި ޙަޤީޤަތާއެކީ އަޅުގަނޑުމެން އުޅެންވާނީ. މިކަންކަމަށް އަޅުގަނޑަށް ފާޑުކިޔާ ފަރާތްތަކަށް ފާޑުކިޔަން އަޅުގަނޑު މިރޭވެސް ފުރުޞަތުދެން. މި ވާހަކަ ކީއްވެތޯ ނުދެއްކެނީ؟ މި ވާހަކަ ދެއްކެންވާނެ. މިއީ އަޅުގަނޑުމެން އަމިއްލައަށް ހޯދާ މުޞީބާތްތައް.


އެހެންވީމާ، ﷲގެ ރޯދި، ރިޒުޤު، މަސްކަނޑުތަކުން ލިބެމުންދާއިރުވެސް އަޅުގަނޑުމެންނަކީ ނިޢުމަތްތަކަށް ޝުކުރުނުކޮށް އަދި އަޅުގަނޑުމެންނަށް ލިބޭ ނިޢުމަތްތަކަށް ފުރަގަސްދީފައި މިކަހަލަ ވާހަކަ ދައްކާ ބައެއް ކަމަށްވަންޏާ، ﷲގެ ރިޒުޤެއް އަޅުގަނޑުމެންނަށް ތަނަވަސްވެގެނެއް ނުދާނެ. އެހެންވީމާ، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތުގައި، ދިވެހި ރައްޔިތުން ޙަޤީޤަތްތަކެއް އެބަ ގަބޫލުކުރަންޖެހޭ. އަޅުގަނޑުމެން ފަށާފައި މިހިރަ މަސައްކަތްތަކަކީ، މަސްވެރިންނަށް ފައިދާހުރި އަދި ގެމަނަފުށި ކަހަލަ ރައްޔިތުންތަކަކަށް ފައިދާވާ ކަންތައްތައް ކަމަށްވަންޏާ، މި މަސައްކަތް އުދުހޭ ސްޕީޑްގައި ދިޔުމުގެ ޖާގަ އަޅުގަނޑުމެންނަށް ލިބެންޖެހޭނެ. މަސްވެރިކަމުގެ ދާއިރާގައި ކިތަންމެ ބޮޑެތި ބަދަލުތަކެއްވެސް އިރާދަކުރެއްވިއްޔާ އަންނާނެ. މިދެންނެވި ކަހަލަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމަށް ބަދަލު އަންނާނެ.


ހަމައެއާއެކީ މަސްވެރިކަމަކީ އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ، ދެންމެ ޑޮކްޓަރ ޝައިނީގެ ތަފާސް ހިސާބަށް ބެލިއިރުވެސް، ހަމައެކަނި ކަޅުބިލަމަހުގެ މަސްވެރިކަމެއް ނޫން. މަސްވެރިކަމުގެ ތެރޭގައި، ލޭނުގެ މަސްވެރިކަމުގެ ތެރޭގައި އެބަ ހިމެނޭ ބޮޑުކަންނެލިވެސް. އަދި އެއިން ލިބޭ ނަފާވެސް އެއް އަހަރުން އަނެއް އަހަރަށް އިތުރުވެގެންދާތަން ތަފާސް އިން އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ. އަދި ހަމައެއާއެކީ މި ސްޓޭޖްމަތިން ދޮންބެ އެ ގެންދެވި ޕްލާކަށް ބަލާކަމަށްވަންޏާ، ނޫނީވިއްޔާ ދޮންބެއަށް އަޅުގަނޑުމެން އެ ރެކޮގްނިޝަނެއް އެރުވި ކަންތަކަށް ބަލާކަމަށްވަންޏާ، ހުއިފިލަނޑާ ދިރުވައި އާލާކުރުމަށް އެރުވޭ ހިތްވަރުގެ ޕްލާކެއް އެއީ. މިއީ ރާއްޖޭގައި މިކަހަލަ އިތުރު ޞިނާޢަތްތައް، މަސްވެރިކަމުގެ ދާއިރާއިން އެބަ އުފެދެންޖެހޭ.


މަސްވެރިކަމަކީ ހަމައެކަނި ކަޅުބިލަމަހުގެ މަސްވެރިކަމެއް ނޫން. އަޅުގަނޑުމެންނަށް ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާ، މިހެންގޮސް ތަފާތު އެކި ކަންތައްތައް ފެނޭ. ވެލިއު އެޑް ކުރަން، ނޫނީވިއްޔާ ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައްވެސް، އެކި ޗޭން، އެކި ލެވެލްގައި އެބަ ހިނގާ. މިހިރީ ހައްތަހާ އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންތައް. އެކަމަކު މިހުރިހާ ކަމެއްވެސް އެކްސްޕޯޓް މި ކުރެވެންޖެހެނީ އެއްވަނަ ދުނިޔޭގެ ޤައުމުތަކަށް މައިގަނޑު ގޮތެއްގައި. އެހެންވީމާ، އޭގައި ހުރި ދަތިތައް ހުންނާނެ. ގަބޫލުކުރައްވާ! އެއްގޮތަކަށްވެސް ވިޔަފާރިއަކީ ވިޔަފާރި މުދަލަށް އެންމެ އަގު ރަނގަޅު ގޮތަކަށް ވިއްކޭ އެއްޗެއް ނޫން. ވިޔަފާރި މުދަލުން ދިވެހިރާއްޖޭގެ މަސްވެރިން ލޭ އޮހޮރުވައިގެން، ދާ އޮހޮރުވައިގެން ކުރާ މަސައްކަތުން މި ހޯދާ މަސްވެރިކަމަށްވެސް އަޅުގަނޑުމެން އަމިއްލައަށް ދިވެހިރާއްޖޭގެ ޝުހުރަތު ނަގާލައި، ދިވެހިރާއްޖޭގައި ހުރި ކަންކަމާ ބެހޭގޮތުން އަމިއްލައަށް އަޅުގަނޑުމެން ފާޑުކިޔާ، ނުބައި މަޢުލޫމާތު ދޭކަމަށްވަންޏާ، ކިތަންމެ ރަނގަޅު މުދަލެއް، ކިތަންމެ ތާޒާކަންމަތީ އެކްސްޕޯޓް ކުރި ނަމަވެސް، މިއަށް ލިބޭ ނަފައެއް ނުލިބޭ.


އަޅުގަނޑުމެން މި ހިޕޮކްރަސީ، ނޫނީވިއްޔާ މި ދެފުށް މިއިން ކޮންމެ ކަމެއްގައި އޮންނަކަން އަޅުގަނޑުމެން ގަބޫލުކުރަމާ ހިންގަވާ! އެއްގޮތަކަށްވެސް ދުނިޔޭގެ ބާޒާރުގައި ކޮންމެހެން އެންމެ ރަނގަޅު އަގެއް ނުލިބޭނެ. އަޅުގަނޑުމެން ރާއްޖޭގައި ހަމައެކަނި ޖާގަދެނީ އިސްލާމްދީނަށް ކަމަށްވާތީ އަޅުގަނޑުމެން އެބަ ޓެކްސް ކުރޭ. އަޅުގަނޑުމެން ރާއްޖޭގައި އިސްލާމްދީނުގައި ހުރި ބައެއް އުސޫލުތަކުގެ މަތީގައި އަޅުގަނޑުމެން ސާބިތުކަމާއެކީ ތިބޭނަމޭ ބުނާތީ އަޅުގަނޑުމެންނަށް އެބަ އަދަބު ލިބޭ މަސް އެކްސްޕޯޓް ކުރާއިރު. މިއީ ދުނިޔޭގެ ވިޔަފާރީގެ ޙަޤީޤަތް. އެހެންވީމާ، މިކަހަލަ ކަންކަން އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ.


އަޅުގަނޑުގެ ވާހަކަ ދިގުލައިގެންވެސް ދަނީ. އެހެންނަމަވެސް، އަޅުގަނޑު ހަމަ މި މަސްވެރިކަމުން ކުޑަކޮށް ދުރަށްޖެހިލާނަން. އެއީ މިއަދަކީ ހަމަ ގެމަނަފުށީގެ ދެން ރައްޔިތަކަށް ވާނީ ދޮގެއްތޯ އަޙްމަދު ޙަސަން މަނިކު. އެހެން ނޫންތޯ؟ އެހެންވީމާ، އަޙްމަދު ޙަސަން މަނިކު، އާދެ، ދީލަތި ވިޔަފާރިއެއް. ގެމަނަފުށީގެ އެކިކަހަލަ އިޖުތިމާޢީ ޙަރަކާތްތަކުގައި ވަރަށް ދީލަތިކަމާއެކީ ހޭދަކުރައްވާ ބޭފުޅެއް. މިއަދު ޢަޞުރު ނަމާދުގައި ހުޅުވިގެން އެދިޔައީ އިބްރާހީމީ މިސްކިތް، އެހެން ނޫންތޯ؟ ވަރަށްރީތި، ވަރަށް މޮޅަށް ހައްދަވާފައި ހުރި މިސްކިތެއް. ޝައްކެއްވެސްނެތްގޮތުގައި، އަމިއްލަ ދީލަތި މިކަހަލަ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް، ނޫނީވިއްޔާ ރައްޔިތުން ތިބޭ ދިމަދިމާއަށް ލިބޭ ކޮންމެ އެހީތެރިކަމަކީ އަޅުގަނޑު، ދިވެހިރާއްޖެ މިއަދު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން ވަރަށް ޝުކުރާއި އުފާވެރިކަމާއެކީ ބަލައިގަންނަ ކަމެއް. އެހެންވީމާ، ހަމަ ގެމަނަފުށީގެ ރައްޔިތުންގެ ފަރާތްޕުޅުންވެސް އަދި ދިވެހި ދައުލަތުގެ ފަރާތުން އަޙްމަދު ޙަސަން މަނިކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ފަށްފަށުން ޝުކުރު ދަންނަވަން. ޝައްކެއްވެސްނެތްގޮތުގައި، ތިއީ ﷲގެ ހެޔޮ ޖަޒާ އިތުރުވެގެންދާނެ ކަމެއް. އެހެންވީމާ، ތިޔަކަހަލަ ޚިދުމަތްތެރި މަސައްކަތްތައް ކޮށްދެއްވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް.


ހަމަ މިއަދު އަޅުގަނޑުމެން ދިޔައިން، މިރަށުގެ އުތުރުކޮޅުގައި މާރެހަށް. ދެން އަނެއްކޮޅުގައި ޒީރޯ. މިތަންތަނުގައިވެސް ކުޑަކުދިން ނުކުމެ ހިތްގައިމުކަމާއެކީ އުޅެލާނެ ތަންތަން ހެދިގެން މިދަނީ. މިއީ އަޅުގަނޑު ދިވެހިރާއްޖޭގައި ދެކެން ބޭނުންވާ ތަންތަން. މިއީ ދިވެހިން އުޅެންޖެހޭ ގޮތަކީ. ދިވެހިންނަކީ ވަރަށް ސާދާ، މިޒާޖުގައި ވަރަށް ޚުލްޤު ހެޔޮ ބައެއް. އެހެން ނޫންތޯ؟ ކީއްވެގެންތޯ، ކީއްވެގެންތޯ އަޅުގަނޑުމެން ކުޑަކުދިން ތަޅުއެޅުވިފައި ކޮޓަރި ކޮޓަރީގައި ތިބެންވީ؟ އެކަމަކު މީގެ ތިން ހަތަރު އަހަރާ ހަމައަށް ދިޔައިރު، ގެމަނަފުށްޓަކީވެސް އަމާންކަން ގެއްލިފައި އޮންނަ ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެއް. މާލެއަކީ މީގެ ލާމަސީލު ތަނެއް. އަޅުގަނޑުމެން އެކަކު އަނެކަކު ކަތިލައި ބިމަށް ތިރިކޮށްލާތަން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.


އެހެންވީމާ، މިކަންކަމުން ޙައްލު ހޯދަން ދިވެހި ދައުލަތުން މިކުރާ މަސައްކަތްތަކުގައި، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ނަތީޖާތަކެއް އެބަ ފެނޭ. މިހާރު މި ރަށުގައި ކޮންމެ ރަށެއްގައި ހެދިގޮނޑުދޮށެއް އެބަ ބޭނުންވޭ. ކުޑަކުދިން ނުކުމެ މިނިވަންކަމާއެކީ އުޅެލާނެ، ދުވެލާނެ، ކުޅެލާނެ ޕާކްތައް އެބަ ބޭނުންވޭ. މިކަންކަން ކުރުމުގައިވެސް ހަމަ މިރަށްރަށަށް ނިސްބަތްވާ އެކިއެކި ދީލަތި ބޭފުޅުން އެހީތެރިވެވަޑައިގަންނަވާ. އަޅުގަނޑުމެންގެ މި ރީތި ޖަޒީރާތަކުގެ ހިތްފަސޭހަކަމާއި، މަޞްލަޙަތާއި، ޞުލްޙަވެރިކަމާއި، އަދި އަޅުގަނޑުމެން ކުޑަކުދިން ތަރުބިއްޔަތު ކުރާއިރު، ހިތްހަމަޖެހިގެން އެކުދިންނަށް އުޅެލެވެންޖެހޭނެ. ބިރުގަންނަންޖެހެނީ ކޮންކަމަކާތޯ؟ އެކަމަކު ބިރަކީ މީގެކުރީގައި އަޅުގަނޑުމެންނަށް ކޮންސެޕްޓެއް ގޮތަށް، އަޅުގަނޑުމެން އަޑުއަހާ ކަމެއްގެ ގޮތުގައި، ތަފާތު ގޮތަކަށް ދަސްވެފައި އޮންނަ އެއްޗެއް. ބިރުގަނޭ، ބޮޑެތި މީހުންވެސް މަގުމަތީގައި ނުކުމެ ހިނގާބިނގާ އުޅެން. އަންހެން ކަނބަލުން، ޝައްކެއްވެސްނެތްގޮތުގައި، މީގެ ތިން އަހަރާ ހަމައަށް ކުރިއަށް ޖެހިލާއިރު، މާލޭގެ މަގުތަކުގައިވެސް ހޭންޑްބޭގް ހިފައިގެން، 11ގެ ފަހުން، 10ގެ ފަހުން އުޅޭތަނެއް ނުފެންނާނެ. އެވަރުގެ ނާމާންކަމެއްގެ ތެރޭގައި، އަމިއްލައަށް އެޅުވިފައި ހުރި ކަސްތޮޅެއްގެ ތެރޭގައިތޯ އަޅުގަނޑުމެން އުޅެންޖެހެނީ؟ މިއީ ކޮންބައެއްގެ ދިވެހިރާއްޖެއެއްތޯ؟ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ ދޮގެއްތޯ. އަޅުގަނޑުމެން އެންމެންނަށް އަމާންކަމާއި ހަމަޖެހުމާއެކީ އަޅުގަނޑުމެންނަށް އުޅެވެންވާނެ. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ޙައްލުކުރަން މަސައްކަތްކޮށް، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ފެނިގެންދޭ.


އެއާއެކީވެސް އަޅުގަނޑު ދަންނަވާލާނަން. ކޮންމެ ރަށެއްގައިވެސް ބޭނުންވެފައި ހުރި ކަންތައްތައް ހުންނާނެ. ޝައްކެއްވެސްނެތް، އަޅުގަނޑުމެން އިންސާނުންގެ އެދުންތަކަކަށް ނިމުމެއް ނާންނާނެ. އެއީ، އަޅުގަނޑުމެންގެ ޠަބީޢަތް. އެހެންވީމާ، އެގޮތުން އަޅުގަނޑު ހަމަ ގެމަނަފުށީގައިވެސް ދަންނަވާލާނަން. ގެމަނަފުށްޓަށް އަބަދުވެސް އަންނައިރު، ބޮޑުވެފައި އޮންނަ އެއްކަމެއް އޮންނާނެ. އެކަން ޙައްލުކޮށްދީފީމޭ ބުނެފިއްޔާ، ދެން އަންނަ ދަތުރެއްގައި ބުނާނެ، އަދި އެބައޮތޭ އިތުރު ކަމެއް. އެހެންވީމާ، އެގޮތުން އަޅުގަނޑު ދަންނަވާނަން، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު، 2017. ދުރަކު ނޫން މިއޮތީކީ. 2017 ގައި، ދެންމެ ޖަމީލް ޢުޘްމާންގެ ވާހަކައިގައި އެ ވިދާޅުވިގޮތަށް، އެންމެ ބޮޑަށް ގެމަނަފުށްޓަށް ދަތިވެފައި އޮތް ކަމެއްގެ ގޮތުގައި މިއޮތީ ނަރުދަމާގެ މަސައްކަތް. އިރާދަކުރެއްވިއްޔާ ސަރުކާރުން ނަރުދަމާގެ މަސައްކަތް ޢަމަލީގޮތުން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި ފަށާނެ.
އެއާއެކީވެސް ދަންނަވާލާނަން. ދެން މިއަދު މިކަން ނިމޭކަން އެނގުނީމަ، ހަމަ ސިއްރު ސިއްރުން އަޅުގަނޑާ ހަމައަށް އަންނަ ވާހަކަތަކުގެ ތެރޭގައި، ބީ.އެމް.އެލް.ގެ ކޮންމެވެސްކަހަލަ ވަސީލަތެއް މިތާ ޤާއިމުކުރަން، މަސްވެރި ރަށެއްވީމަ، ޝައްކެއްވެސްނެތް ތަނަވަސްކަން ހުންނާނެ. އެހެންވީމާ، ރައްޔިތުން ބޭނުންވާނެ. ހަމަ އުފާވެރި ޚަބަރަކީ، ބީ.އެމް.އެލް.ގެ ސީ.އީ.އޯ ދެންމެ ޑޮކްޓަރ ޝައިނީ މެދުވެރިކޮށް އަޅުގަނޑަށް ކަށަވަރުކަން ދެއްވި. ގެމަނަފުށީގެ ރައްޔިތުންނަށް ކަށަވަރުކަންދޭށޭ، އަންނަ އަހަރުގެ ތެރޭގައި، 2017 ވަނަ އަހަރުގެ ތެރޭގައި، ބީ.އެމް.އެލް.ގެ ކޮންމެވެސްކަހަލަ ޕްރެޒެންސެއް، ރައްޔިތުންނަށް ފަސޭހަވާގޮތަށް މިތާ ހަމަޖެހިދާނެއޭ.


ގެމަނަފުށީގައި މި ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވާނަން. ކިހިނެއްވެގެންތޯ ގެމަނަފުށްޓާ އަޅުގަނޑާ ތަންކޮޅެއް ބޮޑަށް ގާތްވެގެން މިއުޅެނީ؟ އަޅުގަނޑުމެން ޕީ.ޕީ.އެމް އުފައްދައިގެން މަސައްކަތް ކުރިއިރު، ދެން މިއީ އަޅުގަނޑަށް ހީވަނީ ޕީ.ޕީ.އެމް.ގެ ހުރިހާ ރައްޔިތުން އަޑުއައްސަވަންޖެހޭ ވާހަކައެއްކަންނޭނގެ. އަޅުގަނޑުމެން މަސައްކަތް ކުރިއިރު، ނަސީބު ރަނގަޅުކަމުން އަޅުގަނޑުމެންނަށް ދިމާވިގޮތަކީ، ރާއްޖޭގެ އެކި ހިސާބުގައި، ރަށްރަށުގެ ކައުންސިލްތަކުން ކައުންސިލަރުން އިސްތިޢުފާ ދެއްވަމުން، ވަކިވަމުން ދަނީ. އަޅުގަނޑުމެންނަށް ލިބުނު، ސިޔާސީގޮތުން އަޅުގަނޑުމެންގެ ސްޕޭސް ވަޒަންކޮށްލަން، ކިހާވަރެއްގެ ޖާގައެއްތޯ، ކިހާވަރެއްގެ ބުރަދަނެއްތޯ އަޅުގަނޑުމެންގެ ޕާޓީއަށް އޮތީ، އަޅުގަނޑުމެންގެ ފިކުރަށް އޮތީ ވަޒަންކޮށްލަން ލިބުނު ވަރަށް ރަނގަޅު ރަނުގެ ފުރުޞަތަކަށް އެކަން ވެގެންދިޔައީ. އެ ފުރުޞަތުގެ ތެރޭގައި އެންމެ ފުރަތަމަ ދިމާވި އިންތިޚާބަކީ ގައްދޫގެ ގޮނޑިއެއް ހުސްވެގެން، ގައްދޫގެ ބައި އިލެކްޝަނެއް އިޢުލާނު ކުރެވިގެން ގައްދޫ މުޙައްމަދު ޢަބްދުއްޞަމަދު ހޮވަން އަޅުގަނޑުމެން ކުރި މަސައްކަތް. އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް ޕާޓީގައި ތިބި ހުރިހާ އިސްމީހުން އެދުވަހުވެސް ތިބި އިނގޭތޯ. އެއީ އެދުވަސް. މިއަދު މިއީ މިދުވަސް. އެކަމަކު އަޅުގަނޑުމެން ބޮޑު އިންތިޚާބެއް ޕާޓީގެ ކޮންގްރެސް ނިމި، އިންތިޚާބު ނިމުނުއިރު އަޅުގަނޑުމެންގެ އެކިއެކި ބޭފުޅުން ރަޖާ ލައްވައިގެން ތިއްބެވީ ގޭގައި. ބައެއް ބޭފުޅުން ރާއްޖެއިން ބޭރުގައި ތިއްބެވީ.


ރައްޔިތުންނަށް ބޭނުންވާ ކަމެއް ކުރަން ބަލައިލިއިރު އަދި ޕާޓީ ވަރުގަދަކުރުމަށްޓަކައި ޕާޓީއަށް ފޯމު ފުރައި އަދި ޕާޓީގެ ކައުންސިލަރެއް ހޯދާ، އެ މަސައްކަތް ކުރަން ބަލައިލިއިރު، އަޅުގަނޑުމެންގެ ތެރޭގައި އިސް މީހުން ތިބި ކަމަކަށްނުވޭ. އަޅުގަނޑާއެކީ ދަތުރުކުރެއްވި އަޙްމަދު ނިހާން. މިއަދުވެސް އަޅުގަނޑުމެންގެ ޕީ.ޖީ ގްރޫޕްގެ ލީޑަރު. އަޅުގަނޑުމެން ދިޔައިން. ވަރަށް ދަތި އުނދަގޫ ދަތުރެއް އަޅުގަނޑުމެން ކުރިން ގައްދޫއަށް. ދެން ގައްދޫގައި އަޅުގަނޑުމެން މި މަސައްކަތުގައި އުޅެނިކޮށް ގެމަނަފުށީގެ ޓީމެއް އަޅުގަނޑުމެންނާ ބައްދަލުކުރި ހަނދާން އަޅުގަނޑު ވަނީ. ވަރުގަދަ ޓީމެއް ގެމަނަފުށިން އަޅުގަނޑާ ބައްދަލުކުރަން އައި. އައިސްފައި، ހަމަ އޭގެތެރޭގައި ސަލާމް ކަހަލަ ބައެއް ބޭފުޅުން އެބަ ތިއްބެވި. މިހާރުވެސް ހަމަ އެބޭފުޅުން އެ ތިއްބެވީ. ވަރަށް ވަރުގަދައަށް އަޅުގަނޑަށް ހިތްވަރު ދެއްވި. ދެއްވާފައި ވިދާޅުވި. ތިމަންނަމެން މިތިބީ ޕީ.ޕީ.އެމް.އާ އެކީ މަސައްކަތް ކުރާށޭ. ތިމަންނަމެންނަކީ ފިކުރުގައިވެސް ހަމަ ކަލޭމެންނާ އެއްބައެކޭ. އަޅުގަނޑުމެންނަށް ހިތްވަރު ލިބިގެންދިޔަ. ޙަޤީޤަތުގައި ގެމަނަފުށްޓާ އަޅުގަނޑާ އެންމެ ފުރަތަމަ އެހާބޮޑަށް ގާތްވެގެންދިޔައީ އެހެންވެގެން. އަބަދުވެސް ފޯރިގަދަ ސިޔާސީ ޙަރަކާތްތަކުގައި، ފޯރިގަދަ ރައްޔިތެއް އޮންނަ ތަނެއް ގެމަނަފުށްޓަކީ. އެކަމަކު މިދެންނެވި ގޮތަށް ވަފުދެއް ހަދައިގެން ދަތުރުކޮށްފައި އައިސް އަޅުގަނޑާ ބައްދަލުކޮށް، އެ ހިތްވަރު ދިން ފުރަތަމަ ބަޔަކީ ގެމަނަފުށީގެ ރައްޔިތުން. އެދުވަހުން ފެށިގެން އަޅުގަނޑާ ގެމަނަފުށްޓާ ދޭތެރޭގައި ހަމަ ވަރަށް އިތުބާރު އޮތް ގުޅުންތަކެއް މި އޮންނަނީ.


ދެން ހަމަ އެ މަސައްކަތުގައި އަޅުގަނޑުމެން ކުރިއަށް ދިޔައިމު. އެތަކެއް ކައުންސިލް އިންތިޚާބުތަކުގައި އެންމެ ގިނަ ކައުންސިލް ގޮނޑި، ބައި އިލެކްޝަނުން ނެގި ބަޔަކީ ޕީ.ޕީ.އެމް. އެ ނަތީޖާ އިރާދަކުރެއްވިއްޔާ، އެތަކެއް ބޭފުޅުންގެ އެހީތެރިކަމާއެކީ އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ. ރިޔާސީ އިންތިޚާބެއް ޕާޓީން ކާމިޔާބުކުރި ފުރަތަމަފަހަރަކަށް ވެގެން މިދިޔައީ އެހާ ޅަފަތުގައި، ޕާޓީ އެހާ ޅައިރު އަޅުގަނޑުމެންގެ ޕާޓީ. އެހެންވީމާ، އުފެދޭ ސުވާލަކީ، ޢާންމުކޮށް ޕާޓީތައް އުފެދިގެން މި އަންނަނީ، ޕާޓީގެ ފިކުރާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ކުރަން. ޕާޓީގެ ފިކުރާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ، ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދެވޭވަރުގެ ފެންވަރަކަށް، އެ މަޤާމަށް އެ ޕާޓީއަކުން އައިސްގެން. އެއީ ޝައްކެއްވެސްނެތްގޮތުގައި، ވެރިކަމާ ހަމައަށް އައުން. ކޮންމެ ޕާޓީއެއްގެވެސް ހުވަފެނަކީ ވެރިކަމަށް އައުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެތައް ބައެއްގެ މަސައްކަތާއެކީ ﷲގެ މިންވަރުފުޅާއެކީ އަޅުގަނޑުމެން މިތިބީ ވެރިކަން ކުރަން. އެއީ އަޅުގަނޑުމެންނަށް ލެއްވި ރަޙްމަތެއް. ޝާޢިރަކު ވިދާޅުވިގޮތަށް، ކަޅު އަނދިރި ރޭރޭ، އަޅުގަނޑުމެންނަށް ހިތަށް ތަދުވާ ކަންތައްތަކެއްވެސް އަލިވިލައިގެން މިދަނީ ފަތިހުގެ ހިތްހަމަޖެހުމާއި، ފަތިހުގެ އުންމީދާއި، އާ ދުވަހެއްގެ ޖޯޝާއެކީގައި. މި އިންތިޒާރުގެ މަތީގައި ތިބިކަން އަޅުގަނޑުމެން ހަނދާން ނައްތާލަން މިއުޅެނީ.


އެ މާޒީ، އަޅުގަނޑުމެން މާޒީކޮށްލީމު. އަޅުގަނޑުމެން އަލިވިލީ އަޅުގަނޑުމެން މިދެންނެވި ކަހަލަ އުފާވެރި ކަންތައްތަކެއްގެ ތެރެއަށް. ދާދި އަވަހަށް އަޅުގަނޑުމެންނަށް ނެތިދިޔައީ މިދެންނެވި ކަހަލަ ހިތްދަތި އުނދަގޫ ދުވަސްތަކެއް. އޭރު އަޅުގަނޑުމެން އިޙްސާސް ކުރިން، ބަރުދާސްތު ކުރިން އެތަކެއް އުނދަގޫ ކަންތައްތައް. ދެން މިއޮތީ އަޅުގަނޑުމެން ބޭނުންވާ ހިސާބަކަށް އައިސްފައި. ދެން މިހާރު ކީއްވެގެންތޯ އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑުމެންނާ އިދިކޮޅަށް މަސައްކަތްތަކެއް ކުރަންވީ؟ ﷲ އަޅުގަނޑުމެންނަށް މި ނިޢުމަތް ދެއްވީމަ، މި ނިޢުމަތްމަތީގައި އަޅުގަނޑުމެން ދެމިތިބެގެން، އަޅުގަނޑުމެން އޭރުވެސް ކުރި މަސައްކަތަކީ، އެދުވަހުވެސް ކުރި މަސައްކަތަކީ ޕާޓީގެ ނަމުގައި ނުކުމެ، ޕާޓީއަށް މެންބަރުން އިތުރުކުރުމާއެކީ، ޕާޓީގެ ޝުހުރަތު ހޯދުމަށްޓަކައި އިންތިޚާބުތައް ކާމިޔާބުކުރަން ކުރި މަސައްކަތް. އަދު އަޅުގަނޑުމެންނަށް ކުރިބޯށްޓާ ހަމައަށް މިތިބީ އާދެވިފައި، ﷲގެ ރަޙްމަތާއެކީ. އެހެންވީމާ، މިހިސާބުގައި ހިފަހައްޓާލުމަކީ، އަޅުގަނޑުމެންގެ ޕާޓީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަކުން، ޝައްކެއްވެސްނެތްގޮތުގައި، ޕާޓީގެ ހުރިހާ މެންބަރުންގެ އެންމެބޮޑު އެދުމަކަށްވާނީ. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، މިދެންނެވި ނިޢުމަތަށް އަޅުގަނޑުމެން ޝުކުރުކޮށްގެން އަޅުގަނޑުމެން ޕާޓީ ވަރުގަދަ ކުރަން ކުރާ މަސައްކަތް. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ހުރި މަސައްކަތްތައް ބޭރުގައި ޙަޤީޤަތާ ޚިލާފަށް އަޅުގަނޑުމެން އޮއްސާލުމެއް ނޫން. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، އަޅުގަނޑުމެން ޕާޓީގައި އަޅުގަނޑުމެން ގަބޫލުކުރަނީ، އަޅުގަނޑުމެން ގަބޫލުކުރާ ފިކުރަކާއި ގަބޫލުކުރާ އުސޫލުތަކެއް ކަމަށް. އެ އުސޫލުތަކާއެކީ އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދަންވީ. އަޅުގަނޑުމެން އަބަދުވެސް ބޭނުންވާނީ އަޅުގަނޑު މިއަދު ވިލިނގިލީގައި ދަންނަވާލިގޮތަށް، އަސުރުމަލުގެ ކުލައަކީ އަބަދުވެސް އަޅުގަނޑުމެންނަށް ރީތި ކުލައަކަށް އަޅުގަނޑުމެންނަށް ފެނިގެން ދާންޖެހޭނެއޭ. އަސުރުމަލުގެ ކުލައަކީ އެއްގޮތަކަށްވެސް އެއްވެސްއިރެއްގައި، އެއްވެސް މޫސުމެއްގައި އަދި 24 ގަޑިއިރުގެ ތެރޭގައި އެއްވެސް އިރެއްގައި އެއްވެސް ޒާތެއްގައި އެއަށް ބަނަކަމެއް ނާންނަ މަލެއްގެ ގޮތުގައި. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރަންޖެހޭނީ އަޅުގަނޑުމެންގެ ތެރޭގައި އެކަން ކުރުމުގެ ކެރުންތެރިކަން ހުރެގެން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. މަސްވެރިންގެ ދުވަސް ކަމަށްވާތީއާއެކީ، ގެމަނަފުށްޓަށް، ދިވެހިރާއްޖެއަށް ފާގަތި، ތިޔާގި ދުވަސްތަކެއް ﷲ މިންވަރު ކުރައްވާށި! އަޅުގަނޑުމެންގެ ވަށައިގެން މިވާ ކަނޑުތަކުން ރޯދި ބަރަކާތާއި ރިޒުޤު އަޅުގަނޑުމެންނަށް އިތުރުކުރައްވާށި! އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ﷲގެ ރުއްސެވުން އެކަމުގައި ހިމެނޭ މަސައްކަތް. އަޅުގަނޑުމެންގެ މަސައްކަތުގައި ﷲގެ ބަރަކާތް ލައްވާށި!


والسّلام عليــكم ورحـمــة اللّـه وبـركاتـه.