بســم اللّـه الرّحمـن الرّحيــم

 

 
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.
 
އާދެ، އަޅުގަނޑުމެންގެ އަމިއްލަ އެއަރލައިން، އައިލެންޑް އޭވިއޭޝަނުން މިހާރު ބޭނުންކުރައްވަމުން ގެންދަވާ "އައިލެންޑް" މިނަން "މޯލްޑިވިއަން"ގެ ނަމަށް ބަދަލުކޮށް، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން "މޯލްޑިވިއަން" އިފްތިތާޙްކޮށްދިނުމަކީ މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.  
 
މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވަން. އޭގެތެރޭގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙަންމަދު ސަޢީދާއި، އަދި އައިލެންޑް އޭވިއޭޝަން ބޯޑުގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކާއި، އައިލެންޑް އޭވިއޭޝަންގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ބަންދު އިބްރާހީމް ސަލީމާއި، އަދި ކުންފުނީގެ ބޯޑުގެ އެހެން މެންބަރުންނާއި، އެހެން ވެރިންނާއި، ހުރިހާ މުވައްޒަފުން އަޅުގަނޑުގެ ތަހުނިޔާއާއި މުބާރަކްބާދީގައި ޝާމިލްކުރަން.
 
އާދެ، މިފަދަކަމަކީ، ވަރަށް ބޮޑަށް އަޅުގަނޑުމެން ޝައުޤުވެރިކަމާއެކު އިންތިޒާރުކުރާކަމެއް. މިހެން މިދެންނެވީ، އައިލެންޑް އޭވިއޭޝަނޭ ބުނީމާ، އެއީ ކޮން ޤައުމެއްގެ އެއްޗެއްކަމެއް، ކުންފުންޏެއްކަމެއް، އެއަރލައިނެއްކަމެއް އަޅުގަނޑުމެންނަކަށް އޮޅުމެއްނުފިލާ. އެހެންނަމަވެސް "މޯލްޑިވިއަން" އެހެން ބުނީމާ، ދެން އެއްވެސް ޝައްކެއްނެތް. އެއީ ކޮން ޤައުމެއް ތަމްސީލުކުރާ އެއަރލައިނެއްކަން، އެއީ ކޮންބައެއްގެ އެއަރލައިނެއްކަން މިއީކީ، ދެން އެއްވެސް މީހެއްގެ ހިތުގައި ޝައްކު އުފެދޭނެ ކަމެއްނޫން. ނުވަތަ ސުވާލުމާކެއް ޖެހޭނެކަމެއްނޫން. ހަމައެއާއެކީގައި، އެއީ އަޅުގަނޑުމެންގެ އަމިއްލަ ޝަޚްޞިއްޔަތު ދައްކައިދޭކަމެއް.
 
މިހާރަކަށްއައިސް އެނގިވަޑައިގަންނަވާނެ ފަދައިން ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި، މިހުންނަނީ އެތަންތާނގެ ޤައުމަށް ނިސްބަތްކޮށް، އެންމެ ލަފުޒަކުން އެއަރލައިންގެ ނަން ބޭނުންކުރާގޮތަށް ހަމަޖެހިފައި. އަވައްޓެރި ޤައުމުތަކުގައިވެސް، އަދި ދުރު ޤައުމުތަކުގައިވެސް. އެހެންވީމާ، މުޅި ދުނިޔެއިން މިހިނގާ މަގުގައި، މިކަންތަކުގައި ހިފުމަކީ އަޅުގަނޑުމެން ހަމަ މިވަގުތު ކުރަންޖެހޭނެކަމެއް. ރާއްޖެއަށް އެކަމުގެ ސަބަބުން އިތުރު ކުރިއެރުމާއި، ތަރައްޤީ ލިބި، އަދި އަޅުގަނޑުމެންގެ ނަން ދުނިޔެއަށް މަޝްހޫރުވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
 
އާދެ، އައިލެންޑް އޭވިއޭޝަންގެ އިޙްތިފާލެއްގައި ބައިވެރިވުމުގެ ފުރުޞަތު މިއަހަރު މިއީ އަޅުގަނޑަށް ލިބޭ ދެވަނަފަހަރު. މީގެކުރިން، އައިލެންޑް އޭވިއޭޝަންގެ ދަތުރުތައް ރާއްޖެއިން ބޭރަށް އިފްތިތާޙްކޮށްދިނުމުގެ ގޮތުން، މީގެ ހައެއްކަ މަސްދުވަސް ކުރިން ހަމަ މިދަރުބާރުގޭގެ ހަމަ މި މާލަމުގައި ބޭއްވުނު ޙަފްލާއެއްގައި އަޅުގަނޑު ބައިވެރިވީން. އެއީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ހަމަމިރޭ، މިދަރުބާރުގޭގައި މި މާލަމުގައި އަނެއްކާވެސް އައިލެންޑް އޭވިއޭޝަންގެ މިފަދަ ކަމެއްގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް، އިތުރު ޝަރަފެއް.
 
އާދެ، ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި، ޑިރެކްޓަރ ކޮމަރޝަލް އަލްފާޟިލް އަޙްމަދު ޒުހައިރުގެ ވާހަކަފުޅުގައި، މި ނަން ބަދަލުކުރުމުގެ ބޭނުން، ނުވަތަ އައިލެންޑް އޭވިއޭޝަންގެ އެއަރލައިން ޑިވިޜަން ރީބްރޭންޑް ކުރުމުގެ ބޭނުން ވަރަށް ރަނގަޅަށް ވިދާޅުވެދެއްވައިފި. އެހެންވީމާ، ކޮންމެހެން އޭގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށްނެތިން. އޭނާ އެވިދާޅުވިގޮތަށް، އަދި އޭގެފަހުން ޑޮކްޓަރ ޢަބްދުﷲ މަޢްޞޫމުވެސް އެވިދާޅުވިގޮތަށް، އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި މި އެއަރލައިންގެ ކުލަ ބަދަލުކޮށްލާކަށް ނޫން ނުވަތަ ލޯގޯ ބަދަލުކޮށްލާކަށްނޫން. އަޅުގަނޑުމެން ބޭނުންވަނީ އެއަށްވުރެ ބޮޑު ބަދަލެއް ގެންނަން. ދިވެހި ޝަޚްސިއްޔަތު، ދިވެހިންގެ ޝަޚްސިއްޔަތު، ދިވެހި ޤައުމިއްޔަތު ހާމަކޮށްދޭ އެއަރ ލައިނަކަށް، މި އެއަރލައިން ވެގެންދިޔުން. އަދި އޭގެސަބަބުން ދުނިޔޭގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ކޮންތަނެއްކަމާއި، ދިވެހިރާއްޖޭގެ ރައްޔިތުން އެމީހުންގެ އަމިއްލަ ނަފްސުތައް ދެކޭގޮތާއި، އަޅުގަނޑުމެން މިކުރާ އުންމީދުތަކާއި މިހުރިހާކަމެއް ތަމްސީލުކޮށްދޭ އެއްޗަކަށް އެއަރލައިންވުމަކީ ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމުކަމެއް.
 
ދެންމެ އެހެން ބޭފުޅުންވެސް ވިދާޅުވިފަދައިން، އެއަރލައިން މަސައްކަތަކީ، ވަރަށް ވާދަވެރި މާޙައުލެއްގައި ކުރަންޖެހޭ މަސައްކަތެއް. އެކަމުގައި ވިޔަފާރީގެ ހުނަރުތައްވެސް ބޭނުންކުރަންޖެހޭ. އަބަދު އެއްގޮތަކަށް، އެއްނަމެއް ކިޔައިގެން އެހެން އުޅުމުން އެ ލިބޭ ފޫހިކަން، ނުވަތަ މީހުންނަށް އެއްވެސް އާކަމެއް ނެތީމާ، އެވާގޮތްތައްވުމެއް ނޯންނާނެ، އަޅުގަނޑުމެން ނަންބަދަލުކޮށްލައި، މިޒަމާނުގެ ތަރައްޤީއާ ގުޅޭގޮތަކަށް ބަދަލުކޮށްލީމާ. ޝަޚްސިއްޔަތު އެބަ ދައްކައިދޭ. އެއަރލައިނަށް ނުވަތަ މިމަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭކަން ހާމަވެގެން އެބަދޭ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް މުހިންމުކަމެއް.
 
އަޅުގަނޑުމެން އެންމެންނަށްވެސް ފެނިގެން މިދާގޮތުގައި، އައިލެންޑް އޭވިއޭޝަންގެ ޚިދުމަތްތައް މިދަނީ އެއްދުވަހުން އަނެއްދުވަހަށް ފުޅާވަމުން. އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުން. އަޅުގަނޑުމެންގެ އެއަރލައިންގެ މަތިންދާބޯޓްތައް އަދި ތަންކޮޅެއް ކުދިކަމުގައިވިޔަސް، އައިލެންޑް އޭވިއޭޝަނުން އަޅުގަނޑުމެންގެ ދިވެހިންނަށާއި އަދި ރާއްޖެއަށް ދަތުރުކުރާ ނުވަތަ ރާއްޖޭގައި ދަތުރުކުރާ ބޭރުމީހުންނަށް މި ދެއްވާ އުދުހުމުގެ ޚިދުމަތް، ވަރަށްބޮޑަށް ތަރައްޤީވެގެން، ވަރަށްބޮޑަށް ފުޅާވެގެން އެބަދޭ. އަޅުގަނޑުވެސް މިއީ، މި އެއަރލައިނުން އެތެރޭގެ ދަތުރުތައް ވަރަށްގިނައިން ކުރާމީހެއް. އަޅުގަނޑަށްވެސް ފެނިފައި އޮތްތާނގައި އެއަރލައިންގެ ޚިދުމަތްތައް މިހާރު ވަރަށް ރަނގަޅު. ވަރަށްބޮޑަށް ތަރައްޤީވެއްޖެ. ޚިދުމަތްދޭން ތިބޭ މީހުންވެސް ވަރަށް ރީތިކޮށް، ވަރަށް އޮމާންކޮށް، އެމީހުން ޚިދުމަތްދޭ ފަރާތްތަކުގެ ހިތްހަމަޖެހުން ލިބޭފަދަގޮތަކަށް، ޚިދުމަތްތައް ކޮށްދެމުން އެބަގެންދޭ. އެމީހުން ތިބޭގޮތްވެސް، އަދި ދައްކާ ވާހަކަވެސް، އެމީހުންގެ މުޢާމަލާތުވެސް އެހާރީތިވެފައި، މަޑުމައިތިރިވެފައި، ހަމިހިމޭންވެފައި، ހިނިތުންވުމާއެކީގައި އެކަންތައްކުރާތީ އެމީހުންނަށާއި، އެމީހުން އެ ތަމްސީލުކުރާ އެއަރލައިނަށް މިހާރު މިދަނީ ވަރަށްބޮޑަށް ތަރުޙީބު ލިބެމުން. މިކަން މިގޮތަށް ގެންދިޔުމުގައި މެނެޖިންގ ޑިރެކްޓަރ، އަލްފާޟިލް ބަންދު އިބްރާހީމް ސަލީމް، އެކުރައްވާ މަސައްކަތްޕުޅުތައް، ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ހަނދާންކޮށް، އެމަނިކުފާނަށް ޝުކުރު ދަންނަވަން.
 
 އާދެ، މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއްވާހަކައަކީ، "މޯލްޑިވިއަން"ގެ ޚިދުމަތް އަވަށްޓެރި އެހެން ޤައުމަކަށްވެސް ވަރަށް އަވަހަށް ފެށޭނެ ވާހަކަ. އަޅުގަނޑަށް މިމަޢްލޫމާތުވަނީ ލިބިފައި. މިއީ، ވަރަށްބޮޑު އުފަލެއް. ދިވެހިންގެ އަމިއްލަ އެއަރލައިން "މޯލްޑިވިއަން"ގެ ޚިދުމަތް، އަވަށްޓެރި ސްރީލަންކާއަށް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފަށާނެ. އެކަން އެގޮތަށް ހަމަޖެހުމުންވެސް، އަޅުގަނޑުމެންގެ އެއަރލައިނަށް ލިބޭ ވަރަށްބޮޑު ތަރައްޤީއަކަށް އެކަންވެގެންދާނެ. އެހެންވީމާ، އެކަމަށްޓަކައިވެސް ބޯޑުގެ ޗެއަރމަނަށާއި، މެނެޖިންގ ޑިރެކްޓަރަށާއި، ހީވާގި ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މުބާރަކްބާދީ އަދާކުރަން.
 
މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ އެތެރޭގެ އުދުހުންތައްވެސް މިދަނީ އިތުރުވަމުން. އަދި ބޭރަށް މިކުރާ ދަތުރުތައްވެސް މިދަނީ އިތުރުވަމުން. މިއީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ފަސޭހައެއް، ވަރަށްބޮޑު ޚިދުމަތެއް. އަދި އަޅުގަނޑުމެންގެ ކަންތައްތައް ތަރައްޤީވެ، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިތުރަށް ކުރިޔަށް އަޅާ ފިޔަވަޅަކަށް، މިކަންކަން ވެގެން އެބަދޭ. އަދި މިއަހަރު ތެރޭގައި އިތުރު މަތިންދާބޯޓެއް ގެންނަވާގޮތަށްވަނީ ހަމަޖެހިފައިކަމަށްވެސް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވޭ. އެހެން އެކަންވުމުން އެއީ މިއެއަރލައިން ކުރިއަށް ގެންދިޔުމުގައި އަދި "މޯލްޑިވިއަން"ގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުގައި ވަރަށްބޮޑު އެހީއަކަށް ވެގެންދާނެކަމެއް.
 
މިގޮތުން ކުންފުނީގެ ޚިދުމަތްތައް ފުޅާކުރެއްވުމަށާއި، ތަރައްޤީކުރެއްވުމަށާއި، އަދި ކުންފުނީގެ މަޤްބޫލުކަން ދިވެހިންގެ ތެރޭގައި އިތުރުކުރެއްވުމަށާއި، އަދި ކުންފުނީގެ އިތުބާރު ދެމެހެއްޓެވުމަށް ކުންފުނިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވައި، އެމަސައްކަތްތަކަށް އިތުރު ކާމިޔާބީއަށް އެދެން.
 
އާދެ، މިތާނގައި އަޅުގަނޑު ހުންނައިރުވެސް މާފަސޭހައެއްނޫން، މަތިންދާބޯޓް ދަތުރު ކުރާއިރު، ބައެއް ފަރާތްފަރާތަށް ޖެހޭތީ ކަންނޭނގެ، މި ޕޯޑިއަމްވެސް މިހުންނަނީ އެގޮތަށް. އަޅުގަނޑުވެސް ކުޑަކޮށް މިހެން ޖެހިލިއްޔާ ދޮގެއްތޯ ތިޔަބޭފުޅުންނަށް ބައްލަވަން ފަސޭހަވާނީ. ކޮންމެއަކަސް ކޮއްޅަށްހުންނައިރުވެސް ކުޑަކުޑަ އުނދަގޫކަމެއް ދިމާވޭ. މަތިންދާބޯޓުގައި ދަތުރުކުރާއިރުވެސް ބައެއްފަހަރަށް މިހެން ދިމާވޭ ދޮގެއްތޯ!. އެހެން އެކަންވިޔަސް އެކަމަށް އަޅުގަނޑު ކެތްކޮށްލައިގެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ގަސްދުކުރަން.
 
އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، "މޯލްޑިވިއަން"ގެ ޚިދުމަތްތައް އަދިވެސް ކުރިއަށް އޮތްތާނގައި އިތުރަށް ތަރައްޤީ ކުރައްވައި، އެ ޚިދުމަތްތައް ފުޅާކުރައްވަމުން ގެންދެވުން. އަދި މިހާރުވެސް ތިޔަކުރައްވާ މަސައްކަތްތައް، ހަމަ ތިޔަފަދަ ޢަޒުމަކާއި، ސާބިތުކަމަކާއެކީގައި ކުރިއަށް ގެންގޮސްދެއްވުން. ތިޔަބޭފުޅުން ތިޔަކުރައްވާ ޚިދުމަތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުން ލިބިގެންދިޔުން. އިތުރު އުފާފާގަތިކަމާއި، އިތުރު ތަނަވަސްކަން ލިބިގެންދިޔުން. އަދި ރާއްޖޭގެ ނަން އިތުރަށް މަޝްހޫރުވެގެންދިޔުން.
 
އާދެ، މި އެދުމަށްފަހުގައި، އަދި ތިޔަ ހުރިހާ ބޭފުޅުންނަށާއި، މިޖަލްސާ ބައްލަވަމުން ގެންދަވާ ނުވަތަ އަޑުއައްސަވާ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތަށް އެދެމުން، މާތްﷲ، އަޅުގަނޑުމެންގެ ރާއްޖެއަށް އިތުރު އުފާފާގަތިކަމާއި، ތަނަވަސްކަމާއި، ތަރައްޤީ މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.  
 
           والسّلام عليــكم ورحـمــة اللّـه وبـركاتـه.