بســم اللّـه الرّحمـن الرّحيــم
 
الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.
 
އާދެ، މިރޭގެ މިއުފާވެރި އަދި މިތާރީޚީ ޖަލްސާގައި، ޚަރަދުކުޑަގޮތެއްގައި ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތްދިނުމަށްޓަކައި، ޞިއްޙީފަރުވާގެ ޚަރަދުތައް ހަމަޖައްސައި ދިނުމުގެ ޤައުމީ ނިޒާމު، އާދެ، "މަދަނަ"، އަދި "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ" އިފްތިތާޙް ކޮށްދިނުމަކީ، މާތްاللّـهގެ ވާގިފުޅާއެކު މިރޭ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް.
 
މިއުފާވެރި އަދި ތާރީޚީ މުނާސަބަތުގެ ތަހުނިޔާ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީ، ޑޮކްޓަރ އިބްރާހީމް ޙަސަނަށާއި، އެމިނިސްޓްރީގެ ހުރިހާ ވެރިންނަށާއި، މުވައްޒަފުންނަށް އަޅުގަނޑު ދަންނަވަން. ހަމައެއާއެކީގައި، މިމުހިންމު، ބުރަ މަސައްކަތުގައި އެހީތެރިވެވަޑައިގެންދެއްވި، ބައިވެރިވެވަޑައިގެންދެއްވި، ހިއްސާކުރެއްވި، ސަރުކާރުގެ އެހެން ދާއިރާތަކުގެ ހުރިހާ ވެރިންނަށާއި، މުވައްޒަފުންނަށާއި، އަދި މިކަމުގައި ބައިވެރިވެވަޑައިގެންދެއްވާ އަމިއްލަ ބައެއް ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، މަރުޙަބާ ދެންނެވުމަކީވެސް މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
 
އާދެ، މި ނިޒާމަކީ، ދެންމެ މިނިސްޓަރ، ވަރަށް ޞަރީޙަކޮށް ވިދާޅުވިފަދައިން، ވަރަށް ކުރިއްސުރެ ސަރުކާރުން އެކަމާ ދޭތެރޭގައި ޚިޔާލުކުރަމުން އައިސްފައިވާ ނިޒާމެއް. އާދެ، 1999 ވަނަ އަހަރު އިޢްލާނު ކުރެވުނު "2020ގެ ތަޞައްވުރު" ގައި މި ނިޒާމުގެ ވާހަކަވަނީ ގެނެވިފައި. އޭގެ ބޭނުމާއި، އޭގެ މަޤްޞަދާއި، އަދި އެއިން ރައްޔިތުންނަށް ލިބިދެވޭނެކަމަށް ސަރުކާރުން އުންމީދުކުރާ އަމާޒުތަކާ މިހުރިހާ ކަމެއްވަނީ "2020ގެ ތަޞައްވުރު"ގައި ބަޔާންކުރެވިފައި. އަދި އެދުވަހުން ފެށިގެން މި ނިޒާމު ޙަޤީޤަތަކަށް ހެދުމަށްޓަކައި މިއައީ ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަހަލަ ކަންތައްތައް ކޮށްއުޅޭގޮތާއި، އެ މަޢްލޫމާތު އެއްކޮށް، ދިރާސާކޮށް، އަދި އޭގެތެރެއިން ރާއްޖެއަށް އެންމެ އެކަށީގެންވަނީ ކޮންގޮތަކަށް މިނިޒާމު ބައްޓަންކުރުންތޯ، މިހުރިހާ ކަމެއްވަނީ މިނިސްޓްރީގެ ބޭފުޅުން ދިރާސާ ކުރައްވާފައި. އަދި ސަރުކާރުގެ އެހެން ދާއިރާތަކާ ގުޅުއްވައިގެން އެކަންތައްތަކަށް މަގު ފަހިކުރައްވާފައި.
 
އެހެންވީމާ، މިއީކީ އާ ކަމެއްނޫން. މިދެންނެވީ، އަޅުގަނޑުމެންނަށް މިރޭ އަދި އޭގެ ފޮނިމޭވާއާ ހަމައަށް ދެވުނަސް، މިގަސް އިންދުމުގެ މަސައްކަތް މިވަނީ ވަރަށް ކުރިއްސުރެ ފެށިފައި. އެ އޮށް އިންދައިގެން ގަސްހައްދާ، ފެންދީ، ބޮޑުކުރުމުގެ މަސައްކަތްތައް، މިދިޔަ ނުވައަހަރުގެ ތެރޭގައި މިވަނީ ވަރަށް ފުރިހަމައަށް ހިނގާފައި. އަދި އޭގެ އެންމެ ފުރަތަމަ މޭވާއެއްގެ ގޮތުގައި، 2006 ވަނަ އަހަރު މި ނިޒާމުގެ ބައެއްވަނީ ފެށިފައި. އޭރު ފެށުނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް މިކަމުގެ ޚިދުމަތް ލިބޭގޮތަކަށް. އެހެންނަމަވެސް، ދެންމެ މިނިސްޓަރު ވިދާޅުވިފަދައިން، ދިމާވި އެތަކެއް ސަބަބުތަކަކާހުރެ އެކަން ކުރިއަށް ގެންދިޔުން އަޅުގަނޑުމެންނަށް އޮތީ ދަތިވެފައި. އަދި ހުއްޓާލަންޖެހިފައި. އެހެންނަމަވެސް، ކަމުގެ މުހިންމުކަން ބޮޑުކަމުން، އެއީ ލަސްކުރެވެން އޮތް ކަމަކަށް ނުވެފައި، އޭގެ ސަބަބުން ރައްޔިތުންނަށް ލިބިދެވޭނެ ގިނަގުނަ ޚިދުމަތްތަކާއި، ލުއިފަސޭހަކަމަށްޓަކައި، ސަރުކާރުން ވަރަށްބުރަކޮށް މަސައްކަތް ކުރަމުން މިއައީ، މިނިޒާމު ވުޖޫދަށް ގެނައުމަށްޓަކައި. އެހެންވީމާ، އެކުރެވެނު މަސައްކަތުގެ ނަތީޖާގެ ފުރަތަމަބައި، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.
 
ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، މިވާހަކަތައް ވަރަށް ތަފްޞީލްކޮށް ވިދާޅުވެދެއްވައިފި. އެހެންވީމާ، އެވާހަކަ އަޅުގަނޑު ދަންނަވާކަށްނެތިން. އެހެންނަމަވެސް، މިނިސްޓަރުގެ ވާހަކަފުޅުގައި އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އޯގާތެރި ބަސްފުޅުތަކަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
އާދެ، މިރޭ މިފެށުނު ނިޒާމުގެ ދަށުން، ހަމަޖެހިފައިވާ ވަކިއުސޫލުތަކެއްގެ މަތިން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބޭސްފަރުވާ ލިބޭނެ. އާދެ، ދެންމެ ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވެއްޖެ، މިއީކީ މުޅިން ހިލޭ ލިބޭ ޚިދުމަތެއް ނޫނޭ. އެ ޚިދުމަތް ލިބިގަންނަ ފަރާތުގެ ޒިންމާއެއްވެސްވެއޭ. އެފަރާތުން އަދާކުރަންޖެހޭ ހިއްސާއެއްވެއޭ. އޭގެއިތުރުން، ސަރުކާރުން ދެންހުރި ޚަރަދުތައް މިހަމަޖައްސައިދެނީ. އެހެންވީމާ، މިނިޒާމު ހިނގަމުންދާނީ ވަކި އުސޫލެއްގެމަތިން.
 
އެންމެ ފުރަތަމަ، މިނިޒާމުގެ ފުރަތަމަ ފިޔަވަހީގައި ތަފާތު ތިން ގިންތިއަކަށް މިނިޒާމުގެ ޚިދުމަތް ލިބެމުންދާނެ. އާދެ، އޭގެތެރެއިން އެއްބަޔަކީ، ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް ފުއްދޭފަދަ ތަނަވަސްކަމެއްނެތް މީހުންގެ ގޮތުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީގައި ރަޖިސްޓްރީކޮށްފައިވާ މީހުން. ޝައްކެއްނެތް، މިއީ މިފަދަ ނިޒާމަކަށް އެންމެބޮޑަށް ބޭނުންވެފައިވާނެ ބަޔަކީ. މިނިޒާމުގެ އެންމެ ފުރަތަމަ ފައިދާ ލިބޭ ގިންތިއަކަށް ހަމަޖެހިފައި މިއޮތީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ އަޚުންނާއި އުޚުތުންގެ ތެރެއިން ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް، އެމީހުން އަމިއްލައަށް ފުއްދޭވަރުގެ ތަނަވަސްކަންނެތް މީހުން، އެއީ އަޅުގަނޑު ހިތުން މި ނިޒާމުގެ ވަރަށް މުހިންމު މަޤްޞަދެއް.
 
ދެވަނައަށް މިއޮތީ، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އިސް ރަށްވެހިންގެ ގޮތުގައި މިއަހަރު ވަޒީފާއިން ވަކިވިމީހުން. އާދެ، އެނގިވަޑައިގަންނަވާނެ، ސިވިލް ސަރވިސް ކޮމިޝަން އުފެދުމާ ގުޅިގެން އަދި އެކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެމަތިން، އުމުރުން 65 އަހަރުވި މީހުން ސަރުކާރުގެ ވަޒީފާއިން ވަކިވާންޖެހޭ. އެމީހުންވަނީ ވަކިވެފައި. އަދި އެމީހުންނަކީ އިސް މުވައްޒަފުންގެ ގޮތުގައި، އިސް މުވާޠިނުންގެ ގޮތުގައި، އިސް ރަށްވެހިންގެ ގޮތުގައި އަޅުގަނޑުމެންވަނީ ބަލައިގެންފައި. އެމީހުންނަކީވެސް، މިރޭ މިފެށޭ މިފިޔަވަހީގެ ޚިދުމަތް ލިބޭނެ ބައެއް.
 
ތިންވަނަ ބަޔަކަށް މިއޮތީ، ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ އެހެނިހެން މުވައްޒަފުން. އާދެ، މިއީ ދެބައެއް. ސިވިލް ސަރވިސްގެ މުވައްޒަފުންނާއި އަދި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ އެހެން މުވައްޒަފުންވެސް އެބައުޅޭ. އެހެންވީމާ، އެހުރިހާ އެންމެންނަށްވެސް މި ޕްރޮގްރާމްގެ، މިފިޔަވަހީގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ލިބޭނެ.
 
މިރޭ މި އިފްތިތާޙް ކުރެވުނު ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ނިޒާމުގައި ދިވެހިބޭހުގެ ފަރުވާއަށްވެސް މަގުފަހިވެގެންދާނެ. މިކަމުގެ ސަބަބުން ދިވެހިބޭހުގެ ފެންވަރު ރަނގަޅުވެ، އެކަން އިތުރަށް ހަރުދަނާވެ، އަދި ދިވެހިބޭހުގެ ދާއިރާ ފުޅާވެ، އެކަމުން ރައްޔިތުންނަށް ލިބެންޖެހޭ ލުއިފަސޭހަކަން ލިބުމަށް މަގުފަހިގެންދާނެ.
 
އާދެ، މިފަދަ ނިޒާމަކީ، ރާއްޖެއަށް އާ ނިޒާމަކަށްވާތީ، މިނިޒާމު އިފްތިތާޙް ކުރުމާ ގުޅިގެން، ރާއްޖޭގެ ރައްޔިތުންނަށް މިކަމުގެ ހޭލުންތެރިކަން ވަރަށްބޮޑަށް ބޭނުންވާނެ. މި ނިޒާމާބެހޭ މަޢްލޫމާތާއި ތަފްޞީލްތައް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގެންޖެހޭނެ. އަދި މި ނިޒާމުގެ ދަށުން، މިވަގުތަށް ލިބޭނެ ޚިދުމަތްތަކާއި، މިވަގުތަށް އަދި ނުލިބޭނެ ޚިދުމަތްތައް އެންމެންނަށްވެސް ވަރަށްރަނގަޅަށް އޮޅުންފިލާފައި އޮންނަންވާނެ. އެހެންނޫނީވިއްޔާ، ވަރަށްފަސޭހައިން މައްސަލަތައްއޮޅި، ތަފާތު ދަތިތައް ކުރިމަތިވާގޮތް ދިމާވެދާނެ. އަޅުގަނޑަށް އެނގޭ މިހާރުވެސް، މިނިސްޓްރީން މިމަސައްކަތް ވަރަށްބޮޑަށް ކުރައްވާފައިވާކަން. އެހެންނަމަވެސް، އޭގެއިތުރުން، އަޅުގަނޑަށްހީވަނީ މިނިސްޓްރީންނާއި އަދި މިކަމާގުޅޭ އެހެން ދާއިރާތަކުންނާއި އަދި ޚަބަރުފަތުރާ ވަސީލަތްތަކުން ދިވެހި ރައްޔިތުންނަށް މިނިޒާމުގެ ތަފްޞީލްތައް އަންގަވައިދެއްވުމަށް އިތުރު މަސައްކަތްތަކެއް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްހެން.
 
އާދެ، މިނިޒާމު މިރޭ އިފްތިތާޙްކުރިޔަސް، މެޑިކަލް އެލަވަންސް ދިނުން ހުއްޓާލުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ، އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން ކަމުގައި ދަންނަވާލަން. އާދެ، ކުރިއަށް އޮތް ތިންމަސްދުވަހު، ނުވަތަ މިއަހަރުގެ އެންމެފަހު ތިންމަސްދުވަހުގެ މެޑިކަލް އެލަވަންސް، މިހާރުވެސް ހަމަޖެހިފައިވާގޮތަށް މުވައްޒަފުންނަށް ލިބެމުންދާނެ. އެއެއް ސަރުކާރުން މިފަހަރަކު އުންޏެއްނުކުރާނެ. މެޑިކަލް އެލަވަންސް އުނިކުރާގޮތަށް ހަމަޖެހިފައިވަނީ، މިއަންނަ އަހަރުން ފެށިގެން. އެހެންވީމާ، އަޅުގަނޑު ހިތުން އެއީވެސް، މުވައްޒަފުންނަށް ލިބޭނެ އިތުރު ލުއިފަސޭހަކަމަށް ވެގެންދާނެ.
 
ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމު މިރޭ މިއިފްތިތާޙް ކުރެވުނީ، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި، އެހެން ބައެއް ފަރާތްތަކުގެ ވަރަށް ފުރިހަމަ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެން. މިވާހަކަވެސް މިނިސްޓަރ އިބްރާހީމް ޙަސަން ދެންމެ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. އެހެންވީމާ، މިކަމުގައި ޝާމިލްވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް ސޯޝަލް ސެކިޔުރިޓީ މިނިސްޓްރީ މީގެކުރިން ހިންގަވައިދެއްވި ހުރިހާ މިނިސްޓަރުންނަށް، އާދެ، އެބޭފުޅުންގެ ނަންފުޅުތައްވެސް ވިދާޅުވި، އަލްފާޟިލާ ޒާހިޔާ ޒަރީރު، އަލްފާޟިލާ އަނީސާ އަޙްމަދު، އަލްފާޟިލް ޢަބްދުاللّـه ޔާމީން، އަދި އެންމެފަހުން ޢަބްދުއްރަޝީދު ޙުސައިން، މިނިސްޓަރުގެ ބަދަލުގައި އެމިނިސްޓްރީ ހިންގަވައިދެއްވަމުން ގެންދެވި. އެހުރިހާ ބޭފުޅުންވެސް މިކަމުގައި ކޮށްދެއްވި ބުރަމަސައްކަތާއި، ބެހެއްޓެވި ޝައުގުވެރިކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުވެސް ޝުކުރު ދަންނަވަން.
 
އެންމެފަހުން މިޕްރޮގްރާމް ނިމޭ ހިސާބަށް ދިޔައިރު، ޢަބްދުރަޝީދު ޙުސައިން ކުރެއްވި މަސައްކަތްޕުޅުތައް އަޅުގަނޑަށްވެސް ވަރަށް ރަނގަޅަށް އެނގޭ. އެހެންކަމުން، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެހެންމެ، މިނިޒާމު ކުރިއަށް ގެންދިޔުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ވަރަށްބޮޑު ބައެއް އެކުލެވިގެންވާކަމަށް، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި. އެއީ، ހަމަ ޙަޤީޤަތެއް. އެހެންވީމާ، އެކަމުގައި މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމް ބެހެއްޓެވި އިޚްލާޞްތެރިކަމާއި، ދެއްވި ތާއީދަށްޓަކައި އެމަނިކުފާނަށާއި، މިނިސްޓްރީ އޮފް ހެލްތުގެ ހުރިހާ ވެރިންނަށާއި، މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދިވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އެލައިޑް އިންޝުއަރެންސް ކުންފުންޏާ، މިހުރިހާ ފަރާތްތަކެއްގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް މިކަމުގައި އެބޭފުޅުން ބައިވެރިވެވަޑައިގެންދެއްވީތީ، އަދި ކުރިއަށް އޮތްތާނގައިވެސް އެބޭފުޅުންގެ ހިއްސާ ބޭނުންވާތީ، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
އާދެ، ދެން ވަރަށްފަހުންނަމަވެސް، މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ޙަސަންވަނީ މިމަސައްކަތާ ހަވާލުވެވަޑައިގެންފައި. ދެންމެ ތިޔަބޭފުޅުންނަށް ފެނިވަޑައިގެންނެވި ފަދައިން، އޭނާއަކީ ކަމަށް ވަރަށް ޤާބިލް ބޭފުޅެއް. ޒުވާން، ތަޖުރިބާ ހުރި، ޢިލްމީ ބޭފުޅެއް. އަދި ވާހަކަފުޅުދެއްކެވުންވެސް ވަރަށްފުރިހަމަ. މިއީ އަޅުގަނޑުމެންނަށް މިހާރު ވަރަށް ފެންނަންދަތި މަންޒަރެއް ދޮގެއްތޯ!. އެހެން އަލަށް ވަޑައިގަންނަވާ، ޒުވާން، ޢިލްމީ ބޭފުޅުން، ޚާއްޞަކޮށް ރާއްޖެއިން ބޭރުން މަތީފެންވަރަކަށް ތަޢްލީމް ހާސިލު ކުރައްވައިގެން ތިއްބަވާ ބޭފުޅުން، ވަޑައިގެން ވާހަކަފުޅު ދައްކަވާއިރު، ބައެއްފަހަރަށް ކުދިކުދި ދަތިތައް އެބަފެނޭ. އެހެންނަމަވެސް، އެއާ ޚިލާފަށް މިރޭ ޑޮކްޓަރ އިބްރާހީމް ޙަސަން ވާހަކަފުޅު ދެއްކެވީ ވަރަށްއޮމާންކޮށް. ވަރަށްރީތިކޮށް، ވަރަށް ބަލާޣަތްތެރިކަމާއެކީގައި. އެހެންވީމާ، އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
 
މިރޭގެ މިއިޙްތިފާލަކީ، މާދިގުކޮށް ވާހަކަ ދައްކަންއޮތް އިޙްތިފާލެއް ނޫންކަންނޭނގެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްވާހަކައަކީ، އަޅުގަނޑަކީވެސް މިޕްރޮގްރާމްގެ ދަށުން، ޞިއްޙީ ފަރުވާގެ ޚިދުމަތް ލިބިގަނެވޭނެ މީހެކޭ. އެކަމާބެހޭ މަޢްލޫމާތު އަޅުގަނޑަށް މިއަދު މިނިސްޓަރ ވަޑައިގެން ދެއްވި. އެ މަޢްލޫމާތު އަޅުގަނޑަށް ހީވަނީ މިކަމުގައި ބައިވެރިވާ ހުރިހާ ބޭފުޅުންނަށް ވަނީ މިނިސްޓްރީގެ ފަރާތުން މިހާރު ފޮނުއްވާފައިހެން. އެކަމަށްޓަކައިވެސް މިނިސްޓަރަށް ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالـى އަޅުގަނޑުމެން އެންމެން ފުރިހަމަ ޞިއްޙަތުގައި ލެހެއްޓެވުން. އަދި ފުރިހަމަ ޞިއްޙަތެއް ލިބިގަތުމަށްޓަކައި، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ތައުފީޤު އަދި އެކަމުގެ ހޭލުންތެރިކަމާއި، ލިޔާޤަތްތެރިކަން އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެންކުރާ މަސައްކަތްތަކުގެ ބަރަކާތް، މާތްاللّـه ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދެއްވުން. ރާއްޖެއަށް ހުރިހާވެސް ހެޔޮގޮތްތަކަކާއި، އިތުރު ތަރައްޤީއާއި، އިތުރު ކުރިއެރުން އެކަލާނގެ އަބަދުވެސް މިންވަރު ކުރެއްވުން.
 
 والسّلام عليــكم ورحـمــة اللّـه وبـركاتـه.