بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام على خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمـعـين.

އާދެ، އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ، ބަރަކާތްތެރި ރަމަޟާންމަހުގެ ރޭތަކާއި، ދުވަސްތައް ކަމަކަށްވާތީ، މިރޭގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، މިބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް ތިޔަ ހުރިހާ ބޭފުޅުންނަށް ދެންނެވުން.  

ޝައްކެއްނެތް، ބަރަކާތްތެރި ރަމަޟާންމަހަކީ، މާތްﷲ ކޮންމެ އަހަރަކުވެސް، އަޅުގަނޑުމެން މުސްލިމުންނަށް ދެއްވާ ރަނުގެ ފުރުޞަތެއް. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތްކަމެއް. އަޅުގަނޑު ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަނީ، މި މާތް މައްސަރުގެ ބަރަކާތާއި، ދަރުމައާއި، މަޣްފިރަތު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކޮށްދެއްވުން.

މިރޭ އަޅުގަނޑު ކަސްޓަމްސްއަށް މި ޒިޔާރަތްކުރީ، ކަސްޓަމްސްގެ ވެރިންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވައި، އަދި ތިޔަބޭފުޅުން ތިޔަ ކޮށްދެއްވާ ޚިދުމަތަކީ، ދިވެހި ޤައުމު ބަލައިގަންނަ، ގަބޫލުކުރާ، އޭގެ އަގުވަޒަންކުރާ ޚިދުމަތެއް ކަމުގައި ދަންނަވައިލުމަށްޓަކައި.

ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން، ކަސްޓަމްސްއަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ތަކެތި އެތެރެވުމާއި، ރާއްޖެއިން ތަކެތި ބޭރުވުން ހުއްޓުވުމަށް މަސައްކަތްކުރާ ވަރަށްބޮޑު މުއައްސަސާއެއް.  

އާދެ، ކަސްޓަމްސްގެ މުއައްސަސާއަކީ، ރާއްޖޭގައި އެންމެ ގިނަދުވަސްވީ އެއްތަން. އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު 118 އަހަރު ކަސްޓަމްސްގެ އުމުރުން ހޭދަކޮށްފި. އެދިގު މުއްދަތުގެ ތެރޭގައި، ކަސްޓަމްސްގެ ފަރާތުން ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް، ވަރަށްބޮޑެތި ޚިދުމަތްތަކެއްވަނީ ކޮށްދީފައި. މިކަމަކީ، އަޅުގަނޑުމެން އެއްވެސް ބޭނުމެއްގައި، އެއްވެސް މަޤްޞަދެއްގައި ހަނދާންނައްތާލައިގެން ވާނެ ކަމެއްނޫން.  

ކަސްޓަމްސްގެ ބޭނުމަކީ، ހަމައެކަނި މަނާ ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމާއި، މަނާ ތަކެތި ބޭރުވުން ހުއްޓުވުމެއް ނޫން. އޭގެއިތުރުން، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ފައިދާކުރާ ގޮތެއްގެމަތިން، އިމްޕޯޓް ޑިއުޓީއާއި، އެކްސްޕޯޓް ޑިއުޓީ ނެގުމުގައި ކަސްޓަމްސްއިން ވަރަށްބޮޑު ދައުރެއް އަދާކުރައްވާ. އަދި އިމްޕޯޓް ޑިއުޓީއަކީ މިހާތަނަށް ދިވެހި ސަރުކާރުގެ ބަޖެޓަށް ވަރަށްބޮޑު ލުއިކަމެއް ގެނެސްދިން ކަމެއް، އެހެންވީމާ، މިމަސައްކަތް ކުރައްވަމުން ގެންދަވާފައިވަނީވެސް ކަސްޓަމްސްގެ މުވައްޒަފުންނާއި ވެރިން. ވަރަށް ހިންމަތްތެރިކަމާއި ވަރަށް ސާބިތުކަމާއެކީގައި ވަރަށް ބުރަކޮށް. ސަރުކާރަށް ވަރަށްގިނަ ފައިދާތަކެއް މިކަމުންވަނީ ކޮށްދީފައި. ސަރުކާރަށް އެ ލިބޭ ފައިދާއަކީ އާންމު ރައްޔިތުންނަށް ބެހިގެންދާ ފައިދާއެއް. ސަރުކާރުގެ އާމްދަނީ އިތުރުވީމާ، ސަރުކާރުގެ ބަޖެޓަށް ތަނަވަސްކަން ލިބުނީމާ، އެއިން ސަރުކާރުން އާންމު ރައްޔިތުންނަށް ޚިދުމަތްކޮށްދެމުން މިގެންދަނީ. ތަޢްލީމީ ޚިދުމަތް ކަމަށްވިޔަސް، ޞިއްޙީ ޚިދުމަތް ކަމަށްވިޔަސް، އަދި އެހެން ރޮނގަކުން ކޮށްދޭ ޚިދުމަތް ކަމަށްވިޔަސް، އެކަމަށްވެސް މިކަމުން ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދޭ.

އާދެ، މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކައިގައި، ސަރުކާރުގެ މިފަދަ މުހިންމު މުއައްސަސާތަކަށް ކުޑައިމީސްބަސް ރައްދުކުރައްވައި، ޙަޤީޤަތާ ޚިލާފު ބަދުނާމުތައް އެމުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ އިސްތަށިފުޅުގައި އަޅުއްވަމުން ގެންދަވާކަމީ ވަރަށް ހިތާމަހުރި ކަމެއް. ޙަޤީޤަތަށް ނުބައްލަވައި، އެބޭފުޅުންގެ އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއަށް ގެންދެވުމަށްޓަކައި މިކަހަލަ ވާހަކަތައް ދައްކަވަމުން ގެންދަވާކަމީ، އަޅުގަނޑު ހިތުން ޑިމޮކްރަސީގެ ރޫޙާވެސް މުޅިން ޚިލާފުކަމެއް. ޑިމޮކްރަސީއަކީ އެއެއް ނޫން. ޑިމޮކްރަސީއަކީ، ވާޖިބު އަދާކުރާ ބައެއްގެ ވާޖިބުވެސް ބަލައިގަތުން. ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި ޤައުމަށް ޚިދުމަތްކުރާ ބައެއްގެ ވަފާތެރި، އިޚްލާޞްތެރި ޚިދުމަތްތައް ބަލައިގެން، އޭގެ އަގުވަޒަންކުރުން. ޑިމޮކްރަސީއަކީ، ޤާނޫނުގެ ޙުކުމް ދެމެހެއްޓުން. ޤާނޫނުގެ ޙުކުމް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ބަޔަކު، އެކުރާ މަސައްކަތްވެސް ދެނެގަތުން.

އެހެންވީމާ، މިހުރިހާ ކަމެއް ފަހަނަޅައި، ހަމައެކަނި  ވަކި ސިޔާސީ ބޭނުމެއްގައި، ސަރުކާރުގެ މިފަދަ ދާއިރާތަކުގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަކީ، ޑިމޮކްރަސީގެ ނަމުގައި ކުރެވިގެންވާނެ ކަމެއްނޫން. އެއީކީ ޑިމޮކްރަސީއެއް ނޫން. އަޅުގަނޑު ހައިރާންވާ ކަމަކީ، 118 އަހަރު ވަންދެން، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، މުއައްސަސާއެއްގެ އަގު ވައްޓާލުމަށްޓަކައި، ތާކުންތާކުނުޖެހޭ، އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއް ބައެއް ބޭފުޅުން ދައްކަވައި، ކަސްޓަމްސްގެ މިއަގުބޮޑު ޚިދުމަތް ކުނިގޮނޑަށް އުއްކަވާލައްވާތީ. މިއީ އަޅުގަނޑުމެން ގަބޫލުކުރަންވާނެ، ގަބޫލުކޮށްގެންވާނެ ކަމެއްވެސްނޫން. މިހެން ދަންނަވާއިރު، މިމަސައްކަތުގައި އުޅުއްވަނީކީ ހަމައެކަނި ކަސްޓަމްސްއެއް ނޫންކަން އަޅުގަނޑަށްވެސް އެނގޭ. ސަރުކާރުގެ ތަފާތު އިދާރާތަކުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ވަރަށްގިނަ ޚިދުމަތްތައް ކޮށްދެއްވަމުން އެބަގެންދަވާ.

މަސްތުވާތަކެތީގެ ކަންތަކަށް ބަލައިލިޔަސް، ކަސްޓަމްސްއިން ވަރަށްބޮޑު އިސްދައުރެއް މިކަމުގައި އަދާކުރައްވާ.  އޭގެއިތުރުން، ސަރުކާރުގެ އެހެން މުއައްސަސާތަކުންވެސް އެބޭފުޅުންގެ ވާޖިބު އެބަ އަދާކުރައްވާ. މިސާލަކަށް، ފުލުހުންގެ މުއައްސަސާއިން އެކަން އެބަކުރައްވާ. އަދި އެއަރޕޯޓް ބަލަހައްޓާ ފަރާތާއި، ބަނދަރު ބަލަހައްޓާ ފަރާތާ، މިހެންގޮސް ސަރުކާރުގެ ތަފާތު ދާއިރާތަކުން މިކަންވެސް އެބަ ކުރައްވަމުން ގެންދަވާ. އެހުރިހާ ފަރާތްތަކަކުންވެސް ވަރަށް ޒިންމާދާރު މަސައްކަތެއް އެކުރައްވަނީ.  އެހެންނަމަވެސް، އެކަން ހުއްޓުވުމަށްޓަކައި، ނުވަތަ މި އިދާރާތަކުގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަށްޓަކައި، އެ ދެކެވޭ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަންކުޑަ ވާހަކަތަކެކޭ އަޅުގަނޑަށް ދަންނަވަން މަޖްބޫރުވޭ. އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް ހިތާމަކުރަން.

އަޅުގަނޑު މިރޭ މިއައީ އެހެންވެގެން. ތިޔަބޭފުޅުންނަށް ދަންނަވާލަން، ތިޔަބޭފުޅުން ތިޔަ ކުރައްވާ އަގުބޮޑު މަސައްކަތުގެ އަގު ސަރުކާރުން ވަރަށް ރަނގަޅަށް ވަޒަންކުރެއޭ. އަދި ތިޔަބޭފުޅުން ޤައުމަށް ތިޔަކޮށްދެއްވާ ޚިދުމަތަކީ، ދިވެހި ރައްޔިތުން ހަނދާންނައްތާލާނެ ޚިދުމަތެއް ނޫނޭ. އެއްވެސް ސިޔާސީ ބޭނުމެއްގައިވެސް އަދި އެނޫން ބޭނުމެއްގައިވެސް، ތިޔަބޭފުޅުން ތިޔަކުރައްވާ ޚިދުމަތުގެ އަގު އެއްގޮތަކަށްވެސް ބަލައިނުގަނެ، ދޮގު އިލްޒާމްތަކެއް ތިޔަބޭފުޅުންނާ ކުރިމަތިކުރާކަން އެއީ، ވަރަށް ހިތާމަހުރި ކަމެކޭ. އެކަން ސަރުކާރުން ބަލައެއްނުގަންނާނެއޭ. އެހެން ދަންނަވާލަން އަޅުގަނޑު މިއައީ.  

ދެންމެ މިތާނގައި އެއިވުނު ތަފާސްހިސާބުތަކަށް ބަލާލިޔަސް، ތިޔަބޭފުޅުން ތިޔަކުރައްވާ، މަސައްކަތުގެ ބޮޑުކަމާއި، ޒިންމާދާރުކަމާއި، ތިޔަ މަސައްކަތް ކޮށްދެއްވާލެއް ފުރިހަމަކަން އެބަ އެނގޭ. މިދިޔަ އަހަރު ރާއްޖެއަށް އެތެރެވީކަމަށް އަޅުގަނޑަށް އެނގުނީ، 4,400 ކޮންމެވެސް ގްރާމެއްގެ މަސްތުވާތަކެތި. 4.4 ކިލޯ ގްރާމް. މިއަހަރު ގާތްގަނޑަކަށް އޭގެ ޑަބަލް. އެވިދާޅުވީ، 8,000 އަށްވުރެ މައްޗޭ. މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި، ކަސްޓަމްސްގެ މުވައްޒަފުން  8,000 ގްރާމަށްވުރެ މަތީ އަދަދެއްގެ ތަކެތި މިއަހަރު ހިފާފައިވޭ. މިއީ ވަރަށްބޮޑު ކުރިއެރުމެއް. ވަރަށްބޮޑު ކާމިޔާބީއެއް.

ކަސްޓަމްސްގެ މުވައްޒަފުން އެކަމަށް މިހާރު މި ތިއްބަވަނީ ތައްޔާރަށް. އެއީ ކަމާބެހޭ ޓްރޭނިންގ ހައްދަވައިގެން، ކަމާބެހޭ މަޢްލޫމާތު ހޯއްދަވައިގެން، ތަޖުރިބާ ހޯއްދަވައިގެން، އަދި ބޭރުޤައުމުތަކުގައި މިކަން އޮންނަގޮތް ބައްލަވައިގެން، އަދި އެފަރާތްތަކުން މަޢްލޫމާތުވެސް ހޯއްދަވައިގެން. އެހެންވީމާ، މިކަން މިހާ ޒިންމާދާރުގޮތެއްގައި، މިހާ ފުރިހަމަ ގޮތެއްގައި ކުރައްވާ ފަރާތަކަށް، އެއްވެސް ކަހަލަ ސަބަބެއްނެތި، މިކަހަލަ ނުރަނގަޅު ވާހަކަތައް އަމާޒުވެގެން ދިޔުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ގަބޫލުކޮށްގެންވާނެކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު މިއައީ ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ އަގު އަޅުގަނޑު ވަޒަންކުރާ ވާހަކަ ދަންނަވާލުމަށްޓަކައި.  

އާދެ، ހަމައެކަނި މިއަދަކުނޫން. ކުރިންވެސް ދެންނެވި ފަދައިން، ކަސްޓަމްސްއަކީ، ސަތޭކަ އެތައް އަހަރެއް ވަންދެން، ދިވެހިޤައުމަށް ޚިދުމަތް ކޮށްފައިހުރި މުއައްސަސާއެއް. ބައެއް އަހަރީ ޖަލްސާތަކުގައި، އަޅުގަނޑުވާނީ ބައިވެރިވެފައި. ކަސްޓަމްސަށް އައިސް، ކަސްޓަމްސްގެ މުވައްޒަފުންނާ ބައްދަލުކޮށް، ވާހަކަދައްކާ ހަދާފައި. ފަހަކަށްއައިސް އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުން، އެކަން އެހެންނުވިނަމަވެސް، ކަސްޓަމުން ކުރައްވާ މަސައްކަތް އަޅުގަނޑު އަބަދުވެސް ބަލަން.  

ކަސްޓަމްސް ހިންގަވަން ހުންނަވާ އިސްވެރިއަކީ، އަބަދުވެސް އަޅުގަނޑުގެ ވަރަށްގާތް ބޭފުޅަކަށް އޮންނަނީވެފައި. ވަރަށްގިނައިން އެޕޮއިންޓްމަންޓަށް އެދިވަޑައިގެން، ރައީސްއޮފީހަށް ވަޑައިގެން، ކަސްޓަމްސްގެ ކަންތަކުގެ ވާހަކަ އަޅުގަނޑު ކައިރީ ވިދާޅުވެދެއްވާނެ، ހުރިހާބޭފުޅުންވެސް. ވަރަށްގިނަ ބޭފުޅުން މިވޭތުވެދިޔަތާނގައި ޚިދުމަތްކުރައްވައިފި. މުޙައްމަދު ޒާހިރު ޚިދުމަތްކުރައްވައިފި. ސިއްކަގޭ ޙުސައިން މަނިކުފާނު ޚިދުމަތްކުރައްވައިފި. އިބްރާހީމް ޒުހައިރު ޚިދުމަތްކުރައްވައިފި. އަދި އިބްރާހީމް ރަޝާދު ޚިދުމަތްކޮށްދެއްވައިފި. މިހެންގޮސް ވަރަށްގިނަ އަދަދެއްގެ، ވަރަށް ހަރުދަނާ، ޤާބިލު ބޭފުޅުން ކަސްޓަމްސްގެ އިސްވެރިންގެ ގޮތުގައި މިކަމުގައި އުޅުއްވައިދެއްވައިފި. އެހުރިހާ ބޭފުޅުންވެސް، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދައުރުގައި އެކޮށްދެއްވީ ވަރަށްބޮޑު ޚިދުމަތެއް. ވަރަށް އިޚްލާޞްތެރި ޚިދުމަތެއް. ކަންތައްތައް ގެންދެވީ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރައްވަމުން. ރަނގަޅު ކުރައްވަމުން. އެކަން އަޅުގަނޑުމެން އެބަ ބަލައިގަންނަންޖެހޭ. ގަބޫލުކުރަންޖެހޭ.

މިއަދު ކަސްޓަމްސްގެ އިސްވެރިއެއްގެ ގޮތުގައި މި އިންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް އަލްފާޟިލް އިބްރާހީމް ޝާފިޢު. އޭނާއަކީވެސް ކަސްޓަމްސްގައި ވަރަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް. އަދި ދެން ތިއްބެވި ބޭފުޅުންނަކީވެސް، އަންވަރާއި، ޝިޔާމާއި، ފާތިޙާއި، މިބޭބޭފުޅުންނަކީވެސް، ކަސްޓަމްސްގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، ހުނަރުވެރި، ޤާބިލު ބޭފުޅުން. އެހެންވީމާ، އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން، އަދި ތިޔަބޭފުޅުންގެ ހިންމަތާއި މިންނަތާއެކީގައި ކަސްޓަމްސްގެ ކަންތައްތައް ދާނީ އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވެގެން، ކުރިއަރަމުން، ތަރައްޤީވަމުންކަން އަޅުގަނޑު ހަމަ ހެޔޮހިތުން ގަބޫލުކުރަން.

އާދެ، މިރޭ ދެން މާދިގުކޮށް ވާހަކަދައްކާކަށް އަޅުގަނޑުނެތިން. ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ތިޔަބޭފުޅުންގެ ތިޔަ މުހިންމު، ޤައުމީ ޚިދުމަތުގައި ދެމިތިއްބަވާށޭ. ތިޔަބޭފުޅުންނަށް މިއަންނަ ތަފާތު ފާޑުކިޔުންތަކުން އެއްގޮތަކަށްވެސް ހިތްވަރު ބަލިނުކުރައްވާށޭ. ވަރުގަދަ ޢަޒުމަކާއި ސާބިތުކަމަކާއެކީގައި ތިއްބަވާށޭ. ތިޔަބޭފުޅުން ތިޔަކުރައްވާ ޚިދުމަތުގެ އަގު އަޅުގަނޑުވެސް، ދިވެހި ސަރުކާރުންވެސް، ދިވެހި ރައްޔިތުންވެސް، ބަލައިގަންނާނެއޭ، ޤަބޫލުކުރާނެއޭ، އަދި ޝުކުރުވެރިވާނެއޭ. 

އާދެ، އަދިވެސް އެއްފަހަރު، ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ، ތިޔަހުރިހާ ބޭފުޅުންނަށް ދަންނަވަން. އަދި ތިޔަބޭފުޅުންނަށް މާތްﷲ ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި، ތިޔަބޭފުޅުން ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތުގައި ލަހައްޓަވައި، ތިޔަބޭފުޅުން ކުރައްވާ ހެޔޮކަންތައްތަކުގެ ޘަވާބު އެކަލާނގެ ތިޔަ ހުރިހާބޭފުޅުންނަށް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

             والسّـلام عليـكم ورحمـة اللّـه وبـركاتـه.