މިބަސްދީގަތުމުގައި އެޗް.އެފް.އެމް 92.6ން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ އަލްފާޟިލް އަޙްމަދު ޢަބްދުﷲ ސަޢީދު.
 
ޢިއްޒަތްތެރި ރައީސް، އަޅުގަނޑުމެންގެ މިރޭގެ މިޕްރޮގްރާމަށް މަނިކުފާނަށް ވަރަށް ޚާއްޞަ ގޮތެއްގައި މަރްޙަބާ ދަންނަވަން އިނގޭތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
بسـم الِلّـه الرّحمٰـن الرّحيـم. މިޕްރޮގްރާމަށް ދަޢްވަތު ދެއްވި ކަމަށްޓަކައި، ވަރަށްބޮޑަށް ޝުކުރު ދަންނަވަން.
 
ސުވާލު 1:
 
އަޅުގަނޑު މިޕްރޮގްރާމް ފަށައިގަތުމުގެ ގޮތުން މިދުވަސްވަރުގެ މިމަސްރަޙާ ބެހޭގޮތުން ފުރަތަމަ ސުވާލެއް ދަންނަވާލެވޭތޯ ބަލާނަން. އެންމެފަހުން މިހިނގައިދިޔަ ކަންތައްތަކަކީ މަނިކުފާނުގެ ޕްރެޒިޑެންޝަލް ކެންޑިޑޭސިއާ ބެހޭގޮތުން އުފެދުނު ކޯޓު މައްސަލަތަކަކާއި، އަދި މަނިކުފާނުގެ ޢަޤީދާއާމެދު އުފެއްދި މައްސަލަތަކެއް ސްޕްރީމްކޯޓުން ނިމިގެން ގޮސްފައިމިވަނީ. އޭގެތެރެއިން އެއްމައްސަލައެއްގައި މިވަނީ، މަނިކުފާނަކީ ސުންނީ މުސްލިމެއް ނޫން ކަމަށް ދަޢުވާކޮށް ހުށަހެޅުނު މައްސަލަ. ކޮންމެ ގޮތެއްވިޔަސް މިހުރިހާ މައްސަލަތަކެއް ނިމިގެން މިދިޔައީ، މަނިކުފާނާ އެއްކޮޅަށް. އިސްލާމްދީނުގައި އޮވޭތޯ އެއްވެސް ޙާލެއްގައި ސުންނީ މުސްލިމެއްގެ ކިބައިގައި ވަކި ޝަރުތުތަކެއް ހަމަވާން ޖެހޭނެކަމަށް؟ މިދެންނެވީ، މިވެނިމިވެނި ޝަރުތު ތަކެއް ހަމަވެގެންނޭ، ސުންނީ މުސްލިމަކަށްވާނީ.
 
ރައީސުލްޖުމްހޫރިއްޔާ:
 
އެނގިވަޑައިގަންނަވާނެ ފަދައިން، ސުންނީ މުސްލިމަކަށްވުން، ނުވަތަ ސުންނީ ޖަމާޢަތުގެ މީހަކަށްވުން، މިއީ ތަންކޮޅެއް ފަހުގެ އިސްޠިލާޙެއް. މިދެންނެވީ رســول اللّـه صـلّى الله علـيـه وسـلّم ދުނިޔޭގައި ހުންނެވި ދުވަސްވަރު، އެ މާނައިގައި މިއިސްޠިލާޙް ނުވަތަ މިލަފްޡް ބޭނުމެއް ނުކުރެވޭ. އޭރު ސުންނަގެ މާނައަކީ، ކީރިތި ރަސޫލާ ޢަމަލުކުރެއްވި ގޮތް. އެކަލޭގެފާނުގެ ބަސްފުޅުތަކާއި، ޢަމަލުފުޅުތައް، އެއީ ސުންނަތަކީ.
 
ސުންނީ ޖަމާޢަތް މިއުފެދުނީ، ފަހުން އައި މައްސަލަތަކެއްގެ ތެރޭގައި. އެއީ އެއްބަޔަކު ޝީޢާއީންނަށްވީ. އެއީ ޢަލީގެފާނުގެ އަންޞާރުންގެ ގޮތުގައި، ޢަލީގެފާނަށް ތާއީދުކުރާ ބަޔެއްގެ ގޮތުގައި އުޅުނު މީހުންނަށް މިކިޔުނީ ޝީޢާ. ދެން ދިމާވި ބޮޑު މައްސަލައެއްގައި މުސްލިމުންގެ ތެރެއިން ނުކުމެގަތް ބަޔަކަށް މިކިޔަނީ ޚަވާރިޖް. މި ޚަވާރިޖާއި ޝީޢާއާ މިދެބައި ނެގީމާ، ދެން ބާކީ ތިބޭ މުސްލިމުން، އެއީ މުސްލިމުންގެ އަޣްލަބިއްޔަތު، އެމީހުންނަށް މިކިޔުނީ ސުންނީ މުސްލިމުންނޭ. އެހެންވީމާ، ސުންނީ ޖަމާޢަތަކަށް ކަމަށް ބެލިފައި އެއޮންނަނީ، މަޝްހޫރު 4 މަޛްހަބުގެ މީހުން. އެއީ ޙަނަފީ މަޛްހަބާއި، މާލިކީ މަޛްހަބާއި، ޝާފިޢީ މަޛްހަބާއި، ހަންބަލީ މަޛްހަބާ. މި 4 މަޛްހަބުގެ އަހުލުވެރިންނަށް މިކިޔެނީ ސުންނީ ޖަމާޢަތުގެ އަހުލުވެރިންނޭ.
 
އަޅުގަނޑަކީ، ޝާފީޢީ މަޛްހަބުގެ މީހެއް. އެއީ ކުޑައިރުއްސުރެ ޝާފިޢީ މަޛްހަބަށް އަޅުގަނޑު ކިޔަވާފައި އޮތީ ރާއްޖޭގައި. ރާއްޖޭގެ ހަމަ އެންމެންނަކީވެސް، ޝާފިޢީ މަޛްހަބުގެ މީހުން. މިޞްރަށްގޮސް އަޅުގަނޑު ތަޢްލީމް ޙާޞިލްކުރީވެސް ހަމަ ޝާފިޢީ މަޛްހަބުގެ ޢިލްމް. މިހެން ދެންނެވިޔަސް، އެހެން މަޛްހަބުތަކުގެ ކަންތައް އޮންނަގޮތްވެސް އަޅުގަނޑުމެންނަށް ކުއްލިއްޔަތުއް ޝަރީއްޔާގައި ކިޔަވައިދޭ. އެކަންތައްތައްވެސް އިރާދުކުރެއްވިއްޔާ އަޅުގަނޑަށް އެނގޭ. އެހެންވީމާ، އަޅުގަނޑަކީ ސުންނީ ޖަމާޢަތުގެ މީހެއް. މިދެންނެވި އިސްޠިލާޙަކީ ފަހުގެކަމެކޭ. އެހެންވީމާ، އެއަކަށް ވަކި ޝަރުޠުތަކެއް ނެތް. ކިހިނެއްތޯ ބަލާނީ، އެމީހަކީ މިދެންނެވި 4 މަޛްހަބުންކުރެ މަޛްހަބެއްގެ މީހަކަށްވަންޏާ، ބެލެންވާނީ ސުންނީ ޖަމާޢަތުގެ މީހަކަށް. އެހެންވީމާ، އަޅުގަނޑު މިއީ ޝާފިޢީ މަޛްހަބުގެ މީހަކަށްވަންޏާ، އަޅުގަނޑު ބެލެންޖެހޭނީ ސުންނީ ޖަމާޢަތުގެ މީހަކަށް. އެހެންވީމާ، އެއީ އެކަން އޮންނަ ގޮތަކީ، އިތުރު ވަކިޝަރުޠެއް ނުއެއްއޮންނާނެ.
 
ސުވާލު 2:
 
އާދެ، ތިޔަ ވިދާޅުވިގޮތުން ބަލާއިރުވެސް އަދި އަޅުގަނޑުމެންނަށް ވަކި ޝަރުޠުތަކެއް އެހެން ކަނޑައެޅިގެން އެނގޭކަށެއް ނެތް. ވަކި ޝަރުޠުތަކެއް ހަމަވެގެންނޭ ސުންނީ މުސްލިމަކަށްވަނީ. ކޮންމެ ގޮތެއްވިޔަސް މިމައްސަލަ މިއޮތީ މަނިކުފާނާ އެއްކޮޅަށް ނިމިފައި. މަނިކުފާނު ދާދިފަހުން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަމަވުން ވިދާޅުވި، މަނިކުފާނާ ދެކޮޅަށް އަބުރުގެ ދަޢުވާކުރެވޭ މީހުންނާއި، އަދި މުސްލިމެއް ނޫނޭ ބުނެ ދަޢުވާކުރި މީހުންނާ ދެކޮޅަށް، އެވާހަކަތައް ދެއްކި މީހުންނާ ދެކޮޅަށް އަބުރުގެ ދަޢުވާ ކުރައްވާނެ ކަމަށް. ކިހިނެއްތޯ މިހާރު ޚިޔާލުފުޅު ކުރައްވަނީ؟
 
ރައީސުލްޖުމްހޫރިއްޔާ:
              
އާދެ، އަޅުގަނޑު ކުރާނަން. އެކަމުގައި ކުރިއަށް މިދަނީ. އަޅުގަނޑަށް ހީވަނީ، މިއަދުވެސް ދަޢުވާ ހުށަހެޅިއްޖެހެން ކޯޓަށް.
 
ސުވާލު 3:
 
އަޅުގަނޑު ދެވަނަ ސުވާލެއްގެ ގޮތުން ދަންނަވާލާނަން ތަންކޮޅެއް ކުރީގެ، މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަސްވަރުގެ ވާހަކައެއް. ކުރީގެ ރައީސް އިބްރާހީމް ނާޞިރު ވެރިކަން ދޫކުރައްވައި، މަނިކުފާނާ ވެރިކަން ހަވާލުކުރެއްވިއިރު، ޑިމޮކްރަސީގެ ވަރަށް ފުރިހަމަ މިސާލެއް ދައްކަވާފައިވާ ކަމަށް، އަޅުގަނޑުމެންނަށް ޚަބަރުތަކުންވެސް، އަދި އެހެން  ތަޖްރިބާހުރި ބޭފުޅުންގެ ވާހަކަފުޅުތަކުންވެސް އިވެނީ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން މަނިކުފާނަށްވެސް އެފުރުޞަތު ލިބިއްޖެނަމަ ކަންތައް ކުރައްވާނީ ކިހިނެއްތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އާދެ، ފުރަތަމަ އަހާލަން ބޭނުންވަނީ، ކޮބައިތޯއޭ އެހާރީތި ޑިމޮކްރަސީ ހަމަތަކުގެމަތިން ކުރީގެ ރައީސް އަޅުގަނޑާ މިކަން ހަވާލުކުރެއްވި ކަމުގެ ދަލީލަކީ. ނުވަތަ މީހުން ދައްކާ ވާހަކައަކީ؟ އެކަން އެނގޭނީ އަޅުގަނޑަށް. އަޅުގަނޑު އެވާހަކަ ދެއްކީވެސް. އަޅުގަނޑު ބުނިން، އިބްރާހީމް ނާޞިރު ކަންތައް ކުރެއްވީ ވަރަށް ރަނގަޅަށޭ، އެއީ އަޅުގަނޑާ ވެރިކަން ހަވާލުކުރެއްވީ އެއްދުވަސް ކުރިން. ޤާނޫނީ ގޮތަކުން ނޫން. ނޮވެމްބަރު 10ގައި އަޅުގަނޑާ ސިފައިންގެ ހަވާލުކުރެއްވީ، ސިފައިންނަށް އަމުރު ކުރުމުގެ އިޚްތިޔާރު އަޅުގަނޑަށް ދެއްވީ، ހަތިޔާރުގެ ގުދަނުގެ ތަޅުދަނޑި އަޅުގަނޑަށް ގެނެސްދެއްވައި، ޢަބްދުލްހަންނާނު ޙަލީމް އަޅުގަނޑު އަތަށް ދެއްވީ. އެހެންވީމާ، މިގޮތުން ވަރަށް ރީތިކޮށް އެކަން ކޮށްދެއްވީ. އެވާހަކަ އަޅުގަނޑު މިދައްކަނީ. އަޅުގަނޑުގެ ފަރާތުން މީހުންނަށް އެނގޭނީ. އެހެންވެސް މީހަކަށް މިކަމެއް ނުވެސް އެނގޭނެ. އަޅުގަނޑު މިވާހަކަ ބުނަން މިޖެހުނީވެސް ފަހުންއައިސް ފާޑެއްގެ ވާހަކަތަކެއް ދެކެވޭތީ، އެހެންވީމާ އޭގެ ޖަވާބު. ކޮންމެއަކަސް އޭނަ، އިބްރާހީމް ނާޞިރު ކަންތައް ކުރެއްވީ ވަރަށް ރަނގަޅަށް، ވަރަށްހެޔޮކޮށް، އެގޮތް އަޅުގަނޑު ޤަބޫލުކުރަން.
 
އަޅުގަނޑުވެސް އިރާދުކުރެއްވިއްޔާ މިމަޤާމުން ދާންޖެހޭ ދުވަހެއްއައިމަ، ހަމަ ދާނީ ވަރަށް ރީތިކޮށް، ވަރަށް ޞުލްޙަވެރިކަމާއެކީގައި، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް. އަޅުގަނޑުގެ ރިޔާސަތުގެ ކަންތައްތައް، ދެން ވަޑައިގަންނަވާ ބޭފުޅަކާ ހަވާލުކުރާނީ ވަރަށް އޮމާންކޮށް، ވަރަށްރީތިކޮށް، ޤާނޫނުގައިވާގޮތުގެ މަތިން.
 
ސުވާލު 4: 
 
އާދެ، ދެންހަމަ އެދުވަސްވަރަށް ޖެހިލާއިރުގައި، 1978ގައި މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ، ހަތިޔާރު ހިއްޕަވައިގެން ހުންނަވައެ، މަނިކުފާނު ވިދާޅުވި ވާހަކަފުޅަކަށް ހަމަ ވަރަށް ހޫނު ބަޙުޘްތަކެއް މިދޭތެރެއަކުންވެސް ކުރެވިގެން ހިނގައްޖެ. އަދި އެކަމާ ބެހޭގޮތުން މަނިކުފާނު ރައްދުވެސް ދެއްވައިފި. އޭރުގައި އިބްރާޙީމް ނާޞިރުގެ އަމުރުފުޅަށް އޭރުގެ ދިފާޢީ ވަޒީރު މަނިކުފާނާ ސިފައިންގޭގެ ތަޅުދަނޑި ހަވާލުކުރެއްވީމާ، އެއީ މަނިކުފާނުގެ އަތްޕުޅުގައި ހަތިޔާރުހުރީ ކަމަށް، ރަމްޒީގޮތެއްގައި ނަމަވެސް، ނުވަތަ މަޖާޒީ ގޮތެއްގައިވެސް މާނަ ނެގިދާނެ. އެހެންނަމަވެސް، މަނިކުފާނު އެދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ކަމަށްވަނީ، މަނިކުފާނުގެ ވަރަށްގާތް ހައެއްކަ އެކުވެރިންގެ އަތުގައިވެސް ހަތިޔާރު ހުރިކަމަށް. ކޮބައިތޯ އެވިދާޅުވާ އެއްޗަކީ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އެއީ ރަނގަޅު ވާހަކައެއް ނޫން. އެކުވެރިންނޭ އަޅުގަނޑު ދަންނަވަނީ ސަރުކާރުގައި އުޅުއްވާ ބޭފުޅުން. ޚާއްޞަކޮށް، އޭރު ދިފާޢީ ވުޒާރާ އަޅުގަނޑު ހަވާލުކުރި ބޭފުޅުންނަކީ، އަޅުގަނޑު ދަންނަ އެކުވެރިން. އެހެންވީމާ، އެބޭފުޅުން އެއީ ސިފައިންގެ ބޭފުޅުންނަށްވީމާ، އެންމެ ކުރީކޮޅުގައި ސިފައިންގެތެރެއަށް ވެދެވަޑައިގެންނެވި ބޭފުޅުންނަކީ ހަމަ ފުރަތަމަ ރޭ، އަޅުގަނޑު ސިފައިންގެތެރެއަށް ގެނައި އިސްބޭފުޅުންކޮޅެއް. ޒުވާން ބޭފުޅުންކޮޅެއް. އެބޭފުޅުންނަކީ، ސިފައިންގެ މީހުން. އަޅުގަނޑުގެ އެކުވެރިން، އެހެންވީމާ، ޤާނޫނީގޮތުން އެމީހުންގެ އަތުގައި ހަތިޔާރު ހުންނާނެ.
 
ސުވާލު 5:
 
 
އެހެންވީމާ، ސިފައިންގެ ބޭފުޅުންނަށްވީތީ، އެމީހުންގެ އަތުގައި ހަތިޔާރު ހުރިކަމަށްތޯ މަނިކުފާނު އެވިދާޅުވަނީ.
 
ރައީސުލްޖުމްހޫރިއްޔާ:
 
އާދެ، އެހެން އެބުނީ.
 
ސުވާލު 6:
 
އެއީ ކޮންމެހެން މަނިކުފާނުގެ ގާތް އެކުވެރިއަކަށްވާތީ ހަތިޔާރު ދީފަހުރީކީނޫން؟
 
ރައީސުލްޖުމްހޫރިއްޔާ:
 
ނުހުންނާނެ. އެއްވެސް ސިވިލިއަނެއްގެ އަތުގައި ނޯންނާނެ ހަތިޔާރެއް. އޭރަކުވެސް، މިހާރަކުވެސް. އެއީ މަނާވެސްކަމެއް. ނޯންނާނެ. މިހާރުވެސް ހުންނާނީ، ސިފައިންގެ އަތުގައި އެކަނި، ސަރުކާރުގެ ހުރިހާ ހަތިޔާރެއް. އެގޮތަށް ފެށުނީއްސުރެ މިހާތަނާ ޖެހެންދެން ޢަމަލު ކުރަމުން މިއައީ.
 
ސުވާލު 7:
 
އާދެ، މަނިކުފާނަށް ވެރިކަން ލިބިވަޑައިގެން، ހިނގައިގެންދިޔަ ކަންތައްތަކަށްފަހު، ކުރީގެ ރައީސް ނާޞިރާ ދެކޮޅަށް ރާއްޖޭގައި ވަރަށް ހަޑިހުތުރުކޮށް މުޢާމަލާތުކުރެވި، ކާޓޫންކުރެހި، ލަވަކިޔައި، މިކަހަލަ ވަރަށްގިނަ ކަންތައްތަކެއް ހިނގައިގެންދިޔަކަން އަޅުގަނޑުމެންނަށް ފެނޭ. އެފަދަ ތަކެތި ޝާއިޢުކޮށް އުޅުނީ މަނިކުފާނާވެސް ވަރަށް ގުޅުންބޮޑު ނޫސްތަކުގައިކަން އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަންޖެހޭ. ކީއްވެގެންތޯ އެކަންތައްތައް ނުހުއްޓުވީ އެދުވަސްވަރު؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ނޫސްވެރިކަމަކީ، އޭރުވެސް މިނިވަންކޮށް އޮތް ކަމަކޭ. އަދި އަޅުގަނޑު އިސްނަގައިގެން ބައެއް ނޫސްމަޖައްލާ އުފައްދަން މަސައްކަތްކުރިން. އޭގެތެރެއިން ހަވީރުނޫސް، އެއީ 1978ގައި އިބްރާހީމް ނާޞިރު ފުރާވަޑައިގަތުމާ ގުޅިގެން އޭރު ހިނގަމުންދިޔަ ހަމައެކަނި ދުވަހުނޫސް. މޫންލައިޓް، އެ އުވިގެން ދިޔައީ. ދެން ނެތް ރާއްޖޭގެ ރައްޔިތުން ކިޔާނެ ނޫހެއް. އަޅުގަނޑާއި އަޅުގަނޑުގެ އަޚް ޒާހިރު ޙުސައިނާ ދެމީހުން ވާހަކަ ދައްކާފައި، އަޅުގަނޑުމެން ނިންމީ ކޮންމެވެސް ނޫހެއް ނެރުމަށް. އަދި އަޅުގަނޑު ނޫހަށް ނަންދިނީވެސް. "ހަވީރު" އެއީ އަޅުގަނޑު ދިންނަމެއް. އެނޫސް ނުކުންނަން ފެށީ 1979ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހު. އެހިސާބުން އަޅުގަނޑާ ހަވީރާ އޮތް އެ ގުޅުން ދިޔައީ. ހަވީރުނޫހަކީ އޭރުން ފެށިގެން އަމިއްލައަށް ހިންގަމުން އަންނަ ނޫހެއް. އެއްގޮތަކަށްވެސް، އަޅުގަނޑު ވަކިބުނާ އެއްޗެއް ބުނާގޮތަކަށް ހިންގާ ނޫހެއް ނޫން. ނޫސް ހިންގުމުގެ ތެރެއަކަށް އަޅުގަނޑު ނުވަންނަން. އެހެންވީމާ، ތިޔަވިދާޅުވާ އެއްޗަކީ، އޭރު އޮންނާނީ ހަވީރު އެނގޭތޯ، ހަވީރުގައި ތިކަހަލަ ކާޓޫނުޖަހާ ކަންތައް ކޮށްފައި ހުރިކަމަށްވަންޏާ، އެއީ އަޅުގަނޑު ކުރިކަމެއްނޫން. އަޅުގަނޑާ ގުޅުންހުރީ މިދެންނެވި އުޞޫލުން. އެކަމަކު ހަވީރުގައި ޖަހާއެއްޗަކަށް އަޅުގަނޑު ފާޑުކިޔައި، މިވެނި ވާހަކައެއް ޖަހާށޭ، މިވެނި ވާހަކައެއް ނުޖަހާށޭ، އެހެންބުނެ އެހެން ހަދާފައެއް ނޯންނާނެ. އޭރަކުވެސް މިހާރަކުވެސް. އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި އެ ނޫސް ހިންގަވާ ފަރާތަކަށް ނުވަތަ ނޫހުގެ އެޑިޓޯރިއަލް ބޯޑަށް، ނުވަތަ ލިޔާ މީހުންނަށް ފެންނަ ގޮތަކަށް އެކަން ކުރާނީ.
 
ސުވާލު 8:
 
އެހެންނަމަވެސް، ތިޔަވިދާޅުވި ވާހަކަފުޅަށް ބަލާއިރު، އަޅުގަނޑުމެންނަށް އޭގެފަހުގެ ތާރީޚުގައި ފެނިގެން ހިނގައްޖެ، ސަރުކާރާ ދެކޮޅަށް ލިޔުންތައްލިޔެ، ނުވަތަ ކުރަހާ ކުރެހުންތަކާ ގުޅިގެން ވަރަށްގިނަ ބަޔަކަށް ސަރުކާރުން އަދަބު ދީފައިވާތަން. ޚާއްޞަކޮށް ސަންގު ނޫހަށް. މިފަދަ ނޫސްތައް ނެރުނު ދުވަސްވަރުގައި ހަމަ ފާޅުގައި ކަނޑައެޅިގެން ސަރުކާރާ ދެކޮޅަށް ފާޑުކިޔާފައިހުރި ކަންތައްތަކާމެދު ސަރުކާރުން އެބަހުރި ފިޔަވަޅު އަޅާފައި. އެކަންތައްތައްތަކާ ދޭތެރޭ ފިޔަވަޅު އެޅުއްވިއިރު، ކީއްވެގެންތޯއޭ ކުރީގެ ރައީސް އިބްރާހީމް ނާޞީރާ ދެކޮޅަށް އެހާ ހަޑިހުތުރުކޮށް މުޢާމަލާތު ކުރެވުނުއިރު، އެކަންތައްތައް ނުހުއްޓުވީ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
ޤާނޫނު އޮންނަ ގޮތެއްގެ މަތިން ކަންތައް ކުރެވޭނީ، ދޮއެއްތޯ؟ އެއީ އޭރު ސަންގު ނޫހުންވެސް ދެއްކި ވާހަކަތަކުގައި ޑިފެންސް މިނިސްޓަރަށާއި، ޑިފެންސް މިނިސްޓްރީގެ އިސްބޭފުޅުންނަށާއި، ސިފައިންނަށް ވަރަށް ހުތުރު ބަސްތައް ރައްދުކޮށްފައި އޮތީމާ، އެފަރާތުން ބޭނުންފުޅުވީ ފިޔަވަޅު އަޅުއްވަން. އެހެންވީމާ، އެކަން ކުރެވޭނެ. އެކަމަކު އިބްރާހީމް ނާޞިރުގެ ފަރާތަކުން އެއްގޮތަކަށްވެސް ފިޔަވަޅު އަޅާކަށް އެއްވެސް މީހަކު އެދިފައެއްވެސް ނެތް. އަޅުގަނޑާ ހަމައަކަށް މައްސަލައެއް ނުވެސް އާދެ. ސަރުކާރު ފަރާތަކުންވެސް ހުށައެއް ނާޅުއްވާ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި އެ ރައްދުވާމީހާ، އެ ޙަމަލަ ރައްދުވާ މީހާ، އެއްޗެއް ނުބުނަންޏާ އެކަން އޮންނާނީ އެގޮތަށް. އެގޮތަށް ދިޔަކަމެއް އެއީ.
 
ސުވާލު 9:
 
އެކަމަކު އަޅުގަނޑަށް ހީވާގޮތުގައި، ރާއްޖޭގެ ޢިއްޒަތްތެރި ރައީސަކު، އަދި އަމުދުން މަޤާމުން ވަކިވެވަޑައިގެން ހުންނެވި ބޭފުޅަކަށްވެސް އިޙްތިރާމާއި ޤަދަރު ދެއްވުމަކީ އަޅުގަނޑަށް ހީވަނީ، އެއިރެއްގައި އޮންނަ ސަރުކާރުގެވެސް ވާޖިބަކަށްވާނެހެން. އެކަމާދޭތެރޭގައި ކީކޭތޯ ވިދާޅުވަނީ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އާދެ، އިޙްތިރާމާއި ޤަދަރު ދޭންޖެހޭނެ. މިސަރުކާރުން ދެމުން މިގެންދަނީ، ދޮއެއްތޯ؟ އެކަމަކު އަމިއްލަ ނޫހަކުން ލިޔާއެއްޗަކީ އެއީ އަޅުގަނޑު އެކަމާ ބެހޭނެ ކަމެއް ނޫން. އެއީ ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ކުރެވޭ ކަމަކަށްވާނީ. އޭރުވެސް ނޫސްވެރިކަމުގެ މިނިވަންކަންއޮތް. މިހާރުވެސް މިނިވަންކަން ނެތިގެން ވާހަކަ ދައްކަވާއިރުވެސް، އެނގިވަޑައިގަންނަވާނެ، ކުރިންވެސް އޮތްކަން. އެހެންވީމާ، އެއާ ދޭތެރޭގައި ތީގައި ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. އެހެން މިދެންނެވީ، ފިޔަވަޅެއް އަޅައިފިއްޔާ، ނޫސްވެރިން ބުނާނެ، ބަލާބަލަ، ތިމަންނަމެން ހަމަ ކިރިޔާ އެއްޗެއް ލިޔާއިރަށް ސަރުކާރުން ފިޔަވަޅު އެޅިއްޔޭ. ދޫކޮށްލައިފިއްޔާ ބުނާނީ ތިޔަވިދާޅުވާހެން. ކީއްވެހޭ ފިޔަވަޅު ނޭޅީ. މިއަކު ނޯންނާނެ އިނގޭތޯ، ހެޔޮބަހެއް ނުލިބޭނެ މިއަކު.
 
ސުވާލު 10:

 

 
އާދެ، ދެން އަޅުގަނޑުމެން އެވާހަކަ، އިހަށް ބާއްވާލާފައި، އެހެން ދިމާއަކަށް ޖެހިލާނަން. މަނިކުފާނު ވެރިކަމުގައި ހޭދަކުރެއްވި ފުރަތަމަ 10 އަހަރަކީ، ޚާއްސަގޮތެއްގައި ފުރަތަމަ 10އަހަރު އަޅުގަނޑު ފާހަގަކޮށްލާނަން، މަނިކުފާނަށް ދިވެހިޤައުމު ހަމަ، ވަރަށްބޮޑު ތަރްޙީބަކާއި، ވަރަށްބޮޑު ލޯތްބަކާ އެކީގައި، މަނިކުފާނަށް މުޅި ޤައުމު، ހިތަކަށް ލިބިވަޑައިގެންފައި އޮތް ދުވަސްވަރެއް އެއީ. އޭރު މަނިކުފާނު ބޭނުން ގޮތަކަށް ޤައުމު ބައްޓަން ކުރުމުގެ ފުރުޞަތު މަނިކުފާނަށް ލިބިވަޑައިގެން އޮތީ. ހަމަ އެފުރުޞަތުގެ ތެރޭގައި ފާއިތުވެގެން މިދިޔަ 30 އަހަރުވެސް ވެގެން މިދިޔައީ. ކީއްވެގެންތޯ އޭރު ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށް، ނުވަތަ ރާއްޖެއަށް ތަޢާރުފު ކުރެއްވުމަށް މަސައްކަތްޕުޅު ނުކުރެއްވީ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އެންމެފުރަތަމަ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އެއްވެސް މީހެއްގެ ހިތަކަށް ޤައުމު ލިބިފައެއް ނޯންނާނެ. އަޅުގަނޑުގެ ހިތަކަށް ދިވެހިރާއްޖެއެއް ލިބިފައެއްނެތޭ، އަދި ބޭނުމެއްވެސް ނޫނޭ. ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންފުޅުވާ ގޮތަށް ރާއްޖޭގެ ކަންތައްތައް، އަޅުގަނޑު މި ކުރިއަށް ގެންދަނީ. އަދި ކޮންމެ ރައީސަކު ހުރިނަމަވެސް ކަންތައް ކުރިއަށް ގެންދަންޖެހޭނެ. އެމީހަކު ހިތަކަށް ލިބިފައި އޮންނަ މިލްކެއް ނޫން ރާއްޖެއަކީ. ރާއްޖެއަކީ، ރާއްޖޭގެ ރައްޔިތުންގެ މިލްކެއް.
 
 
ސުވާލު 11:
 
އަޅުގަނޑުގެ މަޤްސަދަކީ، ރައްޔިތުން މަނިކުފާނަށް އެ ކުރި އިތުބާރާއި، ރައްޔިތުން މަނިކުފާނަށް އެދިން ލޯބި.
 
ރައީސުލްޖުމްހޫރިއްޔާ:
 
އަދިވެސް އެލޯބި އެބައޮތް. އެންމެފަހުގެ އިންތިޚާބުގައިވެސް 90 އިންސައްތައަށްވުރެ ގިނަ ވޯޓު އަޅުގަނޑަށް ލިބުނު. އަދި އެމުއްދަތު ހަމައެއްނުވޭ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އޭރުވެސް ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި، ތާއީދު މިހާރުވެސް އެބަކުރައްވާ. އޭރުވެސް އަޅުގަނޑަށް ދެއްވި ލޯބި މިހާރުވެސް އެބަދެއްވާ. އެހެންވީމާ، އެއަކު އެއްވެސް ބަދަލެއްނެތް.
 
ދެން ތިޔަވިދާޅުވަނީ، ކީއްވެހޭ އިޞްލާޙީ ޕްރޮގްރާމް މިހާފަހުން ފެށީ. އޭގެ ޖަވާބަކަށް ދަންނަވަންއޮތީ، ރާއްޖޭގެ އޭރުއޮތް ޙާލަތު، ހަނދުމަފުޅު ކޮށްލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ. އޭރު ރާއްޖޭގެ މީހުންނަށް ކާބޯތަކެތީގެ އަމާންކަމެއް ލިބިފައެއްނެތް. އަޅުގަނޑު ހަވާލުވިއިރު ހުރީ އެންމެ 21 ދުވަހުގެ ކާޑު. މީހުން ތިބީކީ ފުދިގެންނެއް ނޫން. ކާބޯތަކެތި ނުލިބިފައި. އަދި ތަޢްލީމީ ފެންވަރުވެސް އެހާދަށް.
 
އަޅުގަނޑު ސަރުކާރާ ހަވާލުވިއިރު ހުރީ ސަރުކާރުގެ އެންމެ 4 ސްކޫލް. މިހާރު އެހެރީ 200 އެތައް ސަރުކާރުގެ ސްކޫލެއް. މާލެ ނޫން އެހެން އަތޮޅުތަކުގެ ރަށެއްގައި ހުރީ އެންމެ ސްކޫލެއް. އެއީ ބ.އަތޮޅު ތަޢްލީމީ މަރުކަޒު އެކަނި. އެހެންވީމާ، ތަޢްލީމީގޮތުންވެސް އޮތީ ވަރަށްދަށް ޙާލަތެއްގައި.
 
އަދި އިޤްތިޞާދީ ފުދުންތެރިކަމެއްވެސް އެއްގޮތަކަށްވެސް ނެތް. އެހެންވީމާ، މިހުރިހާ ކަމެއް މިހެން ހުރިއިރު އޭރު ކިހިނެއްތޯ، ޑިމޮކްރަސީގެ ވާހަކަ ދައްކާނީ. ކާކުތޯ އެއީ ކޮންއެއްޗެއްކަން ބަލައިގަންނާނީ. މިއުޅެނީ ކާންބޯން ނުލިބިގެން. މިއުޅެނީ ކުދިންނަށް ތަޢްލީމު ނުދެވިގެން. މިއުޅެނީ ހޭލުންތެރިކަމެއް ނެތިގެން. އޭރު ޑިމޮކްރަސީއޭ ބުނީމަ އެބުނާ އެއްޗެއް ނުވެސް އެނގޭނެ އިނގޭތޯ. އެހެންވީމާ، ޑިމޮކްރަސީއަކީވެސް ވަކި ހިސާބަކަށް، ޤައުމު ތަރައްޤީވީމަ އަންނައެއްޗެއް. އެއީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވީމަ.
 
މިހާރު ރާއްޖޭގައި އިރާދުކުރެއްވީތީ، އެހިސާބަށް މިއޮތީ ގޮއްސައި. އެއީ، ރާއްޖޭގެ ތަޢްލީމުވެސް ވަރަށް ފުޅާކުރެވިއްޖެ. ވަރަށްގިނަ މީހުންނަކީ ތަޢްލީމީ ޒުވާނުން. ރާއްޖޭގައާއި ރާއްޖެއިން ބޭރުން ތަޢުލީމް ޙާޞިލްކޮށްގެން އައިސްތިބި މީހުން. ޚަބަރުފަތުރާ ވަސީލަތްތައްވެސް އެހާ މިނިވަންކޮށް އެއޮތީ. މިހުރިހާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހޭލުންތެރިކަން ވަރަށްބޮޑަށް އިތުރުވެގެން ހިނގަންޖެ. އަނެއްކާ އިޤްތިޞާދީ ގޮތުން ވަރަށްބޮޑު ފުދުންތެރި ކަމެއް އަޅުގަނޑުމެންގެ ތެރެއަށް މާތްﷲގެ ރަޙްމަތްފުޅުން އަތުވެއްޖެ. ދިވެހި ސަރުކާރާއި ރައްޔިތުން ކުރި މަސައްކަތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާ މިހުރިހާ ކަމެއް ކުރިއަށް ދިއުމުގެ ސަބަބުން މިހާރު މީހުންގެ ޖީބުތައް ތަނަވަސްވެ، މީހުންގެ އަތްމަތިވެސް ވަރަށްބޮޑަށް ތަނަވަސްވެއްޖެ. އެހެންވީމާ، މިކަހަލަ ފުރުޞަތެއްގައި، ޑިމޮކްރަސީގެ ވާހަކަ ދެއްކޭނީ. މީހުން އެވާހަކަ އަހާނީވެސް. އެހެންވީމާ، 30 އަހަރުވުމަށްފަހުގައި، 30 އަހަރު ނުވަނީސް އަޅުގަނޑު ހުށަހަޅައިފިން، ދޮގެއްތޯ؟ ހުށަހަޅައިގެން، މިވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އެކަމުގެ ތެރޭގައި މިއުޅުނީ. އެހެންވީމާ، ރާއްޖެ އެހިސާބަށް ދިޔައިމަ، ކޮންމެ ބަޔަކުވެސް އެކަމަކަށް ތައްޔާރުވީމަ، ދެން އެބައެއްގެތެރޭ އެކަމެއް ހިނގާނީ. ތައްޔާރުވުމުގެ ކުރިންނެއް ނުހިނގާނެ، ދޮގެއްތޯ؟ އެހެންވީމާ، އެ އުޞޫލުން މިކަންވެސް މިދިޔައީ.
 
ސުވާލު 12:
    
އަޅުގަނޑަކަށް ހިއެއްނުވޭ، މަނިކުފާނު ތިޔަވިދާޅުވި ކަންތައްތަކާ ދޭތެރޭގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު އިންކާރު ކުރައްވާނެ ހެނެއް. ރައްޔިތުންނަށް ކާބޯތަކެތީގެ އަމާންކަން ހޯއްދަވައިދެއްވިކަމާމެދު އަޅުގަނޑަކަށް ހިއެއްނުވޭ، އެއްވެސް ރައްޔިތަކު އިންކާރު ކުރައްވާނެހެނެއް. އެހެންނަމަވެސް އަޅުގަނޑު މިހިތަށް އަރާއެއްޗަކީ، ތިޔަވިދާޅުވީ ވޭތުވެދިޔަ 4 އަހަރުގެ ވާހަކަ. އެއަށްވުރެ ކުރިއަށް އަޅުގަނޑުމެން ޖެހިލާނަން. 1990ގެ އަހަރުތަކުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ފެނުނު ވަރަށްގިނަ އަދަދެއްގެ ބަޔަކު އެއްވެއުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާ، މިކަންތައްތަކަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުންދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނުނީ. އެހެންނަމަވެސް، އެކަންތައްތަކަށް، ސަރުކާރުން އެކަށީގެންވާ ގޮތެއްގައި، ދޮރުހުޅުވައިނުދޭކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ. މިދެންނެވީ، އޭރުގައި ކަންތައްތައް ހިނގައިދިޔަގޮތް އަޅުގަނޑު ކޮންމެހެން މިސާލު ދަންނަވާކަށް ނުޖެހޭނެކަންނޭގެ. މަނިކުފާނަށް މާރަނގަޅަށް އެނގިވަޑައިގަންނަވާނެ މިކަންތައްތައް. އޭރުގައި ކީއްވެގެންތޯ މަޑުމަޑުން ނަމަވެސް އެކަންތައްތަކަށް މަގުފަހިނުކޮށްދެއްވީ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
ތަންކޮޅެއްބޮޑަށް އަޅުގަނޑުގެ ތާރީޚު ދަސްކުރައްވަންވީ. ތަންކޮޅެއްބޮޑަށް އަޅުގަނޑުގެ ކަންތައްތައް ފެނިގެން، ފެށުނީއްސުރެ ހިނގަމުން އައިގޮތް ބައްލަވާލައްވަންވީ. އޭރުން ތިޔަސުވާލު ތިޔަގޮތަކަށް ނުކުރައްވާނެ. އެހެން މިދެންނެވީ، އެންމެފުރަތަމަ ރައީސްކަމާ ހަވާލުވެފައި ރައްޔިތުންގެ މަޖިލީހަށް ހިމާޔަތް ދިނީވެސް އަޅުގަނޑު، ފެބްރުއަރީ 1979 ގައި. އޭގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުވެސް، މަޖިލީހުގައި ދައްކަވާ ވާހަކައަކުން ކުށްވެރިވެދާނެ. އަދި ވޯޓު ދެއްވާ ގޮތަކުންވެސް ކުށްވެރިވެދާނެ. ކުށްވެރިވެފައިވެސް އެބަހުރި. އަޅުގަނޑު އައިސް އެކަން ހުއްޓުވީ. އެވެސް ދިނީ މިނިވަންކަމެއް. ހަމައެގޮތަށް ނޫސްވެރިކަމުގެ މިނިވަންކަމާއި، ހުރިހާ މިނިވަންކަމެއްވެސް ހަމަ ދެމުން ދެމުން މިއައީ. އެއްގޮތަކަށްވެސް މިހާރު އަލަށް ދިން އެއްޗެއް ނޫން.
 
އަދި ދަންނަވާލަފާނަން، އޭރު އޮންނަ ޤާނޫނީ މާއްދާއެއް، ޤާނޫނުލްއުޤޫބާތުގެ 38 ވަނަ މާއްދާ. ވަރަށް މީހުން ބިރުގަންނަ މާއްދާއެއް އިނގޭތޯ. އޭގައި މިއޮންނަނީ ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާ ދޭތެރޭގައި މީހުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެއްދުމަކީ ކުށެކެވެ. އެކުށްކުރި މީހެއްގެ އަދަބަކީ، މިވެނިމިވެނި އަހަރަކަށް ޖަލަށްލުން، އަރުވާލުން، މިވާހަކަތައް މިއޮންނަނީ. އެހެންވީމާ، އެފަދަ ވަރުގަދަ މާއްދާއެއް އޮތީމާވެސް މީހުންނަކަށް، މިދެންނެވީ، މިނިވަންކަމެއް އެމީހުންނަކަށް ބަލައެއްނުގަނެވޭނެ، ނުވަތަ އެމިނިވަންކަމާ އެއްގޮތަކަށް ޢަމަލެއް ނުކުރެވޭނެ. އަޅުގަނޑު އެމާއްދާ އުވާލީވެސް. މުޅިން ބަދަލުކޮށް މިގެނައީވެސް. މި މިނިވަންކަން ދޭން ފަށައިފިން ފެށުނީއްސުރެ. އެކަމަކު ދަންނަވަން ބޭނުންވާ ވާހަކައަކީ، މިނިވަންކަމަކީވެސް، އެހެން ހުރިހާ ޙައްޤުތަކެކޭ އެއްގޮތަށް މީހުންނަށް އެބޭނުންކުރަން ދަސްކުރަން މުއްދަތު ބޭނުންވާ އެއްޗެއް. އެހެންވީމާ، މަޑުމަޑުން، މަޑުމަޑުން ދެމުން މިގެންދަނީ. އެހެންނަމަވެސް ފެށުނީއްސުރެ އެމަގުގައި އަޅުގަނޑު ހިނގަމުން މިދަނީ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް، ފިޔަވަޅަކަށްފަހު ފިޔަވަޅެއް. އެހެންވީމާ އެގޮތުން މިދިޔައީ، 1978ގައި ނުވަތަ 85ގައި ނުވަތަ 90ގައި މިހާރު މިގެންނަ މިނިވަންކަމެއް ރާއްޖެއަކަށް ކަމަކުނުދާނެ. މީހުންނަކަށް ބަލައެއްނުގަނެވޭނެ. އެއާ އެއްގޮތަށް ޢަމަލުކުރާކަށް ނުވެސް އެނގޭނެ. އެހެންވީމާ، އެއީ މިވީގޮތަކީ. ފަހަރެއްގައިވެސް އެކަންތައްތައް ހިފަހައްޓައިގެން ހުރީކީނޫން.
 
ސުވާލު 13:
 
މަނިކުފާނު ތިޔަ ވިދާޅުވީ، މަނިކުފާނު ވެރިކަމާ ހަވާލުވަޑައިގެންނެވިއިރުވެސް، ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށްވެސް ހިމާޔަތެއް ނެތްވާހަކަ. އެހެންނަމަވެސް ތިޔަ ވިދާޅުވި، މާއްދާވެސް އުވާލާފައި ހިމާޔަތް ހޯއްދަވައިދެއްވި ވާހަކަ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފަހުން އަދި އަޑުއިވިގެން އެބަދޭ، އޭގެ މާފަހުގެ ތާރީޚެއްގައި، މާލޭގެ މެންބަރުކަމަށް ކުރިމަތިލައްވައިގެން ގޮނޑިއެއް ހޯއްދެވި، ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު އެބަ ފާޅުގައި ވިދާޅުވޭ، ތިމަންނަ މަޖިލީހުގައި ދައްކާ ވާހަކަތަކުގެ ސަބަބުން، ސަރުކާރުން ވަރަށްބޮޑެތި ފިއްތުންތައް ކުރިމަތިކޮށް، އެންމެފަހުން، ރާއްޖޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ދިއުމުންނޭ، ތިމަންނަ ރާއްޖެ ދޫކޮށް ދިޔައީ. އެއީ ކިހާވަރެއްގެ ވާހަކައެއްތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އެއީ ޙަޤީޤަތެއް ނޫން.  އެއްވެސް މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާ ގޮތަކުން އެބޭފުޅަކަށް ސަރުކާރުން މައްސަލަތަކެއް ކުރިމަތިކޮށްފައެއް ނޯންނާނެ. އޭރަކުވެސް، މިހާރަކުވެސް ނޯންނާނެ. އެވިދާޅުވަނީ ޙަޤީޤަތެއްނޫން. އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ މުޅިން އެހެން ކަމަކާ ގުޅިގެން. ދެން އެވާހަކަ މާތަފްޞީލުކޮށް ދަންނަވާކަށްނެތިން، އެކަމަކު އެނގިވަޑައިގަންނަވާނެ، އެއަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އަލިފާނުގެ ހާދިސާތަކަކާއި، ކަންތައްތަކެއް ހިނގި، އަދި ސާކް ސަމިޓް ބޭއްވުމަށް އުޅުނު ދުވަސްވަރު، ބައެއް ތަންތާނގައި ގޮއްވާ އެއްޗެހި ގޮއްވާ، މިކަހަލަ ކަންތައްތަކެއްވެސް ކުރި. އެކަންތައްތަކުގައި ކުށްވެރިވި މީހުންގެ ތެރޭގައި، ތިޔަވިދާޅުވާ ބޭފުޅަކާ ޢާއިލީގޮތުން ގުޅިފައިވާ ޢާއިލާގެ ކިތަންމެ ބޭފުޅަކު ހިމެނުނު. އެބޭފުޅުން ޝަރީޢަތަށް ހުށަހެޅި އެބޭފުޅުންނަށް، ޙުކުމްއައިސް ބަންދުވެސްވި. އެދުވަސްވަރު އޭނާ ރާއްޖެއިން ފުރާވަޑައިގަތީ. އެހެންވީމާ، އެއީމުޅިން އެހެން ކަމަކާ ގުޅިގެން ފުރާވަޑައިގަތީ. އެއްގޮތަކަށްވެސް އެއީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވައިގެން، ސަރުކާރުން ފިއްތުންތަކެއް ފިއްތައިގެނެއް ނޫން.
 
ސުވާލު 14:
 
މަނިކުފާނު ތިޔަވިދާޅުވި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްވެސް މަޑުމަޑުން، އެކިކަންކަމުގެ މިނިވަންކަން ދެއްވަމުންނޭ ތިޔަވަޑައިގަންނަވަނީ އިނގޭތޯ، އެހެން ކަމަށްވާނަމަ މިހާރު ރާއްޖެއަށް މިލިބިފައި މިއޮތް، ރައްޔިތުންނަށް މަނިކުފާނު ނުވަތަ، ދެއްވާފައި ތިއޮތް މިނިވަންކަމުގެ ސަބަބުން، އެމިނިވަންކަން ހެޔޮގޮތުގައި ބޭނުންކުރެވެމުންދާކަން ގަބޫލުފުޅު ކުރައްވަންތޯ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
މިނިވަންކަމަކީ، އެއާއެކީގައި، މަސްއޫލިއްޔަތުވެސް އޮންނަކަމެއް. ކޮންމެ ކަމަކީވެސް އެހެން، ކޮންމެ ޙައްޤަކީ އޭގެ މުޤާބިލުގައި މަސްއޫލިއްޔަތެއް އޮންނަ އެއްޗެއް. މިނިވަންކަންވެސް ވާންޖެހޭނީ އެހެން. އަޅުގަނޑުގެ މިނިވަންކަން ގޮސް ނިމޭނެ، މަނިކުފާނުގެ މިނިވަންކަން ފެށޭހިސާބުން. އަދި މަނިކުފާނުގެ މިނިވަންކަން ނިމޭނެ އަޅުގަނޑުގެ މިނިވަންކަން ފެށޭ ހިސާބުން. މިސަރަހައްދީ ރޮނގު އެއްވެސް މީހަކު ހުރަސްކޮށްގެން ނުވާނެ. އެހެންވީމާ، އަބުރާ ބެހުމުގެ ކުށެއްވެސް މިއޮންނަނީ. އެހެންމީހުންގެ އަބުރުތަކަށް ރައްކާތެރިވާން ޖެހެނީ. އަދި ޚާއްސަކޮށް އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު، މުސްލިމުން އެބަޖެހޭ އެއްބަޔަކު އަނެއް ބަޔެއްގެ ޙައްޤުތަކަށް ރައްކާތެރިވާން. އޭގެތެރޭގައި އަބުރާއި ޝަރަފަކީ އިސްލާމްދީނުގައި، ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާ ކަމެއް. އެހެންވީމާ، އެ އަޅުގަނޑުމެން ބަލަހައްޓަން އެބަޖެހޭ. އެހެންވީމާ، އެސަރަހައްދީ ރޮނގު އަޅުގަނޑުމެން ގިރާކޮށްގެނެއްނުވާނެ އެއްވެސް މީހަކު. އަޅުގަނޑުގެ މިނިވަންކަން ބޭނުންކުރަންވާނީ، އަޅުގަނޑަށް އެމިނިވަންކަން ބޭނުންކުރުމުގެ ދާއިރާ ހަމަޖެހިފައިވާ ހިސާބަށް އެކަނި. އޭގެ ބޭރަށް ގޮސްގެނެއް ނުވާނެ.
 
ސުވާލު 15:
 
އާދެ، އަޅުގަނޑުމެން ދެން މައުޟޫޢު ކޮންމެވެސްވަރަކަށް ބަދަލުކޮށްލާނަން، މިހާރުގެ އަނެއްކާވެސް އިންތިޚާބީ ކަންތައްތަކާ ގުޅޭގޮތުން އަޅުގަނޑު ސުވާލެއް ދަންނަވާލާނަން. ވަރަށް ޚަރަދުބޮޑު ކެންޕެއިނެއްގެ ގޮތުގައި މުޅި ކެންޕެއިންވެސް ފެނިގެން މިދަނީ. ވަކިފަރާތަކުން ވަކިބޭފުޅަކަށް އަޅުގަނޑު ނުދަންނަވާނަން. ހަމަ މުޅި ކެމްޕެއިންވެސް ވަރަށް ޚަރަދުބޮޑުކޮށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. މިހާރުގެ ކެމްޕެއިންގެ ކަންތައްތައް ދިޔަގޮތަށް ބަލާއިރުގައި ކޮންގޮތަކުންތޯ މަނިކުފާނު ފައިސާ ތި ޚަރަދު ކުރައްވަނީ، ކެމްޕެއިނަށް. އެއީ ޕާޓީގެ ފައިސާއިން އެކަނިތޯ؟ ކޮންގޮތަކަށްތޯ އެކަމަށް ޚަރަދުކުރައްވަނީ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
މިކެމްޕެއިނަށް އަޅުގަނޑު އޮންނާނީ ފަންޑެއް ހުށަހަޅާފައި. އަދި މިހާރު އިލެކްޝަންސް ޤާނޫނުގައިވާ ގޮތުގެމަތިން އެކައުންޓްވެސް އޮންނާނީ މިހާރު ހުޅުވާފައި. ބޭންކް އެކައުންޓެއް އޮންނާނެ. އެ އެކައުންޓަށް މިފައިސާ ޖަމާކުރަނީ، އެކިއެކި އެހީދޭ ދިވެހިންދޭ އެހީގެ ފައިސާ. އަދި މިއެކައުންޓް ހުޅުވުމުގެ ކުރިންވެސް އެބަހުރި ފައިސާ ލިބިފައި. ހުރިހާ އެއްޗެއްވެސް އޮންނާނީ ރަނގަޅަށް އެކައުންޓް ކުރެވިފައި. ފޮތްތަކުގައި ލިޔެވިފައި، އަޅުގަނޑަށް ލިބޭ ހުރިހާ ފައިސާއެއް. މިލިބޭ ފައިސާއަކީ، ހަމަ ކެންޕެއިނަށްޓަކައި ލިބޭފައިސާ. ހަމަ ދިވެހި ރައްޔިތުން ހިތުން ރުހުމުން ދެއްވާ ފައިސާ. ހަދިޔާއެއްގެ ގޮތުގައި ދެއްވާ ފައިސާ. އެހެންވީމާ، އެފައިސާ އެގޮތަށް މިލިބެނީ. އެކަމަކު އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ނުލިބޭ، އެވެސް އަޅުގަނޑު ދަންނަވާލަންޖެހޭ. ވަރަށް ދަތީގައި އުޅެންމިޖެހެނީ. ބައެއް އެހެން ޕާޓީތަކުން ވަރަށް ދީލަތިކޮށް ޚަރަދު ކުރައްވާތަން ފެނޭ. އަޅުގަނޑުމެންނަކަށް އެވަރަކަށް ނުކުރެވޭ. އެއީ ހަމަ ލިބޭފައިސާ އެހާގިނައިން ނުލިބޭތީ. އެހެންނަމަވެސް، ވަރަށްދީލަތި އެހީތަކެއް، ވަރަށް ހެޔޮއެދިވަޑައިގަންނަވާ ވަރަށްގިނަ ފަރާތްތަކުން ވެދެއްވާ. އެއީ އަޅުގަނޑުމެންނަށް ފައިސާ ލިބޭ ގޮތަކީ.
 
ސުވާލު 16:
 
ކިހާވަރަކަށް މިހާތަނަށް ކެންޕެއިނަށް ފައިސާ ޚަރަދުވެއްޖެތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އެއްގޮތަކަށްވެސް ކުއްލިއަކަށް ދަންނަވާކަށް ނޭނގެ. އެހެންނަމަވެސް އެހުރިހާ އެއްޗެއް ލިޔެވެމުންދަނީ، އަދި ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބު ނިމޭތާ މިތައް ދުވަހުގެ ތެރޭގައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ އަޅުގަނޑުމެން ކުރި ހުރިހާ ޚަރަދަކާ، ފައިސާ ލިބުނުގޮތަކާ ހުރިހާ އެއްޗެއް. އެހުރިހާ ކަމެއް ވަރަށް ރަނގަޅަށް އަޅުގަނޑުމެން ކުރަމުން އެބަގެންދަން. އޭރުން އެނގޭނީ ކިހާވަރެއްކަން ޚަރަދުވީ.
 
ސުވާލު 17:
 
ޤާނޫނުއަސާސީއަށް ބަލައިލާއިރު އޭގައި އެބަ ބުނެފައި އޮވޭ، ރައީސް ކަމުގައި ހުންނަވާ ބޭފުޅަކީ ވިޔަފާރިއެއްގައި ސީދާ ބައިވެރިވާ މީހަކަށް ވެގެންނުވާނެ ކަމަށް. އެދޭހައިގައި އެބައޮވޭ ވާހަކަތަކެއް. އެކަމަކު އަޅުގަނޑުމެންނަށް މިފެންނަނީ، މަނިކުފާނުގެ އަމިއްލަފުޅު ގެ ކަމަށްވާ މއ.ކިނބިގަސްދޮށުގެ އެހުންނަވަނީ ވިޔަފާރި އުސޫލުން ކުއްޔަށްދީފައި ކަމަށް، އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައިވަނީ. މިކަމާ ކީކޭތޯ ވިދާޅުވަނީ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އެއީ ވިޔަފާރިއެއް ނޫން. އަޅުގަނޑު ތިމާއްދާ ތިގޮތަށް އޮތީމާ، އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފަޔަށް އެދުނިން. އޭރު ހުންނެވި އެޓަރނީ ޖެނެރަލްވެސް، އަދި ފަހުން ވަޑައިގެންނެވި ބޭފުޅަކުވެސް ލަފާދެއްވީ، މީހެއްގެ މިލްކުގައި ހުންނަ ގެޔެއް ކުއްޔަށް ދިނުމަކީ ވިޔަފާރިއެއްނޫނޭ. ވިޔަފާރި ހިންގުމަކީ ގަނެވިއްކުން. މިސާލަކަށް، އެކިފަހަރުމަތިން އެކިގޮތަށް ގެ ކުއްޔަށްދީ، އެއިން އަބަދު އާމްދަނީ އެކިގޮތްގޮތަށް ލިބޭގޮތަށް ހެދުން. އެއީ ތަފާތު މުޢާމަލާތުތަކެއް އެކުލެވޭ ކަމަކަށްވާންޖެހޭ. އެއެއްނު، އެންމެފަހަރަކު ކުއްޔަށްދީފައި އަދި ހުރެދާނެ 5 އަހަރު، 6 އަހަރުވެސް އެގޮތަށް. އެހެންވީމާ، އެއީކީ ވިޔަފާރިއެއް ކަމަކަށް އެބޭފުޅުން ދެކެވަޑައެއްނުގަންނަވާ. އަދި އަޅުގަނޑަށް ޤާނޫނީ ލަފާދެއްވާފައި އެބައޮތް އެއީ ވިޔަފާރިއެއް ނޫނޭ. ތިމާއްދާގައި އެބުނާ ވިޔަފާރިއެއް ކަމުގައި އެއެއް ނުހިމެނޭނެ. އެހެންވީމާ، އެގޮތުން އެކަން އެއޮތީ.
 
ސުވާލު 18:
 
ދެން އަޅުގަނޑުމެން މިހާރުގެ އަނެއްކާވެސް ވާހަކަތަކަށް ޖެހިލާއިރު، އިދިކޮޅު އެމް.ޑީ.ޕީން ވަރަށް ފާޅުގައި ތަކުރާރުކޮށް ބުނަމުން އެބަދޭ، ޔޫރަޕްގެ ބައެއް ބޭންކްތަކުގައި މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓްތަކުގައި ފައިސާ އެބަހުރިކަމަށް. ރާއްޖެއިން ބޭރުގެ އެއްވެސް އެކައުންޓެއްގައި މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓެއް ގެންގުޅުއްވަންތޯ؟ ނުވަތަ އަދި މަނިކުފާނުގެ މިލްކިއްޔާތުގައި މިހާރު ކިހާފައިސާއެއް ހުންނާނެތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އަޅުގަނޑުގެ އަތުގައި ހުންނާނީ ވަރަށްމަދު ފައިސާކޮޅެއް. ކުއްލިއަކަށް ދަންނަވާކަށް ނޭނގެ. އެހެންނަމަވެސް، ބޭރުގެ ބައެއް ބޭންކުގައި ހުންނާނެ އަޅުގަނޑުގެ އެކައުންޓް. އެއީ އަމިއްލައަށް ހުޅުވާފައި ހުރި އަމިއްލަ އެކައުންޓް. އެދެން ވަރަށް ކުޑަކުޑަ ފައިސާކޮޅެއް ހުންނާނީ. އެހެންނަމަވެސް، އެމް.ޑީ.ޕީން ތިޔަވިދާޅުވާ، އެއްކަލަ ފައިސާ، އެއީ ހަމަކަނޑައެޅިގެން، ވަރަށްބޮޑު ދޮގެއް.
 
ސުވާލު 19:
 
ކޮބައިތޯ ތިޔަ ވިދާޅުވާ އެއްކަލަ ފައިސާއަކީ؟   
 
ރައީސުލްޖުމްހޫރިއްޔާ:
 
އެއްކަލަ ފައިސާއަކީ، މި އިޝާރާތް ކުރައްވަނީ ތިޔަ ވިދާޅުވަނީ ސުނާމީ ކާރިސާގައި ލިބުނު ފައިސާތަކެއް އަޅުގަނޑުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްފައި އެބަހުއްޓޭ ބޭރުގައި. އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް. އެކަމުގެ ދަޢުވާ އަޅުގަނޑު ކޮށްފިން މިއަދު. ދަޢުވާ ކުރާނަން، އެހެންބުނާ ކޮންމެ މީހެއްގެ މައްޗަށް. އެއީ ހަމަ ކަނޑައެޅިގެން ދޮގު. އެއީ ބޭރު ކޮންމެވެސް ފަރާތަކުން ބުންޏޭ ކިޔާފައި. އެއީ ކޮންފަރާތެއްތޯ. އެއީ ބަޔަކު މީހުން، އެމީހުން އެމް.ޑީ.ޕީއަށް ގެނައި ބަޔަކު، ރާއްޖޭގައި ހަމުނުޖެހުން އުފައްދައި، އެދުވަސްވަރު ފުލުހުން އެކަން މަނާކޮށް، އެމީހުން ފޮނުވާލީ. ކޮންމެވެސް ގްލޯބަލް ޕްރޮޓެކްޝަން ގްރޫޕް ކިޔާބައެއް. އެއްވެސް ތާކުންތާކުޖެހޭ ބަޔެއް ނޫން. އެމީހުން ދައްކާ ވާހަކައަކީ، ކޮންކަހަލަ ވާހަކައަކަށްތޯވާނީ. އެހެންވީމާ، ތީގަ ހަމަ ދަންނަވާނީ އެއްކަލަކަހަލަ ވިޔާނުދާ، ތަންތާނގައި ހަމަނުޖެހުން އުފައްދަން އުޅޭބަޔެއް އެބަޔަކީ އިނގޭތޯ. އޭގެ ބަޔަކު އެވާހަކަ އެދައްކަނީ. އެކަމަކު އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ އެއީ ދޮގެއްކަން. އެހެންވީމާ، އެބޭފުޅުން އެވާހަކަ ދެއްކެވީތީ، އަޅުގަނޑު އެބޭފުޅުންގެ މައްޗަށް އަބުރުގެ ދަޢުވާ އެބަކުރަން. އަދި ކުރާނަންމެ. އެއީ ހަމަކަނޑައެޅިގެން ދޮގުވީމަ.
 
ސުވާލު 20:
 
ތިވިދާޅުވަނީ އެމީހުން ކުރާ ދަޢުވާއަށް އެއްވެސްކަހަލަ ހެއްކެތް ދެއްކޭނެ ޖާގައެއް ނޯންނާނެއޭ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
ނޯންނާނެ. އަޅުގަނޑު އަތުގައި ނުހުންނާނެ ބޭރުގެ އެއްވެސް ފަރާތަކުން އަޅުގަނޑު އަތަށް ފައިސާއެއް ދިއްކޮށްލާފައެއް. އެއީ ކިހިނެއް ހިނގާ ކަމެއްތޯ. ޤައުމުގެ ރައީސް އަތަށް އެހެން ޤައުމުގެ ރައީސަކު ސިއްރު ސިއްރުން ފައިސާ ދެއްވާނެތޯ، އޭނަ ޖީބަށް ލައިގެން ގެންދަން. ނުވަތަ ޗެކެއް ދެއްވާނެތޯ. މިހުންނަނީ، ބައިނަލްއަޤްވާމީ އުސޫލުތަކުން ފައިސާދޭ އުސޫލުތަކެއްއޮވޭ. ބޭންކް މެދުވެރިކޮށް، ކޮންމެސް ފަރާތަކުން، އެހެންފަރާތަކަށް އަންނާނީ. މިއީކީ ދޭދޭ ރަޙްމަތްތެރިން ބައްދަލުކޮށްލާފައި އެކަކު އަނެކަކަށް -/10ރުފިޔާ، -/100ރުފިޔާ ދިއްކޮށްލާގޮތަށް އޮންނަ ކަމެއްނޫން. އެއީ ހަމަ ވަރަށް ހެއްވާ ވާހަކައެއް. އެއްވެސް ފަރާތަކުން ފައިސާއެއް ނުދޭނެ، ސީދާ ރައީސް އަތަކަށް. އެއްވެސް ޤައުމަކުން ނުދޭނެ. ދޭނީ އެއޮންނަ ޗެނަލްގެ ތެރެއިން. އެއޮންނަ ޤާނޫނީ ހަމަތަކުގެ ތެރެއިން. އެއީ އެމީހުންވެސް އެކައުންޓަބަލްވާންޖެހޭ އެމީހުންގެ ސަރުކާރަށް، އެމީހުންގެ ބަޖެޓަށް، އެމީހުންގެ ޕާރލަމެންޓަށް. އެހެންވީމާ، އެމީހުންވެސް އެކަމެއް ނުކުރާނެ އެގޮތަކަށް. އެހެންވީމާ، ހެއްވާ ވާހަކައޭ، ފީކަޅާ ވާހަކައޭ ދަންނަވަން ޖެހެނީ. ހަމަ ބަޔަކު ހަދާލައިގެން ދައްކާލަނީ ބުހުތާނު ދޮގު.
 
ސުވާލު 21:

 

އާދެ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއްމައްސަލައަކަށް ފާހަގަކުރެވެނީ، މަސްތުވާތަކެތީގެ މައްސަލަ. މިހާބޮޑަށް މިމައްސަލަ ފެތުރިގެން ދިޔައީ، މަނިކުފާނުގެ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނޭޅުއްވިގެން ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
ގަބޫލެއްނުކުރަން. އެއީ ވަރަށް ރަނގަޅަށް ވަރަށްގިނަ ފިޔަވަޅުތައް އަޅަމުން މިގެންދަނީ. އެހެންނަމަވެސް މައްސަލައިގެ ބޮޑުކަމުންނާއި، އެކަމުގެ އަޑީގައި ތިބި މީހުންގެ ބާރުގަދަކަމުން އެކަން ނުވެގެން މިދަނީ. އެހެން މިދެންނެވީ ރާއްޖޭގެ މީހުންގެ ވާހަކައެއް ނޫން. މިއީ މުޅި ދުނިޔޭގައި ފެތުރިގެން އުޅޭ ވިޔަފާރިއެއް. އެތައް ބިލިޔަން، ބިލިޔަން ޑޮލަރެއްގެ ވިޔަފާރި. ވަރަށްބޮޑެތި ވިޔަފާރީގެ މަހުޖަނުން އަޑީގައި ތިބެގެން މުޅިދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރި މި ހިންގަނީ. އޭގެ ބައެއް ރާއްޖެއަށްވެސް މިއަންނަނީ. އެހެންވީމާ، އެއީކީ ސަރުކާރުން ފިޔަވަޅު ނާޅައިގެން ހައްލުނުވެ އޮތީކީނޫން. ވަރަށްގިނައިން ފިޔަވަޅުތައް އަޅާ، އެހެންނަމަވެސް، މިކަމުގައި އުޅޭ ފަރާތްތަކުގެ ބާރުގަދަކަމުންނާ، އެމީހުން ކުރާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އަދި އެކަން ނުހުއްޓުވިގެން އުޅެނީ. ދުނިޔޭގެ އެއްވެސް ޤައުމަކަށް ހުއްޓުވިފައެއް ނެތޭ. އެމެރިކާގައިވެސް އިނިގިރޭސިވިލާތުގައިވެސް، ޔޫރަޕްގެ ހުރިހާ ޤައުމެއްގައިވެސް، އަދި އަވަށްޓެރި ސްރީލަންކާ، އިންޑިޔާ، މިހުރިހާ ތަނެއްގައިވެސް މިކަންކަން އެބަދޭ އަދި ރާއްޖެއަށްވުރެ މާބޮޑަށް. އެހެންވީމާ، އެހުރިހާ ޤައުމަކީ އަޅުގަނޑުމެންނަށްވުރެ މާވަސީލަތްތައް ގިނަ، މާބާރުގަދަ ޤައުމުތައް. އެމީހުންނަށްވެސް އެކަން އެއުޅެނީ ނުހުއްޓުވިގެން. އެހެންވީމާ، ރާއްޖެއިން ނުހުއްޓުވުނީކީ ވަކި ސަރުކާރު ފެއިލްވެގެނެއް ނޫން. އެކަމުގެ މުހިންމުކަން ބޮޑުކަމުން، އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން، އެއާއެއްވަރަށް އަޅުގަނޑުމެންގެ ވަސީލަތްތައް ނެތީ. އެހެންނަމަވެސް، ކުރިއަށް އޮތްތާނގައި އިތުރު ކަންތައްތައް ކޮށްގެން، ހަމަ އިރާދުކުރެއްވިއްޔާ، މިމައްސަލަ ހައްލަކަށް ގެނެވޭތޯ ވަރަށްބޮޑަށް މަސައްކަތްކުރާނަން.
 
ސުވާލު 22:

 

ތިޔަ ވިދާޅުވީ ޙަޤީޤަތުގައި ތެދަކަށް ވެދާނެކަންނޭނގެ.
 
ރައީސުލްޖުމްހޫރިއްޔާ:
 
އެއީ ތެދެއް. ތެދަކަށް ވެދާނެއެއްނޫން. އެއީ ތެދެއް.
 
ސުވާލު 23:

 

އާދެ، އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަނީ. އެހެންނަމަވެސް، އަޅުގަނޑު މިހިތަށްއަރަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް، އިނގޭތޯ، ބޭނުންކުރާ މީހުންނަށް އެކަށީގެންވާ ގޮތެއްގައި އެމީހުންނަށް އެ ދޭންޖެހޭ އަދަބު، ނުވަތަ އެކަމުގެ ޙުކުމް ތަންފީޒު ކުރެވެމުންދޭބާވައޭ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އާދެ، ތަންފީޒު ކުރެވެމުންދޭ. އެއީ އަޅުގަނޑުމެންގެ ޤާނޫނުތަކެއް އެބައޮތް. ކޮންމެ ކަމެއްވެސް މިދަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން. ޤާނޫނުގައި އޮންނަ އަދަބެއް އޮންނަ ގޮތަކަށް ދެވޭނީ. އެއިން ބޭރަކުން އަދަބެއް ނުދެވޭނެ. އެހެންވީމާ، ޤާޟީ ޙުކުމް ކުރައްވަނީ ޤާނޫނުގައި އޮންނަ ގޮތެއްގެ މަތިން. ދެން އެމީހަކު މަސްތުވާތަކެތި ބޭނުންކުރާ މީހަކުވިއްޔާ އެމުއްދަތުގެ ތެރެއިން ވަކިބަޔެއް ދިޔައިމަ، އެހެން ކުށްވެރިންނެކޭ އެއްގޮތަށް މާފުކުރުމުގެ ފުރުޞަތު ލިބިއްޖެއްޔާ މާފުވެސްދެން. އެވެސް ގަވާއިދަކުން ހިނގާ ކަމެއް. ވަކިމީހަކަށް ވަކިގޮތެއް ނޫން. އެއީ އެއްވެސް މީހަކު ނުހުންނާނެ، އެމީހެއްގެ ފުރިހަމަ މުއްދަތަކު ޙުކުމުގައި. ވަރަށްމަދު ޙާލަތެއްގައި ނޫނީ. އެހެންވީމާ، އެގޮތުން މާފުދޭ މީހުންނަށް މާފުދެނީ. އެވެސް ހަމަޖެހިފައި އޮންނަ އުސޫލަކުން ކުރާކަމެއް. މިހާރު އެކަން ފަހަކަށްއައިސް ކުރަމުން މިގެންދަނީ، ޕެރޯލް ބޯޑްގެ ލަފާގެމަތިން. އޮންނާނެ ޕެރޯލް ބޯޑެއް ހަމަޖެހިފައި، ބަންދުގައި ތިބޭ މީހުން ބަލަހައްޓަވާ ފަރާތުގައި. އެބޯޑުގައި ތިއްބަވާ، ހަމަ ކަމާބެހޭ މާހިރުން، އެބޭފުޅުން، ކޮމިޓީއެއް އެއީ، އެބޯޑުން ބައްލަވާފައި ލަފާދެއްވާ ގޮތެއްގެމަތިން، ރައީސުލްޖުމްހޫރިއްޔާ މާފު ދެމުން މިގެނައީ. މިހާރު އެކަންވެސް ބަދަލުވެއްޖެ. އާޤާނޫނުއަސާސީގައި އޮންނަނީ އެހެން ގޮތަކަށް. އެހެންވީމާ، ދެން އޭރުން ފެށިގެން ހިނގަމުންދާނީ މުޅިން އެހެން ގޮތަކަށް. މިހާރު ހިނގަމުންދަނީ އެހެން ގޮތަކަށް.  
 
ސުވާލު 24:

 

އާދެ، އަނެއްކާވެސް، ޖަދަލު ޕްރޮގްރާމްގެ ހުރިހާ ބައިވެރިންނަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުމެން ދެންމެގައި، މިރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މިގެންދިޔައީ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާ އެކުގައި. އެމަނިކުފާނުގެ ވޭތުވެދިޔަ ތާރީޚުގެ މުހިންމު ކަންތައްތަކަކާ ބެހޭގޮތުން ވަރަށް މުހިންމު މަޢްލޫމާތުތަކެއް ދެންމެގައި ދެއްވައިފި. އަދި ހަމައެހެންމެ، މިހާރުގެ މަސްރަޙާ ބެހޭގޮތުންވެސް، އެމަނިކުފާނު ވަރަށް މުހިންމު، ވާހަކަފުޅުތަކެއް ދައްކަވައިފި.
 
މަނިކުފާނު އަޅުގަނޑުމެންނަށް ދެންމެ ތިޔަ ވިދާޅުވި ވާހަކައިގައި ވިދާޅުވެއްޖެ، މިހާރު ކުށްވެރިންނަށް މާފުދީ، މިކަންތައްތައް ކުރައްވަމުން ތިޔަގެންދަވަނީ، މިހާރު އެކަމަށް ކަނޑައެޅިފައި އޮންނަ ޕެރޯލް ބޯޑެއްގެ ލަފާގެ މަތިން ކަމަށް. ދެން އަޅުގަނޑު ހިތަށްއަރާ، މިހާރު އަޅުގަނޑުމެން ޢަމަލު ކުރަމުންމިދާ އާ ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުމުން، ނުވަތަ ތަޞްދީޤުކުރަން ދާދި ކުޑަދުވަސްކޮޅަކަށްވެފައި ވަނިކޮށް، މަނިކުފާނުވަނީ ވަރަށްގިނަ ކުށްވެރިންތަކަކަށް މާފު ދެއްވާފައި. އޭގެތެރޭގައި ވަރަށްބޮޑެތި ކުށްތައްކޮށް، ވަރަށްދިގު މުއްދަތަކަށް ޖަލަށްލާފައި ތިބި މީހުންވެސް ހިމެނޭ. ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވިދާނެ، ސެޕްޓެމްބަރ 20ގެ ހާދިސާގައި މާލެތެރޭގައި އަލިފާނުގެ ހާދިސާތައް ހިންގައި، ސަރުކާރާއި އަދި އަމިއްލަ ރައްޔިތުންގެ ބައެއް މުދަލާއި ގެދޮރަށް، ގެއްލުންދީ އުޅުނު ބައެއް ފަރާތްތައްވެސް އޭގެތެރޭގައި ހިމެނޭ. އަޅުގަނޑު ހިތަށްއަރަނީ، އެމީހުންވެސް ހަމަ މިނިވަންކޮށް ދޫކޮށްލާފައި އެވަނީ، އެ ޕެރޯލް ބޯޑުގެ ލަފާގެ މަތިންތޯއޭ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
ހަމަޖެހިފައި އޮންނަ އުޞޫލުން ހުރިހާ ކަމެއްވެސް ހިނގަމުން މިދަނީ. ޙަޤީގަތުގައި އަޅުގަނޑު ކޮންމެ ލިސްޓެއް ގެނެއްސައި އެކިމީހުންގެ ކުށާއި، މުއްދަތާ އެއްޗެހި ބަލާ މިހެން ހަދާކަށްނުޖެހޭ. އެއްވެސް އިރެއްގައި ކުރިކަމެއްނޫން. އަޅުގަނޑާ ހަމައަށް އަންނާނީ އެކަންތައް ދިރާސާ ކުރެވިގެން، މިއޭ މިހާރު ކުށްވެރިންގެ ގޮތުގައި ތިބި ބަޔަކީ، އެމީހުންގެ މިވެނި ޝަރުޠެއްވަނީ ފުރިހަމަވެފައޭ ކިޔާފައި އަންނަ ލިސްޓެއް އައިމަ އަޅުގަނޑު ބުނާނީ، އާނ، ތިގޮތަށް ގަވައިދުގައި އޮންނަ ގޮތުގެމަތިން ކަންތައް ކުރާށޭ. އެއްވެސް ވަކިމީހެއްގެ ކުށެއް ބަލާފައި، އޭނަކުރީ ކޮންކުށެއްތޯ، އޭނަހުރީ ކިހާ މުއްދަތެއްގައިތޯ، އޭނަގެ އުޅުންހުރީ ކިހިނެއްތޯ، މިހުރިހާ ކަމެއް އަޅުގަނޑު ބަލާކަށް ވަގުތެއްވެސް ނޯންނާނެ، ބަލާކަށް ނުވެސްޖެހޭނެ. އެކަމަކު އަޅުގަނޑުގެ ނަމުގައި މިކަން ހިނގާނީ. އެގޮތަށް ކަންތައް ހިނގާފައި ހުންނާނީ އެހެންޏާވެސް ހިނގާ އުސޫލުން. ތިޔަވިދާޅުވި ކަހަލަ މީހުންވެސް ތިބެދާނެ، އޭގެކުރިންވެސް އޭގެމީހުން ވެއްޖެއޭ، ދޫކޮށްލާފައި. އޭގެކުރިންވެސް ހަމަ ތިޔަވިދާޅުވި، ސެޕްޓެމްބަރު 20ގެ އަލިފާނުގެ ހާދިސާތަކުގައި ބައިވެރިވި މީހުން ވެއްޖެ، މީގެ މާކުރިން ދޫކޮށްލާފައި. އެހެންވީމާ، މިފަހަރު ކީއްވެގެންތޯއޭ މިކަން މައްސަލައަކަށްމިވީ، އޭރު މައްސަލައަކަށްނުވެ. މިވެސްހަމަ ބައެއް މީހުން ހަދައިގެން އުޅޭ މައްސަލައެއް ނޫންތޯ؟
 
 
ސުވާލު 25:

 

އޭރުގައި އެމައްސަލަ އެގޮތަށް ކުރިމަތިވިއިރުގައި އެއީ ސިޔާސީ ނިންމުމެއްގެ ގޮތުން. ތިޔަ އިޝާރަތް ކުރައްވަނީ، ޖެނިފާ ލަޠީފްގެ މައްސަލައަށްހެން އަޅުގަނޑަށް ހީވަނީ. އޭރުގައި އެކަންތައް ވެގެންދިޔައީ އެއީ ސިޔާސީ ކަމެއްގެ ގޮތުގައެއް ނޫންތޯ؟
 
  
ރައީސުލްޖުމްހޫރިއްޔާ:
 
ސިޔާސީކަމެއް ނޫން، ދޮގެއްތޯ، އެއްވެސް ކަމަކީ ސިޔާސީކަމެއް ނޫން. އެމީހަކު ކުރި ކުށަކާއި، ދެން ޖަލުގައިވީ މުއްދަތާއި، މިހުރިހާ ކަމެއް ބަލާފައި، މާފުދޭން އޮންނަ އުސޫލުން ދެވެންޏާ ދެނީ. އެގޮތަށް ދެނީ. މިހާރުވެސް މިދެނީ. މީގެތެރޭގައިވެސް އެކަހަލަ މީހުން ތިބޭނެ. ތަފާތު ކުށްތަކުގެ މީހުން ތިބޭނެ. ވަކި އެންމެ ކުށެއް ނޫން، ދޮގެއްތޯ. އަނެއްކާ، އެހެންޏާވިއްޔާ، ކޮންމެ އަހަރަކު، ނޮވެމްބަރު 11 ކައިރިވެގެން އަންނައިރު، ނުވަތަ އަހަރަކު އެއްފަހަރު ރައީސް މާފުދޭގޮތަށް މިއޮންނަނީ. ފަހަކަށްއައިސް އެހެނެއްވެސް ނެހެދޭ. އެއީ ކުށްކުރާ މީހުން ގިނަވެ، އެމީހުން އަނބުރާ މުޖްތަމައަށް އައިމަ، އަނެއްކާ އިތުރު ކުށްތައް އުފެދޭތީ، މީހުންގެ ޝަކުވާތައް ގިނަވެގެން. އެހެންނަމަވެސް މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުރާ ކަމެއް އިނގޭތޯ. އެކި މަރްޙަލާތަކުގައި. އަމުދުން ޤައުމަށް ބޮޑު ބަދަލެއް އަންނަ ވަގުތުގައި، މިސާލަކަށް އާ ސަރުކާރެއް ހިންގަން ފަށާ ވަގުތުގައި، އެންމެންނަށް މާފު ދީފާނެ. އާ ޤާނޫނުއަސާސީއެއް ހިންގަން ފަށާއިރު، އެންމެންނަށް މާފުދޭނެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުރާކަމެއް މިއީ. އަޅުގަނޑުވެސް މިކުރީ ހަމައެގޮތަށް އިނގޭތޯ.
 
 
 ސުވާލު 26:

 

އާދެ، ދެން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ، މަނިކުފާނު ތިޔަ ވިދާޅުވިހެން، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން މާފު ދެއްވަމުން ގެންދަވާ ކަމަށް. ކުރީގައި އަޅުގަނޑު ހަނދާންވޭ މަނިކުފާނު ކޮންމެވެސް ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅެއްގައި މަނިކުފާނުގެ އަރިހަށް ވަރަށްގިނަ ބަޔަކު އެގޮތަށް ޖަލުގައި ހައްޔަރުކުރެވިފައި، ނުވަތަ އަރުވާލަން ޙުކުމް ކުރެވިގެން ޙުކުމް ތަންފީޒު ކުރަމުންދާ މީހުންނާ ބެހޭގޮތުން، އެމީހުންގެ ޢާއިލާތަކުން ވަރަށްބޮޑަށް އިލްތިމާސް ކޮށްފައި، މަނިކުފާނަށް ސިޓީ ފޮނުއްވާ ކަމަށް. ރަނގަޅު ވާހަކަފުޅެއްތޯ އެއީ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އެއީ ރަނގަޅު ވާހަކައެއް. އެއީ ކޮންމެ ގޮތެއްގައިވެސް، ކޮންމެ ކަމެއް ދިމާވެގެން ނަމަވެސް، ތިމާގެ މީހަކު، ތިމާގެ ދަރިއަކު، ނުވަތަ ބޭބެއަކު، ކޮއްކޮއަކު، ޖަލުގައި ހުރިއްޔާ، އެވާނެ އެމީހަކަށް ލިބޭ ވަރަށްބޮޑު ހިތާމައަކަށް. ޢާއިލާއަށް ލިބޭ ހިތާމައަކަށްވެސް ވާނެ. އެވާހަކަ އެމީހުން ދައްކާނެ. އެމީހުން ބޭނުންވާނެ އެމީހުންގެ މިދެންނެވި، ދަރިފުޅު، ނުވަތަ ބޭބެ، ނުވަތަ ބައްޕަ މިނިވަންވާން. އެއީ ދެން އާންމުން ހަމަ ވަރަށްގިނައިން ކުރާކަމެއް. ހަމަ މިހާރުވެސް އަޅުގަނޑުދާ ތަންތާނގައި ބައްދަލުކޮށްފައި އެވާހަކަ ދައްކާނެ. މިއޮފީހަށް ސިޓީވެސްލާނެ. އެއީ ދެން އަޅުގަނޑަށް ހީވަނީ، އެމީހުންގެ ޙައްޤެއް ދޮގެއްތޯ، އެއީ. އެމީހުންވެސް އެމީހުންގެ ތިމާގެ މިހާއަށް ލުޔެއް ހޯދަން ބޭނުންވާނެ. އެދެން އެގޮތުން ކުރާކަމެއް.
 
 
ސުވާލު 27:
 
 
އާދެ، މަނިކުފާނު ވެރިކަމުގައި ރާއްޖޭގެ އިޤްތިޞާދު ވަރަށްބޮޑަށް ކުރިއަށްދިޔަ. އެއީ އަޅުގަނޑުމެންނަށް ފެންނަންއޮތް ޙަޤީޤަތެއް ހަމަގައިމުވެސް. ބޭރުގެ ބައެއް މީޑިއާއިން އެކަން ސިފަކޮށްފައި އެބައޮވޭ، މަސްވެރި އަވަށަކުން ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް މަންޒިލަކަށް ރާއްޖެ ބަދަލުވީ މަނިކުފާނުގެ ވެރިކަމުގެ ދަށުގައި ކަމަށް. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކިހާވަރެއްގެ ޙާޞިލު ކުރެއްވުމެއް ކަމަށްތޯ ދެކެވަޑައިގަންނަވަނީ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އަޅުގަނޑު ދެކޭގޮތުގައި، މި ޙާޞިލުކުރެވުނީ ވަރަށްބޮޑު ކަމެއް. ވަރަށްބޮޑު ތަރައްޤީއެއް. އެހެން މިދެންނެވީ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިއިރު، ތިޔަ ވިދާޅުވިހެން ޓޫރިޒަމް އޮތީ އޭގެ އެންމެ ކުރީކޮޅުގައި. ވަރަށްމަދު ރިޒޯޓުތަކެއް ހުރީ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އަޅުގަނޑު ހަނދާންވާ ގޮތުގައި، 1978ގައި އައިއްސަ އޮންނާނީ، ގާތްގަނޑަކަށް އޮނަތިރީސް ހާސްމީހުން އިނގޭތޯ. އެކަމަކު މިހާރު މިދިޔަ އަހަރުވެސް، ހަލައްކަ ހަތްދިހަ ފަސްހާސް މީހުން އަތުވެއްޖެ. އަނެއްކާ، ރާއްޖޭގައި ހުރި ރިޒޯޓްތަކުގެ އަދަދުވެސް 94 އަށް، ނުވަތަ  90 އެތަކެއް ރިޒޯޓަކަށް ބަދަލުވެގެން ހިނގައްޖެ. ވަރަށްބޮޑު ކުރިއެރުންތަކެއް މިއައީ. ވަރަށްބޮޑަށް ސަރުކާރުން ވިސްނާފައި، އެކަމަށް ސިޔާސަތު ރާވައިގެން. ޓުއަރިޒަމް މާސްޓަރ ޕްލޭންތަކެއް ހަދައި، އެމާސްޓަރ ޕްލޭންތަކުގައިވާ ގޮތުގެމަތިން، ޢަމަލުކޮށްގެން. އެހެންވީމާ، މިއީ ރާއްޖޭގެ ރައްޔިތުން އަޅުގަނޑު ދަންނަވާނީ، ސަރުކާރަކުން ނޫނޭ، އަދި އަޅުގަނޑެއް ނޫނޭ، ރާއްޖޭގެ ރައްޔިތުން ހޯއްދެވި ވަރަށްބޮޑު ކާމިޔާބީއެއް. ސަރުކާރުން މަގުހުޅުވާލަދިނީ، ސަރުކާރުން ކަމާބެހޭ، އެކަން ކުރިއަށް ގެންދެވޭނެ ވެށްޓެއް ޤާއިމުކޮށްދިނީ، އެކަމާބެހޭ ޤާނޫނުތައް ހަދައި، އޭގެ އޮނިގަނޑެއް ތައްޔާރުކޮށްދިނީ. އެ އޮނިގަނޑާ، އެޤާނޫނުތަކާއި، އެ ހުޅުވާލި މަގުގައިވާ ގޮތުގެމަތިން ދަތުރު ކުރައްވާފައި މިވަޑައިގަތީ ރާއްޖޭގެ މިޞިނާޢަތުގެ ބޭފުޅުން. ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި ތިއްބެވި. އެބޭފުޅުން މަސައްކަތް ކުރައްވައިގެން، މިހުރިހާ ކުރިއެރުންތަކެއް މިލިބުނީ. އެކަމަކު އެ ލިބުނީ ސަރުކާރުން މިކަންތައްތައް މިގޮތަށް ފަހިކޮށްދީގެން. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އެއީހަމަ، އަޅުގަނޑުގެ ރައީސް ކަމުގައި ޤައުމަށް ގެނެވުނު ވަރަށްބޮޑު ތަރައްޤީއެއް. 
 
ސުވާލު 28:

 

އާދެ، މިހާރު ރައީސް މައުމޫންގެ ކެންޕެއިންގެ ތެރޭގައިވެސް، އެބަ ވާހަކަ ދެކެވޭ، ރާއްޖޭގެ މުއްސަނދިކަން މަދުބަޔެއްގެ މުށުތެރޭގައި ހިފެހެއްޓިފައި ހުންނަ ވާހަކަ. އަދި އެކަން ހުއްޓުވުމުގެ ގޮތުން ޓެކްސް ނިޒާމެއް ތަޢާރުފު ކުރައްވާނެ ވާހަކަވެސް އެބަ ދެކެވެމުންދޭ. ކީއްވެގެންތޯ، މިކަން މިހާދުވަސްވީއިރު ނުކުރެވި، ނުވަތަ ނުކުރައްވާ ލަސްކުރައްވާފައިވަނީ. އަޅުގަނޑުމެންނަށް މަޖިލީހުގެ ތެރޭގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް މިވާހަކަ ދެކެވޭ، އަދި ސިޔާސީ އެހެން ފޯރަމްތަކުގައިވެސް އެބަދެކެވޭ. ނޫސްތަކުގައިވެސް އެބަދެކެވޭ. ކޮބައިތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އަޅުގަނޑު ކުރިންވެސް ދެންނެވިހެން، ކޮންމެ ކަމަކަށްވެސް ޤައުމު ތައްޔާރުވީމާ، އެކަމެއްވާނީ. ކުރިއަކުން އެކަމެއް ނުވާނެ. އެވަގުތު ޙާލަތު ތަންދެންޏާ އެކަމެއް ކުރެވޭނީ. ކުރިން އަޅުގަނޑު ރައީސްކަމާ ޙަވާލުވިއިރު އިންޕޯޓް ޑިއުޓީވެސް މިހާރު އޮންނަ ގޮތަކަށް ނޯވެ. އެހެންނަމަވެސް ސަރުކާރަށް އާމްދަނީ ބޭނުންވާތީ، އިމްޕޯޓް ޑިއުޓީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރީ. އެކަމާބެހޭ ޤާނޫނުތަކެއްވެސް ހެދުނީ. އޭގެދަށުން ސަރުކާރަށް ކޮންމެވެސްކަހަލަ އާމްދަނީތަކެއް ލިބެމުން މިއައީ. އޭރަކު އަދި އަޅުގަނޑުމެން ތިޔަ ވިޔަފާރިން ޓެކްސް ނަގާކަށް ތައްޔާރެއްނުވޭ. އެއްވެސް މީހަކު ގަބޫލެއްވެސް ނުކުރާނެ އިނގޭތޯ. އޭރު އެހޭލުންތެރިކަމެއްވެސް ނެތް. އަދި ކިރިޔާ ފަތުރުވެރިކަމުގެވެސް ކުރީކޮޅުގައި މިއުޅެނީ. އޭރު އިންވެސްޓް ކުރައްވާ ބޭފުޅުންވެސް އެކަމަށް ބޭނުންފުޅެއް ނުވާނެ. އެހެންވީމާ، އޭރަކުއޮތީ ރާއްޖެ ތައްޔާރަކަށްނޫން، ތިވިޔަފާރީގެ ޓެކްސް ނެގުމަކަށް. ފަހުން އައިސް ބޭންކް ޓެކްސްވެސް ނަގަންފެށިއެއްނޫންތޯ. ކިތަންމެ ޒަމާނެއް މިހާރު ބޭންކްގެ ފައިދާއިން ޓެކްސް ނަގާތާ. އެވެސް ހަމަ ޓެކްސްއެއް. އަދި ފަތުރުވެރިން އަތުން ބެޑް ޓެކްސްއާ، މިހުރިހާ އެއްޗެއްވެސް ނަގަމުން މިގެންދަނީ. ދެން ވިޔަފާރީގެ އުސޫލުން ނަގާ އަނެއް ޓެކްސް ނެގުމަށް، ދިވެހި ސަރުކާރުން ވިސްނަވަމުން ގެންދަވާތާ އެތައް އަހަރެއްވެއްޖެ. އަޅުގަނޑުގެ ރިޔާސީ ބަޔާނުގައި ބުނެފައިވެސް ހުންނާނެ، އެކަމާބެހޭ ޤާނޫނުހަދައި، އެހުރިހާކަމެއް ތައްޔާރު ކުރަމުން މިގެންދަނީ. އެހެންވީމާ، އެހިސާބަށް އަޅުގަނޑުމެންނަށް މިދެވުނީ މިހާރު. އެހެންވީމާ، މިހިސާބުން ފަށައިގެން މިކަން ކުރިއަށް ގެންދާނެ ވާހަކަ މިދައްކަނީ. މިހާރުވެސް އެއޮތީ ޤާނޫނު. އަޅުގަނޑު ހަނދާންވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި. ނުވަތަ މަޖިލީހަށްދާ ހިސާބުގައި. ކަނޑައެޅިގެން ދަންނަވާކަށް ހަނދާނެއް ނެތް. އެކަމަކު ހަމަ އެހިސާބުގައިވަނީ. އެހެންވީމާ، ފާސްވިހާ އަވަހަކަށް އަޅުގަނޑުމެން ޓެކްސް ނަގަން ފަށާނަން.  
 
 
ސުވާލު 29:

 

އާދެ، ތިޔަ ވިދާޅުވީ، އަހަރުތަކެއް ވެއްޖެއޭ ޓެކްސް ނެގުމަށް މަސައްކަތް ކުރައްވާތާވެސް، އަދި ޤާނޫނުވެސް މިހާރު އެ ޙަޤީގަތަކަށްވުމުގެ މަގުމަތީގައޭ ވަނީ. އަދި އަޅުގަނޑުމެންނަށް ސިޔާސީ ބައެއް ފަރާތްތަކުން އިވޭގޮތުގައި، މަޖިލީސްތެރެއިންވެސް އަޅުގަނޑުމެންނަށް އިވޭގޮތުގައި، މިކަންތައް ޙަޤީގަތަކަށް ނުކުރެވި މިވަނީ، މުއްސަނދިންގެ ނުފޫޒާއި ބާރުގަދަކަމުން ކަމަށްވަނީ. ކިހިނެއްތޯ ސަރުކާރުން މިކަން ކުރައްވަން އުޅުއްވައިގެން މުއްސަނދިންގެ ހުރަސްތަކާހެދި މިކަން ނުކުރެއްވި އޮތީތޯ މިހާދުވަސްވީއިރު. ތިވިދާޅުވީ ވަރަށް ގިނަދުވަސްވެއްޖެއޭ މަސައްކަތް ކުރައްވާތާ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އެހެނެއްނޫން. އަޞްލުގައި މިވާގޮތަކީ، މިކަހަލަ އާ ނިޒާމެއް އަންނައިރު، އެކަމަށް ތައްޔާރުވާން އެބަޖެހޭ. އެކަމަށް އެންމެފުރަތަމަ ޤާނޫނެއް ހަދަން އެބަޖެހޭ. އަދި މީހުން ތަމްރީނުކޮށް ތައްޔާރުކުރަން އެބަޖެހޭ. ބޭރުގެ އެހީގައި މިކަންކަން ކުރަމުން މިއައީ. މިއީކީ ފަސޭހަކަމެއް ނޫން. އެއީ ޓެކްސް ހަމައެކަނި ޤާނޫނެއް ފާސްކުރިއަކަސް ނުއެއް ނެގޭނެ ދޮގެއްތޯ. މިޓެކްސް އިވޭޓް ކުރުމާއި، ނުވަތަ ނުދެއްކުމާ، މިކަހަލަ މައްސަލަތަކެއްވެސް ނުކުންނާނެ. ކަމާބެހޭ މީހުން ތައްޔާރުވެފައި ތިބެންޖެހޭނެ. ސަރުކާރުގެ އޮނިގަނޑު އެގޮތަށް ބައްޓަންވާންޖެހޭނެ. ސަރުކާރުގެ މިނިސްޓްރީތަކުގައި އެކަން ހިންގާނެ މުވައްޒަފުން ތިބެންޖެހޭނެ، ތަމްރީނު ކުރެވިފައި ތިބި މީހުން. މިހުރިހާ ކަމަކަށް ވަގުތު ބޭނުންވަނީ. އެހެންވެގެން. އެއްވެސް ފަރާތެއްގެ ފިއްތުމެއް އައިސްގެނެއްނޫން.
 
ސުވާލު 30:

 

އާދެ، އަޅުގަނޑު ދެން އިތުރު ސުވާލެއްގެ ގޮތުން ދަންނަވާލާނަން، އިޞްލާޙީ އެޖެންޑާގެ ވާހަކަ ދައްކާއިރުގައި، މިއީ އަބަދުވެސް މިހާރު އޭގެ މިލްކުވެރިކަމާމެދު، ކޮންމެސްވަރަކަށް ދެބަސްވުން އުފެދިފައި، ނުވަތަ ޒުވާބުކުރުންތަކެއް ހިނގަމުންދާ ކަމެއް. އަޅުގަނޑު ކޮންމެހެން އޭގެ މިލްކްވެރިކަމާ ބެހޭގޮތުން އެއްޗެއް ދަންނަވާކަށް ނޫން މިއުޅެނީ. އަޅުގަނޑު ހިތަށްއަރާ، އިޞްލާޙީ އެޖެންޑާގެ ކަންތައް ކުރިއަށް ގެންދިއުމުގައި، މަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު ހުރަހަކީ ކޮބައިތޯއޭ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އާދެ، އެންމެފުރަތަމަ ވިދާޅުވި ވާހަކައަށް އެއްޗެއް ދަންނަވާލާނަން. މީގެ މިލްކުވެރިކަމާ ދޭތެރޭގައޭ، ބައެއް ބޭފުޅުން ދައްކަވާ ވާހަކަފުޅަކީ، ރަނގަޅު ވާހަކަފުޅެއް ނޫން. އެނގިވަޑައިގަންނަވާނެ. މިއީ ކޮންހިސާބަކުން ފެށިގެން އައި ކަމެއްކަން. ކާކުކަން މީގެ އަޑީގައިހުރީ. ކާކުގެ ޚިޔާލުތަކެއްކަން. އަދި ކާކުކަން ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން، ވަޒީރުންގެ މަޖިލީހުގެ އެއްބަސްވުން ހޯދައިގެން ކާކުތޯ ރައްޔިތުންނާ ޙިއްސާކުރީ. މިހުރީ ޙަޤީގަތްތަކެއް. ތާރީޚީ ޙަޤީގަތްތަކެއް. ލިޔެކިޔުންތަކުން ސާބިތުވާންހުރި، ޙަޤީގަތްތަކެއް. އެއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ވާހަކަ ދެއްކެވުމުގެ އެއްވެސް ފުރުޞަތެއް ނުވަތަ ޙައްޤެއް އެބޭފުޅަކަށް ނޯންނާނެ. ދެން
އިސްލާޙީ އެޖެންޑާއަށް ކުރިމަތިވި އެންމެބޮޑު ދައްޗެއް ކަމަށް އަޅުގަނޑަށް ފެންނަނީ ޤާނޫނުއަސާސީ އިޞްލާޙުވުން ލަސްވެގެންދިއުން. މި އާ ޤާނޫނުއަސާސީގެ މަސައްކަތް އަޅުގަނޑު ހަވާލުކުރިތާ 4 އަހަރު ގާތްގަނޑަކަށް،  3 އަހަރާއި 11 މަސްފަހުން އެމަސައްކަތް ނިމިގެން އެދިޔައީ. މިއީ ދިމާވި އެންމެބޮޑު ގޮންޖެހުމަކީ.
 
އަޅުގަނޑު ހީކުރިގޮތުގައި ފުރަތަމަ އެއްއަހަރު ދުވަހުގެ ތެރޭގައި އެކަން ނިމެންވާނެ. އެވާހަކަ އޮންނާނީ ކިތަންމެ ފަހަރަކު ޚާއްޞަ މަޖިލީހުގައި ދަންނަވާފައި. އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމަވައި ދެއްވާށޭ. އެ އެއްއަހަރުވެސް އެއީ ކުރު  މުއްދަތެއް ނޫން. ދިގު މުއްދަތެއް. ބައެއް ތަންތާނގައި އެބަހުރި ދެމަސްދުވަހުން. ތިންމަސްދުވަހުން ޤާނޫނުއަސާސީ ނިންމާފައި. އަނެއްބައި ތަންތާނގައި ހަމަސް ދުވަހުން. ދެން އަޅުގަނޑު ދެންނެވީ އެވަރު އަޅުގަނޑުމެންނަށް ނުވިޔަސް، އެއްއަހަރު ދުވަހުގެ ތެރޭގައި ވާންޖެހޭނެއޭ. އެތައްފަހަރަކު މިވާހަކަ އޮންނާނީ ދަންނަވާފައި. އެހެންނަމަވެސް އެކަން ނުވެގެން، ނުވެގެން މިދިޔައީ. އެއީ ދިމާވި އެންމެބޮޑު ދައްޗަކީ.
 
ސުވާލު 31:
 
އާދެ، ތިޔަ ވިދާޅުވީ ކޮންމެގޮތެއްވިޔަސް މަނިކުފާނުގެ ބޭނުންފުޅަކީ، ވީހާ ކުރުމުއްދަތެއްގައި ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިންމުންކަމަށް ވިޔަސް، ގާތްގަނޑަކަށް 3 އަހަރާއި 11 މަސްދުވަސް ފާއިތުވެގެންދިޔައޭ. މިހާދިގު މުއްދަތަކުން މިހާބުރަ މަސައްކަތްތަކެއް، ރެއާއި ދުވާލު މަސައްކަތްކޮށްގެން ހެދުނު ޤާނޫނުއަސާސީގައި މަނިކުފާނު ރާއްޖެއަށް ގެންނަން ބޭނުންފުޅުވި އިޞްލާޙީ ބަދަލުތައް، މިހާރުގެ ޤާނޫނުއަސާސީގައި ހިމެނިފައިވޭތޯ؟ 
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އާދެ، ވަރަށްގިނަ ބަދަލުތައް އޭގައި އެބަހުރި، ދޮގެއްތޯ. އަޅުގަނޑު ހުށަހެޅި ވަރަށްގިނަ ކަންތައްތަކެއް އެހެރީ، މިނިވަން މުއައްސަސާތަކެއް އުފެއްދުމާއި، އަދި ރައީސްކަމުގެ ޝަރުޠުތަކުގެ ތެރޭގައިވެސް އަންހެނުންނަށް ކުރިމަތިލެވޭގޮތަށް ހެދުމާއި، އުމުރުން 18 އަހަރު ފުރޭ މީހުންނަށް ވޯޓުލެވޭގޮތްތައް ހަދައިދިނުމާއި، ތިންބާރު ވަކިކުރުމާ، މިހެންގޮސް އަދި ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުޅާކޮށް، އެޙައްޤުތައް ލިބިގަތުމާއި، މީޑިއާ މިނިވަންކުރުމާއި، މިކަހަލަ ވަރަށްގިނަ ކަންތައްތައް މިއީ އަޅުގަނޑު ހުށަހެޅި ކަންތައްތަކެއް. އެގޮތަށް އެހެރީ ޙާޞިލުވެފައި. ޙަޤީގަތުގައި އަޅުގަނޑު އެކަންޏެއްވެސް ނޫން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ޤާނޫނުއަސާސީ އިސްލާޙުކުރަން ފެށިދުވަސްވަރު، އާންމުކޮށް އިޢްލާނު ކޮށްގެން ރައްޔިތުންގެ ޚިޔާލު ހޯދިން. މިއޮފީހަށް ވަރަށްގިނަ އަދަދެއްގެ ރައްޔިތުން ސިޓީ ފޮނުއްވި. އެބޭފުޅުންގެ ޚިޔާލުފުޅުތައްވެސް ހިމަނައިގެން، އެހެން މިދަންނަވަނީ، ރައްޔިތުންގެ އެދުންތައް ފުރިހަމަވާގޮތަށް އޮތް ޤާނޫނުއަސާސީއެކޭ މިހާރު ހަމަޖެހިފައި މިއޮތީ. އެހެންވީމާ، އެގޮތަށް އޮތް ޤާނޫނުއަސާސީއެއްވީމާ، އަޅުގަނޑު ދަންނަވާނީ މިހާރަށް ވަރަށް ރަނގަޅު ޤާނޫނުއަސާސީއެކޭ އެއީ.
 
 
ސުވާލު 32:

 

މަނިކުފާނު ޤާނޫނުއަސާސީގައި ހިމަނަން ބޭނުންވިކަމެއް ނުވަތަ އުޞޫލެއް ނަމަވެސް އޭގައި ނުހިމެނިވާކަމަށް ފާހަގަކުރައްވަންތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އެހެން ކުއްލިއަކަށް ދަންނަވާކަށް ނޭނގެ. އެހެންނަމަވެސް އިންސާނުންކުރާ ކޮންމެ މަސައްކަތެއްގައިވެސް އުނިކަންތައް ހުންނާނެ. އެހެންވީމާ، މިހާރުގެ ޤާނޫނުއަސާސީގައިވެސް ހިންގަން ދަތި ބައެއް ކަންތައްތައް ހުރިކަމަށް އަޅުގަނޑަށް ވިސްނޭ. އެހެންވީމާ، އެކަންތައްތައް ޖެހޭނެ، މުސްތަޤްބަލުގައި އިޞްލާޙުކުރަން. އެހެން މިދެންނެވީ، ކިތަންމެވަރަކަށް ވިސްނާފައި، ކިތަންމެ ރަނގަޅަކަށް ޚިޔާލުކޮށްފައި، ކިތަންމެ ދުވަހެއް ހޭދަކޮށްފައި، ކަމެއް ކުރިނަމަވެސް، އިންސާނުން ކުރާ މަސައްކަތުގައި ފުރިހަމަކަމެއް ނުހުންނާނެ. އޭގައި ހުންނާނެ ބަދަލުކުރަންޖެހޭ ކަންތައްތައް. އެހިސާބަށް ދިޔައިމާ، އެބަދަލު އަންނާނެ. އެގޮތަށް މިކަންވެސް އޮތީ.
 
 
ސުވާލު 33:

 

އާދެ، މިހާރުގެ ކަންތަކަށް ބަލާއިރު، އަނެއްކާވެސް މަނިކުފާނުގެ ދީނީ ޢަޤީދާއާމެދު ޝައްކު އުފެދޭފަދަ ގޮތަކަށް ރާއްޖޭގެ 44 ޢިލްމުވެރިއަކު ނެރުއްވާފައިވާ ބަޔާނަކާ ބެހޭގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. 1425 ވަނަ އަހަރުގެ ރަމަޟާން މަހު، އެއީ 2004 ވަނަ އަހަރު، އެއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިންނަށް އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް ވިދާޅުވެފައިވާކަމަށް އެބަޔާނުގައި އޮވޭ، އިނގޭތޯ؟ މަނިކުފާނު އެއްވެސް އިރެއްގައި ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު އޮންނަންވާނެ ކަމުގެ މޭރުމެއްގައި ވާހަކަފުޅު ދައްކަވާފައިވާނެތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އެއްގޮތަކަށްވެސް ނޯންނާނެ. ތީގައި ދެތިން ވާހަކައެއް ދަންނަވާލަންޖެހޭ. އެންމެފުރަތަމަ 44 ޢިލްމުވެރިއެކޭ ތިޔަވިދާޅުވީ، ޢިލްމުވެރިއަކީ ކޮންބައެއްތޯ؟ ތިޔަވިދާޅުވާ މީހުންގެ ޢިލްމުވެރިކަމުގެ ޝަރުޠު ހަމަވޭތޯ؟ އަޅުގަނޑުގެ ސުވާލެއް. ހަމަ ތިމަންނައަކީ ޢިލްމްވެރިއެކޭ ބުނީމަ، ޢިލްމުވެރިއަކަށްވީތޯ؟ ނޫނީ އޮންނަންޖެހޭނެތޯ ކޮންމެވެސްކަހަލަ ޢިލްމީ ސަނަދެއް. ތީގެ ތެރެއިން ބައެއް ބޭފުޅުންނަކީ ހަމައެކަނި ޢަރަބިބަސް ނުދަންނަ މީހުންނަށް ޢަރަބިބަސް ކިޔަވައިދިނުމުގެ ސަނަދު، 2 އަހަރު ދުވަހުގެ ޑިޕްލޮމާ އޮތް މީހުން އޭގެތެރޭގައި އެބަތިބި. އެއީވެސް ޢިލްމުވެރިއެއްތޯ؟. އޭނައަށް އިނގޭނެ ޢަރަބިބަސް ކިޔަވައިދޭން، ދޮގެއްތޯ؟ އޭނައަކަށް ނޭނގޭނެ ފިޤްހީ ޙުކުމްތަކެއް، ޝަރްޢީ އުޞޫލުތަކެއް ނޭނގޭނެ. އެކަމަކު އެކަހަލަ މީހުންވެސް ހިމެނިގެން ތި 44  ހަދާފައި ތިއޮތީ. އެހެންވީމާ، އަޅުގަނޑު ފުރަތަމަ ޤަބޫލެއް ނުކުރަން، ތިއީކީ ޢިލްމުވެރިން ކަމަކަށް. 44 ޢިލްމުވެރިކަމަކަށް ޤަބޫލެއްނުކުރަން. އޭގެތެރޭގައި ތިއްބަވަފާނެ ޢިލްމުވެރިން. އެކަމަކު، 44 މީހުންނަކީ ޢިލްމުވެރިންނެއް ނޫން. އެއީ އެއްތަންކޮޅު.
 
އަނެއް ތަންކޮޅަކީ، އަޅުގަނޑު ނޯންނާނެ އެއްވެސްއިރެއްގައި އިސްލާމްދީން ނޫން އެހެންދީނަކަށް ދިވެހިން އުޅެންޖެހޭނެއެކޭ، މިނިވަންކަން އޮތެކޭ ބުނެފައެއް، ފުރުޞަތު ދޭނަމެކޭ ބުނެފައެއް. އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑު އަބަދުވެސް ބުނަމުން މިގެންދަނީ، އަޅުގަނޑު ބޭނުންވަނީ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮންނާށޭ. ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީނަކަށް އަޅުގަނޑު ރައީސްކަމުގައި ހުރެގެން ފުރުސަތެއް ނުދޭނަމޭ. އަދި އަޅުގަނޑު ކަނޑައެޅިގެން ބައެއް ބޭފުޅުންނަށް ދަންނަވާފައި އޮންނާނެ، ޤާނޫނުއަސާސީ ނިމިގެން އަންނައިރު، އޭގައި އެނޫންގޮތަކަށް އޮވެއްޖެއްޔާ އަޅުގަނޑު ތަޞްދީޤުވެސް ނުކުރާނަމޭ. އެހެން ދަންނަވާފައި އޮންނާނެ. މީގައި އެހެންނެތިއްޔާ ތަޞްދީޤުވެސް ނުކުރާނަމޭ. އެކަމަކު ނަސީބަކުން އެބޭފުޅުންގެ ވިސްނުންފުޅުވެސް ވަރަށް ރަނގަޅު. ޤަނޫނުއަސާސީ ނިމިގެން އައިއިރު މިއޮތީ ރާއްޖޭގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމުގައި. ހަމައެގޮތަށް އޮތީމާ ތަޞްދީޤުވެސް ކުރީ. އެހެންވީމާ، އެއީ އެގޮތަށް އޮތްކަމެއް.
 
ދެން ތިޔަވިދާޅުވާ ވާހަކަ ތިއޮތީ މުޅިން އޮޅުވާލާފައި. އޭރު އަޅުގަނޑު ދެއްކީ މުޅިން އެހެން ވާހަކައެއް. އޭރު އަޅުގަނޑު ދެއްކި ވާހަކައަކީ މިހާރު ރާއްޖެއަށް ނަޞާރާދީން ގެންނަން ބަޔަކު އެބަ މަސައްކަތް ކުރެއޭ. އެމީހުން ބުނެއޭ، ދީނުގެ މިނިވަންކަން އެބައޮތޭ. އަޅުގަނޑު ބުނި ވާހަކައަކީ، ދިވެހި ރައްޔިތުން އަމިއްލަ މިނިވަންކަމުގައޭ އިސްލާމްދީން އިޚްތިޔާރު ކުރައްވާފައި އެއޮތީ. އެއީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ މިނިވަންކަމެކޭ، އެމީހަކު ބޭނުންވާ ދީނަކަށް އުޅުން. އެހެންވީމާ، ދިވެހި ރައްޔިތުން އެއޮތީ އެކަން އިޚްތިޔާރު ކުރައްވައި ނިމިފައޭ. އެހެންވީމާ، ދެން ދީނީ މިނިވަންކަން އޮތެކޭ ކިޔާފަ، އެހެންބަޔަކު އައިސް ދިވެހިރައްޔިތުން އެހެން ދީނަކަށް ބަދަލުކުރާކަށް އުޅޭކަށް ޖާގައެއްނެތޭ. އެއީ ދިވެހިރައްޔިތުންގެ އަމިއްލަ މިނިވަންކަމުގައި، އަމިއްލަ އިޚްތިޔާރުގައި އިސްލާމްދީން އިޚްތިޔާރު ކުރައްވައި ނިމިފައޭ އޮތީ. ސައްތައިންސައްތަ މުސްލިމް ޤައުމެކޭ. ދެން އެހެން ބަޔަކަށް ޙައްޤެއްނެތޭ އަޅުގަނޑުމެންގެ މިނިވަންކަމާ ކުޅޭކަށެއް. އެއީ އަޅުގަނޑު ބުނި ވާހަކައަކީ. އެހެންވީމާ، އެބޭފުޅުން އޮޅުވާލައްވައިގެން، ގަސްދުގައި އޮޅުވާލައްވައިގެން ގޯސްކޮށް ތިވާހަކަ ތިހެން ވިދާޅުވެފައި ތިއޮތީ.
 
ސުވާލު 34:
 
ދެންމެގައި ތިޔަވިދާޅުވި ޤާނޫނުއަސާސީ އިސްލާޙު ކުރުމުގެ މަސައްކަތް ހިނގަމުން ދިޔައިރުގައި ކަނޑައެޅިގެން، ވިދާޅުވީމޭ، އިސްލާމްދީން ނޫން އެހެން ދީނެއްގެ ވާހަކަ. މިދެންނެވީ ރާއްޖޭގެ ދީނަކީ އިސްލާމްދީން. އެހެން ނޯންނަ ކަމަށްވަންޏާ ތަޞްދީޤުވެސް ނުކުރައްވާނަމޭ. ކީއްވެގެންތޯ އެގޮތަށް ޝަރުތުކުރެއްވީ. އެކަހަލަ އެއްވެސްކަހަލަ ވާހަކަތަކެއް މަނިކުފާނަށް އަޑުއިވިވަޑައިގެންފައި އޮތީތޯ؟ ނޫންނަމަ އެކަހަލަ ބިރެއް ކުރިމަތިވެފައި އޮތީތޯ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އާދެ، އެކަހަލަ ވާހަކަތައް އަޑުއިވިފައި އޮތީ. އެއީ ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުން ޝައްކު ކުރެވެނީ އެބޭފުޅުންނާ ބޭރުގެ ނަޞާރާދީނުގެ ބައެއް ފަރާތްތަކާ ގުޅުން އޮތް ކަމަށް. އަދި އެމީހުންގެ އެހީތެރިކަމުގައި ރާއްޖޭގައި ކަންތައްތަކެއް ހިންގާކަމަށް. މީގެކުރިން 1999 ވަނަ އަހަރު، އޭގެ ބަޔަކު ފެނިއްޖެވެސްމެ ދޮގެއްތޯ، ރާއްޖޭގައި ނަޞާރާދީން ފަތުރަން އުޅުނު ބަޔަކު ފެނިގެން، އެމީހުން، ބިދޭސީން ރާއްޖެއިން ފޮނުވާވެސް ލެވިއްޖެ. އަދި ރާއްޖެ މީހުންގެ ތެރެއިން އެކަމުގައި އުޅުނު މީހުން ގެނެސް، ތަޙުޤީޤުކޮށް، ފަހުން އެމީހުންގެ ކަންތައް މިހާރުއޮތީ ނިމިގެން ގޮއްސައި. މިމަސައްކަތަކީ، އެކިއެކި ބޮޑެތި ފައްޅިތަކުގެ ޖަމާޢަތްތަކުން ކުރަމުން ގެންދާ މަސައްކަތެއް. އަޅުގަނޑުމެންގެ ބައެއް ސިޔާސީ ޕާޓީތަކާ ގުޅުން އެބަހުރި. އެކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި އޮތް ބިރަކީ، މިޕާޓީތަކުން އެކަހަލަ މަސައްކަތް ކޮށްފާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު ބުނީ އެއްގޮތަކަށްވެސް އެކަން އެގޮތަށް ކުރެވިގެން ނުވާނޭ. އެއީ އަޅުގަނޑު އެކަންކުރި ގޮތަކީ.
 
ސުވާލު 35:
 
އާދެ، އަޅުގަނޑު ދެން ޖެހިލާނަން އިނގޭތޯ، އަޅުގަނޑުމެންނަށް އެސް.އެމް.އެސް.ގެ ޒަރިއްޔާއިން ލިބިފައިހުރި ބައެއް ސުވާލުތަކަށް. މީގެތެރޭގައި އަޅުގަނޑު ދަންނަވާލާނަން. ފުރަތަމަ ސުވާލެއްގެ ގޮތުން އެއްބޭފުޅަކު ފޮނުއްވާފައި މިއޮތީ، އެމް.ޑީ.ޕީގެ ވެރިކަމެއްގައި ދިވެހިން ދެވަނަ ފަހަރަށް އިނގިރޭސިންގެ އިސްތިޢްމާރުގެ ދަށަށް ގޮސްދާނެކަމުގެ ބިރުހީވެއޭ. މިކަމާމެދު މަނިކުފާނު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯއޭ.؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އަޅުގަނޑަށްވެސް ހަމަހީވޭ އެކަހަލަ ގޮތަކަށް ހިނގައިދާނެހެން. އެއީ އެމް.ޑީ.ޕީން ކަންތައް ރާވައި މިހިންގައިދެނީ ބޭރުމީހުން. ބޭރު މީހުން ގެނެސްގެސް ކެންޕެއިން ކަންތައްވެސް މިކޮށްދެނީ. އެމީހަކު ބުނާގޮތަކަށް، އެމީހަކު ބުނާ ޝިޢާރެއްގެ ދަށުން. ތާހިރު ދިރިއުޅުމަކަށް، މިސާލަކަށް. އެއީ ކްލީން، ދިވެހިބަހަށް ތަރުޖަމާ ކުރީމާ، ދިވެހިންނަށް މުޅިން އެހެން މާނައެއް ދޭހަވަނީ. އަޅުގަނޑުމެން ތާހިރު، ނުތާހިރު ކިޔަނީ މުޅިން އެހެން ކަމަކަށް. އެހެންވީމާ، މިކަހަލަ ކަންތައް، ބޭރުބަޔަކު އައިސްގެން، ރާއްޖެ ނުވެސް ދަންނަ ބޭރުބަޔަކު އައިސްގެން ރާއްޖޭގެ ކަންތައް އޮންނަންވާނެގޮތާއި، ގެންގުޅެންވީ ޝިޢާރާއި، ކުލަޔާއި، މަލާ. މިސާލަކަށް، އެ ގުލްސަންޕާމާ، އެއީ ފައްޅީގެ މަލެއް އިނގޭތޯ. ފައްޅިއަށް ނިސްބަތްވާ، ނަޞާރާދީން ރަމްޒުކޮށްދޭ މަލެއް މަލަކީ. އެކުލަޔަކީވެސް އެކަހަލަ ކުލައެއް. މިހިރީ ބޭރުމީހުން އައިމަވާގޮތް. އެހެންވީމާ، މިމީހުންގެ ބޭނުމަކީ ރާއްޖެ އައިސް އެމީހުންގެ ނުފޫޒު ރާއްޖޭގައި ފެތުރުން. މިމީހުންނަށް ވެރިކަން ލިބިއްޖެއްޔާ، ދެން ކާކުތޯ ބުނާނީ، އެމީހުން ބުނާގޮތަށް ކަންތައްތައް ނުދާނެއޭ. އެ ބިރު އަޅުގަނޑުގެ ހިތުގައި އެބައޮތް.
 
 
ސުވާލު 36:

 

ދެން، ތިހެން ވިދާޅުވީމާ، އަޅުގަނޑު ހިތަށްއަރާ، މިސާލަކަށް، އަޅުގަނޑުމެންނަށް އަޑުއިވިގެން ހިނގައްޖެ، ރާއްޖެއަށް 2004ގެ ފަހުން މިއައި ސިޔާސީ ހަލަބޮލިކަމަށްފަހުގައި ސަރުކާރުގެ ތަޞައްވުރު، ބޭރު ދުނިޔޭގައި ރަނގަޅު ކުރުމަށްޓަކައި، ހަމަ ބޭރުގެ ކޮންމެވެސް އެހެން ބައެއްގެ އެހީތެރިކަން ހޯއްދެވި ވާހަކަ. އެކަހަލަ ފުރުސަތެއް ނޯންނާނެތޯ، މަނިކުފާނުގެ ސަރުކާރަކުން ގުޅިވަޑައިގަންނަވާ ބޭރުގެ ފަރާތްތަކާ ގުޅުމުން، ނުވަތަ ޑީ.އާރް.ޕީން ބޭރުގެ ފަރާތްތަކާ ގުޅުމުން؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
ނޯންނާނެ، ދޮގެއްތޯ؟ އެއީ ތިޔަ ވިދާޅުވަނީ، އެއަށް މިކިޔަނީ ކޮން ކުންފުންޏެކޭތޯ. ތަޞައްވުރު ރަނގަޅުކުރަން މަސައްކަތް ކުރާ ކުންފުނިތައް ހުރޭ. ދުނިޔޭގެ ހުރިހާ ސަރުކާރުތަކުންވެސް ބޭނުންކުރޭ އެކަހަލަ ކުންފުނިތައް. އިމެޖް، ރަށުގެ ތަޞައްވުރު ރަނގަޅުކުރަން. އެއީ ބައެއްފަހަރަށް މިހުންނަނީ، ބައެއްމީހުން، ވަރަށްގިނަފަހަރަށް ހުރޭ އިނގޭތޯ، ޙަޤީޤަތާ ޚިލާފު މަޢްލޫމާތުތައް، ބޭރަށް ފޮނުވައިގެން މުޅި ޤައުމުގެ ތަޞައްވުރު ކިލަނބުކޮށްފައި. އެހެންވީމާ، އެމީހުން އެބަ ގެންގުޅޭ މިކަހަލަ ކުންފުނިތައް. ދުނިޔޭގެ ހުރިހާ ސަރުކާރުންވެސް ގެންގުޅޭ. އެހެންވީމާ، އަޅުގަނޑުމެންވެސް އޭގެ ކުންފުންޏެއްގެ ބޭނުންކުރިން. އިނގިރޭސިވިލާތުގެ ކުންފުންޏެއް ބޭނުންކުރީ. އެމީހުންނަކީ ރާއްޖޭގެ ކަންތައްތަކާ ބެހޭ ބައެއް ނޫނޭ. އެމީހުން ބޭނުންވަނީ އަޅުގަނޑުމެން ބުނާ އެއްޗެއް ރާއްޖެއިން ބޭރުގައި ފަތުރައިދޭން. ދިވެހި ސަރުކާރުގެ ޕޮލިސީއާއި ސިޔާސަތާ ކަންތައް ކުރާގޮތް، ބޭރު ދުނިޔޭގެ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓީވީތަކަށްދީ، ރާއްޖޭގެ ތަޞައްވުރު ރަނގަޅު ކުރަން މަސައްކަތް ކުރުން. އެއީ އެމީހުން ބުނާގޮތަކަށް އަޅުގަނޑުމެން ކަންތައް ކުރަނީކީނޫން. އަޅުގަނޑުމެން ބުނާގޮތަކަށް އެމީހުން ކަންތައް ކުރަނީ. އެމީހުންނަށް ލާރިދީގެން، އެމީހުންނަކީ އަޅުގަނޑުމެންގެ ވަޒީފާގައި ބައިތިއްބައިގެން އުޅޭބައެއް. އެއީ އެމަސައްކަތްވެސް ކުރަންޖެހޭތީ. އެކަން ކުރަން މަޖުބޫރުވެގެން ކުރަނީ. ދުނިޔޭގެ ހުރިހާ ތާކުންވެސް ކުރާކަމެއް އެއީ.
 
ސުވާލު 37:

 

އާދެ، ދެން އޮތް ސުވާލެއް. އެސް.އެމް.އެސްގެ ސުވާލެއް. އަޅުގަނޑަށް ހީވަނީ މީގައި ބުނަން މިއޮތީ މަނިކުފާނުގެ ޚިޔާލުފުޅަކަށްކަންނޭގެ އެދިވަޑައިގެންފައި އެބޭފުޅަކު. ސުވާލަކީ، މާޒީގައި ދިވެހިން އިނގިރޭސިންނަށް ޖިޒީ ދިނުމަކީ އިސްތިއޢުމާރު ކުރުން ކަމަށް ގަބޫލުފުޅު ކުރައްވަންތޯއޭ؟ ނޫނީ މިއީ ހިމާޔަތް ދިނުންތޯއޭ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އިސްތިޢްމާރާއި، ޙިމާޔަތާ ވަރަށް ގުޅިފައި އޮތް ދޭއްޗެއް އިނގޭތޯ. ޙިމާޔަތަކީ އިސްތިޢްމާރުގެ ވައްތަރެއް. ޙިމާޔަތެއް ބޭނުމެއްނުވާނެ މިނިވަން ޤައުމަކުން. އެހެން ޤައުމަކުން ޙިމާޔަތް މިދެނީ، އެމީހުންގެ ކޮންމެވެސްކަހަލަ ނުފޫޒުތަކެއް، އެޤައުމަކަށް ކުރަން ބޭނުންވާތީ. އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެ އޮތްއިރު، އެގޮތަށް އެއޮތީ، އެހެންވީމާ، އެއީ އިސްތިޢްމާރުގެ ބާވަތެއްވީމާ، އެއާ ހަމަ އެކައްޗެއް.
 
ދެން ޖިޒީއަކީ ވަރަށް އިހާނެތިކަމެއް، ދޮގެއްތޯ، ޤައުމުގެ ނިސްބަތުން. އަޅުގަނޑުމެން އިނގިރޭސިންގެ ޙިމާޔަތް ޤަބޫލުކުރާތީ، އަޅުގަނޑުމެން ކޮންމެ އަހަރަކު އެއްފަހަރު ކޮންމެވެސް ވެދުމެއް ސްރީލަންކާގައި ހުންނަވާ ގަވަރުނަރަށް އަޅުގަނޑުމެން ގެންގޮސްދޭން އެބަޖެހޭ. ވެދުމެއް، ނުވަތަ ހަދިޔާއެއް، ނުވަތަ އެއްޗެއް. މިއީވެސް ވަރަށް ނިކަމެތި ކަމެއް ޤައުމަށް ލިބޭ. އެހެންވީމާ، ޖިޒީދޭން ޖެހުމަކީ، ހަމަ އިސްތިޢްމާރުގެ ތެރެއިން ހިނގާ ކަމެއް.
 
 
ސުވާލު 38:

 

އާދެ، ދެން 3 ވަނަ ސުވާލެއްގެ ގޮތުން ދަންނަވާލާނަން، އެސް.އެމް.އެސްގެ ސުވާލެއް. ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން ބައެއް ވަޢުދު ފުއްދަވައި ނުދެއްވިވާކަމަށް ޤަބޫލުފުޅު ކުރައްވަންތޯއޭ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
ކޮންމެ އިންސާނަކުވެސް ހުންނާނެ އެކަހަލަ ކަންތައް ދޮގެއްތޯ. އެހެންނަމަވެސް އަޅުގަނޑު ވަޢުދެއްވަންޏާ، ކަމެއް ބުނަންޏާ، ވަރަށް ފަރުވާތެރިކަމާއެކު ބުނަނީ. އިރާދަކުރެއްވިއްޔާ މިވެނިކަމެއް ކުރާނަމޭ. ނުވަތަ މިވެނި ގޮތަކަށް މަސައްކަތް ކޮށްދޭނަމޭ. އެހެން އަޅުގަނޑު ބުނެފައި އޮންނާނީ. އެއްގޮތަކަށްވެސް މިވެނި ތާރީޚަކަށް މިވެނިކަމެއް ނިންމާނަމޭ، ކަނޑައެޅިގެން އެހެންބުނެފައި ވަރަށް ނޯންނާނެ. ފަހަރެއްގައި އޮޅިގެން ބުނެވިފައި އޮވެދާނެކަންނޭގެ. އެކަމަކު އަޅުގަނޑުގެ އަބަދުވެސް މަޤްޞަދަކީ، އަތޮޅުތަކަށް ދިޔަސް، މީހަކު އެއްޗެއް ބުންޏަސް، ބުނަން އިރާދަކުރެއްވިއްޔާ، ތިކަމާ ދޭތެރޭގައި ވިސްނާނަމޭ. ނުވަތަ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅައިދޭނަމޭ. ނޫނީ އިރާދަކުރެއްވިއްޔާ، މިވެނިހާތަނެއްގައި ތިކަންވޭތޯ ބަލައިދޭނަމޭ. އެކަހަލަ ލުއިލުއި ގޮތަކަށް ބުނެފައި އޮންނާނީ. އެއީކީ ކަނޑައެޅިގެން ވަޢުދެކޭ ބުނާނެ ޖާގައެއްވެސް ނޯންނާނެ. އެހެންނަމަވެސް، ދަންނަވަން މިއުޅޭ ވާހަކައަކީ، މިހެން ބުނެފައިހުރި ކަންތައްތަކުގެ ތެރެއިންވެސް ކަންތައްތަކެއް ނުވެހުންނާނެ. އެއީ ވަސީލަތްތައް ނެތީމަ. މިސާލަކަށް ރަށެއްގެ ފަޅުކޮނުން، ނުވަތަ އެހެންކަމެއް ކޮށްދިނުންފަދަ ކަންތައް، ކޮންމެ އަހަރަކުވެސް ވަކިވަރަކަށް މިކުރެވެނީ. ބަޖެޓްގައި ނެތީވިއްޔާ އެކަމެއް އެއަހަރު ނިމޭއިރަކު ނުކުރެވޭނެ. އެހެން ހުންނަ ކަންތައްތައް ހުންނާނެ، ގަބޫލުކުރަން.
 
ސުވާލު 39:

 

އިތުރު ސުވާލެއްގެ ގޮތުން ދަންނަވާލާނަން. އަތޮޅުތަކުގެ ތަރައްޤީއާއި ކުރިއެރުމަށް ބަލާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަރަޤުތަކެއްވެއޭ، މިހެން މިވަނީ ކީއްވެގެންތޯއޭ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
ޠަބީޢީ ސަބަބުތަކެއްވެސް ވާނެ ދޮގެއްތޯ. ކުރިއެރުމަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި އެއްފަސްގަނޑެއްގައި ގިނަ އާބާދީ ދިރިއުޅުން ހިމެނޭ. މިސާލަކަށް 200، 300 މީހުން އުޅޭ ރަށެއްގައި ނުކުރެވޭ ކިތަންމެ ކަމެއް، 5000 މީހުން، 6000 މީހުން، 8000 މީހުން އުޅޭ ރަށެއްގައި ކުރެވޭނެ. ބިންބޮޑުވެފައި، މީހުން ގިނަވެފައި ވަޒީފާގެ ފުރުޞަތު ގިނަވެފައި ތަރައްޤީވާނެ ފުރުޞަތުތައް ގިނަވީމަ. އެހެން ވިސްނަވާއިރު، ދެކުނުގައި އެބަހުރި ވަރަށްބޮޑެތި ރަށްރަށް، ދޮގެއްތޯ. ވަރަށްބޮޑެތި އާބާދީ ހުރިރަށްރަށް އެބަހުރި. އެހެންވީމާ، އެކަންވާނެ. އަނެއްކާ، ބައެއް ސިޔާސީ ގޮތުންވެސް ދިމާވި ސަބަބަކީ މިސާލަކަށް، އައްޑުއަތޮޅު ކަހަލަ ތަނެއްގައިވިއްޔާ، އިނގިރޭސިން އައިސް އެތައް ޒަމާނަކު ތިބެ، ވަރަށްބޮޑު ހޭލުންތެރިކަމެއް އޮތީ އެމީހުންނަށް އުފެދިފައި. ވަރަށްގިނަ ވަސީލަތްތަކެއް އޮތީ އެޒަމާނުގައި ޤާއިމުކުރެވިފައި. އެހެންވީމާ، އެގޮތުންވެސް ތަފާތުވާނެ. އެއީ ސަރުކާރުން ކުރާ ތަފާތެއް ނޫން. ތަބީޢީގޮތުން ވަމުން އަންނަކަމެއް. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެހެންހުރޭ އިނގޭތޯ. ހަމަ އެއްހިސާބުގަނޑު ވަރަށްބޮޑަށް ތަރައްޤީވެފައި، އަނެއް ހިސާބުގަނޑު އެހާބޮޑަށް ތަރައްޤީނުވެ. މިދެންނެވި ކަހަލަ ސަބަބުތަކެއް ހުންނާތީވާގޮތެއް.
 
ސުވާލު 40:

 

އާދެ، އަދި އިތުރު ސުވާލެއް އަޅުގަނޑު ދަންނަވާލާނަން. އިންތިޚާބުތެރޭ ހަމަނުޖެހުމެއް ހިންގަފާނެކަމަށް، ސަރުކާރުން އަޅުއްވާނީ ކޮންކޮން ފިޔަވަޅުތަކެއްތޯ؟
 
ރައީސުލްޖުމްހޫރިއްޔާ:
 
އަޅުގަނޑު އުންމީދުކުރާ ގޮތުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ. އިރާދުކުރެއްވިއްޔާ މިއަންނަ އިންތިޚާބަކީ، ވަރަށް އޮމާންކޮށް، އަމާންކޮށް ދާނެ އިންތިޚާބެއް. ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އަދި ހާމަކަންބޮޑު ގޮތެއްގައި ދާނެ އިންތިޚާބެއް. އެއީ އަޅުގަނޑުގެ އުންމީދަކީ. އިރާދުކުރެއްވިއްޔާ އެގޮތަށް އެކަންތައްދާނެ. އެހެންނަމަވެސް ސަރުކާރުން ތައްޔާރުވާންޖެހޭ ހުރިހާ ވައްތަރެއްގެ ކަންތައްތަކަކަށް. އެގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން، އެކަމަށް ތައްޔާރުވެވަޑައިގެންފައިވަނީ. އެކަމާބެހޭ ޕްލޭންތައް ހައްދަވައި، ހުރިހާކަމެއް ނިންމަވާފައި އޮތީ. އެއްވެސްކަހަލަ ކަމެއް އިރާދުކުރެއްވިއްޔާ ނުހިނގާނެ. ހިނގައިފިއްޔާ ވަގުތުން ފިޔަވަޅު އެޅޭގޮތަށް ސަލާމަތީ ބާރުތަކުން އެކަންތައް މިހާރުވަނީ ރާއްވަވައި އިންތިޒާމު ކުރައްވާފައި.
 
ސުވާލު 41:
 
އާދެ، ދެންއޮތް ސުވާލަކީ، އެހެން ޕާޓީއެއްގެ ވެރިކަމެއްގައި، މަނިކުފާނު އިސް މަޤާމެއްގައި ހުންނަވާފާނަންތޯ؟
 
 
ރައީސުލްޖުމްހޫރިއްޔާ:
 
އަޅުގަނޑު ކަންތައްތައް ނިންމަނީ އެކަމެއް ދިމާވީމަ. އެކަމެއް ދިމާވީމަ، ޙާލަތު އޮތްގޮތަކާ ދެން އަޅުގަނޑުގެ ވިސްނުމާއި، އަދި ޤާބިލިއްޔަތު ހުރިވަރަކުން އެކަން އެގޮތަށް ނިންމާނީ. އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ އަބަދުވެސް ރާއްޖޭގައި ހުންނާނެ މީހެއް. ރާއްޖެއަށް ބޭނުންވާ ރޮނގަކުން ޚިދުމަތްކޮށްދޭނެ މީހެއް. ކޮންމެހެން މިމަޤާމުގައި ނޫނަކަސް، އެހެން މަޤާމެއްގައި ނަމަވެސް، ޚިދުމަތްކުރާކަށް އަޅުގަނޑު ޖެހިލުމެއްނުވާނެ.
 
ސުވާލު 42:

 

އާދެ، ދެން އަޅުގަނޑުމެން ޕްރޮގްރާމް ނިންމާލުމުގެ ގޮތުން އަހާލާހިތްވޭ، މިހާދިގު މުއްދަތެއްގައި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާއިރުގައި، ނުކުރެވިހުރި ކަންތައްތަކުގެ ވާހަކަ މީހުންވެސް ދައްކާނެ. އެހެންނަމަވެސް އަޅުގަނޑުގެ  ސުވާލަކީ، މަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެބޮޑު، ނުވަތަ ޙާސިލުކުރެވުނު އެންމެބޮޑު، އެކަމަކާ އެންމެ ބޮޑަށް އުފާފުޅުވެވަޑައިގަންނަވާ ކާމިޔާބީއަކީ ކޮބައިތޯ؟  
 
 
ރައީސުލްޖުމްހޫރިއްޔާ:
 
ވަރަށްގިނަ ކާމިޔާބީތަކެއް އެބަހުރި. އެންމެފުރަތަމަ ދަންނަވާނީ، ދިވެހިރާއްޖެ މިނިވަން މުސްތަޤިއްލު ފުރިހަމަ ސިޔާދަތެއް ލިބިފައިވާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމޭ. އަދި ރާއްޖޭގެ ޤައުމިއްޔަތު ދިރުވައި، ދިވެހިންނަކީ ދިވެހިންގެ އަމިއްލަ ޤައުމިއްޔަތަށްޓަކައި، ފަޚްރުވެރިވާ ބަޔަކަށް ހެދުމޭ. ހަމައެއާއެކީގައި، ރާއްޖެ ތަރައްޤީގެ މަގުގައި ވަރަށްގިނަ އުސްމިންތަކެއް ޙާޞިލު ކުރުމޭ. ޚާއްޞަކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން. މިހިރަ މިހިރަ ކަންތައްތަކަކީ ވަރަށްބޮޑެތި ކުރިއެރުންތަކެއް. އެހެންވީމާ، އެކަންތައްތަކަށްޓަކައި، އަޅުގަނޑު ވަރަށްބޮޑަށް ފަޚްރުވެރިވަން.
 
އާދެ، އަޅުގަނޑުމެން މިރޭގެ ޕްރޮގްރާމް ދެން މިހާހިސާބުން ނިންމާލާނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕްރޮގްރާމްގައި މަނިކުފާނު ތިހާދަތިފުޅުކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެންނަށް ފުރުސަތެއް ދެއްވީތީ، ވަގުތުކޮޅެއް ދެއްވީތީ، އަޅުގަނޑުމެން ޕްރޮގްރާމްގެ ފަރާތުން ނިހާޔަތަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އެހުންތެރިންނާއި، އަދި އަޅުގަނޑުމެންގެ އެޗް.އެފް.އެމްގެ ޓީމްގެ ނަމުގައާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ރައީސް މައުމޫނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އެހެންވީމާ، މިހާހިސާބުން މިރޭގެ ޕްރޮގްރާމް އަޅުގަނޑުމެން ނިންމާލާނީ.
 
والسّـلام عليـكم ورحمـة اللّـه وبـركاتـه.