بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين،  وَالصّـلاة وَالسّلام علـى أشرف المرسليـن. سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين. 

އާދެ! މިތަނަށް ވަޑައިގެން ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައި މަރްޙަބާ ދަންނަވަން. ތިޔަ ބޭފުޅުންނަކީ، ސަރުކާރުގެ ޚިދްމަތުގައި ކޮން ފެންވަރެއްގައި ތިއްބެވި ބޭފުޅުންކަން ދެންމެ އެގްޒެކެޓިވް ސެކްރެޓަރީ ޑޮކްޓަރ އަޙްމަދު ޝަރީފްގެ ވާހަކަފުޅުގައި ބަޔާންކޮށްދެއްވައިފި.  

އަޅުގަނޑު މި ބައްދަލުކޮށްލީ ވަރަށް މުހިންމު ބޭނުމަކު. އެއީ ތިޔަބޭފުޅުން އައްސަވާފައި އޮތްކަމެއް ނޭނގެ. އެހެން ނަމަވެސް، އަޅުގަނޑަށް އިވިފައިވާ ގޮތުގައި، މިއަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އަޅުގަނޑު މިމަގާމަކު ނުހުންނާނެ. އެހެންވީމާ، އަޅުގަނޑު މިތަނުން އެބަ ބަދަލުވާންޖެހޭ. ދަންނަވާލަން ބޭނުންވަނީ، މިބަދަލުވުމުގައި ތިޔަބޭފުޅުން ކަންތައް ކުރައްވަންޖެހޭނީ ކިހިނެއްތޯ؟ ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދޭނެ. ތިޔަބޭފުޅުންނަކީ ސިޔާސީ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ސަރުކާރުގައި ސިވިލް ސަރވިސް ޤާނޫނުގެ ދަށުން ސިވިލް ސަރވިސްގެ މަގާމުތަކުގައި ތިއްބެވި ވަރަށްގިނަ ޢަދަދެއްގެ މުވައްޒަފުން އެބަތިއްބެވި. އެހެން ނަމަވެސް، ގާނޫނުއަސާސީ ފާސްވުމާ ގުޅިގެން، އެޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން، އޭގައި މިއޮންނަނީ ”ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން ޢައްޔަން ކުރުމާއި، އެމަގާމުތަކުން މީހުން ވަކިކުރުމާއި، އެމީހުންގެ އިސްތިޢުފާ ގަބޫލުކުރުން، އެއީ ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް“ ކަމުގައި.

އެހެންވީމާ، މިކަމަށް ރިޢާޔަތްކޮށް، އަޅުގަނޑު 7 އޯގަސްޓް ދުވަހު ޤަރާރެއް ނެރުނިން. އެއީ 2008 ވަނަ އަހަރުގެ 9 ނަންބަރު ޤަރާރު. އޭގައި ބުނެފައި މިއޮންނަނީ، ”ސީނިއަރ މިނިސްޓަރުންނާއި، އެ ފެންވަރުގެ މަގާމުތަކާއި، މިނިސްޓަރުން ފެންވަރުގެ މަގާމުތަކާއި، ސްޓޭޓް މިނިސްޓަރުންނާއި، ވަޒީރުންގެ ނައިބުންނާއި، ދައުލަތުގެ އެފެންވަރުގެ އެހެން މަގާމުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމާއި، އަތޮޅުވެރިޔާގެ މަގާމާއި، ބޭރު ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ ނައިބުގެ މަގާމާއި، އަތޮޅުވެރިޔާގެ ނައިބުގެ މަގާމާއި، މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމާއި، މިނިސްޓަރުގެ ޕޮލިޓިކަލް އެސިސްޓެންޓްގެ މަގާމާއި، މިނިސްޓަރުގެ ޕޮލިޓިކަލް ސެކްރެޓަރީގެ މަގާމާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ތަރުޖަމާނުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސަރވިސް ޑިވިޜަނާއި، ޕަބްލިކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ މަގާމުތަކާއި، ރިޔާސީ ގަނޑުވަރުގެ މަގާމުތަކަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ޢައްޔަން ކުރެވޭ މަގާމުތަކެއް ކަމުގައި ކަނޑައަޅައިފީމެވެ.“

 އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ތިއްބެވީ މިދެންނެވި އުޞޫލުން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ޢައްޔަން ކުރެވިފައިވާ ބޭފުޅުންގެ ގޮތުގައި. ތިޔަބޭފުޅުންނަކީ، ސިޔާސީ މަގާމުތަކެއްގައި ތިއްބަވާ ބޭފުޅުން ކަމަށްވާތީ، ދުނިޔޭގެ އެހެން ތަންތާނގައި ކޮންވެންޝަން ނުވަތަ ޢަމަލުކުރާ އުޞޫލު އޮންނަ ގޮތަށް ބަލާއިރު، އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ، ސަރުކާރު ބަދަލުވީމާ، ބަދަލުވާ ބޭފުޅުން. ބައެއް ތަންތާނގައި ޢަމަލުކުރާ ގޮތަކީ، މިގޮތަށް ސަރުކާރު ހިންގާ މީހާ ނުވަތަ އެ ޕާޓީގެ ލީޑަރ ސިޔާސީ މަގާމުތަކަށް ޢައްޔަންކޮށްފައި ތިއްބަވާ ބޭފުޅުންނަކީ،  އެ ޢައްޔަންކުރި މީހާ ބަދަލުވީމާ، ނުވަތަ ބަދަލުވުމުގެ ކުރިން މަގާމުތަކުން އިސްތިޢުފާ ދެއްވާ ބޭފުޅުން. ނޫނީ އެމަގާމު އެބޭފުޅުންނަށް އެރުވި މީހާ، އެބޭފުޅުން އެމަގާމުން ވަކިކުރާ ބޭފުޅުން. އެހެންވީމާ، މީގައި އެބައޮތް ދެތިންގޮތެއް. އެއްގޮތަކީ، އަޅުގަނޑު މި މަގާމުން ބަދަލުވުމާ އެކީގައި ނުވަތަ އޭގެކުރިން ތިޔަބޭފުޅުން އިސްތިޢުފާ ދެއްވުން. އަނެއްގޮތަކީ، އަޅުގަނޑު މި މަގާމުން ވަކިވުމުގެ ކުރިން ތިޔަބޭފުޅުން އަޅުގަނޑު ތިޔަބޭފުޅުންގެ މަގާމުތަކުން ވަކިކުރުން. ތިންވަނަ ގޮތަކީ، މިދެގޮތުންކުރެ ގޮތަކަށް ޢަމަލުނުކުރައްވައި ތިއްބެވުން. 

ދެން އަޅުގަނޑު މިކަމާ ދޭތެރޭގައި ވިސްނާލާއިރު ހިތަށްއެރީ، މިހާރު މި ޤަރާރުގެ ދަށުން ޢައްޔަން ކުރެވިފައި ތިއްބެވި ބޭފުޅުންގެ ޢަދަދު ވަރަށްގިނަ. އަދި އޭގެތެރޭގައި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންވެސް އެބަ ހިމެނޭ. ސީނިއަރ މިނިސްޓަރުން ހިމެނޭ. މިނިސްޓަރުން ހިމެނޭ. މިނިސްޓަރުން ފެންވަރުގެ ބޭފުޅުން. ސްޓޭޓް މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން. ނައިބުން. ނައިބުން ފެންވަރުގެ ބޭފުޅުން. އަތޮޅުވެރިން. އަތޮޅުވެރިޔާގެ ނައިބާއި  މުޢާވިނާ މިބޭފުޅުން. މިހެންގޮސް ވަރަށްގިނަ މުހިންމު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެބަ ހިމެނޭ. މިހުރިހާ ބޭފުޅުން އެއްފަހަރާ އިސްތިޢުފާ ދެއްވައިފިއްޔާ ނުވަތަ އަޅުގަނޑު އެހުރިހާ ބޭފުޅުން އެއްފަހަރާ މަގާމުން ވަކިކޮށްފިއްޔާ، ދެން އަންނަ ސަރުކާރަކަށް، ސަރުކާރު ހިންގުމުގައި ދަތިވެދާނެ. ވަރަށްގިނަ މަގާމުތަކެއް އެއްފަހަރާ ހުސްވާގޮތަށް ދިމާވީމާ، ސަރުކާރުން ކުރާ މަސައްކަތްތަކަށް، ރައްޔިތުންނަށް ދެއްވާ ޚިދްމަތްތަކަށް ހުރަސްއެޅޭގޮތް ވެދާނެ. އެހެން އަޅުގަނޑު ހިތަށްއެރީ.  

އެހެންވީމާ، އަޅުގަނޑު މިކަމާ ދޭތެރޭގައި ވިސްނާލާފައި ހިތަށް ފެންނަ ގޮތަކީ، ރަނގަޅުވާނީ، ތިޔަބޭފުޅުން މަގާމުތަކުގައި ތިއްބެވުމޭ. އެހެން ނޫނިއްޔާ އަޅުގަނޑު މިކުރާ ކަމަކީ، ތިޔަ ހުރިހާ ބޭފުޅުން މަގާމުން ވަކިކުރީމާ، ތިޔަބޭފުޅުން ގިނިކަންޏާއެއް ނޫން. މިތަނަށް އަދި ވަޑައިގެންނެވީ މިއަދު އޭގެތެރެއިން ބައެއް ބޭފުޅުން. އަދި ވަރަށްގިނަ ބޭފުޅުން ވަޑައިނުގަންނަވާ އެބަތިއްބެވި. އޭގެތެރޭގައި އަތޮޅުވެރިންތައްވެސް އުޅުއްވާނެ. އަދި ރާއްޖެއިން ބޭރުގައި ތިއްބަވާ ސަފީރުންނާއި، ސީނިއަރ މިނިސްޓަރުންނާ މިހެންގޮސް ވަރަށްގިނަ ބޭފުޅުން އެބަތިއްބެވި. އެހެންވީމާ، މިހުރިހާ ބޭފުޅުން އެއްފަހަރާ ސަރުކާރުން ވަކިވެވަޑައިގެންފިއްޔާ، އަންނަން އޮތް ސަރުކާރަކަށް ސަރުކާރު ހިންގުމުގައި ކޮންމެވެސްވަރެއްގެ ދަތިތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ.  

އެހެން އަޅުގަނޑު ހަދައިފީވިއްޔާ، އެހެން ގޮތަކަށްވެސް މާނަ ކުރެވިދާނެ. އެއީ ދެން ވަޑައިގަންނަވާ ބޭފުޅަކަށް ކޮންމެވެސް ކަހަލަ ދަތިތަކެއް އަޅުގަނޑު ކުރިމަތިކުރަނީއޭ. އެހެން ބައެއް މީހުންގެ ހިތަށްއަރާގޮތް ވެދާނެ. އެކަމަކު މިއީކީ އަޅުގަނޑު ބޭނުންގޮތެއް ނޫން. އެގޮތް ހަދާކަށްވެސް ބޭނުމެއް ނޫން. އަދި އެހެން ނުވެސް ހަދާނަން. އަޅުގަނޑު ބޭނުންވަނީ، ވީހާ އޮމާންކަމާއެކީގައި ސަރުކާރު ބަދަލުވެގެން ދިޔުން. އަޅުގަނޑު މިމަހުގެ 10ގެ ނިޔަލަށް މިމަގާމުން ވަކިވީމާ، 11 ނޮވެމްބަރުގައި މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބު ކުރެވިފައިވާ އަލްފާޟިލް މުޙަންމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޙަވާލުވެވަޑައިގަންނަވާނެ. ޙަވާލުވެވަޑައިގަންނަވާއިރުން ފެށިގެންވެސް އޭނާ ބޭނުންފުޅުގޮތަކަށް ކަންތައް ކުރެއްވުމަށް މަގުފަހިވެފައި އޮތުމަކީ، ފަހަރެއްގައި ވަރަށް ރަނގަޅު ގޮތަކަށް ވެދާނެ ކަމަށް އަޅުގަނޑަށް ހީވޭ.  

އަޅުގަނޑު ހިތަށް އަރައިގެން މިއުޅެނީ، މި އިޚްތިޔާރު ތިޔަބޭފުޅުންނަށް އަރުވާނީއޭ. ތިޔަބޭފުޅުންގެ މަގާމުތަކުން ވަކިކުރާކަށް އަޅުގަނޑު ނެތީމޭ. އެހެން ނަމަވެސް، ތިޔަބޭފުޅުން އަމިއްލަފުޅަށް އިޚްތިޔާރު ކުރައްވާފައި، ތިޔައިގެ ތެރެއިން ކޮންމެވެސް ސަބަބަކާހުރެ ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅަކުނަމަ، ވަކިވެވަޑައިގަންނަވާނީ. ނުވަތަ މަގާމުގައި ތިއްބަވާނީ. ތިއްބަވާފައި ނޮވެމްބަރު 11ގައި އާ ރައީސް، ރައީސްކަމާ ޙަވާލުވެވަޑައިގެންފައި، ދެން އެމަނިކުފާނު ޢަމަލުކުރައްވާނެ ގޮތަކަށް ތިޔަބޭފުޅުން ދޫކޮށްލައްވާނީ. ފަހަރެއްގައި ތިޔަބޭފުޅުންގެ ބޭނުންފުޅު އޭނާ ހިއްޕެވުން އެކަށީގެންވޭ. ނުވަތަ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ބޭނުން ހިއްޕެވުން އެކަށީގެންވޭ. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކީ، ގިނަދުވަހު ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ، ތަޖުރިބާހުރި، ކަމަށް ޤާބިލު ބޭފުޅުން ކަމަށްވާތީ. އަދި ފަހުން ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައިވެސް ހަމަ މިދެންނެވި ޤާބިލު ބޭފުޅުންތަކެއް ތިޔަ ތިއްބެވީ.

ތިޔަބޭފުޅުންގެ ޚިދްމަތުގެ ބޭނުން، އަންނަން އޮތް ސަރުކާރަކުން ކުރެއްވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑު ހިތަށް ފެންނަ ގޮތަކީ މިހެން ހެދުމޭ އެންމެ ރަނގަޅީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ވަކިއެއްޗެއް ނުދަންނަވާނަމޭ. އަޅުގަނޑު ތިޔަބޭފުޅުން ވަތްކެއް ނުކުރާނަމޭ. އަދި ވަކިވެވަޑައިގަންނަވާށެކޭވެސް ނުދަންނަވާނަމޭ. ދެން އެދުވަސް އައީމަ، ތިޔައިން ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު ޢަމަލުކުރައްވަން ބޭނުންފުޅުވާ ގޮތަކަށް ޢަމަލު ކުރައްވާށޭ. އިސްތިޢުފާ ދެއްވުން. ނުވަތަ ސަރުކާރުގެ މަގާމުގައި ދެމިތިއްބެވުން. ދެން ކުރިއަށް އޮތް ތާނގައި އެވަޑައިގަންނަވާ ރައީސަކު ތިޔަބޭފުޅުންގެ މަގާމު ހަމަޖައްސަވާ ގޮތަކަށް ހަމަޖެއްސެވުމުގެ ފުރްޞަތު އޭރުން އެބޭފުޅަކަށް އޮންނާނެ.

އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިވާހަކަ މިގޮތަށް ދަންނަވާލާނަމޭ. ދަންނަވާލާފައި ތިޔަބޭފުޅުންނަށް މި އިޚްތިޔާރު އަރުވާފައި، މިހެންކަން މިކަން އޮތީ ދަންނަވާލާނަމޭ. އެ ބޭނުމުގައި އަޅުގަނޑު މިއަދު މިބައްދަލުވުން މިބޭއްވީ. އެހެންވީމާ، މިކަމާ ބެހޭގޮތުން އެއްވެސް ބޭފުޅަކު ސުވާލެއް އައްސަވަން ބޭނުންފުޅިއްޔާ އަޅުގަނޑު އެފުރްޞަތު އަރުވާނަން.

          والسّـلام عليـكم ورحمـة اللّـه وبـركاتـه.