بسم اللّه الرّحـمٰـن الـرّحيـم
 
                             اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى رسوله الأمين.
 
             ދިވެހިރާއްޖޭގެ ލޮބުވެތި، އެކުވެރި ރައްޔިތުން:
 
            السّـلام عليـكم ورحمـة اللّـه وبـركاتـه.
 
             ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުވެރި މަޤާމުގައި ހުރެގެން ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ވޭތުވެދިޔަ 30 އަހަރު ޚިދްމަތް ކުރުމުގެ މަތިވެރި ތައުފީޤާއި މަދަދާއި ސާބިތުކަން ދެއްވިކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ حضرة އަށް ނުހަނު މަޑުމޮޅިކަމާއި ޚުޝޫޢަވެރިކަމާއެކު، ޙަމްދާއި ޝުކުރު ދަންނަވަން. އަދި އެ ޙަމްދާއި ޝުކުރު ތަކުރާރުކޮށް ފަށްފަށްކުރަން.
 
            އެންމެ ފުރަތަމަ 1978 ވަނަ އަހަރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އަޅުގަނޑު އިންތިޚާބު ކޮށްދެއްވީ، ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ ވަރަށް މަތީ އަޣްލަބިއްޔަތަކުން. އޭގެފަހުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ 6 ދައުރު، ވިދިވިދިގެން، ފުރިހަމަކުރުމަށް ފުރުޞަތު ދެއްވީވެސް، ހަމަ ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ ވަރަށް މަތީ އަޣްލަބިއްޔަތަކުން.
 
           އެހެންކަމުން، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ދޫކޮށް، މިއޮފީހުން ނުކުތުމަށް އަޅުގަނޑު ތައްޔާރުވަމުންދާއިރު، މި މަޤާމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ދެއްވި މަތިވެރި ތާއީދާއި އެއްބާރުލެއްވުމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރު ދަންނަވަން.
 
          ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ދެއްވި ލޯތްބަށާއި ޤަދަރަށާއި ޝަރަފަށްޓަކައި، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
          ރިޔާސީ 6 ދައުރު ނުހަނު ކާމިޔާބުކަމާއެކު އަޅުގަނޑަށް ފުރިހަމަކުރެވިފައިމިވަނީ، މާތްﷲގެ ވާގިފުޅާއި ތައުފީޤާއެކު، ވަރަށް ގިނަ އިޚްލާޞްތެރި ބޭފުޅުންތަކެއް އަޅުގަނޑާއެކު މަސައްކަތް ކޮށްދެއްވިކަމުން. ޤައުމަށް ޚިދްމަތް ކުރުމުގައި، ގިނަ ބޭފުޅުންތަކެއް ވަފާތެރިކަމާއެކު އަޅުގަނޑަށް އެހީތެރިވެދެއްވިކަމުން.
 
           އެހެންކަމުން، އެކި މުއްދަތުގައި، އަޅުގަނޑުގެ ވަޒީރުންގެ ގޮތުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ދައުލަތުގެ އެހެނިހެން އިސް މަޤާމުތަކުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
          ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ގޮތުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ދިވެހި ސަރުކާރުގެ އޮފީސް އޮފީހުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
         ދިވެހި ދައުލަތުގެ ކުންފުނިތަކުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ދިވެހި ސަރުކާރަށާއި އަޅުގަނޑަށް ލަފައާއި މަދަދާއި އިރުޝާދު ދެއްވި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
         އޭގެތެރެއިން، ދުނިޔޭގައި ތިއްބެވި ބޭފުޅުންނަށް ހުރިހާވެސް އުފަލަކަށް އެދެން. ދުނިޔެއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނަށް ހުރިހާވެސް ރަޙްމަތަކަށް އެދެން.
 
         ލޮބުވެތި ދިވެހި ރައްޔިތުން:
 
         މާދަމާ ދިވެހި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން، ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންނާ އެހެން ބޭފުޅަކު ބައްދަލުކުރައްވާނެ. ޤައުމާ މުޚާޠަބު ކުރައްވާނެ. ކުރިއަށް އޮތް ތާނގައި ޤައުމުގެ މިސްރާބު އޮންނާނެގޮތުގެ ތަޞައްވުރެއް ދެއްވާނެ.
 
        މާދަމާ ޤައުމާ އެ ޙަވާލުވެވަޑައިގަންނަވަނީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަފަހަރަށް ބޭއްވުނު ގިނަ ޕާޓީތައް ވާދަކުރި ރިޔާސީ އިންތިޚާބުން ތާރީޚީ ކާމިޔާބީއެއް ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަޤާމާ ޙަވާލުވެވަޑައިގަންނަވާ ވެރިޔެއް. 
 
        ތިޔައިން ހަމަ ކޮންމެ ބޭފުޅެކޭ އެއްފަދައިން، އަޅުގަނޑުވެސް، އަޅުގަނޑުމެންގެ ޤައުމުގެ މާދަމާގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދަށް، ހުރިހާވެސް ހެޔޮއެދުމަކާއި ހުރިހާވެސް ތަހުނިޔާއެއް ފޮނުވައި، ހުރިހާވެސް ކާމިޔާބީއަކަށާއި ހުރިހާވެސް ފާގަތިކަމަކަށް އެދެން.
 
       ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، އަޅުގަނޑަށް ތާއީދުކުރެއްވި ވަރަށްގިނަ އަދަދެއްގެ ދިވެހި ރައްޔިތުން، އަދިވެސް ތިއްބެވީ ހިތާމަޔާއި މާޔޫސްކަމުގައިކަން އަޅުގަނޑަށް އެނގޭ. ލޮލުން ކަރުނަ ހިލިފައިކަން އަޅުގަނޑަށް އެނގޭ. ވޭތުވެދިޔަ ތިންހަތަރު ދުވަހު އަޅުގަނޑާ ސަލާން ކޮށްލެއްވުމަށް ވަޑައިގެންނެވި އަދި އެނޫން ގޮތްގޮތުން ބައްދަލުކޮށްލެއްވި އެތައްހާސް ދިވެހި ރައްޔިތުންނެއްގެ ލޯފުޅުތަކުންނާއި މޫނުފުޅުތަކުން މިކަން ރަނގަޅަށް އެނގިގެންދިޔަ.
 
       އެހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން އޮތް ވާހަކައަކީ، ވަރަށް ސާފުސީދާ ވާހަކައެއް.
 
       ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، އެކަމަށް އިޙްތިރާމްކޮށް، ކާމިޔާބީ ހޯއްދެވި ފަރާތަށް މަރުޙަބާ ދަންނަވައި، ސަރުކާރާ ޙަވާލުވެވަޑައިގެން ސަރުކާރު ހިންގެވުމުގެ ފުރުޞަތު އެމަނިކުފާނަށް އެރުވުމަކީ، ދީމުޤްރާތީ އުސޫލު ނިޔާކުރާ ގޮތުގެ މަތިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް.
 
      ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ނުލިބުމުން، ދެރަވުމަށްވުރެ ބޮޑަށް އިސްކުރަންޖެހޭނީ، ޤައުމަށްޓަކައި އޮތް ލޯބި. ޤައުމުގެ ޑިމޮކްރަސީއަށް ކުރާ އިޙްތިރާމް.
 
      ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދެފަރާތުން ކިތަންމެ ޙަމަލާތަކެއް ބަދަލުކުރިނަމަވެސް ޖޯޝާއި ފޯރި ކިތަންމެ ގަދަވެގެންދިޔަނަމަވެސް، އަޅުގަނޑުމެން ދިވެހިން ދައްކަންވާނެ ނަމޫނާއަކީ، ޤައުމު ބައިބައިވުމުން ސަލާމަތްކޮށް، ވެފައިވާ ޒަޚަމްތަކަށް އަވަސް ޝިފާއެއް ހޯދުން.
 
      ދިވެހިންގެ ޑިމޮކްރަސީއަކީ، ދިވެހިން ފަޚުރުވެރިވާ ޑިމޮކްރަސީއަކަށް ހެދުން. ދިވެހި ޤައުމަކީ، ޞުލްޙަވެރިކަމާއެކު، އެއް ސަރުކާރަކުން އަނެއް ސަރުކާރަކަށް ބާރުތައް ބަދަލުވާ ޤައުމަކަށްވުން.
 
      އިންތިޚާބުތަކުގައި ސިޔާސީ ފިކުރު ބައިބައިވިޔަސް، އިންތިޚާބުތައް ނިމުމުން، އެއް ވެރިޔެއްގެ ފަހަތުގައި، ދިވެހި ސަފުތައް ރުކުރުވާލުން.
 
      ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި ތިބުން. މީހުންނަށް އަމާޒު ކުރުމުގެ ބަދަލުގައި ޤައުމަށް އަމާޒު ކުރުން.
 
      ލޮބުވެތި ދިވެހި ރައްޔިތުން:
 
      އަޅުގަނޑު މިމަޤާމުގައި ހުރެގެން ދިވެހި ރައްޔިތުންނާއެކު މިކުރި ތާރީޚީ ދިގު ދަތުރުގައި، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް މިވަނީ ކާމިޔާބުކަމާއެކު ކުރެވިފައި.
 
      އަޅުގަނޑު މިމަޤާމު ދޫކޮށްފައި މިދާ ދިވެހިރާއްޖެއަކީ، އަޅުގަނޑު މި ޤައުމުގެ ކަންތަކާ ހަވާލުވިއިރު އޮތް ވަރަށް ވުރެ މާ ކުރިއަރާފައިވާ، މާބޮޑަށް ތަރައްޤީވެފައިވާ، މާ ފުދުންތެރި ޤައުމެއް.
 
      ދިވެހިރާއްޖެއަކީ، ދުނިޔޭގެ މަދު މީހަކު ނޫނީ ނުދަންނަ، ފަޤީރު، ނިކަމެތި ޤައުމެއްގެ ގޮތުގައި އެތައް ސަތޭކަ އަހަރަކު އޮތުމަށްފަހު، މިހާރު ރާއްޖެއަކީ ދުނިޔޭގެ މަދު މީހަކު ނޫނީ ދަންނަ، މުޅި ދުނިޔޭގެ ތާރީފު ލިބެމުން އަންނަ ޤައުމެއް.
 
       މިތާރީޚީ ދިގު ދަތުރުގައި، އަޅުގަނޑުމެންނަށް ހާސިލު ކުރެވިފައިވާ އިތުރު ގިނަ ކާމިޔާބީތަކެއް އެބަހުރި.
 
       ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ޙިމާޔަތް ކުރުން.
 
       ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަ ކުރުން. ދިވެހިންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު އިތުރު ކުރުން.
 
       މިސްކިތްތައް ބިނާކުރުން. ސްކޫލްތައް ގާއިމުކުރުން. އޮފީސްތައް އުފެއްދުން. އަސާސީ ތަޢްލީމު ލިބިދިނުން. އިބްތިދާއީ ތަޢްލީމު ޢާންމު ކުރުން. މެދު މަދުރަސީ ތަޢްލީމާއި ސާނަވީ ތަޢްލީމު ހިންގުން. މަތީ ތަޢްލީމުގެ ބިންގާތައް އެޅުން.
 
       ދިވެހި އަންހެނުންގެ ޤަދަރު އުފުލި، ޤައުމު ބިނާކުރުމުގައި އަންހެނުންގެ ފުރިހަމަ ހިއްސާ ލިބުން. ދިވެހި ޒުވާނުންނަށް ތަޢްލީމާއި، ވަޒީފާއާއި، އެމީހަކު ބޭނުންވާ ރޮނގަކުން ކުރިޔަށް ދިޔުމުގެ ފުރްޞަތު ހޯދައިދިނުން.
 
       ޞިއްޙީ ޚިދްމަތްތައް ކުރިއަރުވައި، އާ ޚިދްމަތްތައް ތަޢާރުފުކުރުން. އިޤްތިޞާދީ ގޮތުން ޙަރަކާތްތެރިކަން އުފެއްދުން. މަސްވެރިކަމުގެ އާ ޖީލުތަކެއް އުފަންކުރުން.
 
       ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާކޮށް ތަރައްޤީ ކުރުން. ފަތުރުވެރިކަމުގެ ގޮތުން މުޅި ދުނިޔޭގެ އެންމެ މަޤްބޫލު އެންމެ ހިތްގައިމު އެއް މަންޒިލް ކަމުގައި ރާއްޖެ ހެދުން.
 
       ދަނޑުވެރިކަން، އޭގެ ރަނގަޅުގޮތުގައި ހިންގައި ކުރިއެރުވުން. ކަނޑާއި ވައިގެ ދަތުރުތައް ތަރައްޤީ ކުރުން. ޢިލްމު ލިބިފައިވާ، ހޭލުންތެރި، މަޢްލޫމާތުގެ އަހުލުވެރި ބަޔަކަށް ދިވެހިން ހެދުން.
 
       ރާއްޖޭގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ޤާއިމްކުރުން. ރާއްޖެ ދުނިޔެއަށް ހުޅުވާލުން. އަޅުގަނޑުމެންގެ ރާއްޖެއަށް ދުނިޔެ ޝައުޤުވެރި ކުރުވުން.
 
       ކެރިގެން ކަންކަމާ ކުރިމަތިލާ ޒުވާނުންނަށް، އެމީހުންގެ އުންމީދުތައް ޙާޞިލުކޮށްދެވޭފަދަ ފުރުޞަތު ހުރި ޤައުމަކަށް މި ޤައުމު ހަދައިދިނުން.
 
       މާތްﷲގެ ވާގިފުޅާއެކު، އަދި ތިޔަ ލޮބުވެތި ރައްޔިތުންގެ ދީލަތި މަދަދާއެކު، ވޭތުވެދިޔަ އަހަރުތަކުގައި ހަރުދަނާ ސިޔާސަތުތަކެއްވަނީ ހިންގިފައި. ގިނަ މައްސަލަތަކެއް ވަނީ ޙައްލުކުރެވިފައި. ގިނަ ކަންތައްތަކެއްވަނީ ކާމިޔާބު ކުރެވިފައި.
 
      ޤައުމު މުޅިން ބަދަލުވެގެންދިޔަ. ޤައުމަށް ޙަރަކާތްތެރިކަން އައި. މީހުންގެ އުންމީދުތައް އުފުލުނު. ވަރަށްގިނަ އުންމީދުތަކެއް ޙާޞިލު ކުރެވުނު. އެހާމެ ގިނަ ހުވަފެންތަކެއް ޙަޤީޤަތަކަށް ވެގެންދިޔަ.
 
      އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ ނުކުމެ، ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ބަދަލުވުމުގެ ފަޚުރު ލިބުނު.
 
      ކުރުކޮށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ޙާލަތާއި ވަސީލަތްތައް ތަންދިން އެންމެމަތީ މިންވަރުން ހާސިލު ކުރެވެން ހުރި ތަރައްޤީގެ އެންމެ ކުލަގަދަ އުސްމިންތައް މިވަނީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ހާސިލުކުރެވިފައި. 
 
       ތިޔަ ލޮބުވެތި ރައްޔިތުންގެ އުންމީދުތަކާ އެއްމިންވަރަށް އަޅުގަނޑަށް ކޮށްދެވުނު ކަންކަން އެކޮށްދެވުނީ، ﷲގެ ތައުފީޤާ، އަދި އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ބޭފުޅުންގެ އިޚްލާޞްތެރި މަސައްކަތްޕުޅާއި، ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުމުގެ ނަތީޖާއެއްގެ ގޮތުން.
 
      ޤައުމަށް އާމްދަނީ ލިބޭ ވަސީލަތްތައް އަޅުގަނޑުމެން ބޭނުންވިވަރަށް އިތުރުވެގެން ނުދިޔަ ނަމަވެސް، ރައްޔިތުންގެ އުންމީދުތަކާއި ބޭނުންތައް ދުވަހުން ދުވަހަށް އިތުރުވެގެން ދިޔަ.
 
      އެހެންކަމުން، ޤައުމުގެ ކަންކަމަށް އިސްކަންދޭ ތަރުތީބުތަކެއް ކަނޑައަޅަން ޖެހުނު. ޤައުމުގެ އާމްދަނީގެ ކޮންމެ ރުފިޔާއެއްވެސް އެތައް ބަޔަކަށް ބައިކޮށްގެން، ރައްޔިތުންގެ އެދުންތަކާ އެއްހަމައަށް ކަންކަން ފުއްދައިދެވޭތޯ އަޅުގަނޑު ބެލިން. މިކަން ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.
 
      ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަޅުގަނޑު ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ، ސޮއިކުރި ކޮންމެ ލިޔުމެއް ސޮއިކޮށްފައިވާނީ، ތަޞްދީޤު ކުރި ކޮންމެ ޤާނޫނެއް ތަޞްދީޤު ކޮށްފައިވާނީ، ތަޢާރުފުކުރި ކޮންމެ ސިޔާސަތެއް ތަޢާރުފު ކޮށްފައިވާނީ، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ބިނާކުރަމުން ގެންދިޔުމުގެ ވިސްނުމުގައި.
 
      ޤައުމުގެ އެންމެމަތީ މަޞްލަޙަތުތައް ޙިމާޔަތްވެ އޮތުމުގެ ވިސްނުމުގައި. ޤައުމުގެ ކުރިމަގު އުންމީދީ ކުރުމުގެ ވިސްނުމުގައި. އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ ވިސްނުމުގައި. ޤައުމުގެ ބަދަހިކަން ދެމެހެއްޓުމުގެ ވިސްނުމުގައި.
 
     މިކަންކަން މިހެން ކުރުމަށް ކިތަންމެ ބޮޑަކަށް މަސައްކަތްކުރި ނަމަވެސް، އަޅުގަނޑު ކަނޑައެޅި ސިޔާސަތަކުން، އަޅުގަނޑު ނިންމި ނިންމުމަކުން، ނުވަތަ ބަލަންވީ ވަރަށް އަޅުގަނޑަށް ނުބެލިގެން، އެއްވެސް ދިވެހި ރައްޔިތަކަށް ދެރައެއް، ހިތްދަތިކަމެއް، ވޭނެއް ނުޙައްޤު ގޮތުގައި ތަޙައްމުލު ކުރައްވަން ޖެހިވަޑައިގެންފައިވާނަމަ، އެކަމަށްޓަކައި އަޅުގަނޑު ހިތާމަކުރަން. އަދި އެފަދަ ކަމެއް އެއްވެސް ރައްޔިތަކަށް ދިމާވެފައިވާނަމަ، ދިމާވި ރައްޔިތެއްގެ އަރިހުން އަޅުގަނޑު ދީލަތި މަޢާފަކަށް އެދެން.
 
     ލޮބުވެތި ދިވެހި ރައްޔިތުން:
 
      މިއަދު އަޅުގަނޑުމެން މިދެކޭ ދީމުޤްރާޠީ ހުޅުވާލުމާއި އިޞްލާޙުތަކަކީ، ޤައުމު ބިނާކުރުމުގައި ޤާއިމުކުރެވުނު ވަރަށް އުސް ތަނބެއްގެ ގޮތުގައި ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
 
      ޢިލްމީ މުޖްތަމަޢެއް އުފަންވެ، އިޖްތިމާޢީ ހޭލުންތެރިކަން އަށަގަނެ، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވުމުން، ދީމުޤްރާޠީ އިޞްލާޙުތަކާއި ސިޔާސީ އިޞްލާޙުތަކަކީ، ދެން އެންމެ ބޭނުންވާނެ ދާއިރާ ކަމުގައި ބަލައި، އެ ދާއިރާ އަޅުގަނޑު ޙަރަކާތްތެރި ކުރުވިން.
 
      އަދި އެ ދާއިރާއިން މާތްﷲގެ ވާގިފުޅާއެކު ވަރަށްބޮޑު ބައެއް މިވަނީ ކާމިޔާބު ކުރެވިފައި. ކަން ދިމާވިގޮތުން، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވާން މިޖެހުނީ، އެ މަސައްކަތްތައް އަދި މުޅިން ނުނިމި ވަނިކޮށް.
 
      އެހެން ނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، ދިވެހިންގެ އާ ޒަޢާމަތުގައި، އެ ކަންތައްތައް ރައްޔިތުންނަށް ޙާޞިލުވެގެން ދިޔުން.
 
      ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޝަރީޢަތް ހިންގުމުގެ ބާރު މުޅިން ވަކިވެފައި އޮތުން.
 
      ޤާއިމުވެފައިވާ މިނިވަން މުއައްސަސާތައް ހަރުދަނާވުން. އެ މުއައްސަސާތަކަކީ، ދިވެހި ރައްޔިތުންގެ ދިފާޢުގައި މަސައްކަތްކުރާ ޒިންމާދާރު މުއައްސަސާތަކެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔުން.
 
      ލޮބުވެތި ދިވެހި ރައްޔިތުން:
 
      މިއަދު މިތާ ހުއްޓި ތިޔަ ލޮބުވެތި ރައްޔިތުންނާ މުޚާޠަބު ކުރާއިރު، ރާއްޖޭގެ ކުރިމަގާމެދު އަޅުގަނޑަށް ކުރެވޭ އުންމީދުތައް ވަރަށް ގިނަ.
 
      ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ރައްކާތެރިވެފައި އޮތުން. ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މި ލޮބުވެތި ޤައުމު އަބަދުމެ އޮތުން. ދިވެހި ވަޠަނުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްވެފައި އޮތުން. ބަދަހި ގުޅުމަކުން ދިވެހި ޢާއިލާތައް އަބަދުވެސް ގުޅިފައި އޮތުން. ޢިލްމީ ގޮތުން ކުރިއަރައި ދިޔުން. ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަމާއި ދިވެހިންގެ މާލީ ތަނަވަސްކަން އިތުރުވެގެން ދިޔުން. ދިވެހިންގެ ވަޙުދަތާއި އެއްބައިވަންތަކަމަށް ލޮޅުމެއް ނޭރުން. ލޭ އޮހޮރުވުމެއް ޤައުމުގައި އަމުދުން ނެތުން.
 
     ޚިޔާލާއި ފިކުރުގެ ތަފާތުތައް، ޑިމޮކްރަސީގެ ރިވެތި އުޞޫލުން ތަޙައްމުލު ކުރުމުގެ ކުޅަދާނަކަން ލިބުން. ތަފާތު ވިސްނުމާއި ތަފާތު ފިކުރާއެކުވެސް އެކުއުޅެން ދަސްވުން. އާ ކަންކަމަށާއި އާ މީހުންނަށް މަރްޙަބާ ކިޔައި، އެކަންކަން، ގަބޫލުކުރަން އެމީހުންނަށް އެނގުން. ކުރީގެ މީހުންނަށާއި ކުރީގެ ކަންކަމަށް އިޙްތިރާމްކޮށް، އެކަންކަމަށް ފަޚުރުވެރިވާން އެމީހުންނަށް ދަސްވުން.
 
    ޞިއްޙަތަށްޓަކައި ކުރާ ކޮންމެ ހޭދައަކީ، ސަރުކާރުން ކޮށްދޭ ހޭދައަކަށް މުޅިން ބަދަލުވެގެން ދިޔުން. ދިވެހި ޤައުމީ ޔުނިވަރސިޓީ އިފްތިތާޙުވެގެން ދިޔުން. ބިޔަ އިންޑިޔާ ކަނޑުގައި އުކާލެވިފައި އޮތް ކުދި ޖަޒީރާ ރަށްތަކެއްގައިވެސް، ކާމިޔާބުކަމާއެކު މުއްސަނދި ޤައުމެއް އާރާސްތުކޮށް، ފާގަތި ރައްޔިތެއް ދިރިއުޅޭ ތަނަކަށް އެތަން ހެދިދާނެކަން ދުނިޔެއަށް ދައްކައިދިނުން.
 
    ރާއްޖޭގައި ޑިމޮކްރަސީގެ ރޫޙު ވަރުގަދަވެގެން ދިޔުން. އިންސާނީ ޙައްޤުތައް ޙިމާޔަތްވެގެން ދިޔުން. ދުނިޔޭގެ ޤަދަރު އަބަދުމެ ރާއްޖެއަށް ލިބެމުން ދިޔުން.
 
    ދުނިޔޭގެ މުސްލިމް ޤައުމުތަކަށް ރާއްޖެ ނަމޫނާ ޑިމޮކްރަސީއަކަށްވުން. ދުނިޔޭގެ ލޮޅުންތަކުން ރާއްޖެ އަބަދުވެސް ސަލާމަތްވެ އޮތުން.
 
     އަޅުގަނޑުމެންގެ ސިޔާސީ ވެރިން މެދުވެރިކޮށް، އަޅުގަނޑުމެންގެ ޤާނޫނުތައް މެދުވެރިކޮށް، އަޅުގަނޑުމެންގެ ހިތްތައް މެދުވެރިކޮށް، އަޅުގަނޑުމެން ހުރިހާ ދިވެހިންނަކީވެސް، ޤަދަރުވެރިކަމާއި އިންޞާފުވެރިކަމާއެކު ދިރިއުޅޭ، ދިވެހިން ދިވެހިންނަށްވާ ސިފަތަކަށް ފަޚުރުވެރިވާ، އެހެންބަޔަކަށް ދުއްތުރާއެއް ގޯނާއެއް ނުކުރާ، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ، ސާބިތުކަމާއެކު ތިބޭ ބަޔެއްގެ ގޮތުގައި ދެމިތިބުން.
 
     އަޅުގަނޑުމެން އެއްތަން ކުރުވައި، އެކަތިގަނޑަކަށް ހަދައިދޭ ކަންކަން، އަޅުގަނޑުމެން ބައިބައިކުރުވާ ނިކަމެތިކުރުވާ ކަންކަމަށްވުރެ ގިނަކަން އަބަދުވެސް ހަނދާންކުރުން.
 
      ލޮބުވެތި ދިވެހި ރައްޔިތުން:   
 
      ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި، އަޅުގަނޑު ދެމިހުރުމުގެ މުއްދަތު ނިމިގެން ދިޔަ ނަމަވެސް، ޤައުމަށް ޚިދްމަތް ކުރުމަށް އޮތް ފުރުޞަތު،  މި ހިސާބުން ނިމުނީ ކަމަކަށް އަޅުގަނޑު ނުދެކެން.
 
       މިމަޤާމުން އަޅުގަނޑު މި ވަކިވަނީ، އަޅުގަނޑު މި މަގާމަށް އައި ދުވަހަށްވުރެ މާ އުންމީދީ ހިތަކާއެކު. ރާއްޖޭގެ އެންމެ ފާގަތި ދުވަސްތައް، އަދި ކުރިއަށް އޮތީ ކަމަށް ގަބޫލު ކުރަމުން.
 
       ދިވެހި ރައްޔިތަކަށްވާތީ، އަޅުގަނޑަށް ލިބިދޭ، ދިވެހި ރައްޔިތެއް ކަމުގެ ލަޤަބަކީ، އަޅުގަނޑުގެ އެންމެ މަތިވެރި އުފާ ކަމުގައި، އަދި އަޅުގަނޑުގެ އެންމެ މަތިވެރި ފަޚުރު ކަމުގައި ގަބޫލު ކުރަމުން.
 
       ޤައުމުގެ ޚިދްމަތުގައި، އަދި ރައްޔިތުންގެ ޚިދްމަތުގައި މާތްﷲގެ ވާގިފުޅާއެކު ދެމިހުރުމުގެ ވަރުގަދަ ޢަޒުމުގައި.
 
      ނިންމާލުމުގެ ކުރިން، ދިވެހި ރައްޔިތުން އަޅުގަނޑަށް ދެއްވި ލޯތްބަށާއި ޤަދަރަށާއި އިޙްތިރާމަށް ތަކުރާރުކޮށް ފަށްފަށުން ޝުކުރު ދަންނަވަން.
 
     އަޅުގަނޑު އަބަދުވެސް ހުންނާނީ، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހި ދަރިއެއްގެ ގޮތުގައި.
 
     މި ލޮބުވެތި ފަސްގަނޑުގައި، މަތިވެރި ދިވެހި ދިދައިގެ ވިހުރުވުން ފެންނަ ހިސާބުގައި، ދިރިއުޅުން ވޭތުކުރުމުގެ އިޚްލާޞްތެރި ޢަޒުމުގައި.
 
     ރައްޔިތުންގެ ހިތްތައް އަޅުގަނޑާމެދު ހެޔޮކުރައްވައިފިނަމަ، އެއީ، އަޅުގަނޑުގެ މަތިވެރި ނަސީބުކަމުގައި ދެކިގެން.
 
     މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާ އަލްފާޟިލް މުޙަންމަދު ނަޝީދަށާއި އެމަނިކުފާނުގެ ސަރުކާރަށް އަޅުގަނޑު ދަންނަވާ އިޚްލާޞްތެރި މަރްޙަބާ ތަކުރާރު ކުރަން. 
 
     ޤައުމު އެކުވެރިކުރައްވާ، ޤައުމައިގެން ކުރިޔަށް ވަޑައިގަތުމުގައި ފުރިހަމަ ކާމިޔާބީއަށް އެދެން.
 
     ދިވެހި ލޮބުވެތި ރައްޔިތުންނަށް، އުފާވެރި ކުރިމަގަކަށާއި، ދުޅަހެޔޮ ދުވަސްތަކަކަށް އެދެން.
 
     މި ލޮބުވެތި ވަޠަން، އަބަދުމެ، މާތްﷲގެ ހެޔޮ ރަޙްމަތުގައި ލެއްވުން އެދެން.
 
    ربّنـا آتنـا من لدنك رحمة، وهيئ لنـا من أمرنا رشـدا.
 
        والسّـلام عليـكم ورحمـة اللّـه وبـركاتـه.
          _______________________