ރަސްމީ ލިޔުންތަކުގައި ސޮއިކުރެއްވުމާއި ސިޓީ އެޑްރެސްކުރެއްވުން

ސަރުކާރުގެ އިދާރާތަކުން އެއްތަނުން އަނެއް ތަނަށާއި، ދައުލަތުގެ މުއައްސަސާތަކަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރެއްވުމުގައާއި، ސަރުކާރުގެ އިދާރާތަކަށް ފޮނުއްވާ ސިޓީ އެޑްރެސްކުރެއްވުމާބެހޭގޮތުން ނެރެފައިވާ މި އޮފީހުގެ ނަންބަރު 27/2012 (26 އޭޕްރިލް 2012) ދެންނެވުމަށް ޢަމަލުކުރެއްވުމުގައި މުއައްސަސާތަކަށް ބައެއް ދަތިތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެއްވިފައިވާތީ، ރަސްމީ ލިޔުންތަކުގައި ސޮއިކުރެއްވުމާއި ސިޓީ އެޑްރެސްކުރެއްވުމާބެހޭ ކަންކަން ތިރީގައިވާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
1. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީއާއި ލިޔުންތަކުގައި ސޮއިކުރެއްވުން
(ހ) މިނިސްޓްރީތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި، ލިޔުންތަކުގައި ސޮއިކުރައްވާނީ މިނިސްޓަރެވެ. ނުވަތަ މިނިސްޓްރީ އެވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(ށ) މިނިސްޓްރީތަކުގެ ދަށުގައިވާ ތަންތަނުން ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ސިޓީ ފޮނުއްވާނީ އެތަނެއް ގުޅިފައިވާ މިނިސްޓްރީ މެދުވެރިކޮށެވެ. މިގޮތުން، ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ އެންބަސީތަކާއި، ހައިކޮމިޝަންތަކާއި، ކޮންސިއުލޭޓްތަކާއި މިޝަން ފަދަ ތަންތަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުއްވާނީ މިނިސްޓްރީ އޮފް ފޮރިންއެފެއާޒް މެދުވެރިކޮށެވެ.
(ނ) ޤާނޫނުތަކުގެ ދަށުން އުފައްދާފައި ހުންނަ، މިނިސްޓްރީތަކާ ގުޅިފައިވާ ތަންތަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެތަނެއް ދުވަހުން ދުވަހަށް ހިންގެވުމުގެ މަސްއޫލިއްޔަތު އެ ޤާނޫނަކުން ހަވާލުވެފައިވާ އެންމެ އިސް މުވައްޒަފެވެ.
(ރ) މިނިސްޓްރީތައް ފިޔަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި، ލިޔުންތަކުގައި ސޮއިކުރައްވާނީ އެތަނެއްގެ އެންމެ އިސްވެރިޔާއެވެ. ނުވަތަ އެތަނެއް އެވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(ބ) ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސެވެ. މިއިން ބޭފުޅަކު ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(ޅ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އުއްތަމަ ފަނޑިޔާރެވެ. އުއްތަމަ ފަނޑިޔާރު ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، އެ ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރެވެ.
(ކ) ދިވެހިރާއްޖޭގެ ހައިކޯޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، ހައި ކޯޓުގެ އިސްފަނޑިޔާރެވެ. އިސްފަނޑިޔާރު ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، އެ ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރެވެ.
(އ) ދަށު ކޯޓުތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އެ ކޯޓެއްގެ އިސްޤާޟީއެވެ. އިސްޤާޟީ ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، އެ ކޯޓެއް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޤާޟީއެވެ.
(ވ) މުސްތަޤިއްލު ކޮމިޝަންތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އެ ކޮމިޝަނުގެ ރައީސެވެ. ކޮމިޝަނުގެ ރައީސް ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ ކޮމިޝަނުގެ ނާއިބު ރައީސެވެ. މިއިން ބޭފުޅަކު ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ ކޮމިޝަނުގެ މެންބަރެކެވެ.
(މ) މުސްތަޤިއްލު އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާއެވެ. އެ ބޭފުޅަކު ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، އެ އޮފީހެއް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(ފ) ސިޓީ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެ ކައުންސިލެއްގެ މޭޔަރެވެ. ކައުންސިލްގެ މޭޔަރ ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، ކައުންސިލްގެ ޑެޕިއުޓީ މޭޔަރެވެ. މިއިން ބޭފުޅަކު ވަޑައިގެންނެތް ހިނދެއްގައިނަމަ ކައުންސިލްގެ މެންބަރެކެވެ.
(ދ) ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެ ކައުންސިލެއްގެ ރައީސެވެ. ކައުންސިލްގެ ރައީސް ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، ކައުންސިލްގެ ނާއިބު ރައީސެވެ. މިއިން ބޭފުޅަކު ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، ކައުންސިލްގެ މެންބަރެކެވެ.
 
2. މިނިސްޓްރީތަކަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރެއްވުން
މިނިސްޓްރީތަކުންނާއި، މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން، މިނިސްޓްރީތަކަށް ފޮނުއްވާ ސިޓީއާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެތަނެއްގެ އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީގެ ވެރިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން މިނިސްޓްރީތަކަށް ފޮނުއްވާ ސިޓީއާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެތަނެއްގެ ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީގެ ވެރިންނެވެ.
 
3. މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރެއްވުން
މިނިސްޓްރީތަކުންނާއި، މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން، މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނަށް ފޮނުއްވާ ސިޓީއާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެތަނެއްގެ އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީގެ ވެރިންނެވެ.
 
4. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރެއްވުން
މިނިސްޓްރީތަކުންނާއި، މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނަށް ފޮނުއްވާ ސިޓީއާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެތަނެއްގެ އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީގެ ވެރިންނެވެ.
 
5. މިނިވަން މުއައްސަސާތަކަށާއި، މުސްތަޤިއްލު ކޮމިޝަންތަކަށާއި، މުސްތަޤިއްލު އޮފީސްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރެއްވުން
(ހ) މިނިސްޓްރީތަކުން ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި، މުސްތަޤިއްލު ކޮމިޝަންތަކަށާއި، މުސްތަޤިއްލު އޮފީސްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް، ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި، ތިރީގައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި ސޮއިކުރައްވާނީ މިނިސްޓަރެވެ. ނުވަތަ މިނިސްޓްރީ އެވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(1) ވަކި ސިޔާސަތެއް ނުވަތަ އުސޫލެއްގެ ކަނޑައެޅި ހަމަޖެހިފައިވާ ކަންކަމާ ގުޅިގެން ފޮނުއްވާ ސިޓީއާއި ލިޔުންތަކުގައި ސޮއިކުރައްވާނީ މިނިސްޓަރު އެކަމަށް ކަނޑައަޅާ، އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ ވެރިއެކެވެ.
(2)މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ. ނުވަތަ ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތު އެ ވަގުތަކު ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ. 
(ށ) މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި، މުސްތަޤިއްލު ކޮމިޝަންތަކަށާއި، މުސްތަޤިއްލު އޮފީސްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެ ތަނެއްގެ އެންމެ އިސްވެރިޔާއެވެ. ނުވަތަ އެތަނެއް އެވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
 
6. ރަޖިސްޓަރީ، ލައިސަންސް، ސެޓްފިކެޓްފަދަ ލިޔުންތަކުގައި ސޮއިކުރެއްވުން
މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުގައިވާ ތަންތަނުން ދޫކުރައްވާ ރަޖިސްޓަރީ، ލައިސަންސް، ސެޓްފިކެޓް ފަދަ ލިޔުންތަކުގައި ޤާނޫނީގޮތުން ވަކި ފަރާތަކުން ސޮއިކުރަން ލާޒިމުކުރާނަމަ، އެ ލިޔުންތަކުގައި ސޮއިކުރައްވާނީ، ޤާނޫނުން ލާޒިމުކުރާ ފަރާތުންނެވެ. އެފަދަ ލިޔުންތަކުގައި ވަކި ފަރާތަކުން ސޮއިކުރުމަށް ޤާނޫނަކުން ލާޒިމުނުކުރާނަމަ ސޮއިކުރައްވާނީ އެ އޮފީހެއްގެ އެސިސްޓެންޓް ޑިރެކްޓަރުން ފެންވަރުން ފެށިގެން މަތީގެ ވެރިންނެވެ.
 
7. ސިޓީ އެޑްރެސްކުރެއްވުން
(ހ) ރައިސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީއާއި ރަސްމީ ނޯޓު އެޑްރެސްކުރެއްވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް ކަމެއް އޮޅުން ފިލުއްވުމަށް ނުވަތަ މަޢުލޫމާތެއް ސާފުކުރެއްވުމަށް ސަރުކާރުގެ އިދާރާއަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިވިޜަނެއްގެ ނުވަތަ ސެކްޝަނެއްގެ އެންމެ އިސް މުވައްޒަފަށް އެޑްރެސްކުރައްވައި ރަސްމީ ނޯޓު ފޮނުއްވިދާނެއެވެ.
(ށ) މިނިސްޓްރީތަކަށާއި، މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނަށް ފޮނުއްވާ ސިޓީ އެޑްރެސްކުރައްވާނީ އެ ތަނެއްގެ އެންމެ މަތީ ވެރިޔަކަށެވެ.
 
8. ސިޓީއާއި، ފައިސާއާއި، ތަކެތި ބަލައިގެންފައި ސޮއިކުރުން
މިނިސްޓްރީތަކާއި، މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން ސިޓީއާއި، ފައިސާއާއި، ތަކެތި ބަލައިގަތްކަމަށް ސޮއިކުރައްވާނީ އެ ކަންކަމަށް އެ ތަނަކުން ހުއްދަ ދެއްވާފައިވާ މުވައްޒަފުންނެވެ.
 
މި ދެންނެވުން ނެރުމާ ގުޅިގެން، މި އޮފީހުގެ ނަންބަރު 27/2012 (26 އޭޕްރިލް 2012) ދެންނެވުން ބާޠިލުކުރައްވައިފިއެވެ.