މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ހުޅުވައިލެވުނު ގިންތިތަކުގެ ތެރޭގައި ހިމެނޭ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުމުގެ ގިންތިއަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމަށްޓަކައި، އެގިންތީގެ ޝަރުޠަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބަދަލުގެންނަވައިފިއެވެ. މިގޮތުން، ގެންނެވި ބަދަލަކީ، އެ ޝަރުޠުގައި ހިމެނޭ ކޯހުގެ ކޮންމެ މާއްދާއަކުން ނުވަތަ މޮޑިއުލަކުން އެންމެމަތީ ދަރަޖަ ލިބިފައިވުން ކަމަށް އޮންނަ ޝަރުޠު އުނިކުރެއްވުމެވެ. މިބަދަލު ގެންނަވައި، މި ގިންތިއަށް  އަލުން ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައިފިއެވެ. މި ފުރުސަތު ހުޅުއްވައިލައްވާފައިވަނީ، މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.
 
މި ފުރުސަތު ހުޅުއްވައިލެއްވި ކަމުގައިވިޔަސް، މިހާރު އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭގޮތަށް އެކޮމިޓީން ވަނީ ނިންމަވާފައެވެ.
 
ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިގެންނެވި އިޞްލާޙާއެކު، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުމުގެ ގިންތިން އިނާމު ދިނުމަށް ހަމަޖެހިފައިވާ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
(ހ) ފުރިހަމަކޮށްފައިވާ ކޯހުން، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް    7 ނުވަތަ އެއަށްވުރެ މަތީ ލެވެލްގެ ސަނަދެއް ލިބިފައިވުން. (އޯޑިނަރީ ބެޗްލަރސް ޑިގްރީއަކީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެކެވެ.)
(ށ) އިނާމަށް ހުށަހަޅާ ސަނަދަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދަކަށްވުން.
(ނ) އިނާމަށް ހުށަހަޅާ ސަނަދަކީ، ކުރިން ހާސިލުކޮށްފައިވާ ސަނަދަކަށްވުރެ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށް ލެވެލެއްގެ ސަނަދަކަށްނުވުން.
(ރ) ހާސިލުކޮށްފައިވާ ސަނަދުން ހޯދާފައިވާ މާކްސްގެ ނުވަތަ ގްރޭޑުގެ އެވްރެޖް، އެ ސަނަދުގައި ދެވޭ އެންމެ މަތީ ދަރަޖައިގައި ހިމެނިފައިވުން. އެވްރެޖް މާކްސް ދަރަޖަ ކުރެވިފައި ނުވާނަމަ، 85 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން އެވްރެޖް މާކްސް ހޯދާފައިވުން.
(ބ) ފުރިހަމަކުރި ކޯހުގައި ހިމެނޭ ބަޔަކަށް އެހެން ސަނަދެއް ދެވި، އެ ސަނަދަށް މި އިނާމު ލިބިފައި ނުވުން.
(ޅ) ފުރިހަމަކުރި ކޯހުގައި އެއްވެސް މާއްދާއަކުން އެޑްވާންސްޑް ސްޓޭންޑިންގ ލިބިފައި ނުވުން.
(ކ) ފުރިހަމަކުރި ކޯހަކީ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ކޯހެއްނަމަ، އިނާމަށް ކުރިމަތިލާ ދަރިވަރާއެކު މަދުވެގެން 10 ދަރިވަރުން އެ ކޯހުން، އެ ބެޗުގައި ކޯސް ފުރިހަމަކޮށް ފާސްވުން. ފުރިހަމަކުރި ކޯހަކީ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ އެއަށްވުރެ މަތީ ކޯހެއްނަމަ، އިނާމަށް ކުރިމަތިލާ ދަރިވަރާއެކު މަދުވެގެން 5 ދަރިވަރުން  އެ ކޯހުން، އެ ބެޗުގައި ކޯސް ފުރިހަމަކޮށް ފާސްވުން. އެއް ކެންޕަހަށްވުރެ ގިނަ ކެންޕަހުގައި އެއް ކޯހެއް ހިންގިނަމަ، ކޮންމެ ކެންޕަހެއްގައި، އެކުގައި ކިޔެވި ދަރިވަރުންގެ ގުރޫޕް ބެޗެއް ކަމަށް ބެލެވޭނެއެވެ.
 
މަތީ ތަޢުލީމާއި ތަމްރީނު ކޯހުގެ އެންމެމަތީ ވަނަ ހޯދުމުގެ ގިންތިން އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުން ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. މި އިނާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވަން ބޭނުންފުޅުވާނަމަ، މިއޮފީހުގެ ނަންބަރު 3336206 ފޯނަށް ނުވަތަ 3323701 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.