"މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރ"ގެ ނަން "މިނިސްޓްރީ އޮފް ހެލްތު"ގެ ނަމަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަލުން ހަމަޖެއްސެވުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރ"ގެ ނަން މިއަދު "މިނިސްޓްރީ އޮފް ހެލްތު"ގެ ނަމަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި ޞިއްޙަތާއި، އިޖްތިމާޢީ ރައްކާތެރިކަމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރއިން ބަލަހައްޓަވަމުން ގެންދެވި، ޢާއިލާއާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާބެހޭ އެންމެހައި ކަންތައްތައް އަލަށް އުފެއްދެވި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ބަލަހައްޓަވާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަތީގައި ދަންނަވާފައިވާގޮތަށް ހަމަޖެއްސެވުމާގުޅިގެން، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާނީ ތިރީގައިވާ ތަންތަން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.      މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
2.      މޯލްޑިވިއަން ބްލަޑް ސަރވިސަސް
-          ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ
3.      އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
4.      ހުޅުމާލެ ހޮސްޕިޓަލް
5.      ސަރަޙައްދީ ހޮސްޕިޓަލުތައް
6.      އަތޮޅު ހޮސްޕިޓަލުތައް
7.      ޞިއްޙީ މަރުކަޒުތައް
8.      ހެލްތު ޕޯސްޓުތައް
މީގެއިތުރުން، ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 19 ވަނަ މާއްދާގެ ދަށުން އުފައްދަވާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާއި، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 26 ވަނަ މާއްދާގެ ދަށުން އުފައްދަވާފައިވާ ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަސްއޫލުވާނެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި މިނިސްޓަރ އޮފް ހެލްތު ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ބ)ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ މަސައްކަތްތައް ބަލަހައްޓަވާނީ މިނިސްޓަރ އޮފް ހެލްތު ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ހެލްތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުން މިދެންނެވުމާއެކު އެވަނީއެވެ. 
މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތައް
މިނިސްޓްރީ އޮފް ހެލްތު އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1.             ރައްޔިތުންނަށް ސަލާމަތް ޞިއްޙަތެއް ލިބިދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، ކުރިއަރުވައި، ޑޮކްޓަރީ ބޭސްފަރުވާއާއި، ދިވެހި ބޭސްވެރިކަމާއި، އޯލްޓަނޭޓިވް މެޑިސިންގެ ބޭސްފަރުވާގެ ކަންތައްތަކާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ކަންތައްތައް ރާއްޖޭގައި ހިނގާނުހިގާގޮތް ބެލެހެއްޓުން.
2.             ޞިއްޙީ ޚިދްމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދްމަތްތަކާއި، ޚިދްމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދްމަތްތަކުގެ ފެންވަރާއި، ޚިދްމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މިފަދަ ޚިދްމަތްތަކުގެ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.
3.             ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މީހުން ރަޖިސްޓްރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުމާއި، މަސައްކަތުގެ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާ އަދި މިކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން. 
4.             ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއާއެކު މުޢާމަލާތްކުރުމަށް ކަނޑައެޅިފައިވާ ރަސްމީ އިދާރާގެ ގޮތުން ހަރަކާތްތެރިވުމާއި، ރާއްޖޭގެ ރެޑް ކްރެސެންޓް ސޮސައިޓީއާއެކު ސަރުކާރުގެ ރަސްމީ އިދާރާގެ ގޮތުގައި މުޢާމަލާތުކުރުން.
5.             ޤާނޫނު ނަންބަރު 92/7 (އުފަންވުން ރަޖިސްޓްރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހެދުން.
6.             ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތަށް އެންމެ އެކަށީގެންވާ ސައެންސާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ފަރުވާދެވޭނެ ތަންތަނާއި، ބަލިތައް ތަޙުލީލުކުރުމަށް ބޭނުންވާ މެޑިކަލް ލެބޯރެޓަރީގެ ޚިދްމަތާއި މިނޫންވެސް މިފަދަ ޞިއްޙީ ޚިދްމަތްތައް ދެވޭނެ ތަންތަން ޤާއިމުކޮށް، އެތަންތަން ހިނގާނުހިނގާގޮތް ބެލުން.
7.             އިމަރޖެންސީ ޞިއްޙީ ފަރުވާދިނުމުގެ ޤައުމީ ނިޒާމް ޤާއިމުކޮށް ހިންގައި ބެލެހެއްޓުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކަށް ތައްޔާރުވެތިބުމާއި، އެފަދަ ހާލަތްތަކުގައި ޞިއްޙީ ޚިދްމަތްތައް ފޯރުވައިދޭނެ ގޮތްތައް ރޭވުން.
8.             ތެލެސީމިއާއާއި އެހެނިހެން ހީމޮގްލޮބިނޯޕަތީސް ބަލިމީހުންނަށް ދޭންޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް އެފަދަ ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި ބޭނުންވާ ވަގުތު ފަސޭހަކަމާއެކު ރައްކާތެރި ލޭ ލިބިދިނުމަށްޓަކައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގައި ބެލެހެއްޓުން.
9.             ޞިއްޙީ ޚިދްމަތްތައް ދިނުމުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.
10.        ޞިއްޙީ ޚިދްމަތްދޭ ސަރުކާރުގެ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިތައް، އެތަންތަނަށް ލިބޭކަން ކަށަވަރު ކުރުން.
11.        ކަނޑައެޅޭ މުއްދަތެއްގެތެރޭގައި ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދްމަތްފޯރުކޮށްދިނުމަށް ބޭނުންވާ ޤާބިލްކަން ޚިދްމަތްދޭ ތަންތާނގައި އުފައްދައި، އެކަމަށް ބޭނުންވާ އެހީތެރިކަންދިނުން.
12.        ޞިއްޙީ ޚިދްމަތްތައް ތަރައްޤީކޮށް ފުރިހަމަކުރުމަށް ދާއިމީގޮތެއްގައި މަސައްކަތްކުރުމާއި، ދެވޭ ޚިދްމަތްތަކަކީ ފުއްދުންތެރި އަދި އެންމެފުރިހަމަގޮތުގައި ދެވޭ ޚިދްމަތްތަކަކަށް ހެދުން.
13.        މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދްމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން. 
14.        މިނިސްޓްރީގެ މަސައްކަތާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. މިފަދަ ބައިނަލްއަޤުވާމީ މުޢާހަދާތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، މި ރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ހުރިހާ ދާއިރާ ތަކެއްގެ ސަމާލުކަމަށް ގެނައުން.
15.        މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.
16.        މިނިސްޓްރީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ބޭނުންވާ ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުވަމުންދާ މިންވަރުބަލައި، ނަތީޖާ ޙާޞިލުވާ މިންވަރު ދެނެގަތުން.
17.        ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމުގެ މިންގަނޑުތައް ކަނޑައަޅައި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަސީލަތްތައް ތަރައްޤީކޮށް، ޑޭޓާބޭސްތައް ޤާއިމުކޮށް، އެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކޮށް މަޢުލޫމާތު ހާމަކުރުން.
18.        ހުރިހާ ދާއިރާއަކުން ތަފާސް ހިސާބު އެއްކުރުމުގައި އުމުރާއި، ޖެންޑަރ ޑިސްއެގްރިގޭޓަޑް އަދި އެނޫންވެސް އެހެނިހެން ޑިސްއެގްރިގޭޓަޑް ޑޭޓާ ނެގުމަށް ބާރުއެޅުން.
19.        ދާއިރާގެ މަސައްކަތާ ގުޅޭ މަޢުލޫމާތާއި ރެކޯޑުތައް ބަލަހައްޓާނެ އުސޫލުތައް ކަނޑައަޅައި، އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޚަބަރުފަތުރާ ވަސީލަތްތަކާ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެ މަޢުލޫމާތުތައް ހާމަކޮށް، ޢަރުޝީފުކޮށް ބެލެހެއްޓުން.
20.        މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިދާރީ މިންގަނޑުތައް ކަނޑައަޅައި، މަސައްކަތުގެ ފެންވަރު ހިފަހައްޓައި، އެތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވިލަރެސްކޮށް، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި އިދާރީގޮތުންނާއި ފަންނީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
21.        މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ.
9.      މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
10.ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ
11.ނޭޝަނަލް ޑްރަގް އެޖެންސީ
12.މޯލްޑިވިއަން ބްލަޑް ސަރވިސަސް
-         ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ
13.ހެލްތު ޕްރޮޓެކްޝަން އޭޖެންސީ
14.އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
15.ހުޅުމާލެ ހޮސްޕިޓަލް
16.ސަރަޙައްދީ ހޮސްޕިޓަލުތައް
17.އަތޮޅު ހޮސްޕިޓަލުތައް
18.ޞިއްޙީ މަރުކަޒުތައް
19.ހެލްތު ޕޯސްޓުތައް
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތައް
1.             ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، ޕްރިކަރސަރ ކެމިކަލްސްއާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލްސްއާއި، މެޑިކަލް ޑިވައިސަސްއާއި، ޑައިގްނޮސްޓިކްސްއާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސަސް ބޭނުންކުރުމުގެ ޤައުމީ މިންގަނޑުތައް ކަނޑައަޅައި، މިތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމާއި، އަދި ކަމާބެހޭގޮތުން ބަލަހައްޓަންޖެހޭ މަޢުލޫމާތު ބެލެހެއްޓުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
2.             ރާއްޖެއަށް އެތެރެކުރާ ބޭހާއި، ޕްރިކަރސަރ ކެމިކަލްސްއާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލްސްއާއި ޑައިގްނޯސްޓިކްސްގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި، ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
3.             ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި، ބޭހާއި، ޕްރިކަރސަރ ކެމިކަލްސްއާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލްސްއާއި، މެޑިކަލް ޑިވައިސަސްއާއި، ޑައިގްނޮސްޓިކްސްއާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސަސްއާއި، ދުންފަތާއި ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ރަޖިސްޓަރީކުރަންޖެހޭ ބާވަތްތައް ކަނޑައެޅުމާއި ރަޖިސްޓަރީކުރުން (ޕްރޮޑަކްޓް ރަޖިސްޓްރޭޝަން).
4.             ރާއްޖެއަށް އެތެރެކުރާ  އަދި ރާއްޖޭގައި އުފައްދާ ބޭހާއި، ޕްރިކަރސަރ ކެމިކަލްސްއާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލްސްއާއި މެޑިކަލް ޑިވައިސަސްއާއި، ޑައިގްނޯސްޓިކްސްއާއި ރޭޑިއޭޝަން އެމިޓިންގ ޑިވައިސަސްއާއި، ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަށާއި އެތެރެކުރުމަށާއި، އެކްސްޕޯޓްކުރުމަށާއި، އަދި ވިޔަފާރިކުރުމަށްޓަކައި ދޫކުރަންޖެހޭ ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި ހުއްދަ ބާޠިލްކުރުމާއި ވިޔަފާރިތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ވިޔަފާރިކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއެޅުން.
5.             ބޭހާއި، ޕްރިކަރސަރ ކެމިކަލްސްއާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލްސްއާއި، މެޑިކަލް ޑިވައިސަސްއާއި، ޑައިގްނޯސްޓިކްސްއާއި ރޭޑިއޭޝަން އެމިޓިންގ ޑިވައިސަސް ބޭނުންކުރުމުގެ މިންގަނޑުތަކަށް ވިޔަފާރިވެރިންނާއި، ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރުން.
6.             ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، ޕްރިކަރސަރ ކެމިކަލްސްއާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލްސްއާއި، މެޑިކަލް ޑިވައިސަސްއާއި، ޑައިގްނޮސްޓިކްސްއާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސަސް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އަދި މިތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ތަޙްލީލުތައްކުރުމުގެ ޚިދްމަތްދިނުން.
7.             ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ، ބޭހާއި، ޕްރިކަރސަރ ކެމިކަލްސްއާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލްސްއާއި، މެޑިކަލް ޑިވައިސަސްއާއި، ޑައިގްނޮސްޓިކްސްއާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސަސްފަދަ ތަކެތި އުފައްދައި، ތަޙްލީލުކޮށް، ރައްކާކޮށް އަދި ވިއްކާ ތަންތަން ޗެކުކޮށް، ސަރޓިފައިކުރުން.
8.             ރާއްޖޭގައި އުފައްދާ ބޯފެނާއި، ވިޔަފާރި އުޞޫލުން ދޫކުރާ ފެނާއި، ޢާންމުން ބުއިމަށް ފެންދޫކުރާ އިސްކުރުބަރިތަކުން ދޫކުރާ ފެނުގެ ރައްކާތެރިކަމުގެ ފެންވަރު ބެލެހެއްޓުމަށްޓަކައި ތަޙްލީލުކުރުން.
9.             ރާއްޖެއިން އެކްސްޕޯޓްކުރެވޭ ކާބޯތަކެތި ސަރޓިފައިކުރާ ކޮންޕީޓަންޓް އޮތޯރިޓީގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
10.        ކާބޯތަކެއްޗާއި ބޭސް އެކްސްޕޯޓްކުރާ ފަރާތްތަކުން ބޭނުންވާ ލައިސަންސް ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭސް ބަލައި ފާސްކުރާ ފަރާތްތައް (އިންސްޕެކްޓަރުން) ތަމްރީނުކުރުމާއި ލައިސަންސް ދޫކުރުން.
11.        އޮތޯރިޓީގެ މަސައްކަތާ ގުޅުންހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށް ބައިނަލްއަޤްވާމީގޮތުން އުފައްދާފައިވާ "ކޯޑެކްސް އެލިމެންޓޭރިއަސް ކޮމިޝަން" ގެ ފޯކަލް ޕޮއިންޓެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
12.        ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާބެހޭގޮތުން ޢާންމުންނަށް ކޮންމެހެން އަންގަންޖެހޭ ކަންތައްތައް އަންގައި، ޢާންމުންގެ ސަމާލުކަމަށް ގެނައުން
13.        ޚިދްމަތްތައް ތަރައްޤީކޮށް ފުރިހަމަކުރުމަށް ދާއިމީގޮތެއްގައި މަސައްކަތްކުރުމާއި، ދެވޭ ޚިދްމަތްތަކަކީ ފުއްދުންތެރި އަދި އެންމެ ފުރިހަމަގޮތުގައި ދެވޭ ޚިދްމަތްތަކަކަށް ހެދުން.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1.            މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމް ހިންގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އެ ސްކީމްގެ ޚިދްމަތްތައް ފޯރުކޮށްދޭކަން ޔަޤީންކުރުން.
2.            މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާ ގުޅޭގޮތުން، މިނިސްޓަރުގެ ޒިންމާތައްކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ގުޅޭގޮތުން ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.
3.            މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން.
4.            މިނޫންވެސް، މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން އެޖެންސީގެ ޒިންމާތައް ކަމަށް ކަނޑައެޅިފައިވާ ކަންކަން ކުރުން.
5.            މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުންވެސް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންކަން ކުރުން.
ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ބ)ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
6.            ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު (ސޯޝަލް ސެކިއުރިޓީ ސިސްޓަމް) ރާވައި ހިންގުން.
7.            ޞިއްޙީ ޚިދްމަތުގެ ޚަރަދު ހަމަޖައްސައިދޭ ޤައުމީ ނިޒާމެއް (ހެލްތުކެއަރ ފައިނޭންސިންގ ސްކީމް) ޤާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.
8.            ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަންނެތް، އަޅާލާނެ މީހަކުނެތް މީހުންނާއި، ދައުލަތުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީލިބިދޭނެ ނިޒާމުތައް ރާވައި ހިންގުން.
ނޭޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1.            މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
2.            މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޛުކުރުން.
3.            މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޛުކުރަމުންދޭތޯ ބަލަމުންދިޔުން.
4.            މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި  ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
5.            މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތްކުރުން.
6.            މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
7.            މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
8.            މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތައް
1.            ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރަމުންދާގޮތް މޮނިޓަރކުރުން.
2.            ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަޑުތައް ކަނޑައަޅައި، މި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަޑުތަކަށް ޢަމަލުކުރަމުންދާގޮތް ބެލުން.
3.            ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގައި ބަޔާންކުރާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރާއި، ސެންޓްރަލް ބްލަޑް ބޭންކް ހިންގައި ބެލެހެއްޓުމާއި، އެތަންތަނުގެ އިދާރީ، ޓެކްނިކަލް އަދި ކްލިނިކަލް ކަންތައްތައް ރާވައި ހިންގުން.
4.            ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި، އެކަންކަމާގުޅޭ ދިރާސާ ރިޕޯޓްތައް އެކުލަވާލައި ޢާންމުކުރުން.
5.            ރާއްޖޭގައި ހިނގަމުންދާ ބްލަޑް ބޭންކުތަކުގެ ތަފާސް ހިސާބު ބެލެހެއްޓުން.
6.            މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާގުޅޭ ދިރާސާތައް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން ކުރުމާއި، އެ ދިރާސާތަކުގެ ނަތީޖާތައް ޢާންމުކުރުން.
7.            ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތެލަސީމިއާ ފަންޑު ހިންގައި ބެލެހެއްޓުން.
8.            ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށް، މި ނިޒާމުގެ ދަށުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.
9.            ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުން.
10.       ލޭ ޕްރޮސެސް ކުރުމާއި، ލޭގެ މާއްދާތައް ވަކިކުރުމާއި، ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަޙްލީލުތައް ކުރުން.
11.       ލޭއެޅުމުގައި ދިމާވެދާނެ ނުރައްކާތައް ހޯދައި، އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
12.       ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހިންގުން.
13.       ލޭ ހަދިޔާކުރުމާބެހޭ ގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް، ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.
14.       ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ގޮތުންނާއި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސްއާގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރު ހިނގަމުންދާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުންނެވެ.
ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ މަސައްކަތްތައް
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާއިން ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ އިޚްތިޞާޞްގެ ދާއިރާގެތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ ސެންޓަރުން އުފުލަންޖެހޭ ކަންކަމެވެ.
1.            މި ޤާނޫނުގެ ދަށުން ތެލަސީމިއާ ކޮންޓްރޯލްކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.
2.            ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި ޞިއްޙީ ޚިދްމަތްދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.
3.            ތެލަސީމިއާ ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުން.
4.            ތެލަސީމިއާއަށް ފަރުވާދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ހިންގުން.
5.            ތެލަސީމިއާ ހުއްޓުވުމަށްޓަކައި އާބާދީގެ އެކި ގިންތިތަކުގެ މީހުންނަށް އަމާޒުކޮށްގެން ހިންގަންޖެހޭ ތަޢުލީމާއި ތަމްރީނާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.
6.            ތެލަސީމިއާ ދިވެހިރާއްޖޭގައި އިތުރުވަމުންދާ ނިސްބަތާގުޅޭ މަޢުލޫމާތުތައް އެއްކުރުމާއި، އެ ބަލި އިތުރުވަމުންދާގޮތް ބަލަމުން ގެންދިއުން.
7.            ތެލަސީމިއާއާ ގުޅޭގޮތުން ޞިއްޙީ މަސައްކަތްތެރިންނަށާއި، ތެލަސީމިއާ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި، ޢާންމުކޮށް މުޅި މުޖުތަމަޢަށް އަމާޒުކޮށްގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން.
8.            ތެލަސީމިއާ ކުދިންނަށް، ތެލަސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ޤާއިމުކުރުން.
9.            މި ޤާނޫނު ހިންގުމުގެގޮތުންނާއި، ތެލަސީމިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމުގެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކާއި ބޭރުގެ ޤައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ޖަމާޢަތްތަކާއި ޤައުމުތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
10.       އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ތެލަސީމިއާއަށް ޓެސްޓުކުރުމަށްޓަކައި ބޭނުންވާ މިންވަރަށް ލެބޯރެޓަރީތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދްމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވިގޮތެއްގައި ދެމުންދިއުން.
11.       ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ ކަންކަމާއި ފަރުވާދިނުމުގެ ނިޒާމު ހިންގަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖެނަވަރީ މަސް ހުސްވުމުގެކުރިން ވަޒީރަށް ރިޕޯޓު ހުށަހެޅުން.
12.       މީހާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން ނުވަތަ މީހާގެ ގައިގައި އުފެދޭ ޙާލަތެއްގެ ސަބަބުން، އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް އުނިވެގެން، ނުވަތަ އޭނާގެ ލޭގައި ހުންނަންވީ މާއްދާތަކެއް ހުންނަންވީ ނިސްބަތަށްވުރެ އިތުރުވެގެން، ނުވަތަ އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް ހިމެނެންޖެހޭ ތަރުތީބަށް އައިސްފައިވާ ބަދަލަކުން، އޭނާއަށް ދިމާވާ ޞިއްޙީ ޙާލަތްތަކާ ގުޅޭގޮތުން ހިންގަންޖެހޭ މަޝްރޫޢުތައް ހިންގައި، ފަރުވާގެ ނިޒާމުތައް ހަމަޖެއްސުން.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ އެ އެޖެންސީން އުފުލަންޖެހޭ ކަންކަމެވެ.
1.             މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުތަކާއި އެ މާއްދާގެ ދަށުން އުފައްދާ އިތުރު މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ހުނަރުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރާނެ ހަމަތައް ސިވިލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިން އެކުލަވައިލުން.
2.             މި ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.
3.             ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި ޞިއްޙީ ޚިދްމަތް ދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.
4.             ޞިއްޙީ ނުރައްކާތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތައް ދެނެގަތުމަށާއި، އެ ބަލިތައް ފެތުރޭ ނިސްބަތް ބެލުމުގެ މަސައްކަތާއި އެއިން ބައްޔެއް ފެތުރުމުން އެ ބަލިތަކަށް ދެވޭނެ އިޖާބައަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތައް ކުރުން.
5.             ޞިއްޙީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތައް، ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ތަޢާރުފުވުން ކޮންޓްރޯލްކުރުމަށާއި ރާއްޖޭގައި އެފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
6.             ގައިންގަޔަށް އަރާ ބައްޔަކާ ގުޅޭގޮތުން ނުވަތަ ނުރައްކާތެރި ބައްޔަކާ ގުޅޭގޮތުން، ނުވަތަ ޞިއްޙީ ނުރައްކަލަކާ ގުޅޭގޮތުން އުފެދިދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލެއް ކޮންޓްރޯލް ކުރުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލެއްގެ މިންވަރު ކުޑަކުރުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތައް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައިވާ ޢާންމު ޞިއްޙަތުގެ މުއައްސަސާތަކަށާއި މަރުކަޒުތަކަށް އެންގުމާއި، ކަމާގުޅޭ އިރުޝާދުތައް އެތަންތަނަށް ދިނުން.
7.             މި ޤާނޫނު ހިންގުމަށްޓަކައި އަދި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ބޭރުގެ ޖަމާޢަތްތަކާއި ޤައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ޖަމާޢަތްތަކާއި ޤައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
8.             އެކަށީގެންވާ މުވައްޒަފުންނާއި، އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ޢާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ޕަބްލިކް ހެލްތު ލެބޯރެޓަރީތައް އުފައްދައި، އެތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިޔުން.
9.             ގައިންގަޔަށް އަރާ ބައްޔާއި ނުރައްކާތެރި ބަލި ރާއްޖެއަށް ފެތުރެމުންދާ ނިސްބަތް ނުވަތަ ފެތުރުމުގެ ފުރުޞަތު އޮތް ނިސްބަތް ބެލުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގައި، ރާއްޖެއަށް އެފަދަ ބައްޔެއް ތަޢާރުފުވެއްޖެނަމަ، އެކަމަށް އިޖާބަދިނުމުގެ ކަންކަން ރާއްޖޭގައި ހިންގަންޖެހޭނެގޮތުގެ އުސޫލުތައް ރާވައި، މަޝްރޫޢުތައް އެކުލަވާލައި، ޢަމަލީ މަސައްކަތުގެ ތާވަލުތައް ތައްޔާރުކުރުން.
10.        ޞިއްޙީ ނުރައްކަލެއް ދިމާވެއްޖެނަމަ، ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިއްޖެނަމަ، ނުވަތަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ރާއްޖެ ހިނގައްޖެނަމަ، ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރިއްޖެނަމަ، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މައިގަނޑު އުޞޫލުތައް ދުރާލާ ތައްޔާރުކުރުން.
11.        ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، މީހުންނަށް ދޭންޖެހޭ ޢާންމު ޞިއްޙަތުގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
12.        އެއްވެސް ބައްޔެއް ފެތުރުމުގެ ވަސީލަތަކަށް ވެދާނެ އެއްޗެއް، މީހުން ދިރިއުޅޭ ތަނެއްގައި ހުރެއްޖެކަމަށްވާނަމަ، އެ ތަނެއްގެ ވެރިފަރާތަށް އެކަން ކޮންޓްރޯލް ކުރުމަށާއި އެކަމެއް ނައްތާލުމަށްޓަކައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެމީހަކު އެ އެންގުމާ އެއްގޮތަށް ޢަމަލުކުރަން ލާޒިމުކުރުން.
13.        ޢާންމު ޞިއްޙަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ޢާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް އެކުލަވާލައި، އެ މިންގަނޑުތައް ތަންފީޒުކުރަމުން ދިޔުން.
14.        ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، މުޖުތަމަޢުގެ ޢާންމު ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
15.        ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެހިނދެއްގައި، އެކަން ދިމާވިގޮތާއި، އެކަމުގައި ޢަމަލުކުރިގޮތާއި، ޢަމަލުކުރެވުނުގޮތުގެ ސަބަބުން ގެނެވުނު ބަދަލާއި، އެކަން ހުއްޓުވުމަށް ދިމާވި ގޮންޖެހުންތަކާއި، ދެން އެފަދަކަމެއް ދިމާވެއްޖެކަމަށްވާނަމަ، ރަނގަޅުކުރަންޖެހޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި، މުރާޖަޢާކުރުމަށްފަހު، ރިޕޯޓެއް އެކުލަވާލައި، ވަޒީރަށް ހުށަހެޅުން.
16.        ނުރައްކާތެރި ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތަކާ ގުޅޭގޮތުން ކަންކުރަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓެއް ހުށަހެޅުން.
ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ތިރީގައި މިވާ މަސައްކަތްތައްތައް ހިންގައި ބަލަހައްޓާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީންނެވެ.
17.        ރާއްޖޭގެ ނާޒުކު ހާލަތުގައިވާ އާބާދީގެ ގިންތިތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޚިދްމަތްތައް ރާވައި ހިންގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީ ފޯރުކޮށްދިނުން.
18.        ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖްތަމަޢު ރައްކާތެރިކުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
19.        ވެކްސިންދީގެން ރައްކާތެރިކުރެވޭ ބަލިތަކުން ރައްކާތެރިކުރުމަށް އިމިއުނައިޒޭޝަން ޕްރޮގްރާމް ރާވައި ހިންގުމާއި، އެފަދަ ބައްޔެއް އުޅޭނަމަ އެކަން ބަލައި ތަޙްލީލުކޮށް، ބަލިކޮންޓްރޯލުކުރުމާ ގުޅޭގޮތުން ޢާންމު ޞިއްޙަތާއި ބައިނަލްއަޤްވާމީގޮތުން ބޭނުންވާ ވެކްސިނޭޝަންގެ ކަންތައް ހިންގައި ބެލެހެއްޓުން.
20.        އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުތަކަށް ސެޓްފިކެޓް ދޫކުރުމާއި، ހެލްތު ރެގިއުލޭޝަނާ އެއްގޮތަށް ރާއްޖޭގެ އެއްގަމާއި ވައިގެ ބަނދަރުތައް ކަނޑައަޅައި، އެބަނދަރުތަކުގައި ޞިއްޙީގޮތުން ބަލަންޖެހޭ ކަންތައްތައް ބަލައި، ކަރަންޓީނާބެހޭ އެންމެހައި ކަންތައްތައް ރާވައި ބެލެހެއްޓުމާއި، ބަނދަރުތަކަށް އަންނަ އުޅަދުތަކާއި ރާއްޖެއިން ބޭރަށް ފުރާ އުޅަނދުތަކަށް އަރާފައިބާ މީހުންނާއި، ތަކެއްޗާ ބެހޭގޮތުން ޞިއްޙީގޮތުން ކުރަންޖެހޭ ކަންތައްތައް ބަލަމުންގެންދިއުން.
21.        ގައިންގަޔަށް ނާރާ ދިގުމުއްދަތަށް ދެމިގެންދާ ބަލިތަކާއި، ވާރުތަވާ ބަލިތަކާއި، ނަފްސާނީ ބަލިތަކާއި، ނުކުޅެދުންތެރިކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި،  މޮނިޓަރކުރުން.
22.        ރާއްޖޭގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ހިންގަންޖެހޭ މަސައްކަތްތައް ހިންގައި މޮނިޓަރ ކުރުމާއި، މިކަމަށް މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކުޑަކުދިންގެ ހެދިބޮޑުވުމަށް ހުރަސްއެޅޭ މައްސަލަތައް ދެނެގަނެ މިކަންތައްތަކާބެހޭ މަޢުލޫމާތުގެ މައްޗަށް މަޝްރޫޢުތައް ރާވައި ހިންގުން.
23.        ޢާއިލާގެ ޞިއްޙަތާއި، ދަރިމައިވުމުގެ ޞިއްޙަތާއި، ތުއްތުކުދިންގެ ޞިއްޙަތާ ބެހޭގޮތުން ދޭންޖެހޭ ޚިދްމަތްތައް ދެވޭނެގޮތްތައް ފަހިކޮށްދީ، އެކަންކަން ހިނގަމުންދާގޮތް ބަލައި، ރައްޔިތުން ހޭލުންތެރިކުރުވުން.
24.        މަދިރިއާއި އެހެންވެސް ބަލި ފަރުތާ ސޫފާސޫފި އަދި މިނޫންވެސް ބަލިފަތުރާ ތަކެތި އުފެދޭ ތަންތަން ހޯދައި ބެލުމާއި، އެފަދަ ސޫފާސޫފި ގިނަވިޔަނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
25.        ދިރިއުޅޭ ތަންތަނާއި، މަސައްކަތުގެ މާހައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ މާހައުލަކަށް ހެދުމަށްޓަކައި މިކަމާބެހޭ ހުރިހާ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ އުސޫލުތަކާއި، މިންގަނޑުތަކާއި ގަވާއިދުތައް ހެދުމަށް އެޑްވޮކޭޓް ކުރުމާއި، އެކަންކަމާބެހޭ ގޮތުން ހޭލުންތެރިކުރުވުން.
26.        އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.
27.        ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ޞިއްޙަތު ކުރިއެރުވުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޢާއިލާ ހޭލުންތެރިކުރުވުމާއި، އެފަދަ މީހުންނަށް އެހީތެރިވާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތް ކުރުން.
28.        ޕްރައިމަރީ ހެލްތު ކެއަރގެ އުސޫލުން ޢާންމު ޞިއްޙަތާގުޅޭ ޕްރޮގްރާމްތައް ރާވައި، މުޖުތަމަޢާއި، މިމަސައްކަތްތަކާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކާ ގުޅިގެން ކޮމިއުނިޓީ އައުޓްރީޗް ޚިދްމަތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގުން.
29.        ޢާންމު ޞިއްޙަތުގެ ދާއިރާއިން ދެވޭ ޚިދްމަތްތައް ތަރައްޤީކޮށް ފުރިހަމަކުރުމަށް ދާއިމީކޮށް މަސައްކަތްކުރުމާއި، ދެވޭ ޚިދްމަތްތަކަކީ ފުއްދުންތެރި އަދި އެންމެފުރިހަމަގޮތުގައި ދެވޭ ޚިދްމަތްތަކަކަށް ހެދުމަށް މަސައްކަތް ކުރުން.
30.        ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައަޅައި މި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
31.        ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ މަސައްކަތްތައް
1.             ރައްޔިތުންނަށް ބޭނުންވާ ޑޮކްޓަރީ ބޭސްފަރުވާ ދިނުމުގެ ކަންތައް، ޓަރޝަރީ ފެންވަރުގައި ފޯރުވައިދީ، އެކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި، ޚިދްމަތް ތަރައްޤީކުރުން.
2.             ބަލިތައް ދެނެގަތުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ލެބޯރެޓަރީގެ ޚިދްމަތްތަކާއި، ރިހެބިލިޓޭޝަންގެ ޚިދްމަތް ތަރައްޤީކޮށް ޚިދްމަތް ފޯރުވައިދިނުން.
3.             މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، ޢާންމު ޞިއްޙަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައް (ވެކްސިން ދިނުމާއި، ޚާއްޞަ ބަލިބައްޔަށް ފަރުވާދޭ ކްލިނިކްތައް ހިންގުން ފަދަ ޕްރޮގްރާމްތައް) ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން ފޯރުވައިދީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވެދިނުން.
4.             ސަރަޙައްދީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާ ހޮސްޕިޓަލުތަކުގައި، މޯބައިލް ޓީމުގެ ޒަރީޢާއިންނާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ޒަރީޢާއިން، ޚާއްޞަ ބަލިތަކަށް ފަރުވާދޭނެ ސްޕެޝަލިސްޓުންގެ ޚިދްމަތް ފޯރުވައިދިނުން.
5.             ޤުދްރަތީގޮތުން ނުވަތަ އެހެން ގޮތަކުންވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބޭނުންވާ ޞިއްޙީ ޚިދްމަތްތައް ރާވައި، ޞިއްޙީ ޚިދްމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އެފަދަ ހާދިސާތަކުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
6.             ސަރުކާރުގެ އެހީގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށް އެދޭ މީހުންނާބެހޭ ކަންތައްތަކުގައާއި، ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންނާ ބެހޭގޮތުން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އެހީ ފޯރުވައިދިނުން.
7.             ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށާއި، ޞިއްޙީ ޚިދްމަތުގައި ހަރަކާތްތެރިވާ މީހުންނަށް ޢަމަލީ ތަމްރީނާއި ތަޖުރިބާ ލިބިދިނުމުގެ މަގުފަހިކޮށްދީ، ސަރުކާރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
8.             ހޮސްޕިޓަލުން ޚިދްމަތް ފޯރުވައިދެވޭ މީހުންގެ ރެކޯޑްތަކާއި، ސަރވޭލަންސަށް ބޭނުންވާ މަޢުލޫމާތުތައް ބަލަހައްޓައި، ރިޕޯޓްކުރުން.
ހުޅުމާލޭ ހޮސްޕިޓަލުގެ މަސައްކަތްތައް
1.            ހުޅުމާލޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތަށް އެންމެ އެކަށީގެންވާ ސައެންސާއި ޓެންނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ޑޮކްޓަރީ ބޭސްފަރުވާ ދިނުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.
2.            ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ދިނުމަށްޓަކައި، ބަލިތައް ދެނެގަތުމަށް ބޭނުންވާ ވަސީލަތްތަކާއި، ލެބޯރެޓަރީގެ ޚިދްމަތް ރާވައި، ހިންގައި އަދި ތަރައްޤީކުރުން.
3.            މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އާންމު ޞިއްހަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައް (ވެކްސިން ދިނުމާއި ޚާއްޞަ ބަލިބައްޔަށް ފަރުވާދިނުމަށް ކްލިނިކްތައް ހިންގުންފަދަ ޕްރޮގްރާމްތައް) ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ފޯރުވައިދިނުން.
4.            ޤުދްރަތީގޮތުން ނުވަތަ އެހެން ގޮތަކުންވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބޭނުންވާ ޞިއްޙީ ޚިދްމަތްތައް ރާވައި، ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އެފަދަ ހާދިސާތަކުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
5.            ހޮސްޕިޓަލުން ޚިދްމަތް ފޯރުވައިދޭ މީހުންގެ ރެކޯޑްތަކާއި، ސަރވޭލަންސަށް ބޭނުންވާ މަޢުލޫމާތުތައް ބަލަހައްޓައި، ރިޕޯޓްކުރުން.
ސަރަޙައްދީ ހޮސްޕިޓަލުތަކުގެ މަސައްކަތްތައް
1.          ރައްޔިތުންގެ ސަލާމަތް ޞިއްޙަތަށް ބޭނުންވާ ޞިއްޙީ ޚިދްމަތްތަކާއި، ބޭސްފަރުވާ ދިނުމުގެ ކަންތައް ހިންގައި ބެލެހެއްޓުމާއި، ބަލިތައް ތަޙްލީލުކުރުމަށް ބޭނުންވާ ލެބޯރެޓަރީ ހިންގައި، މި ވަސީލަތްތައް ތަރައްޤީކުރުން.
2.          މޯބައިލް ޓީމުގެ ޒަރީޢާއިން ޚާއްޞަ ބަލިތަކަށް ފަރުވާދޭނެ ސްޕެޝަލިސްޓުންގެ ޚިދްމަތް، ސަރަޙައްދީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ފޯރުވައިދިނުން.
3.          ރޯގާއާއި، ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމާ ބެހޭގޮތުން ދޭންޖެހޭ ފަރުވާއެއްދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
4.          މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، ޢާންމު ޞިއްޙަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލުކުރުމަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައް (ވެކްސިން ދިނުމާއި، ޚާއްޞަ ބަލިބައްޔަށް ފަރުވާދޭ ކްލިނިކްތައް ހިންގުންފަދަ ޕްރޮގްރާމްތައް) ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ފޯރުވައިދިނުން. އަދި ޞިއްޙަތު ކުރިއެރުވުމާއި، މާޙައުލު ސާފުކޮށް ބޭއްވުމުގެ މައްޗަށް މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ގޭގެއަށް ޒިޔާރަތްކޮށް މަޢްލޫމާތު ދީ، އާންމު ހޭލުންތެރިކަން އިތުރުކުރުން.
5.          ޤުދުރަތީގޮތުން ނުވަތަ އެހެން ގޮތަކުންވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބޭނުންވާ ޞިއްޙީ ޚިދްމަތްތައް ރާވައި، ޞިއްޙީ ޚިދްމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެފަދަ ހާދިސާތަކުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
6.          ހޮޓާތަކާއި، ފިހާރަފަދަ ތަންތަނުގައި ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަން ބަލައި ފާސްކުރުމާއި، ބޯފެނުގެ ރައްކާތެރިކަމާއި، ރަށުތެރޭގެ ސާފުތާހިރުކަން ބެލުން.
7.          ހޮސްޕިޓަލުން ޚިދްމަތް ފޯރުވައިދެވޭ މީހުންގެ ރެކޯޑްތަކާއި، ސަރވޭލަންސަށް ބޭނުންވާ މަޢްލޫމާތުތައް ބަލަހައްޓައި ރިޕޯޓްކުރުން.
އަތޮޅު ހޮސްޕިޓަލުގެ މަސައްކަތްތައް
1.          އަތޮޅުގެ ރައްޔިތުންގެ ސަލާމަތް ޞިއްޙަތަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތަކާއި، ބޭސްފަރުވާ ދިނުމުގެ ކަންތައް ހިންގައި ބެލެހެއްޓުމާއި، ބަލިތައް ތަޙްލީލުކުރުމަށް ބޭނުންވާ ލެބޯރެޓަރީ ހިންގައި، މި ވަސީލަތްތައް ތަރައްޤީކުރުން.
2.          މޯބައިލް ޓީމްގެ ޒަރީޢާއިން ޚާއްޞަ ބަލިތަކަށް ފަރުވާދޭނެ ސްޕެޝަލިސްޓުންގެ ޚިދްމަތް، އަތޮޅުގެ އެހެން ރަށްތަކަށް ފޯރުވައިދިނުން.
3.          ރޯގާއާއި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމާބެހޭގޮތުން ދޭންޖެހޭ ފަރުވާއެއްދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
4.          މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރި ކުރުމަށާއި، ޢާންމު ޞިއްހަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައް (ވެކްސިން ދިނުމާއި، ޚާއްޞަ ބަލިބައްޔަށް ފަރުވާދޭ ކްލިނިކްތައް ހިންގުންފަދަ ޕްރޮގްރާމްތައް) ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ފޯރުވައިދިނުން. އަދި، ޞިއްޙަތު ކުރިއެރުވުމާއި، މާހައުލު ސާފުކޮށް ބޭއްވުމުގެ މައްޗަށް މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތުދީ ޢާންމު ހޭލުންތެރިކަން އިތުރުކުރުން.
5.          ޤުދުރަތީގޮތުން ނުވަތަ އެހެން ގޮތަކުންވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބޭނުންވާ ޞީއްޙީ ޚިދުމަތްތައް ރާވައި، ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އެފަދަ ހާދިސާތަކުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
6.          ހޮޓާތަކާއި ފިހާރަފަދަ ތަންތަނުގައި ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަން ބަލައި ފާސްކުރުމާއި، ބޯފެނުގެ ރައްކާތެރިކަމާއި، ރަށުތެރޭގެ ސާފުތާހިރުކަން ބެލުން.
7.          ހޮސްޕިޓަލުން ޚިދްމަތް ފޯރުވައިދެވޭ މީހުންގެ ރެކޯޑްތަކާއި، ސަރވޭލަންސަށް ބޭނުންވާ މަޢްލޫމާތުތައް ބަލަހައްޓައި، ރިޕޯޓްކުރުން.
ޞިއްޙީ މަރްކަޒުތަކުގެ މަސައްކަތްތައް
1.         ޞިއްޙީ މަރްކަޒު ހުންނަ ރަށުގައި، ޞިއްޙީ މަރްކަޒުގެ ފެންވަރުގައި އޯ.ޕީ.ޑީ. ޚިދްމަތާއި އެޑްމިޓް ކުރަންޖެހޭ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމާއި، ބަލިތައް ތަޙްލީލުކުރުމަށް ބޭނުންވާ އަސާސީ ލެބޯރެޓަރީ ޚިދްމަތްތައް ހިންގައި ބެލެހެއްޓުން.
2.         މޯބައިލް ޓީމުގެ ޒަރީޢާއިން ޑޮކްޓަރުންގެ ޚިދްމަތް، ކައިރި ރަށްރަށަށް ފޯރުވައިދިނުން.
3.         އާންމު ޞިއްޙަތު ކުރިއަރުވައި، ރޯގާއާއި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ރޯގާ ކޮންޓްރޯލް ކުރުމާއި، މައިންނާއި ޅަދަރިންގެ ޞިއްޙަތާއި ވެކްސިނޭޝަން އަދި ބަލި ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ދިމާވާ އިމަރޖެންސީ ކަންތައްތަކާބެހޭގޮތުން ބޭނުންވާ ކަންތައްތައް ކުރުމާއި، ގޭގެއަށް ޒިޔާރަތްކޮށް ޞިއްޙީ މަޢުލޫމާތުދީ، ޢާންމު ހޭލުންތެރިކަން އިތުރުކޮށްދިނުން.
4.         ހޮޓާތަކާއި، ފިހާރަފަދަ ތަންތަނުގައި ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަން ބަލައި ފާސްކުރުމާއި، ބޯފެނުގެ ރައްކާތެރިކަމާއި ރަށުތެރޭގެ ސާފުތާހިރުކަން ބެލުން.
5.         ޞިއްޙީ މަރުކަޒުން ޚިދްމަތް ފޯރުވައިދެވޭ މީހުންގެ ރެކޯޑުތަކާއި، ސަރވޭލަންސަށް ބޭނުންވާ މަޢުލޫމާތުތައް ބަލަހައްޓައި ރިޕޯޓުކުރުން.
ހެލްތު ޕޯސްޓްތަކުގެ މަސައްކަތްތައް
1.        ރަށު ފެންވަރުގައި، ޕްރައިމަރީ ހެލްތު ކެއަރގެ އުސޫލުން ޚިދްމަތް ފޯރުވައިދިނުން.
2.        އާންމު ޞިއްހަތު ރައްކާތެރިކޮށް، ޞިއްޙަތު ކުރިއެރުވުމަށްޓަކައި ރަށުފެންވަރުގައި ހިންގާ ޕްރޮގްރާމްތައް ހިންގުން.
3.        ރަށުފެންވަރުގައި، ހޮޓާތަކާއި، ފިހާރަ ފަދަ ތަންތަނުގައި ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަން ބަލައި ފާސްކުރުމާއި، ބޯފެނުގެ ރައްކާތެރިކަމާއި، ރަށުތެރޭގެ ސާފުތާހިރުކަން ބެލުން.
4.       ހެލްތު ޕޯސްޓުން ފޯރުކޮށްދޭ ޚިދްމަތްތަކުގެ ރެކޯޑުތަކާއި، ސަރވޭލަންސަށް ބޭނުންވާ މަޢުލޫމާތުތައް ބަލަހައްޓައި ރިޕޯޓުކުރުން.