މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މިދިޔަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުއްވުމުގެ ފުރުޞަތު، މިއަދު ހުޅުއްވާލައްވައިފި ކަމަށާއި، މި އިނާމާބެހޭ ކަންތައްތައް ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ އެކަމަށްޓަކައި އެކުލަވާލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ އަންނަނިވި ކަންކަމަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.     މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
2.     ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުން.
3.     ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
4.     މަސައްކަތްތެރިކަމާއި އުފެއްދުންތެރި ކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލް ކުރުން.
5.     ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.
 
ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް މިއިން ކޮންމެ ގިންތިއަކަށް ފޯމެއް ތައްޔާރު ކުރައްވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ގިންތިތަކުގެ ތެރެއިން 5 ވަނަ ގިންތީގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތް ކުރާ ރިޒޯޓަކަށް ކަމަށާއި، މި އިނާމަށް އިޢުލާން ކުރައްވައި، ރިޒޯޓެއް ހޮއްވެވުމުގެ ކަންތައް ކުރިއަށް ގެންދަވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. ފޯމު ފުރިހަމަކުރައްވައި ފޮނުއްވާނީ، "ޚާއްޞަ އިނާމާބެހޭ ކޮމިޓީ"އަށް އެޑްރެސް ކުރައްވައި އަންނަ ޖޫންމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3.00ގެ ކުރިން މިއޮފީހަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ލިޔުމާއި، އިނާމަށް އެދި ނަން ހުށަހަޅާ ފޯމުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚާއްޞަ އިނާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވަން ބޭނުންފުޅުވާނަމަ، މިއޮފީހުގެ ނަންބަރު 3336206 ފޯނަށް ނުވަތަ 3323701 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.