2013 މެއި 2 ވަނަ ދުވަހުން ފެށިގެން، ސަރުކާރުގެ ރަސްމީ ގަޑީގެ ތެރެއިން މެންދުރު ކެއުމަށާއި މެންދުރު ނަމާދުކުރުމަށް އެއް ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެއްވާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ، ސަރުކާރުގެ ރަސްމީގަޑި، 2012 މާޗް 21 ވަނަ ދުވަހު ހަމަޖެއްސެވިއިރު، މުވައްޒަފުން މެންދުރު ކެއުމަށް ދިނުމަށް ހަމަޖެއްސެވި 30 މިނެޓުގެ ހުސްވަގުތުކޮޅަކީ އެކަމަށް އެކަށީގެންވާ ވަރަށްވުރެ ކުރު ވަގުތުކޮޅެއްކަމަށް މުވައްޒަފުން ފާހަގަކުރަމުންދާތީ، އެކަމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މެންދުރު ކެއުމަށާއި މެންދުރު ނަމާދުކުރުމަށް ދެވޭ ހުސްވަގުތުކޮޅު އެއް ގަޑިއިރަށް ބަދަލުކުރެއްވުމަށް އެ މަޖިލީހުން ލަފާދެއްވާފައިވާތީކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވީމާ، އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތް މެދުނުކެނޑޭނެގޮތަކަށް، މެންދުރު 12:00 އިން 1:00 އަށް ނުވަތަ 1:00 އިން 2:00 އަށް، މި ހުސްވަގުތުކޮޅު މުވައްޒަފުންނަށް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.