މާގިނަދުވަސްތަކެއްނުވާނެ، މީގެ މަސްތަކެއް ކުރީގައި، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ހަމަ އަޅުގަނޑު ހަމަ މިތަނުގައި ތިޔަބޭފުޅުންނާ ވާހަކަތަކެއް ދެއްކީމު. އަޅުގަނޑު ވަރަށް ބާރަށް އެދުވަހު ފަށަމުން ދެންނެވީމު، އިރާދަކުރެއްވިއްޔާ 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު ދެން މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެހުވާ ކުރާނީ އަޅުގަނޑޭ. އަޅުގަނޑުމެން ރައްޔިތުންނަށްވީ ފުރަތަމަ ވަޢުދަކީ އެއީ. އަޅުގަނޑުމެންނަށް ފެނުނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކު އެދިއެދި ތިބީ، ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ވެރިކަން ހިނގަމުންއަންނަ ގޮތާއި އަދި އެވެރިކަމުގައި މިދިޔަދިގު 30 އަހަރު ތިއްބެވި ބޭފުޅުން ބަދަލުކުރާންކަން. އެބަދަލު ބޭނުންވެގެން ފުރަތަމަ ފިޔަވަޅުގައި ރައްޔިތުން އުޅުނީ. އެބަދަލު ގެނެސްދިނުމަށްޓަކައި، އަޅުގަނޑުމެން ފިކުރުތަކެއްކުރީމު، ވިސްނުންތަކެއްވިސްނީމު.

އަޅުގަނޑު އެދުވަހު އައިސް، ތިޔަބޭފުޅުން އަރިހުގައި އެވާހަކަ ދެންނެވީ، އެއިންތިޚާބުގައި އަޅުގަނޑުމެން ބައިވެރިވެފައި އެވާހަކަ ދެންނެވީ، އަޅުގަނޑުމެންނަށް އެއީ، ކުރެވިދާނެ ކަމެއްކަމަށް ލަފާކުރެވުނީމާ. އެއީ، އަޅުގަނޑުމެން ކުރާނެކަމެއްކަމަށް އަޅުގަނޑުމެން ނިންމީމާ. ހަމައެފަދައިން، އެ އިންތިޚާބުގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިތުރު މަޢުލޫމާތުތަކެއް، ނުގުތާތަކެއް ހުށަހަޅަމުން ގެންދިޔައިމު. އަޅުގަނޑުމެން ވަޢުދުތަކެއް ތިޔަބޭފުޅުންނަށްވީމު.

އެނގިވަޑައިގަންނަވާނެ، އެމް.ޑީ.ޕީ.އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ، އަޅުގަނޑު އެޕާޓީއަށް ނިސްބަތްވާ ޕާޓީ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހުންނަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެގޮތުގައި ވާދަކޮށްގެން، ތިޔަބޭފުޅުން އަޅުގަނޑަށް ވޯޓު ދެއްވީތީވެ، އެޕާޓީގެ މެންބަރެއްގެ ގޮތުގައި. އަޅުގަނޑުމެން އެ ޕާޓީގެ ފަރާތުން ރައްޔިތުންނަށް ހުށަހެޅީ، ތަޞައްވުރެއް، ވިސްނުމެއް، ފިކުރެއް، މަންޒަރެއް. އަޅުގަނޑުމެން ބުނީ، މިއޮތީ އަޅުގަނޑުމެންގެ މެނިފެސްޓޯއޭ، މިއޭ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ކަންކުރާ ގޮތަކީ. ވެރިކަމަށް އައުމުގެ ކުރީގައި ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައި ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅަނިއްޔޭ، އެޕާޓީއެއް ވެރިކަމަށް އައީމާ، އަތުވެއްޖެނަމަ، ކަންކުރާނެގޮތުގެ ތަޞައްވުރެއް. ރައްޔިތުން ވޯޓުދެނީ ރައްޔިތުންނަށް ހުށަހެޅޭ މިދަންނަވާ ތަޞައްވުރުތަކުގެ ތެރެއިން، މަންޒަރުތަކުގެ ތެރެއިން، އުންމީދުތަކުގެ ތެރެއިން، ރައްޔިތުންނަށް އެންމެ ގަބޫލުކުރެވޭ އުންމީދަކަށޭ.

އަޅުގަނޑުމެންގެ މެނިފެސްޓޯ، ސިޔާސަތު ގަބޫލުކޮށްގެން، އަޅުގަނޑުމެންނާއެކުވި ހުރިހާ އެހެން ސިޔާސީ ޕާޓީއެއްވެސް އަޅުގަނޑުމެންނާ އެކުވި. ބައެއްބޭފުޅުން އަޅުގަނޑުމެންނާ ބައިވެރިވެ ވަޑައިގެންނެވީ އެއްވެސް ޝަރުޠަކާނުލައި. އަނެއްބައި ބޭފުޅުން އެބޭފުޅުންގެ ވަޒީރުންކޮޅެއް އަޅުގަނޑުމެންގެތެރޭގައި ހިމެނުމަށްއެދި ވާހަކަދައްކަވަމުން. ހުރިހާ ބޭފުޅުންމެ އެއްބަސްވެވަޑައިގެންނެވި އެއްކަމަކީ، އަޅުގަނޑުމެންގެ ސިޔާސަތަށް ހުރިހާ ޕާޓީއަކުންވެސް ތާއީދުކުރާކަމަށް. އެހެންވީމާ، ޑޮކްޓަރ ޑީ.ޑީ އެވިދާޅުވިފަދައިން، މި ސަރުކާރު ދެމިއޮންނަނީ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތްކުރުމަށް.

އަޅުގަނޑުމެން ސަރުކާރު ހިންގަމުންދާއިރުގައި އެންމެ ހިނދުކޮޅެއްގައިވެސް އަޅުގަނޑުމެންގެ ހަނދާނުން ނެއްޓިގެނެއްނުދޭ، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާފޮއްޗަކީވެސް، ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާކަން. ތިޔަބޭފުޅުންގެ މުއްސަނދިކަން. ތިޔަބޭފުޅުންގެލާރި. ތިޔަބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކުރެއްވީ، އެފައިސާ ހަމަހަމަކަންމަތީގައި އިޚްލާޞްތެރިކަމާއެކު ޚިޔާނާތްތެރިނުވެ، އަމާނާތެއްގެގޮތުގައި ދެކިގެން ހެޔޮގޮތުގައި ރައްޔިތުންގެ ރަނގަޅުގައި ބޭނުންކުރުމަށް. އަޅުގަނޑުމެން ކުރަމުން މިއަންނަކަމަކީ މިދެންނެވީ. ތިޔަބޭފުޅުންގެ ޚާދިމުންގެގޮތުގައި ތިޔަބޭފުޅުންގެ ނޯކިރީންގެގޮތުގައި މަސައްކަތްކޮށް، އަޅުގަނޑުމެންގެ އުންމީދު، އެއީ، މިރާއްޖޭގެ ޙަޤީޤަތަކަށްހެދުމަށް، އަނެއް ދިވެހިރާއްޖެ ދުށުމަށް. އަޅުގަނޑުމެން ދައްކަމުން ދިޔައިމު، ބޯހިޔާވަހިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ، ޑްރަގުގެ ވަބާއިން ޒުވާނުން ސަލާމަތްކޮށްދޭނަމޭ، ދަތުރުފަތުރުގެ ނިޒާމުން ގުޅިފައި ލާމެހިފައިވާ ރާއްޖެއަކަށް ދިވެހިރާއްޖެ ހަދާދޭނަމޭ. އަޅުގަނޑުމެން ބުނަމުން އައިމު، ބޭސް ސިޓީއަށް ސަލާންޖެހުން، ފޮތްލިސްޓަށް އާދޭސްކުރުން، ދިރިއުޅުން ހާސްކަންމަތީގައި އާރާސްތުކުރަމުން ގެންދިޔުން އެއީ، އަޅުގަނޑުމެން އެދޭ ދިވެހިން، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖޭގެ ދިވެހިން ދިރިއުޅޭނެ ގޮތެއްނޫނޭ، އުޅެންވީގޮތެއްނޫނޭ.

އަޅުގަނޑުމެން މިވާހަކަތައް ދެއްކިފަހުން މިހާރު ހަމަސްދުވަސް ވެއްޖެ. ސަރުކާރު ބަދަލުވެއްޖެ. އެކަމަކު އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ އެއްވަރަށް ގަބޫލުކުރަން އެއްވެސްކަމެއް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާވަރަކަށް ބަދަލެއްނުވި. މަގެއްވެސް ނުހެދުނު. ނަރުދަމައެއްވެސް ނޭޅުނު. ޓީޗަރުންނެއްވެސް، ސްކޫލެއްވެސް ވަކި ރަނގަޅުވީކީއެއްނޫން. ހެލްތްސެންޓަރުވެސް ރަނގަޅުވީކީއެއްނޫން. މަދިރީގެ އުނދަގުލުން ސަލާމަތްވީކީއެއްވެސްނޫން. ރަށުގެބިން ހެޔޮގޮތުގައި ބޭނުންކުރެވުނީކީވެސްނޫން. މިތަނުން ފުރައިގެން އެއޮތް ގދ. ހިތަދޫއަށްގޮސްލާފައި އެނބުރި ރަށަށްއައިސް އަންހެނުންނާއެކީގައި ނިދާލެވޭގޮތެއް ވީކީއެއްވެސް ނޫން. އަދި އަންހެނުންނަށް ފިރިމީހާއާއެކީ އުޅެވޭގޮތެއް ވީކީއެއްވެސްނޫން. ޖެހިގެން އޮތް ހެރެތެރޭގައި އެ ރިޒޯޓު ހުޅުވައި، އަދި މިއޮތް އައްޑޫ ގަން އެއަރޕޯޓު ތަރައްޤީކޮށް، އެ އެއަރޕޯޓަށް ބައިނަލްއަޤްވާމީ ބޯޓުފަހަރު ޖައްސައި، މިހޮޓާތައް ފުރޭގޮތް ވީކީއެއްވެސް ނޫން. ވިލިނގިލި ހުޅުވުނީކީ އެއްވެސްނޫން. ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑު ހަމަ އެންމެބޮޑަށް ގަބޫލުކުރަނީ މިކަންތައްތައް ތިޔަބޭފުޅުންގެ މަންޒަރަށް، ތިޔަބޭފުޅުންނަށް އިޙްސާސްވާ މިންވަރަށް މިއަދު އަދި ފުރިހަމަވެފައެއްނެތް. އެއީ، އަޅުގަނޑުމެން އެކަންކުރާގޮތުން.

އަޅުގަނޑު ރަށްޓެހި މީދޫބޭފުޅުން، ހުޅުދޫ ބޭފުޅުން ބައިވަރު. އަދި އަޅުގަނޑުގެ ގާތްތިމާގެ މީހުންނާ، ޅިޔަނުންނާ، ފަހަރިންނާ، އެއްބަފާ އެއްބަނޑު މީސްމީހުންކައިރީގައި ކަލެއަށް މިއޭ، އޭނައަށް މިއޭ، އޭނައަށް މިއޭ، ކޮންމެމީހެއްގެއަތަށް ވިއްސަކަށް ތިރީހަކަށް މިލިޔަންރުފިޔާ ދީފައި އައިސް މިރަށުގައި ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލަން މިތަން ކޮނެލަބަލާށޭ، ޖައްރާފުގެނެސް މިތާނގައި ބާއްވާލަބަލާށޭ، އެތަނުންމަގެއް ކޮށާލަބަލާށޭ. އަދި މިވެނި ސްކޫލެއްގައި ބިންގާއަޅާލާފައި، އެވެނިތަނެއްގައި އެވެނިކަމެއްކޮށްލާފައި، ރައްޔިތުންނަށް ދަޅަދައްކަބަލަހަރޭ. އެކަން އަޅުގަނޑުމެންނަށް ކުރެވިދާނެ. ހަމަ މާދަމާވެސް އަޅުގަނޑުމެންނަށް އެކަންކުރެވިދާނެ. އެކަމަކު އަޅުގަނޑެއް ނުދެކެން އެއީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާގޮތެއްނޫން. އެއީއެއްނޫން، ޙަޤީޤީ ތަރައްޤީއަކީ. އެއީއެއްނޫން، އަޅުގަނޑުމެން ކުރަންއައިސް މިއުޅޭކަމަކީ. އެއީއެއްނޫން، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅި ތަޞައްވުރަކީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅި މަންޒަރަކީ.
އަޅުގަނޑުމެން ދައްކަމުން މިއަންނަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަ. ނިޒާމެއްގެތެރެއިން ކަންކަން ރަނގަޅުކުރަމުން ދެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން މިހޯދަނީ. އަޅުގަނޑުމެން އެންމެފުރަތަމަދުވަހުވެސް އެނިޒާމުތައް އެކުލަވާލީމު. އެންމެފުރަތަމަދުވަހުއްސުރެ ފެށިގެންވެސް އެކަމުގައި އަޅުގަނޑުމެން މިއަންނަނީ ހަމަ އެ އަޅުގަނޑުމެން ނިންމާފައިއޮތް އަދި ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އިންތިޚާބުގެ ކުރީގައި ހުށަހަޅާފައިއޮތް ތަރުތީބުން އެމަސައްކަތް ކުރަމުން. ބައެއްބޭފުޅުން އިންތިޚާބުގެ ދުވަސްވަރުގައި އެއްސެވި ކޮބައިތޯއޭ ދިގުމުއްދަތަކީ، މެދުމުއްދަތަކީ، މިހާރުންމިހާރަށް ކުރާ ކަންތަކަކީ. އަޅުގަނޑުމެން އަދިވެސް ހަމަ އެތަރުތީބުގައި، އެ ތާވަލުގައި އަޅުގަނޑުމެން މިތިބީ. އެތާވަލުން، އެތަރުތީބުން އަޅުގަނޑުމެން މަސައްކަތްކުރާނަން. އެމަސައްކަތް އެއީ، ކާމިޔާބު މަސައްކަތަށްވާނީ. އެމަސައްކަތްއެއީ ދެމެހެއްޓެނިވި ތަރައްޤީއަށްވާނީ.

އަޅުގަނޑަށް ހަމަ އުފަލާއެކީގައި ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް، އިރާދަކުރެއްވިއްޔާ، މިއަހަރު ނިމުމުގެ ކުރީގައި، މިރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އަޅުގަނޑުމެން މިރަށުގައި ގާއިމުކުރަންފަށާނަމޭ. ޔަޤީން އަޅުގަނޑަށް. އަޅުގަނޑުމެން މިރަށުގައި ގެދޮރު އަޅާނަން. އަޅުގަނޑުމެން މިރަށުގައި ރިހެބިލިޓޭޝަން ސެންޓަރެއް ހަދާނަން. އަޅުގަނޑުމެން މިރަށުގައި ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޝަނެއް ގާއިމުކުރާނަން. އަޅުގަނޑުމެން މިރަށުގެ މަގުތައް، މަދުވެގެން މިރަށުގެ މައި ދެމަގާ، ހުރަސް ހަތަރުމަގު ތާރުއަޅާ ހަދާނަން. އަޅުގަނޑުމެން މިރަށުގެ ވަށާމަގު ހަދާނަން. އަޅުގަނޑުމެން މިރަށުގެ މަދިރީގެ މައްސަލަ އިރާދަކުރެއްވިއްޔާ ކޮންޓްރޯލް ކޮށްދޭނަން. އަޅުގަނޑުމެން ހެރެތެރެ އެއީ، ހުޅުވާފައި އޮންނަ، ރިވެތިގޮތުގައި ހިނގާ، މިރަށަށް ފައިދާހުރި ރިޒޯޓަކަށް ހަދާދޭނަން. އަޅުގަނޑުމެން މިކަންކަން ތަރުތީބުން ތިޔަބޭފުޅުންނަށް ކޮށްދޭނަން. ދެން އެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްދިނުމަށްޓަކައި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށްޓަކައި، ދޮގުހަދައިގެނެއް އެކަންކަމުގެ ތަރުތީބު އޮޅުވާލައިގެނެއް ކަމެއްކުރާކަށެއްނޫޅޭނަން. އެއީ، އަޅުގަނޑު ކުރާނެކަންކަމެއްނޫން. އެއީ، އެމް.ޑީ.ޕީ.އިން ކުރާނެބާވަތުގެ ކަމެއްވެސްނޫން.

އަޅުގަނޑުމެންގެ ފަލްސަފާއަކީ، ދެމެހެއްޓެނިވި ތަރައްޤީކަމަށް ވަނީވިއްޔާ އެއީ، އެތަރައްޤީއަކީ. އަޅުގަނޑުމެންގެ ތަރުތީބުން ނައްޓާލައިގެނެއް ނުދާނެ. އަޅުނޑަށް އެނގޭ، ތިޔަބޭފުޅުން ހިތްހަމަނުޖެހޭކަން. ކީއްވެތޯ ހިތްހަމަޖެހެންވީ. ކޮންކަމެއްތޯ ވީ. ހަމައެކަނި ވީ ވެރިކަންބަދަލުވުން. އެހެންވީމާ، ތިޔަބޭފުޅުންނަށް އަދި އަޅުގަނޑުމެން ހަމަ އަޅުގަނޑު އެބައެދެން، ތިޔަބޭފުޅުން ބޭނުންފުޅު އެއްޗެއް ކިޔުއްވަންވީ އަޅުގަނޑާ ދިމާލަށް. ފުރައްސާރަވެސް ކުރައްވަންވީ. މަލާމާތްވެސް ކުރައްވަންވީ ހަޖޫވެސް ޖައްސަވަންވީ. ފާޑުވެސް ކިޔުއްވަންވީ. އަޅުގަނޑު ހަމަ ތިޔަބޭފުޅުންދެކެ ވާނީ ލޯބި. އަޅުގަނޑު ނުދެކެން، ރައްޔިތަކު ދުރުވިސްނިގެންއައިސް، ޒަމާންވީ މިކަހަލަ ބޯދާވެރިކަމެއް ބަދަލުކޮށްލިބަޔަކު ދުނިޔޭގައި މަދު. ކާކަށްތޯ، ކޮން ސިޔާސީ ވިސްނުންތެރިޔަކަށްތޯ، ފިކުރުކުރާ މީހަކަށްތޯ، ތިޔަބޭފުޅުންނާ ރުޅިއާދެވޭނީ. ނާދެވޭނެ. އަޅުގަނޑެއް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ތިޔަބޭފުޅުންދެކެ ރުޅިއެއް ނާންނާނަން. ތިޔަބޭފުޅުން ބޭނުންފުޅުއެއްޗެއް އަޅުގަނޑާ ދިމާއަށް އަޅުގަނޑަކީ މިވެނިކަމެއްކުރާ މީހެކޭ، މައިންބަފައިންނަށްވެސް ގޮވިދާނެ. އަޅުގަނޑު އަޅައެއްނުލާނަން.

އަޅުގަނޑު މި ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ތަޞައްވުރެއް އެބައޮތޭ، އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތޭ. އެ ޕްލޭންގައޭ އަޅުގަނޑުމެން ކުރިއަށް މިދަނީ. އިންތިޚާބު އަންނަނިއްޔޭ ކިޔާފައި އޭގެއިން މަގުތައް ކުރުކޮށްފައި ހުރަސްކޮށްފައި އައިސް އެވެނިތަނެއްގައި މިވެނިކަމެއްކޮށްލަން، މިވެނިތަނެއްގައި އެވެނިކަމެއްކޮށްލަން އެއީކީއެއް އަޅުގަނޑުމެން ކުރާނެ ބާވަތުގެ ކަމެއްނޫނޭ.

ސުޢޫދު ހިންގައިދެއްވުމަށް، މިސާލަކަށް އެހަވާލުވެލެއްވީ، ޔުނިވަރސިޓީ ނުވަތަ މަތީ ތަޢްލީމު ޙާޞިލުކުރާ މަރުކަޒު. އެމަރުކަޒުގެ ވާހަކަ އަޅުގަނޑުމެން ދެމީހުން ދައްކަމުންއަންނަތާ އެއީ، އަޅުގަނޑުމެންނަށް އުމުރުންވީހާދުވަހެއް. އަޅުގަނޑަކަށެއް ނުވިސްނޭ އެއީ އެއްވެސް ހާލެއްގައި އެއީކީއެއް އަޅުގަނޑުމެން މިއަދު އޭގެފަހަތް ނުބަލައި އެކަން އަޅުގަނޑުމެން ކުރާނެގޮތް. އަޅުގަނޑުމެންގެ، އެމް.ޑީ.ޕީ.ގެ މަތީތަޢްލީމުގެ ސިޔާސަތު ރޭވިފައި އޮންނާނީ މިމޮޑެލްގައި. އަޅުގަނޑުމެން ކުރަމުން ގެންދިޔަ ވިސްނުމަކީ އެއީ. އަޅުގަނޑުމެން އެއަށް މިކިޔަނީ، ޕީ.ޕީ.ޕީ. އޭ. ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް އޭ. ސަރުކާރާއި ވިޔަފާރިއާ އަދި އެދެބައިގުޅިގެން ހިންގޭ މަސައްކަތްތަކުގައި އެހިންގޭ ބާވަތުގެ މަދަރުސާއެއް. އެމަދަރުސާއަށް، އެ ޔުނިވަރ ސިޓީއަށް ބޭފުޅުން ވެދެވަޑައިގަންނަވަން ޖެހޭނީ ފީދައްކަވާފައި. އެ ފީ ދެއްކުމަށްޓަކައި ސަރުކާރުން ދޭނެ ގްރާންޓެއް، ދޭނެ ހިލޭ އެހީއެއް. އަދި ސަރުކާރުން އެ ފީ ދެއްކުމަށްޓަކައި ލޯނު ފެސިލިޓީއެއް އުފައްދާދޭނެ. އެދެބައި އެއްވީމާ އެމަދަރުސާ ރަނގަޅަށް ހިނގާނީ. އެއިރުން އެމަދަރުސާއަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި ހިނގާ، ރަނގަޅު މަދަރުސާއެއްގެގޮތުގައިވާނެ. ސަރުކާރަށް މިއުޅެނީ، އަޅުގަނޑުމެންގެ ބަޖެޓުން، ސަރުކާރުގެ ބަޖެޓުން މިހާރު އިތުރަށް ނާސަރީތައް އެޑިޔުކޭޝަންގެ ބަޖެޓަށް ގެނައިމާ ދެން ރާއްޖެއަށް ލިބޭ އާމްދަނީން އަޅުގަނޑުމެންނަށް ނުފުދި.

ދިވެހިރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ، ސަރުކާރުން އެކަނި. ސަރުކާރުގެ ބަޖެޓުން އެކަންކުރަންވެގެން އަޅުގަނޑުމެން އުޅެއްޖިއްޔަކާއެއް. މިހާތަނަށް އައިއިރުގައި އަޅުގަނޑުމެންނަށް ކަމެއްނުވެ މިދަނީ، ހަމައެކަނި ސަރުކާރުގެ ބަޖެޓުން އެކަންކުރަންއުޅޭތީ. އަޅުގަނޑު މާގިނަދުވަހެއްނުވާނެ، އެބޭފުޅުންނަށް ލައިސަންސެއް ދިނުމުގެ ވާހަކަދެއްކިތާ. އޭގެއަނެއްދުވަހު ބުނީ އާނ ތިމަންނާމެން ދެން މިހާރު ބިންގާއަޅައިގެން ހަދަނިއްޔޭ، ފަށަނިއްޔޭ، ބޭރުންވެސް ލާރިލިބެންއެބަހުއްޓޭ. އެތައްތަނަކުން ފައިސާ ހޯދެން އެބަހުއްޓޭ. އެއްވެސް މައްސަލައެއްނޫނޭ. އެމަދަރުސާ ހިނގާނެ. އަޅުގަނޑުމެންނަށް ސަރުކާރުން ސީދާ ހިންގާ ތަންތަނަށްވުރެ، ސަރުކާރާ ޕްރައިވެޓް ސެކްޓަރާ ގުޅިގެން ހިންގާ ތަންތަން މާ ބާރަށް ހިނގާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮވޭ. އެހެންވީމާ ހަމަ ސުޢޫދު އެކުރެހި މަންޒަރު އެއީ، މިއީ ޔުނިވަރސިޓީ ޓައުނެކޭ. އެކަމަކާއެއް އެއްވެސް ބޭފުޅަކު އެއްވެސް މީހަކު ޝައްކެއްނުކުރާނެ.

ކޯގަންނަ އަކީ ކޮބައިކަން އަޅުގަނޑުމެންނަށް ހަމަ މާކުރިއްސުރެ އެނގޭ. އެތަނަކީ ޢިލްމު އުނގަންނައިދިނުމުގައި މީސްމީހުންނަށް، ތަންދޮރު އޮޅުންފިލުވައި ދިނުމުގައި އަރާހުރި ތަނެއް. ރާއްޖޭގައި ފަހަކަށްއައިސް ދުށް އެންމެބޮޑު ދީނީ ދަންނަބޭކަލަކީވެސް ދިވެހިއަދަބީ ޝާޢިރަކީވެސް. އެއްބޭފުޅަކީ، ބޮޑުފެންވަޅުގޭ ސީދީ. އެބޭފުޅާއަކީ މިރަށު ޢާއިލާއަކުން ވަޑައިގެންނެވި ބޭފުޅެއް. ދެން ހުންނެވި ބޭފުޅަކީ، ދަރަވަންދޫގެ ޙުސައިންދީދީ. ޙުސައިން ޞަލާޙުއްދީން. އެބޭފުޅާ ކިޔަވާ ވިދާޅުވީ މީދޫއިން. ޙުސައިން ޞަލާޙުއްދީން ސިޔަރަތު ފަށްޓަވާއިރުގައި، އެބޭފުޅާގެ އެދުރުންގެ ވާހަކަ ކިޔައިދެއްވާނެ. އަދި އެބޭފުޅާ ތަޢްލީމު ޙާޞިލުކުރެއްވިތަން ކިޔައިދެއްވާނެ. އައްޑޫމީދޫ ބޮޑުފަނޑިޔާރު ތަކުރުފާނާއި، ބަހާއުއްދީން ފަނޑިޔާރު ތަކުރުފާނާއި، މުޙިއްބުއްދީން ފަނޑިޔާރު ތަކުރުފާނާ އަދި އޭގެފަހުން، ބޮޑުފެންވަޅުގޭ ސީދީއާއި، ޙުސައިންޞަލާޙުއްދީނާއި، ޑޮކްޓަރ މުޙަންމަދު މުނައްވަރާއި، ދިޔާނާ ސަޢީދާ، އަޅުގަނޑުމެންގެ ބަންޑާރަ ނައިބުންގެ ގޮތުގައި ރާއްޖޭގައި ޙަޤީޤަތުގައި ވަޒީފާއަދާކުރަމުން މިއަންނަނީ ހަމަގިނައިން މިރަށުމީހުން. އޭގައި ސިއްރެއްވާނެ. އޭގައި ޙަޤީޤަތެއްވާނެ.

އަޅުގަނޑުމެން އެ ފިޠުރަޠުގެ ޙަޤީޤަތް އޮޅުވާލާފައި، ނުވަތަ ފަހަނަޅައިފައި، ފުރަގަސްދީފައި ކަންކަންކުރަން އުޅެގެނެއް، ރިވެތިގޮތަކަށް ލިބޭ ޤުދްރަތީ، ފިޠްރަތީ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ސަރުކާރުން ގަސްތުކުރީ، މިއިއްޔޭ އަޅުގަނޑުމެންގެ މަތީތަޢްލީމުގެ މައިމަރުކަޒަކީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މީދޫ، ހުޅުމީދޫ، މީދޫއާއި ހުޅުދޫ އަޅުގަނޑުމެން ބިނާކުރަމުން އަންނާނީ މަތީ ތަޢްލީމަށާއި ޢިލްމަށް ފަހިވާ ތަނެއްގެގޮތުގައި. ބައެއްބޭފުޅުން ވިދާޅުވޭ، އަޅުގަނޑު މިހުރިހާ ވާހަކައެއްދައްކާފައި ދިޔާމާވެސް ކީއްވެހެއްޔޭ މިގަޑީގައި އައިސް މިރަށުގެ މުޅި މިއަތޮޅުގެ މުޅިތަޞައްވުރާ ގުޅޭގޮތުން އަޅުގަނޑުމެން ޕްރެޒެންޓޭޝަނެއް ނުވަތަ ތިޔަބޭފުޅުންނަށް މަޢްލޫމާތު ހާމަކުރީ. އެއީ، ގޮނޑި ހޯދާންވެގެންހެއްޔޭ؟ އަޅުގަނޑުގެ ޖަވާބަކީ އާދޭހޭ. އެއީ، ގޮނޑި ހޯދާށޭ.

ކުރީގައި އޮންނަނީ، އެންމެ ޕާޓީއަކުން ހިނގާ ވެރިކަމެއް. ކުރީގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ، ގިނަ ޕާޓީ އެކުލެވޭ އިންތިޚާބެއްގައި ވާދަކޮށް، ސަރުކާރު ހިންގުމާ ޙަވާލުވެ ވަޑައިގެންނެވި ބޭފުޅެއްނޫން. މިސާލަކަށް، އިނގޭތޯ އެމެރިކާގެ ރައީސް އެއީ، އެހެންނޫނިއްޔާ ބައްލަވާ ފަރަންސޭސި ވިލާތުގެ ރައީސް، ނުވަތަ އިނގިރޭސި ބޮޑުވަޒީރު ކައިރީގައި ތިޔަބޭފުޅާ ތިޔައުޅުއްވަނީ ތިޔަބޭފުޅާގެ ޕާޓީއަށް ގޮނޑި ހޯއްދަވަންހޭ މީހަކު ބުނެފިއްޔާ، އޭނާ ހިތަށް އަރާނެ، އެ ސުވާލުކުރަނީ މޮޔައެކޭ. އެބޭފުޅާގެ ވަޒީފާއަކީ، ވާޖިބަކީ، ޤާނޫނީ ދައުރަކީ އެއީ. އެނޫންކަމެއް ކުރާކަށްނޫން އަޅުގަނޑު މިހުންނަނީކީއެއް. ވެގެންމިއުޅޭގޮތަކީ، ދިވެހިރައްޔިތުން ވަރަށް ސާފުކޮށް ބުނުއްވި، ވަރަށް ސާފުކޮށް ކަނޑައެޅުއްވި ދެންއޮތް 5 އަހަރަށް ހެޔޮގޮތުގައި ދިވެހިވެރިކަން ދިވެހިރައްޔިތުންގެމައްޗަށް ކޮށްދޭނީ އެމް.ޑީ.ޕީ.ގެ ޗެއަރމަނޭ. އަޅުގަނޑުމެންނަށް ވާޖިބު ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތުގައި ތަފާތުކުރުމެއްނެތި އެކަންކުރުން. އަޅުގަނޑުމެންނަކަށެއްނެތް އެއްވެސް ރައްޔިތެއްގެ ޙައްޤަށް އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށްވެސް އަރައިގަތުމުގެ ފުރްޞަތެއް. އަދި ވޯޓު އޮޅުވާލަން އުޅުމުގެ ފުރްޞަތެއްވެސްނެތް. އަދި ސަރުކާރު މުވައްޒަފެއްލައްވާ ވަކިއަތަކަށް ވޯޓުދޭން މަސައްކަތްކުރުމުގެ ބާރެއްވެސް. އަދި ސަރުކާރު މުވައްޒަފަކު ވަކިގޮތަކަށް ކަންކުރާތީވެ، އެކަމާ ހިތްހަމަނުޖެހިގެން އުޅުމުގެ އިޚްތިޔާރެއްވެސް ނުވަތަ ހިތްހަމަނުޖެހުމުގެ ފުރުޞަތެއްވެސް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ ކޮބައިކަން، ޑޮކްޓަރ ޑީ.ޑީ.އަކީ ކޮން ބޭފުޅެއްކަން، އަޅުގަނޑުމެންނަކީ ކޮންވިސްނުމެއްގެ ބައެއްކަން އެއީ، އެއްވެސްބަޔަކަށް އޮޅޭނެ ވާހަކައެއްނޫން. އަޅުގަނޑުމެން އައިސް މިތިބީ އެއްފިކުރަށް. އެފިކުރުގައި އަޅުގަނޑުމެން މިރާއްޖެ ބިނާކުރަމުން ގެންދެވޭތޯ މަސައްކަތްކުރަމުން މިދަނީ.

އަޅުގަނޑު ދާދިފަހުން އިނގިރޭސިވިލާތަށް ކުރި ދަތުރެއްގައި، އަޅުގަނޑެއް ނުދެކެން އެއީ، އަޅުގަނޑަށް ކޮންމެހެން އިނގިރޭސިރާނީ ދެއްވި ދަތުރެއްކަމަކަށްވެސް އަދި އެބޭފުޅާގެ ގަނޑުވަރުގައި އަޅުގަނޑު ބެހެއްޓެވީ އަޅުގަނޑަށް ވެގެނެއްނޫން. ކެނެރީގޭ މުޙަންމަދު ނަޝީދު މީގެކުރީގައިވެސް އިނގިރޭސިވިލާތަށް ގޮސްގޮސް އައިސްވެސް އުޅޭ. އޭނާއެއް ގެންގޮސް އެތަން ތަނަކު ނުބަހައްޓާ. އަދި އެއީކީ އަޅުގަނޑަކާ ގުޅުންހުރި އެހާބޮޑުކަމެއްނޫން. ތިޔަބޭފުޅުންނާ ގުޅުންހުރިކަމެއް. ވާހަކައަކީ ދިވެހިރައްޔިތުންނާ، ދިވެހިރާއްޖޭގެ ރައްޔިތުން ދިވެހިވެރިކަން ރިވެތިގޮތުގައި ކުރުމަށް ނިންމައި ޞުލްޙަވެރިކަމާއެކީގައި އެމައްޗަށް އެވެރިކަން ބަދަލުކޮށް، އެކަންކުރާނެ ވެރިޔަކު ހޮވީމާ އަޅުގަނޑުމެންނަށް އަބަދުވެސް ހަމްދަރުދީވާ ބައެއް. އަޅުގަނޑުމެންނާ ގާތްބައެއް ދުރުބައެއްނޫން. ތާރީޚީގޮތުންނާއި އެތައްގޮތަކުން އަޅުގަނޑުމެންނާ ގުޅިފައިއޮތް ބައެއް، އިނގިރޭސީން އެއީ. ރާނީވިދާޅުވީ، ދެން ދިވެހިރާއްޖެއަށް ތިމަންނާއަށް އެއްކަމެއް ކޮށްދެވެންޏާ، އެންމެ އަޅޭ ކަލޭ ބޭނުން ކަމަކީ ކޮބައިހޭ؟ ދެން އަޅުގަނޑު ދަންނަވައިފިން، މާތް ކަމަނާފާނޭ، ރާނީއޭ، އަޅުގަނޑު ބޭނުމޭ ނަރުދަމާވެސް، ފެންވެސް، މަގުވެސް، ހޮސްޕިޓާވެސް، މިހުރިހާއެއްޗެއް ބޭނުމޭ. އެކަމަކު އެހުރިހާ ކަމަކަށްވުރެ އަޅުގަނޑު ބޭނުމޭ، ކޯގަންނަ ރައްކާތެރިކޮށްދޭން. އަޅުގަނޑު އެހުރިހާކަމަކަށްވުރެ ބޭނުމޭ، ރާއްޖޭގެ ޒަމާންވީ ލިޔެކިޔުންތައް ވީރާނާވެދިޔަނުދީ، އާޘާރުތައް ޙިމާޔަތް ކުރެވޭނެގޮތެއް ހޯދަން. އަޅުގަނޑުމެންނަކީ ކޮންބައެއްކަން އެބައެނގެންޖެހެއޭ.

އަޅުގަނޑުމެންގެ އުޞޫލު މިހުރި ގޮތަކީ، 95 ވަނަ އަހަރުވެސް ރަސްގެތީމުގައިހުރި އެންމެ މުސްކުޅި މިސްކިތް ރަނގަޅަށް އަޅުގަނޑުމެން ބަލައިފިއްޔާ އެއީ، މާލޭ ހުކުރުމިސްކިތަށް ވުރެވެސް މުސްކުޅިނޫން ކަމެއްނޭނގެ. އެތަން ތަޅާލައިފި. މިރަށުގެ ކޯގަންނަ ތަޅާނުލައި މިބެހެއްޓެނީ މިރަށު ރައްޔިތުންގެ ހިތްވަރު ތަންކޮޅެއް ވަރުގަދަކަމުން. އެތައްބަޔަކު އުޅެމުންދާނެ މިހާރު އެތަންތަޅަން. އަޅުގަނޑުމެން ބޭނުން އެއީ، ރައްކާތެރި ތަނަކަށް ހަދަން. މަދުވާނެ ދުނިޔޭގައި އޭގެތަނެއް އިނގޭތޯ. ދެން އަޅުގަނޑު މިއަދު ކޯގަންނަގެ ތާރީޚަށް ދާކަށްނެތިން. އަޅުގަނޑުމެން އަދި ހޯދަން މިއޮތީ، އިބްނި ބަރަކާތުލްބަރްބަރީ އައީ، މީދޫއިންތޯ، ތަބްރޭޒުންތޯ، ބަރްބަރީންތޯ، ބޭރު ކަރައިންތޯ، އަޅުގަނޑުމެން އެ ދިރާސާއައް ދާންވީ. ފުރަތަމަ ވަޑައިގެންނެވީ ކޮންތާކަށްތޯ، މިތަނުންތޯ މާލެވަޑައިގެންނެވީ. ވަރަށްގިނަވާހަކަ އެބަހުރި ފެތުރިފައި. ވަރަށްގިނަ ދިރާސާ އެބަހުރި ކުރެވެން. މިއީ، ޢިލްމީ ރަށަކަށް ވާންޖެހޭނެ.

ދެން އަޅުގަނޑަށްވެސް އެނގޭ، ޢިލްމަކުންނެއް ކައިބޮއެއް ނޫޅެވޭނެކަން. ފިކުރަކުންނެއް ބަނޑެއް ނުފުރޭކަން. އެހެންވީމާ، ކާން މަސައްކަތްވެސް ކުރަންޖެހޭނެކަން. އެހެންނަމަވެސް، މިތަނަކީ ޔުނިވަރސިޓީ ޓައުނަކަށްވެ، ދެން ކައިރީގައި އެއޮތް ރިޒޯޓުއޮވެ، އަދި އެސް.ޓީ.އޯ.އިން، އެވާހަކަ ބާރަކަށް ފާޅުގައެއް ނުދައްކާ. އަދި ޑޮކްޓަރ ޑީ.ޑީ.ވެސް މިވާހަކައެއް ބާރުގައި ފާޅުގައެއް ނުދައްކަވާ. އަޅުގަނޑެއްވެސް އަނެއްހެން އެހެން ދަންނަވަނީކީއެއްނޫން. އެބޭފުޅުން އެބަ މަސައްކަތްކުރައްވާ، މިތަނުގައި ދަނޑުވެރިކަމުގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގެވުމަށް. އަދި މިތާ މިއޮންނަ ހުރާ އެއީ، މި ދަތުރުފަތުރުކުރުމުގެ ނިޒާމުގައި އަޅުގަނޑުމެން އެ ހުރާ އެއީ، ގެސްޓް ހައުސްއެއްގެ ގޮތުގައި ނުވަތަ ރަނގަޅުތަނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢެއްވެސް އެބަގެންގުޅެވޭ. އެކަންވެސް އިރާދަކުރެއްވިއްޔާ ހަމަ ހައިޓައިމްގައި މިއޮތީ. އަންނާނެ. އަޅުގަނޑު އޭގެ ތާރީޚެއް ތިޔަބޭފުޅުންނަށް އަރުވާކަށެއްނޫން. އެހެންނަމަވެސް، އެކަންވެސް އަންނާނެ. އަޅުގަނޑުމެން ކުރާކަމެއް މިކުރަނީކީއެއް ކޮންމެހެނެއް ދެނެއް ތިޔަބޭފުޅުން މާބޮޑަށް ބޭނުންވާތީކީއެއްނޫން. އަޅުގަނޑުމެން ބޭނުންވާތީ. އަޅުގަނޑުމެން މިކަންކުރަން ބޭނުންވާތީ. އަޅުގަނޑުމެން ބޭނުންވާތީ، އަޅުގަނޑުމެން ވެރިކަން ބަދަލުކުރާންވެސްއުޅުނީ. އަޅުގަނޑުމެންނަށް މިވެރިކަން މިހެންއޮވެގެން މިރާއްޖޭގެ ތަރައްޤީ ނުލިބޭނެކަން އަޅުގަނޑުމެންނަށް ފެނުނީމާ، އަޅުގަނޑުމެން އައިސް ތިޔަބޭފުޅުން އަރިހުގައި ދެންނެވީ. ބަލަ މިހިން މިހިން ހިނގާކަމެކޭ މިއީ، މިކަމުގައި އުޅެދޭންވީ ނޫންހޭ. ތިޔަބޭފުޅުންގެ ވިސްނުން ރަނގަޅުކަމުން، ތޫނުކަމުން، ތިޔަބޭފުޅުން ތާއީދުވެގެން އާނ، ތީ ރަނގަޅުކަމެކޭ ކިޔާފައި.

ދެން އަޅުގަނޑަށް ހަމަ ވަރަށްބޮޑަށް ޔަޤީން، އަޅުގަނޑުމެންގެ މި މަޖިލީހުގެ ގޮނޑިތައް ހޯދުމުގައި ނުވަތަ އެ ގޮނޑިތަކޭ ކިޔައިގެން ވާހަކަދެއްކީމާ އަޞްލުގައި އެހާދެން އުނދަގޫ ގޮތެއް އަޅުގަނޑަށްހީވަނީ އަދި މިވަނީ. މިއީ، އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ މިބޮޑު ބަދަލު އަންނައިރުގައި، އަދި ފުރަތަމަ ދެވަނަކަމަކަށް އަޅުގަނޑު ތިބޭފުޅުންނަށް ފާހަގަކޮށްލަން އެންމެގޮނޑިއެއް ނުލިބުނަސް އަޅުގަނޑުގެ ވެރިކަމަށްވާކަމެއްނެތް. މުސާރައަކުންވެސް އެންމެތަންކޮޅެއްވެސް އުނިވަނީކީ އެއްނޫން. ދެންހަމަ އެއްވެސްއުނިކަމެއް ރައީސުލްޖުމްހޫރިއްޔާއަށް އަންނަނީކީއެއްނޫން.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވެފައިމިހުރީ، ވަޢުދު ފުއްދުމަށްޓަކައި. އެކަންކުރުމަށް އަޅުގަނޑަށް ބޭނުންވަނީ ޤާނޫނީ ޙިއްޞާ. ބޮޑު ބަދަލެއް މިރާއްޖޭގެ ވެރިކަމަށް މިއަންނަނީ. އެބަދަލު އަންނާން މިޖެހެނީ ޤާނޫނީ އޮނިގަނޑެއްގެ ތެރޭގައި. އެނޫންގޮތަކަށް މިބަދަލުތައް އަންނަންޏާ އަޅުގަނޑުމެންނަށް ގެއްލުންވާނެ. އެ ޤާނޫނީ އޮނިގަނޑު ބިނާކުރުމުގައި އަޅުގަނޑުމެން މި ތިޔަބޭފުޅުންގެ އަރިހުގައި މިދަންނަވަނީ، ޙިއްޞާ ދެއްވާށޭ. ތިޔަބޭފުޅުންގެ ރުހުން ދެއްވާށޭ، އެއްބާރުލުން ދެއްވާށޭ، ތިޔަބޭފުޅުންގެ ތާއީދުދެއްވާށޭ. ތިޔަބޭފުޅުންގެ ލޯބި އަޅުގަނޑުމެންނަށް ދެއްވާށޭ. އެ ޤާނޫނީ އޮނިގަނޑު ބިނާކުރަންވެގެން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑު އޮންނާނެ، ސުޢޫދުލައްވާ އެ ލިޔުއްވާފައި. ކޮންކޮން ޤާނޫނެއްތޯ އަޅުގަނޑުމެން ހަދަން މިޖެހެނީ. އެ މާކުރިގައި. ހަނދުމަފުޅު ހުންނާނެކަންނޭނގެ، އެމް.ޑީ.ޕީ.އާ ޑީ،އާރު.ޕީ.އާ ދެޕާޓީ ދެމެދުގައި ބައްދަލުވުމެއް ހިނގި. އެއީ ފުރަތަމަ ވެސްޓް މިނިސްޓަރ ބައްދަލުވުމަށްފަހު، އޭގެފަހުން ނުކުތް ބައްދަލުވުމެއް. އޭރުގައި އަޅުގަނޑުމެން ކިޔަންފަށައިން، މިކަމެއްނުވެއޭ، އެކަމެއްނުވެއޭ. ދެން އަޅުގަނޑުމެން އިށީނދެފައި ހަމަ މިރަށު ވަރަށްގިނަ މީހުންނާ އެކީގައި. ދެން އަޅުގަނޑު މާގިނައިން މީސްމީހުންގެ ނަން ކިޔަންވީ. އަޅުގަނޑުމެން ނިންމައިފިން ބަލަ ޤާނޫނުތަކެއްނޫންހެއްޔޭ ބޭނުންވަނީ. އެދުވަހު އަޅުގަނޑުމެން ބުނީން، 19 ޤާނޫނު ބޭނުންވެއޭ. މިޤާނޫނުއަސާސީ އިޞްލާޙު ކުރުމަށްދާން. ޤާނޫނުއަސާސީ އިޞްލާޙުވީމާ އެބަ ފާހަގަވޭ، ފަސްދޮޅަސް އެތައް ޤާނޫނެއް އެބަބޭނުންވޭ، އެޤާނޫނުއަސާސީތަންފީޒުކޮށް، ރިވެތިގޮތުގައި ހިންގުމަށް.

ކުރީދުވަހު، ދާދި އިހަކަށްދުވަހު ސުޢޫދު ފާހަގަކުރެއްވި، ލާމަރްކަޒީ އުޞޫލުން ސަރުކާރު ހިންގުމަށް، ވެރިކަން ހިންގުމަށް، އިދާރީ ކަންކަން ރޭވުމަށް، ރައްޔިތުންނަށް، ރައްޔިތުންގެ ބާރު ދިނުމަށް އަޅުގަނޑުމެން ވަކާލާތުކޮށް، އެބިލު އެކުލަވާލާ، އެބިލު މަޖިލީހަށް ހުށަހެޅީމާ. ބަލަ އެއީ. ރަނގަޅުއެއްޗަކަށްނުވި. އެބިލަށް ވޯޓެއް ނުދިނެއްނޫންތޯ އެމް.ޑީ.ޕީ. އިއްތިހާދުގެ މެންބަރުންކިޔާ އެހެންބައެއް. ނުދިނޭ އިނގޭތޯ، އެހެންވީމާ، މިޤާނޫނީ ޙިއްޞާ ނެތީހެއް ލާމަރްކަޒީއެއްވެސް ނުވާނެ. އަޅުގަނޑެއް ނުދަންނަވާނަން، ޤާނޫނީ ޙިއްޞާ ނެތީހެއް މަގުތަކެއްވެސް އެޅޭނެއެކޭ، ނަރުދަމާއެއްވެސް ހެދޭނެއެކޭ. ކޮބައިތޯ؟ އެއީ، އަނެއް ފަލްސަފާއަކީ ސަރުކާރުން ހުރިހާ މަގަކާއި ނަރުދަމާއަކާއި ތަކެއްޗެއް ހެދުން. މިއަދުވެސް އެވިދާޅުވަނީނޫންތޯ، ތިމަންނާމެންގެ ކާބަފައިންނާ، ތިމަންނާމެން ކޮނޑުގައި ދާއޮހޮރުވައިގެން، ކޮނޑުގައި ބަރުއުފުލައިގެން ހެދި އެއަރޕޯޓެކޭ އެއީ. އެ އެއަރޕޯޓު އަޅުގަނޑުމެން މިއުޅެނީ ވިއްކާލާށޭ. ހުޅުލޭ އެއަރޕޯޓު އެއީ، ތެދެއް. އަޅުގަނޑުމެން ބައްޕަމެން ޖަލަށްލައިގެން ބުރަ މަސައްކަތުގައި އެޅުއްވި އެއަރޕޯޓު. އެ އެއަރޕޯޓު ވިއްކާލަންވެގެން އަޅުގަނޑުމެން މިއުޅެނީ. އެބޭފުޅުން އެވިދާޅުވަނީ، އަޅުގަނޑުމެން މިއުޅެނީ އެ އެއަރޕޯޓު ވިއްކާލަންވެގެންނޭ. އަޅުގަނޑުމެން މިއުޅެނީ އެ އެއަރޕޯޓު ހިންގުމަށް ޙިއްޞާވާނެ އެހެންފަރާތެއް ހޯދުމަށް، ދިވެހިސަރުކާރާއެކީގައި. އެފަރާތުން ގެންނަންވީ ހަމައެކަނި ފައިސާއެއްނޫން. އެފަރާތުން ގެންނަންވީ އޭގެ ހުނަރުވެރިކަމޭ. އޭގެ ޓެކްނޮލޮޖީސް. އަޅުގަނޑުމެންނަށް ޔަޤީނޭ އެ އެއަރޕޯޓުން މިހާރު ސަރުކާރަށް ލިބޭއެއްޗެއްގެ ހަތަރުގުނަ ލިބޭނެއޭ އެ އެއަރޕޯޓުގެ 50 ޕަސެންޓް ސަރުކާރުގައި އޮތީމާ. މިހާރު 100 ޕަސެންޓް އޮވެގެން، ލިބޭއެއްޗެއްގެ ހަތަރުގުނަ ލިބޭނެއޭ، ޖަރުމަނުބައެއް އަނެއް 50 ޕަސެންޓް ގެންގުޅެއްޖިއްޔާ. ޖަރުމަނުމީހުންގެ އަތުގައި ރުފިޔާވެސް ހުރީތީވެ، އެމީހުންނަށް ކުޑަކޮށް ތަންދޮރުވެސް ފިލާފައިތިބީތީވެ، އަޅުގަނޑުމެންނަށްވުރެ.

ދެން އަޅުގަނޑުމެންނަކަށް މިއަދު އަދި މަތިހަށިނަގާފައެއް ނުކިއޭނެނޫންތޯ އަޅުގަނޑުމެން ޖަރުމަނު މީހުންނަށްވުރެ މޮޅޭ. މިކަންކަން އަޅުގަނޑުމެންނަށް ޖަރުމަނުމީހުންނާ އެއްވަރަށް ވެދާނެއޭ. އެހެނެއްނުކިޔޭނެ. އެއީ، ތެދަކަށެއްނުވާނެ. ހަމަ ބުނެދާނެ، ނޫންނޫން އަޅުގަނޑުވެސް ޑިގްރީއެއް ނަގާފައިހުރި މީހެއް. އެއީކީއެއް ދެތިންހަތަރުމީހަކު ޑިގްރީއެއްނަގައިގެން އަދިވާކަމެއްނޫން. މުޅިޘަޤާފަތަކުން ވާކަމެއް. މުޅި އާދައަކުން މުޅި ޤައުމެއްގެ ޙާލަތު އެކީގައި ބަދަލުވާންފެށީމާ ވާގޮތަކީ، ރަނގަޅަށް ކަންތައްތައް ކުރުން. އަޅުގަނޑު ހަމަ ހުރެފައި މިއިން ބޭފުޅެއްގެ ހިތްހަމަ އަޅުގަނޑަށް ޖައްސާލެވިދާނެ. އަދި އެގޮތަށް ވޯޓު ލިބޭ މިންވަރަށް ހިތްހަމަވެސް ޖެއްސިދާނެ. ވަކިވަކިން ބޭފުޅުން ހޯއްދަވައިގެން އެބޭފުޅުންނަށް ދީލަތި އެހީ ރައީސުލްޖުމްހޫރިއްޔާ ދެއްވައިގެން އެކަންކުރެވިދާނެ. އަޅުގަނޑުގެ ދެފައިކޭޓަށް ދައުލަތުގެ ޚަޒާނާ ލައިގެން، ހަމަ ހުޅުމީދޫ މެދުމަގުން ނުކުމެ، ފަހަރަކު ގެއަކަށް، ފަހަރަކު ގެއަކަށް ދެމުންދެމުންގޮސް އަޅުގަނޑަށް މިގޮނޑި ނެގިދާނެ. އަޅުގަނޑެއް ނުދެކެން އެއީ، ތިޔަބޭފުޅުންވެސް އަދި ދިވެހިރާއްޖެވެސް އަޅުގަނޑުމެންވެސް އެދޭނެގޮތެއްނޫންކަން. މި މެންދުރުގަޑީގައި ވާގޮތެއްނޫން އިނގޭތޯ އެއީ. އަޅުގަނޑަށް އިހަކަށް ދުވަހަކު ޑޮކްޓަރަކު ކިޔައިދީފި. ތިރިކޮށް ހުރީމާ އޮކްސިޖަން މަދުވީމާ ނިދޭގޮތްވަނީ. ޙަޤީޤަތުގައި ނިދި އައިސްގެނެއްވެސްނޫން ކަމަށްވަނީ. އަނބުރައިގަންނަނީ ކަމަށްވަނީ.

އާދެ، އަޅުގަނޑު އެބުރަ އެ އުނދަގޫ، އެދަތީގައި ތިޔަބޭފުޅުން ގިނައިރު މިއުޤޫބާތުގައި ބައިތިއްބާ ކަށެއް ނުހަދާނަން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނާ ތިޔަބޭފުޅުންގެހިތާ އަޅުގަނޑުމެންގެ ހިތާ، ހިތާހިތުގެ ގުޅުމަކުން ގުޅޭކަން، އަޅުގަނޑަށް ޔަޤީން. ދެންމެ އަޅުގަނޑު މިތަނަށް އަންނަނިކޮށް ހައެއްކަކުދިން އިސްތިޢުފާއަށް ގޮވާލައިފި. އަޅުގަނޑު ވަރަށް އުފާވި. ދެން އިރުކޮޅަކުން އައިސް ބަލައިލިއިރު އެ ހައެއްކަ ކުދިން އެތިބީ ސަލާންކުރަންއައިސް. ކިހިނެއްހޭ އަނެއްހެން ދެންހަމަ އެކަންވެސް ހިނގާނެ ގޮތް ނޫންތޯ. ކޮންމެވެސް ކުއްޖަކު ކޮންމެވެސް މީހަކު އެކުދިން ކައިރީގައި އެހެންހަދާލާ، މިހެންހަދާލާ، ބުނީމާ އެހެން ހަދާލީ، މިހެން ހަދާލީ. އެއީކީ އެއްވެސް މައްސަލައެއް ނޫނެއް ނޫންތޯ. އެއްވެސް މައްސަލައެއްނޫން އެއީކީއެއް. އަޅުގަނޑުމެންގެ ޙަޤީޤަތުގައި އެއްވެސް މައްސަލައެއްނެތް. އިއްޔެގައި ހުރި މައްސަލަތައް މިއަދު ދެގުނަމަދު. މިދިޔަ ހަމަސްދުވަހުގެ ތެރޭގައި މާމަދު. ފުރަތަމަކަމަކަށް ތިޔައިންބޭފުޅަކު ބިރެއްނުގަނޭ މިތާ ތިބެވެއެއްނޫންތޯ. އެހެންނޫންނަމަ ތިޔަބޭފުޅުން ބިރުންގޮސް ހަލާކުވެފައޭ ތިބޭނީ އިނގޭތޯ އަޅުގަނޑުގެވެސް ނަންގަންނަން. ހަމައެވަރުކޮށްލެވޭނެ އަޅުގަނޑަށްވެސް. އެކަމަކު އަޅުގަނޑުމެންނަށް މިއޮތީ އެކަމުން އިރާދަކުރެއްވިއްޔާ ސަލާމަތްވެފައި.

އަޅުގަނޑުގެ ވެރިކަން ހިނގާނީ، ތިޔަބޭފުޅުން އަޅުގަނޑަށް އެދޭހާ ދުވަހަކު. އެންމެ މިނެޓެއްވެސް އަޅުގަނޑު މަޑެއްނުކުރާނަން، ތިޔަބޭފުޅުން އަޅުގަނޑާ ނުރުހޭއިރު. އަޅުގަނޑަށް އެނގެންވެސް އެނގޭނެ. ތިޔަބޭފުޅުން ވޯޓުންވެސް އެކަންދައްކަވާނެ. ބަހާ ޢަމަލުންވެސް ތިޔަބޭފުޅުން އެކަން ދައްކަވާނެ. އަޅުގަނޑުމެން މިއުފައްދަނީ އެ ޘަޤާފަތު. އަޅުގަނޑުމެން އުފެއްދޭތޯ މިމަސައްކަތް މިކުރަނީ ރައްޔިތުންގެ ރޫޙާއި، ރައްޔިތުންގެ ޖޯޝާއި، ރައްޔިތުންގެ އަޑު އުފުލޭނެ މަގުތަކެއް. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންނަށް ކުރީގައިވެސް އެނގޭ، މިއަދު އަދި މިކަން މިދަނީ އެންމެރަނގަޅު ހަމައިގައި ނޫންކަން. ފުރަތަމަކޮޅުގައި ދަތްފަޅާއިރުގައި ތަދުވާނެ، އެ ތަދު މިހާރު މިވަނީ.

ދެން ބައެއްބޭފުޅުން ވިދާޅުވޭ، ނަޝީދޭ މިއަށްވުރެ ރަނގަޅު މިސާލެއްނެތޭ، ތިމާފޭހި އިލޮށި ތިމާގެ ލޮލަށް ހެރުމުގައި. އެއީ، ތެދެއް، އަޅުގަނޑުމެން މިހާ އުނދަގުލުން ވެރިކަންކުރާ ޤާނޫނުއަސާސީއެއް އުފެއްދީ. އަޅުގަނޑުމެން މި ސިވިލް ސަރވިސްއެއް އުފައްދަން ވެގެން ވަކާލާތު ކުރީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުން އެ ސިވިލް ސަރވިސް ހިންގަން. އަޅުގަނޑުމެން ބޭނުމެއްނޫން، ސަރުކާރު މުވައްޒަފުންނަށް އަނިޔާކުރާކަށް. އަދި އަޅުގަނޑުމެންނާ ނުރުހުނަސްވެސް އެބޭފުޅުން ވަޒީފާއިން ވަކިކޮށް ހަދާކަށް. އަޅުގަނޑުމެންނަށްވެސް ވާނެ އެކަންކަން. އެކަމަކު އަޅުގަނޑުމެންނެއް ބޭނުމެއްނޫން، މި ސިވިލް ސަރވިސް ހަލާކުކޮށްލާކަށް. އަޅުގަނޑަށްވެސް އެނގޭ، މިހާރު އުފެދިފައިއޮތް ސިވިލް ސަރވިސްއަކީ، އަޅުގަނޑު ދުށިން ކުޑައިރުގައި އެ ސިވިލް ސަރވިސް އުފެދިގެން އައިއިރުގައި ހަމަ އުނދޯލީގައި އިންނަވާފައި، ކޮބާ! އެވެނިގެއެއްގެ މިވެނިމީހެއް ރަނގަޅުވާނެއެއްނު. އޭނާގެ ކޮއްކޮވެސް ރަނގަޅުވާނެ، އޭނާގެ ބޭބެއާއި އޭނާގެ ބޭބެ އިނދެގެން އުޅޭމީހާގެ ބޭބެއާވެސް. އެއީ، ސަރުކާރަށް މީހުން ވަންނަނީ. ސަރުކާރު ބޮޑުވަނީ. 42 ހާސް މީހުން. އެވެނި ބޭފުޅެއްގެ ގާތްމީހުންނާ މިވެނި ބޭފުޅެއްގެ ގާތްމީހުންނާ އަނެއް ބޭފުޅެއްގެ ގާތްމީހުންނާ މިހެންގޮސް ބޮޑު ސިންގާހާ ތަނެއް އުފައްދައިފި.

އެހެންނަމަވެސް، އަޅުގަނޑުމެން ދެން ބޭނުމީ، އެ ސަރވިސް ރަނގަޅުކުރަން. ހަރުދަނާގޮތުގައި، ރިވެތިގޮތުގައި ހިނގާ، ރައްޔިތުންގެ ޚިދްމަތެއްގެ ގޮތުގައި އެކަން ބަދަލުކުރަން. އެކަންބަދަލުކުރަން ހަމަކުރީގައި ކުރިކަންތައް އަޅުގަނޑު ކުރީމާ އަޅުގަނޑާ ހިތްހަމަނުޖެހުނީމާ، އެވެނި މީހަކު ނަގާ ދެންގެންގޮސް އޭނާ ގޭގައި ބެހެއްޓުން. އެގޮތަށް މިކަންކޮށްގެނެއް އަޅުގަނޑެއް ގަބޫލެއްނުކުރަން، އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުންވެސް ގަބޫލުފުޅެއް ނުކުރައްވާނެ، އެއީކީއެއް މިރާއްޖޭގެ ހެޔޮވެރިކަމަކަށް މިރާއްޖެ އެނބުރޭނެ ގޮތެއްކަމަކަށް.

މި ހޫނުގައި އަޅުގަނޑާ އަޅުގަނޑުމެންގެ ސަރުކާރާއެކުގައި ތިޔަބޭފުޅުން މިވަގުތުކޮޅު ޙިއްޞާކޮށްލެއްވިކަމަށްޓަކައި އަޅުގަނޑުމެން ނިހާޔަތަށް ޝުކުރުވެރިވަން. ހަމަ ނިންމާލުމުގެކުރީގައިވެސް އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުގެ ހިތަކުންނެއް މިރަށެއް ކައްސާލައިގެންނެއްނުދާނެއޭ. ވަރަށްގިނަފަހަރަށް އަޑުއިވޭ ޝަކުވާއެއް، މިއަތޮޅަށް އަޔަސް އަދި މިރަށަކަށް ނާދެއޭ. އެވެސް ހަމަ ވަމުންވެސް ދާގޮތެއް. އެކަމަކު އަޅުގަނޑު ހަމަ ކޮންމެފަހަރަކުވެސް މިރަށަށް އާދެވޭތޯވެސް ބަލަން.

އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުންމީދެއް އެއީ އިނގޭތޯ. އުންމީދަކީ، އަޅުގަނޑުމެންގެ ފަސްއަހަރުދުވަހުގެ ތެރޭގައި މިފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގާއި، ބޯހިޔާވަހިކަން ލިބިފައިއޮތް ރަނގަޅު ދިރިއުޅުމެއް އުޅެވޭ، ޔުނިވަރސިޓީ ޓައުނަކަށް މިތަންވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެގޮތަށް އެކަންކުރާނަން، އަޅުގަނޑު އެދެނީ، މާދަމާއަކީ އަދި މިއަށްވުރެ މާއުފާވެރި ދުވަހަކަށް ވާނެކަމަށް.