بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަހަރުގެ އުފާވެރި އަޟްޙާ ޢީދު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ އުފަލުގައި، މަތިވެރިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މި އުފާވެރި ޢީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާއެކު ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް، މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައެވެ. އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަންތަކަށްވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަޙައްމަލް ކުރަމުން މިދަނީ، ވަރަށް ހިތްދަތި ދުވަސްތަކެކެވެ. ނަމަވެސް، މިފަދަ ދުވަސްވަރެއްގައި އުފާވެރި ޢީދަކާ ބައްދަލުވުމީ، ކޯވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަން ޔަޤީނެވެ.

ދިރިއުޅުމުގެ ޢާންމު އާދަކާދަތަކާ މުޅިން ޚިލާފަށް އުޅެންޖެހިފައިވިޔަސް، ޢާއިލީ ގުޅުންތަކާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގެ ފުރުޞަތުތައް ތަނަވަސްވެފައި އެބައޮތެވެ. ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ޙަފްލާތައް ނުބޭއްވުނަސް، ޢާއިލާގެ މީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، މިފަދަ މުނާސަބަތެއްގައި ނުހަނު ބޭނުންތެރި ކަމެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ހިމެނޭ، ޢުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީޢާއިންވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

އަޟްޙާ ޢީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ޤުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެކެވެ. މިއީ ޤައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ ޙާލަތުގައި، ވަކިން ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކަންކަމެވެ. މިއީ މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ ޢީދެކެވެ. އެހެންކަމުން ޙައްޖުގެ މަތިވެރި އަޅުކަމާއި، އަޟްޙާ ޢީދާ ގުޅިފައިވާ މިފަދަ މަތިވެރި ޙިކްމަތްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މަޢާފުކޮށް، އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މިހާރު އަޅުގަނޑުމެން ތަޖުރިބާކުރަންޖެހިފައި މިވާ، އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިއުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން އެކުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވައިލަމެވެ. އިޖުތިމާޢީ ގައިދުރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމާއެކު، ޢާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރެއްވުމަކީ، ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، ކޮންމެ ބޭފުޅަކުވެސް ޒިންމާދާރުކަމާއެކު ފަރުދީ ޒިންމާ އަދާކުރައްވައިގެންނެވެ.

މިއުފާވެރި ޢީދުގެ ދުވަސްތަކަކީ، ހުރިހާ ގޮތަކުންވެސް ދިވެހި ޤައުމަށް އުފާފާގަތި ދުވަސްތަކެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ކޯވިޑް-19ގެ ނުރައްކާތެރި ވަބާއިން ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންނާއި، މުޅި އިންސާނީ ދަރިފަސްކޮޅު މިންޖުކޮށްދެއްވައި، އަންނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ހެޔޮ ނަޞީބު، އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މިފަދަ އުފާވެރި މުނާސަބާތައް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ތަކުރާރު ކުރައްވާށިއެވެ! އާމީން.