ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ކޮޅުފުށި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިގޮތުން، ރަށް ހިމެނޭ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކޮށްދެއްވައި ރަށުގެ ޒުވާނުންނަށް ރަށާއި ކައިރިން ވަޒީފާ ލިބުމަށް މަގުފަހިކޮށްދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި ރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުގެ މެންބަރުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މެންބަރުން ވަނީ ރަށުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

މިބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ ދިއްގަރާއި، މުލަކާއި ކޮޅުފުއްޓަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ނާލާފުށީގެ ބަނދަރު ފުންކޮށްދެއްވުމަށްވެސް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކޮޅުފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ގާއިމުވެފައި ނެތް ސަރަހައްދު ތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.