ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑެޒްމޮންޑް ލީއާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮތް މި ބައްދަލު ކުރެއްވުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމްތައް ރޭވުމާ ބެހޭ ގޮތުންނާއި، އެ ދާއިރާއިން މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ވަނީ، ސިންގަޕޫރުން އަބަދުވެސް ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.