ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ކެންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިގޮތުން، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުވެފައި ނެތުން ކަމުގައި ކައުންސިލު މެންބަރުން ވިދާޅުވިއެވެ. އަދި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، މަސްވެރިން ބާނާ މަސް ވިއްކޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ހިއްސާ ކުރެއްވެވިއެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ކައުންސިލު މެންބަރުން ވަނީ ރަށުގައި އެކަށީގެންވާ މިސްކިތެއް ޤާއިމްކޮށްދެއްވުމަށާއި، ރަށުގެ އަންހެނުންނަށް އާނމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ޒުވާނުންނަށް ޚާއްޞަކޮށް، ރަށުގައި ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުގެ މައިގަނޑު ބޭނުންފުޅަކީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އައްސަވައި ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވުން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކެންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.