ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހާރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި އެޤައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ އޮފިޝަލުން ވަނީ ސިންގަޕޫރުގެ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން މި ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެނީ ޤައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމަޢުގެ ތެރެއަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވާޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަށްކަން ސިންގަޕޫރުގެ އޮފިޝަލުން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ބައްލަވައިލައްވާފައެވެ.

ފާއިތުވި އަހަރުތަކުގައި، ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ބޭނުން ކުރުން ރާއްޖޭގައިވެސް ވަނީ ބޮޑުވަމުންދާ މައްސަލައަކަށްވެފައެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އެހެނިހެން އިޖުތިމާޢީ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. މި މައްސަލަ ހައްލުކުރުމުގެގޮތުން ސަރުކާރުން ގެންދަނީ ކަމާގުޅުންހުރި ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް ސިންގަޕޫރު ފަދަ ބޭރު ޤައުމުތަކުގެ މާހިރުންގެ ލަފަޔާއެކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންނެވެ.