بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޤާސިމް އިބްރާހީމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ދައުލަތުގެ ވަޒީރުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް އޮފިސަރުން، ދިވެހިރާއްޖޭގެ ދިފާޢީ ލަޝްކަރުގެ ބަދަހި ސަފުތަކުގެ ފަހުލަވާނުން. އަދި ޙާޟިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ދިވެހިރާއްޖޭގެ ޢަސްކަރިއްޔާގެ ޝަރަފުވެރި، 127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން، ހުރިހާ ރޭންކުތަކެއްގެ ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކްބާދީ ދަންނަވަން. އަދި ސިފައިންގެއަށް ޚިދުމަތް ކޮށްދެއްވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް، ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، އަވަށްޓެރި ސްރީލަންކާގައި، މިދިޔަ އާދީއްތަ ދުވަހު ދިން، ނުރައްކާތެރި ޓެރަރިސްޓް ޙަމަލާތަކުގައި މަރުވެދިޔަ މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަން. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރަން.

އެ ޙަމަލާތަކަކީ، އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި، ވަރަށް ދަށު ދަރަޖައިގެ ފިނޑި ޢަމަލެއް. ކޮންމެ މަޤްޞަދެއްގައި ވިޔަސް، އެއްވެސް ޙައްޤަކާ ނުލައި، ކުށެއް ނެތް ބަޔަކަށް، އެފަދަ ރަޙުމްކުޑަ އަނިޔާއެއް ދިނުމަކީ، އެއްވެސް ހަމަޔަކުން ބަލައިގަނެވޭނެ ކަމެއް ނޫން. ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރިކުރަނީ، އެންމެ ހަރުކަށި ޢިބާރާތުން.

އެއީ ސްރީލަންކާގައި ދިން ޙަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް. އެ ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް މިއަންނަނީ ކުރަމުން.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، ދިވެހިރާއްޖޭގެ ޢިއްޒަތާއި ޝަރަފުގެ އެންމެ އުސް ކުރިބޯށި. ދިވެހިރާއްޖޭގެ ކީރިތިކަމާއި މޫރިތިކަމުގެ އެންމެ އަލިގަދަ ދަންމަރު. ހަމައެފަދައިން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދޭ، ދިފާޢީ ކިއްލާ ވެސްމެ.

ދިވެހި ތާރީޚް އަޅުގަނޑުމެންނަށް ދައްކައިދެނީ، ދިވެހި ޤައުމާމެދު ދިވެހި ސިފައިންގެ ހިތްތަކުގައިވާ ލޯތްބާއި ވަފާތެރިކަން. ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކޮށް ކަށަވަރުކުރުމުގައި، ދިވެހި ސިފައިން ވެފައިވާ އަދި ވަމުން އަންނަ މަތިވެރި ޤުރްބާނީ. ބޭރުގެ ޢުދުވާންތަކުން ދިވެހިރާއްޖެ ޙިމާޔަތްކޮށް ދިފާޢު ކުރުމުގައި، ދިވެހި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދު.

މިއީ، މި ރާއްޖެ ދެމިއޮތްހާ ހިނދަކު ބަދަލުނުވާނެ ޙަޤީޤަތްތަކެއް. ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު މިރޭވެސް ޔަޤީންކޮށް އަރުވާނީ، ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ޙިމާޔަތަށްޓަކައި، ރުކުރުވާލާފައި މިވާ ސަފުތަކުގެ ބަދަހިކަމަށް، ދިވެހި ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ހަމައަށްވެސް، ކުޑަވެސް ލޮޅުމެއް ނާރާނެކަން.

މީގެ ކުރިންވެސް، ދިވެހި ސިފައިންނަކީ، އިސްތިޢުމާރީ ބާރުތަކާއި، ޣައްދާރުންގެ އަނިޔާވެރިކަމާ ދެކޮޅަށް، އިސްލާމްދީނާއި މި ޤައުމުގެ ޙައްޤުގައި ޖިހާދުކޮށް، މާތް ﷲގެ މަދަދާއެކު ނަޞްރާއި ފަތަޙަ ހޯދާފައިވާ ފަޚުރުވެރި ލަޝްކަރެއް. ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި، ދިވެހި ސިފައިންވަނީ އެކަން ސާބިތުކޮށްދީފައި.

ސިފައިންގެ މިފަދަ މުނާސަބަތެއް ފާހަގަކުރާއިރު، އެ ޢުދުވާނުން ރާއްޖެ ސަލާމަތް ކުރުމުގައި ދިވެހި ސިފައިން ވެވަޑައިގެންނެވި، މަތިވެރި ޤުރްބާނީގެ ހަނދާން އައު ކުރުމަކީ ކުރަންޖެހޭނެ ކަމެއް. އެ ދުވަހު ޝަހީދުވި ސިފައިންގެ 8 ބޭކަލުންނާއި ޢާންމު ރައްޔިތުންގެ 11 މީހުންގެ ފުރާނައަށް، މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ތަނަވަސް ނިޢުމަތްތައް މިންވަރު ކުރައްވާށި!

އަޅުގަނޑުމެން މި ރާއްޖެ ބިނާކުރުމުގެ މަސައްކަތް މި ކުރަނީ، މި ޤައުމުގެ މައިބަދައަކީ ދިވެހި ޢަސްކަރިއްޔާ ކަމުގައި ބަލައިގެން. އެހެންކަމުން، ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް، ސިފަވަންތަ ބަޔަކަށް ހެދުމަކީ، މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް.

ސިފައިންނަކީ ޢަސްކަރީ ޚިދުމަތަކަށް ވިޔަސް، ދިވެހި ސިފައިންނަކީ މަދަނީ އެތައް ޚިދުމަތެއް ފޯރުކޮށްދިނުމުގައި، މުހިންމު ދައުރެއް އަދާކުރާ ބައެއް. ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދެނީ ދިވެހި ސިފައިން. ކަނޑުމަތީގެ ހާދިސާތަކާއި ޤުދްރަތީ ކާރިސާތަކުގައި، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީވެސް ސިފައިން.

އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައިވެސް ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު. މިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ކުރަމުންދާ، ބައިނަލްއަޤްވާމީ އިޤްތިޞާދީ ދަތުރުތަކަށް، ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައިވެސް، ދިވެހި ސިފައިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް.

މީގެ އިތުރުންވެސް މަދަނީ އެތައް ދާއިރާއަކުން، ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް އަންނަނީ ލިބެމުން. އެކަމަށްޓަކައި، ދިވެހި ސިފައިންގެ ހިންގުންތެރި ވެރީންނަށާއި، ހީވާގި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ލާމަރުކަޒީ ނިޒާމުން ވެރިކަން ކުރުމުގެ އެއް އަސާސަކީ، ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައްވެސް، ލާމަރުކަޒީ ކުރެވިގެން ދިޔުން. އެކަމަށްޓަކައި މިހާރު ޤާއިމްކޮށްފައި ހުރި އޭރިޔާ ކޮމާންޑްތަކުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، ކޯސްޓްގާޑާއި ފަޔަރުގެ ޚިދުމަތް ހިމެނޭ ގޮތުން އިތުރު އައުޓްޕޯސްޓްތައް ޤާއިމުކުރެވިގެންދާނެ.

ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި، ސިފައިން ފޯރުކޮށްދޭ އަވަސް އެހީތެރިކަން، ރައްޔިތުން ހެޔޮހިތުން ބަލައިގަންނަކަން، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. ޚާއްޞަކޮށް މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ހިނގި އަލިފާނުގެ 80 އަށްވުރެ ގިނަ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، ސިފައިން ފޯރުކޮށްދިން ޚިދުމަތް، ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު.

މިރޭ އިފްތިތާޙް ކުރި، ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ސިފައިންގެ ޚިދުމަތް، ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެކަން ޔަޤީން. އޭގެ އިތުރުން، ދުނިޔޭގެ ސަލާމަތީ މަސްރަޙަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ދިމާވާ ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލެވޭނެ ގޮތަށް، ދިވެހި ޢަސްކަރިއްޔާގެ އިސްތިރާޖީ ކުރިމަގުވެސް ބައްޓަންވެގެންދާނެ.

މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ޢަސްކަރިއްޔާގެ ބާރުތައް އަލުން އެކުލަވާލައި ތަރުތީބުކުރެވިގެންދާނީ، މިރޭ މި އިފްތިތާޙްކުރި ޑޮކްޓްރީންގެ އަސާސްތަކުގެ މައްޗަށް. އެ ޑޮކްޓްރީން ގެނެސްދޭ ބަދަލުތަކާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ވެގެންދާނީ، ޢަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ، ހުނަރާއި ތަމްރީނު ލިބިފައިވާ އަދި ވަސީލަތުގެ ގޮތުންވެސް ޤާބިލުކަން ލިބިފައިވާ ލަޝްކަރަކަށް.

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ، އިންޞާފުގެ މަގަށް މުޅި ޤައުމު އަނބުރާ ގެނައުން. ސިފައިންގެ ތެރޭގައިވެސް، އެންމެންނާމެދު ޢަމަލުކުރެވޭނީ، ޢަދުލު އިންޞާފާއި ހަމަހަމަކަމާ އެކުގައިކަން ކަށަވަރު ކުރުމަށްޓަކައި، ލިޔެވިފައި އޮންނަ ޑޮކްޓްރީންއެއްގެ ހިޔާވަހިކަން ލިބުމަކީ، ޢަސްކަރިއްޔާއަކަށް ވަރަށް ބޭނުންތެރި ކަމެއް.

ސިފައިންގެ ޚިދުމަތް ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ލިބެމުން އެދަނީ، ސިފައިންގެ ވަރަށް މަތީ ޤުރުބާނީތަކެއްގެ ސަބަބުން. ފުރަތަމަ ކަމަކީ، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ތިބޭ ތިބުން. ދެވަނަ ކަމަކީ، ޢާއިލާއާއި އަނބިދަރީންނާ ދުރުގައި އެތައް ދުވަހެއް ވަންދެން ހޭދަކުރަން ޖެހުން.

ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް، ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން މި އަންނަނީ މަސައްކަތް ކުރަމުން. ސިފައިންނަށް ދެމުން އައި ޗުއްޓީއާއި އެލަވަންސްތައް މިހާރު ވާނީ އިތުރަށް ރަނގަޅު ކުރެވިފައި. އަދި ސިފައިންނަށް ދެވޭ ޢިނާޔަތްތައްވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ.

ސިފައިންގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ސެނަހިޔާގެ ނަމުގައި ހިންގާ ސިފައިންގެ ކްލިނިކް، ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފައި. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ސެނަހިޔާވެސް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށް، މުޅިން އައު ޚިދުމަތްތަކެއް ދޭން ފެށޭނެ.

ރާއްޖޭގެ ނިސްބަތުން ބަލާއިރު، ސިފައިންގެ ޚިދުމަތްތަކުގެ ތެރެއިން، ކޯސްޓްގާޑަކީ ސިފައިންގެ ވަރަށް މުހިންމު ގުނަވަނެއް. ކޯސްޓްގާޑަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، އުޅަނދުފަހަރު އަޅާނޭ ދާއިމީ ބަނދަރެއް ނެތުމާއި، ޑޮކްޔާޑެއް ނެތުން. މާތް ﷲގެ ވާގިފުޅާއެކު، ވަރަށް އަވަހަށް، އެފަދަ ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމުކުރުމަށް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.

ޢާންމު ރައްޔިތުންނެކޭ އެއްފަދައިން، ސިފައިންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ، އެކަށީގެންވާ ބޯހިޔާވަހިކަން ލިބެން ނެތުން. އެކަން ޙައްލު ކުރުމަށް ހުޅުމާލޭގައި ހަދަމުން އަންނަ، ސިފްކޯ ހިޔާ ފްލެޓްތަކަށް ބޭނުންވާ ފައިސާ މިހާރު ހުރީ ހަމަޖެހިފައި. އަޅުގަނޑު އުންމީދުކުރަނީ، އެ ފްލެޓްތައް ނިމި، މިއަހަރުގެ ތެރޭގައި ދިރިއުޅެން ފެށޭނެ ކަމަށް.

ޕްރޮފެޝަނަލް ޚިދުމަތެއްގެ ގޮތުގައި ދިވެހި ޢަސްކަރިއްޔާ ބިނާކުރުމަށްޓަކައި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ހެވިކަމުގެ އާލާތްތައް ހޯދައި، ތަމްރީނުތައް އަލުން ފަރުމާކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ރަޙްމަތްތެރި ޤައުމުތަކުން، ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.

ސިފައިންގެ ޢަސްކަރީ އަޚްލާޤާއި ސުލޫކު އަދި ސިފަވަންތަކަމާއި އަގުކުރުންތައް ބިނާވެފައިވަނީ، މައިގަނޑު ތިން ރުކުނެއްގެ މައްޗަށް. ފުރަތަމަ ރުކުނަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ދެމިތިބުން. ދެވަނަ ރުކުނަކީ، ތިމާގެ ނަފްސަށްވުރެ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން އިސްކުރުން. ތިންވަނަ ރުކުނަކީ، ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، އެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވެދިނުން.

މިއީ، ހަމަ ކޮންމެ ސިފައިންގެ މީހެއްގެ ހިތުގައި، ތާއަބަދު ބިންވަޅު ނެގިފައި އޮންނަންޖެހޭނެ ޢަސްކަރީ އަސާސްތައް. ޝަރަފުވެރި ސިފައިންގެ މީހެއްގެ ގޮތުގައި ދެމިހުންނަން އެދޭނަމަ، ތިޔަ ހުރިހާ ސިފައިންގެ ހިތްތަކުގައި، މި ކަންކަން ސާބިތުކަމާއެކު ހަރުލެއްވުމަށް، ތިޔަ ލޮބުވެތި ސިފައިންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނައިރު، އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހި ސިފައިންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމުގެ ވިސްނުމާއި ޙިކްމަތްތެރިކަން، ސިފައިންގެ ލީޑަރޝިޕުން ފެންނަކަން. އެކަމަށްޓަކައި، ޗީފް އޮފް ޑިފެންސް ފޯސްއަށާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށް، އަދި ޖެނެރަލް އޮފިސަރުންނަށާއި، ހުރިހާ ރޭންކުތަކުގެ ސިފައިންނަށް ޝުކުރު ދަންނަވަން.

ދިވެހި ސިފައިންނަކީ، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ، އަދި ޤާނޫނަށް ޙުރުމަތްތެރިކޮށްހިތާ ބައެއްކަން ޔަޤީން. އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ނުގުޑާފަދަ ޢަޒުމެއްގައި، ސާބިތުވެ ތިއްބެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ދިވެހި ޢަސްކަރިއްޔާއަށް އަޅުގަނޑު އަބަދުވެސް އެދެނީ، ހުރިހާ ރޮނގަކުން ތަރައްޤީއާއި ކުރިއެރުން. އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ސިފައިންނަށް ފުރިހަމަ ޞިއްޙަތާއި، ޢަސްކަރީ ޤާބިލުކަން މާތްﷲ މިންވަރުކުރެއްވުން. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޤައުމު ދިފާޢުކުރުމުގެ ހިތްވަރާއި ޤައުމީ ޖޯޝް، ދިވެހި ސިފައިންގެ ކިބައިގައި އަބަދުމެ ލައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.