އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


މިއަދުގެ ބައްދަލުކުރެއްވުމުގައި މިސް ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި ފާއިތުވި ގިނަ އަހަރުތަކުގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްހަމަޖެހިވަޑައިގަތުމާއެކުކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަނާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވާ މި ދަނޑިވަޅަކީ ރާއްޖެއަށް ސިޔާސީ ގޮތުން ހަމަޖެހުން އައިސް، އެކިދާއިރާތަކުން ދިވެހިރާއްޖެ ދުނިޔެއަށް އިތުރަށް ހުޅުވިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް އެކިގޮތްގޮތުން އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.


މިބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ޔޫ.އެން.ޑީ.ޕީ. އަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަމާ އަދި އެއީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްޠިޞާދީ ކުރިއެރުމަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އ.ދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރގެ މަޤާމުގައި ހުންނަވައިގެން މިސް ޝޯކޯ ނޯޑާ ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެކަމަނާއަށް ޝުކުރު އަދާކުރައްވައިފައެވެ.


މިސް ނޯޑާގެ ވާހަކަފުޅުގައި، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ހޯދި ބޮޑު ކާމިޔާބީއަށް އިޝާރާތްކުރައްވައި، ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި މިކަން އިތުރު ބާރަކަށް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމާއި، ލާމަރުކަޒީކޮށް ހިންގުމާއި ސަރުކާރުގެ އެކިފަންތީގައި އަންހެނުންގެ ދައުރުފުޅާކޮށް، އެކަނބަލުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޔޫ.އެން.ޑީ.ޕީ. ގެ ޓީމާއި އަދި މިސް ޝޯކޯ ނޯޑާއަށްފަހު ދެން އެމަޤާމަށް ވަޑައިގަންނަވާ ބޭފުޅަކާއެކު ވެސް ގުޅިގެން މަސައްކަތްކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ވަޢުދުވެފައިވާ ފަދައިން ދެމެހެއްޓެނިވި ތަރައްޤީ ހާޞިލްކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ސަރުކާރުން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި މިސް ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ މަސައްކަތަށް ފަހި ކުރިމަގަކަށް ރައިސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.