بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް، ދައުލަތުގެ ވަޒީރުން، ދިރާގު ބޯޑުގެ ޗެއަރމަން އިސްމާޢީލް ވަޙީދު، ދިރާގުގެ ސީ.އީ.އޯ އަދި މެނެޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
.
މިރޭގެ މި ހިތްގައިމު ވަގުތުގައި އަޅުގަނޑުމެން މިތަނަށް އެއްވެ މިތިބީ، ރާއްޖޭގެ މުވާޞަލާތީ ޚިދުމަތުގެ އެންމެ ގިނަ ދުވަސްވީ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑްގެ، ވަރަށް މުހިންމު ކާމިޔާބީއެއް ފާހަގަކުރުމަށް. ރާއްޖޭގެ ރަށްތައް ވަކިވަކިން ދުރުދުރުގައި ހުއްޓަސް، ދިރާގުން މިހާރު ވަނީ މުޅި ދިވެހިރާއްޖެ ގުޅުވައިލަދީފައި.


މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިރާގު ފިކްސްޑް ބްރޯޑް ބޭންޑްގެ ޚިދުމަތް، ރާއްޖޭގެ 75 އިންސައްތަ ގޭބިސީއަށް ފޯރުކޮށްދެވުމުގެ ކާމިޔާބީ. މިއީ ހަމައެކަނި މި ކުންފުންޏަކަށް ނޫން، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވަރަށް އުފާވެރި ރެޔެއް. މި މުހިންމު ކާމިޔާބީ ފާހަގަކޮށް، ދިރާގުގެ ބޯޑް މެމްބަރުންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ އާއި ތަހުނިޔާ އަޅުގަނޑު ދަންނަވަން.


ދިރާގަކީ، ރާއްޖޭގައި މުވާޞަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ދިނުމުގައި، ވަރަށް ފަޚުރުވެރި މާޒީއެއް އޮތް ކުންފުންޏެއް. އަޅުގަނޑުމެންގެ ދޭދޭ ރަށްތަކާއި، އަދި ބޭރު ދުނިޔެއާއި ރާއްޖެ ގުޅުވައިދޭ މައި ފާލަމަކީވެސް ދިރާގު.


ރާއްޖެ ފަދަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެއްގެ، މުޅި އާބާދީއަށް، އެއް ފެންވަރެއްގައި މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ވަރަށް ބޮޑު ގޮންޖެހުމެއް. އެ ގޮންޖެހުންތަކާއެކުވެސް، ދިރާގުން އެ އަންނަނީ، ޒަމާނީ މުވާޞަލާތީ ލުއިފަސޭހަކަމާއެކު، އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދެމުން.


އޭގެ އެންމެ އަލިގަދަ ހެތްކަކީ، ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތް، ދިރާގުން މުޅި ރާއްޖެއަށް މިހާރު ފޯރުކޮށްދެމުން އަންނަކަން. ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދައިދީ، ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި، އީޖާދީ ޙައްލުތައް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގައި، ދިރާގު އަންނަނީ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން.


ދިރާގުގެ އެ ކާމިޔާބީތަކުގެ ސަބަބުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ދިރުމެއް އަތުވެއްޖެ. އަދި ދުނިޔޭގެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެއް ސަފެއްގައި ފައި ހަމަކުރުމުގެ ޤާބިލުކަން، މި ރާއްޖެއަށް ލިބިއްޖެ. އެހެންކަމުން، އެކާވީސްވަނަ ޤަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް، ދިރާގާއެކު އަޅުގަނޑުމެންނަށް ދެވޭނެކަން މިހާރު ޔަޤީން.


ދިވެހިންގެ އެންމެހައި ގުޅުންތަކާ ލާމެހިފައިވާ މި ކުންފުންޏަކީ، ރަށްރަށުގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. ދިރާގަކީ، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ޚިދުމަތްތެރިއެއް. ވަކިން ޚާއްޞަކޮށް، މާލެއާ ދުރު އަތޮޅުތަކުގައި، ރިޒޯޓްތައް ތަރައްޤީ ކުރުމުގައި، ދިރާގުގެ ޚިދުމަތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރޭ.


އެނގިވަޑައިގަންނަވާނެ، މިއީ ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޒަރީޢާއިން މުޅި ދުނިޔެ، ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާ ޒަމާނެއް. މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުން.


ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ޚިދުމަތްތައް ދިނުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްވެސް މި އަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އެ ސިޔާސަތު ތަންފީޒު ވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ލިބި، ޑިޖިޓަލް ޚިދުމަތުގެ ފަރަޤު މިހާރަށްވުރެވެސް ކުޑަވެގެންދާނެ.


ދިރާގުން ފަށާފައިވާ ފައިބަރ ބްރޯޑްބޭންޑް މަޝްރޫޢުގެ އަމާޒަކީވެސް، ރަށްރަށުގެ މެދުގައި ތަފާތުނުކޮށް، އެއް ފެންވަރެއްގައި އަދި އެއް އަގެއްގައި، އާބާދީގެ ވީހާ ގިނަ ބަޔަކަށް، ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުން. ރާއްޖޭގެ ރަށްތައް ހުރިގޮތަށް ބަލާއިރު، ދިރާގުން އެ މަޝްރޫޢު ފުރިހަމަކުރީ، ވަރަށް ކުރު މުއްދަތެއްގައިކަން އަޅުގަނޑު ފާހަގަކުރަން.


އެ މަޝްރޫޢު ދިރާގުން ފުރިހަމަކުރީ އެންމެ ދެ އަހަރުގެ ތެރޭގައި. ވެރިރަށް މާލެއާއެކު، އާބާދީ އެންމެ ބޮޑެތި 58 ރަށަށް، ދިރާގުގެ ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް މިހާރު ލިބޭ. ރަށުގެ ޢަދަދު މަދުވިޔަސް، އެއީ ރާއްޖޭގެ އާބާދީގެ 75 އިންސައްތަ.


އަޅުގަނޑުމެން މިހާރު އެއް ރަށުން އަނެއް ރަށަށް މުވާޞަލާތު ކުރަމުން މިގެންދަނީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކަނޑުގެ އަޑިން ގުޅައިލާފައިވާ 1253 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް ވިއުގައަކުން. މިދެންނެވި ވިއުގައަކީ މި ރާއްޖޭގެ އިޤްތިޞާދީ، ޞިއްޙީ އަދި އިޖްތިމާޢީ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވި ވިއުގައެއް.


ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ، ސަރަޙައްދީ އަދި އަތޮޅު ހޮސްޕިޓަލްތަކާއި، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތައް މިހާރުވަނީ، ޑިޖިޓަލް ވިއުގައިން ގުޅައިލެވިފައި. އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި، ރަށްރަށުގެ ސްކޫލްތަކާއި މަދަރުސާތައްވެސް ވަނީ އެ ވިއުގައިން ގުޅައިލެވިފައި. ޝަރުޢީ ކޯޓުތައްވެސް ވަނީ އެ ވިއުގައިގެ ތެރެއިން އެއްތަން ކުރެވިފައި.


ވިޔަފާރިއާއި މުވާޞަލާތީ ދާއިރާ ފަހަނައަޅައި، އިޖްތިމާޢީ ގުޅުންތަކުގައިވެސް، ދިރާގު އަންނަނީ ވަރަށް މުހިންމު ޚިދުމަތްތަކެއް ދެމުން. ރާއްޖޭގައި އިންޓަނެޓް ވިއުގައިގެ ތެރެއިން، ޓީ.ވީ.ގެ ޚިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަކީވެސް ދިރާގު. އެ މަޝްރޫއުގެ ދަށުން، ދިރާގު ޓީ.ވީ.ގެ ޚިދުމަތް، ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް މިހާރު ލިބެމުންދޭ.


ޑިޖިޓަލް ޒަމާނެއްގެ ތެރެއަށް އަޅުގަނޑުމެން ވަދެގެން ދާއިރު، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި، ޑިޖިޓަލް ކޮމިޔުނިކޭޝަނާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފެނީ، އެންމެ ރަނގަޅަށްތޯ އަޅުގަނޑުމެން ވިސްނައިލުން ރަނގަޅު. އެ ދާއިރާތަކުން ދިވެހި ޒުވާނުން އުފެއްދުމަށް، އިތުރު ހިތްވަރެއްލުމަކީ، ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން.


ޑިޖިޓަލް ޓެކްނޮލޮޖީއަކީ އެއްވެސް އިމެއް، ހިފެހެއްޓުމެއްނެތި ތަރައްޤީވެ ފައްކާވަމުން އަންނަ ޞިނާޢަތެއް. ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި، އައު ކަންތަކަށް ތަރުޙީބުދޭ ބަޔަކަށްވާއިރު، އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރި ކުރުމުގައި، މިހާރަށްވުރެ ފުޅާގޮތެއްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމާމެދު އަޅުގަނޑުމެން ވިސްނަންވެއްޖެ.


އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ކަމުގައިވެސް ދިރާގަށް ވަރަށް އިސް ދައުރެއް އަދާކުރެވިދާނެ. ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން، ޑިޖިޓަލް ޓެކްނޮލޮޖީއަށް ދަރިވަރުން އަހުލުވެރި ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، އެކަން ތަންފީޒު ކުރެވޭނެ ގޮތްތަކާމެދު، ތިޔަބޭފުޅުން ވިސްނުން ހިންގަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.


އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ މުވާޞަލާތީ ޚިދުމަތްތައް ދުވަހުން ދުވަހަށް ތަރައްޤީކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ދިރާގުން ކުރަމުންދާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބު ދެއްވުން. ދިވެހިރާއްޖެއަށް ފާގަތި އަމާން ދުވަސްތަކެއް މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.