ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޗުއާ ތިއާން ޕޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް މަރުޚާބާ ވިދާޅުވެ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ގުޅުމުގެ މައްޗަށްއަލި އަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުންވެސް ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމާއި، ރީހެބިލިޓޭޝަނާއި، ޞިއްޙީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި، ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.