ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ކުނބުރުދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިގޮތުން، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ފާހަގަ ކުރައްވައި، އެކަމުގެ ސަބަބުން ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ކުރިއަށް ނުގެންދެވި ހުއްޓިފައިވާކަމުގައި ކުނބުރުދޫ ކައުންސިލް މެންބަރުން ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައްވެސް ރަށުގައި ފުރިހަމަވެފައި ނެތްކަމަށާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަކީވެސް ކޮންމެހެން ބޭނުންވެފައި ހުރި ކަންކަން ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވީހާވެސް އަވަހަކަށް ފަށްޓަވައި ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.