ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ވާދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ވާދޫ ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކުނި މެނޭޖްކުރުމުގެ މައްސަލައާއި، ރަށުގައި ފިނިހަކަ ގިނަވުމުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގައި ފެންބޮޑުވާ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ރަށު ސްކޫލް އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުންނާއި ވާދޫގައި ހިމެނޭ އާސާރީ ތަންތަން ހިމާޔަތްކުރުމާ ބެހޭގޮތުން ވެސް ކައުންސިލް މެންބަރުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.