ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރަށުގެ މިހާރުގެ ހާލަތާއި ދެއްވަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މީގެ ތެރޭގައި އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ކަމަށާއި، ނަރުދަމާ ޤާއިމުކުރާއިރު ޓްރީޓްމަންޓް ޕްލާންޓެއްވެސް ބޭނުންވާ ކަމުގައި ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް ރަށުގެ ކަރަންޓުގެ ދަތިކަމާއި، ބަނދަރު ތޮށި މަރާމާތުކުރުމުގެ އިތުރުން ދެއްވަދޫއިން ގޯތި ދޫކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

ކައުންސިލް މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އެރަށުގައި ބޭންކިންގ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ފެރީ ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ އިތުރުން، ދެއްވަދޫ ޞިއްޙީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި، ކައުންސިލުން ވަނީ ޒުވާނުން ކުޅިވަރު ކުޅެން ބޭނުންކުރާ ފުޓްބޯޅަދަނޑު ތަރައްޤީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެއްވަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.