ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާ މިއަދުބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ދިއްފުށީގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

އެގޮތުން، ކައުންސިލް އިމާރާތުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމާއި، ރަށް ގިރުމުގެ މައްސަލައާއި، ރަށަށް ވަންނަ ނެރު ބެދެމުންދާ މައްސަލަ މެންބަރުން ފާހަގަކުރެއްވެވިއެވެ. އަދި މެންބަރުންވަނީ ރަށުން ގޯތި ދޫކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވަން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރަށަށް އޭޓީއެމް ގެ ޚިދުމަތް ބޭނުންވާކަމަށާއި، ހެލްތު ސެންޓަރަށް ބޭނުންވާ ވަސީލަތްތަކާއި ސްކޫލަށް ދަތިވެފައިވާ ކަންތައްތައް މެންބަރުން ހިއްސާ ކުރެއްވިއެވެ.

މީގެއިތުރުން ރަށުގެ ޒުވާނުން ބޭނުންކުރުމަށް އިޖުތިމާއީ މަރުކަޒެއް ބޭނުންވާކަމުގައިވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކޮށްދިނުމަށް ވެސް ކައުންސިލު މެންބަރުން އެދިވަޑައިގެންފައިވެއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިއްފުށީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.