ޖަރުމަނު ވިލާތުގެ ބާލިންގ ގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޖަރުމަން ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

އައި.ޓީ.ބީ ފެއާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގެންނެވީ ރާއްޖެއިން ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. މި ފެއާގެ ތެރޭގައި، ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރ ހިޒް އެކްސެލެންސީ އޭ. އީ. އަމަރަތުންގާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އައި.ޓީ.ބީ ބަރލިން ފެއާގައި ބައިވެރިވި ދިވެހިންގެ ޝަރަފުގައި ގްރޭންޑް ހަޔަޓް ހޮޓެލުގައި ބޭއްވި ދިވެހި ހަވީރުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައި.ޓީ.ބީ ބަރލިންގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފިންލެންޑަށް ވަޑައިގެން އެގައުމުގެ ޔުނިވަރސިޓީ އޮފް ޔޫވެސްކީލާއަށް ޒިޔާރާތްކުރައްވާ އެތަން ބައްލަވާލައްވާފައެވެ.