ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާފަރުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުމާއި، ރަށުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން ރަށުގެ ބައެއް އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރަށުގެ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ބައެއް ޚިދުމަތްތައް ދެވެން ނެތްކަންވެސް މާފަރު ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. އަދި، ރަށުގެ އިޖުތިމާއީ ހާލަތު ރަނގަޅުކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވައި، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވިއެވެ. މާފަރުގައި ކުށްކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަ ކުރައްވައި ރަށުގައި ފުލުހުންގެ ޚިދުމަތް ލިބޭނެ ގޮތް ފަހިވުމަކީ ހުރިހާ ރައްޔިތުންގެ ވެސް އެދުމެއް ކަމުގައި ކައުންސިލުން ހާމަކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމުގައި ވިދާޅުވިއެވެ. އަދި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި، މިހާރުން މިހާރަށް ބޭނުންވެފައިހުރި ކަންކަން ބައްލަވައި، އެ ކަންކަމަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.