ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ނޮޅިވަރަމްގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

އެގޮތުން، ރަށުގެ ބަނދަރު މިހާރު ތަރައްޤީ ކުރެވިފައިވާ ގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، ރަށުގެ މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރެވޭނެބައެއް ޚާއްޞަ ކުރެވިފައި ނެތުމުން އެކަން ހައްލުކޮށްދެއްވުމަށް ވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ދަނޑުތަކާއި ވަޞީލަތްތައް ރަށަށް ބޭނުންވާކަމުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަމް ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.