ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ފިންލަންޑްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޔުނިވަރސިޓީ އޮފް ޔޫވެސްކީލާއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެ ޔުނިވަރސިޓީގެ އިސް ބޭފުޅުންނާ އެމަނިކުފާނު ބައްދަލު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޔުނިވަރސިޓީ އޮފް ޔޫވެސްކީލާއަށް ކުރެއްވި މި ޒިޔާރަތުގައި، އެ ޔުނިވަރސިޓީ ބައްލަވާލައްވައި، އެތަނުގެ އެކިއެކި ވަސީލަތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ. އެގޮތުން، އެ ޔުނިވަރސިޓީ އިން ކިޔަވައިދިނުމުގައި ބޭނުންކުރަމުންދާ އުނގަންނައިދިނުމުގެ ވަސީލަތެއް ކަމަށްވާ އެޑިޔުކްލަސްޓަރ އާ ބެހޭ މައުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިންލެންޑަށް ވަޑައިގަތީ، 2019 އައި.ޓީ.ބީ ބަރލިންގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އިއްޔެގެ ވަގުތެއްގައެވެ.